ނަބީކަމާއި ރަސޫލުކަން ހަތިމް ކުރެއްވި ކީރިތި ނަބިއްޔާ ﷺ އަށް ބާވައިލެއްވުނު ރިސާލަތަކީ އޭގެ ކުރިން ދިރިއުޅުނު މީސްތަކުންނަށް ހިދާޔަތެއްގެ ގޮތުގައި ﷲ ބާވާލެއްވި ރިސާލަތްތަކުގައި އެކުލެވޭ އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ރިސާލަތެކެވެ. އެހެންކަމުން ކުރީގެ ނަބީންނާއި ކުރީގެ ފޮތްތައް އިސްލާމީ ރިސާލަތާ ވަރަށްބޮޑަށް ގުޅިފައިވެއެވެ.
11 ނޮވެމްބަރ 2022
ނަބީކަމާއި ރަސޫލުކަން ހަތިމް ކުރެއްވި ކީރިތި ނަބިއްޔާ ﷺ އަށް ބާވައިލެއްވުނު ރިސާލަތަކީ އޭގެ ކުރިން ދިރިއުޅުނު މީސްތަކުންނަށް ހިދާޔަތެއްގެ ގޮތުގައި ﷲ ބާވާލެއްވި ރިސާލަތްތަކުގައި އެކުލެވޭ އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ރިސާލަތެކެވެ. އެހެންކަމުން ކުރީގެ ނަބީންނާއި ކުރީގެ ފޮތްތައް އިސްލާމީ ރިސާލަތާ ވަރަށްބޮޑަށް ގުޅިފައިވެއެވެ.
ހުރިހާ ރިސާލަތްތަކެއްގައި ވެސް އެއްކައުވަންތަކަމާއި އާހިރަތާއި އަޅުވެތިވުމުގެ ވާހަކަ ހިމެނޭ އެންމެ ފަހުގެ ރިސާލަތާއި ކުރީގެ ރިސާލަތްތަކާ ހުރި ގުޅުން އަންގައިދޭ އެއް ކަމަކީ އެ ހުރިހާ ނަބީބޭކަލުން ވެސް ﷲ ގެ އެއްކައުވަންތަކަން ގަބޫލު ކުރުމަށާއި ﷲ އަށް އަޅުވެތިވުމަށާއި އާހިރަތް ދުވަހަށް އީމާންވުމަށް ގޮވާލެއްވުމެވެ. މިގޮތުން މޫސާގެފާނު ރަސޫލެއްގެ ގޮތުގައި އިހުތިޔާރު ކުރެއްވިކަން ބަޔާންކުރައްވައި، ބާވައިލެވޭ އެއްޗަކަށް ކަނުލައި އެއްސެވުމަށް އެކަލޭގެފާނަށް ﷲ އަމުރު ކުރައްވައި ވަހީ ކުރެއްވި ބަސްފުޅުގެ މާނައިގައި ވަނީ "ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ ﷲ އެވެ. ތިމަންރަސްކަލާނގެ މެނުވީ، އިލާހަކު ނުވެއެވެ. ފަހެ، ތިމަންރަސްކަލާނގެއަށް ކަލޭގެފާނު އަޅުކަން ކުރައްވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރެއްވުމަށްޓަކައި، ނަމާދު ގާއިމު ކުރައްވާށެވެ!". (ޠާހާ 14).
މޫސާގެފާނުގެ ކުރިން އިބްރާހީމްގެފާނު އިހުތިޔާރު ކުރައްވައި އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ގޮވާލައްވަން ﷲ އިލްހާމު ކުރެއްވި ކަންކަމުގެ ތެރޭގައި ވެސް ހިމެނެނީ ﷲ އަށް އަޅުވެތިވުމާއި އެކަލާނގެ އަށް ތަގުވާވެރިވުމެވެ. އަދި ﷲ ފިޔަވައި އަޅުކަން ކުރާ ފަރާތްތަކަކީ ރިޒުގެއް ދެއްވުން މިލްކުވެގެން ނުވާ ބުދުތަކެއް ކަމާއި ރިޒުގަށް އެދެންޖެހޭނީ އަދި އަޅުކަން ކުރަން ޖެހޭނީ އަދި ޝުކުރުވެރިވާން ޖެހޭނީ ވެސް ﷲ އަށް ކަމެވެ. (އަލްޢަންކަބޫތު 17-16).
އިބްރާހީމްގެފާނުގެ ކުރިން ﷲ ނޫޙުގެފާނު ފޮނުއްވި އެވެ. ގާތްގަނޑަކަށް 10 ގަރުނާ ގާތްކުރާހާ މުއްދަތަކަށް އެކަލޭގެފާނު ވެސް އާދޭހާ އެކު ގައުމުގެ މީހުންނަށް ގޮވާލެއްވީ އެ މީހުން ހައްދަވައި ބޮޑުކުރެއްވި މާތް ﷲ ދެނެގަނެ އެ ފަރާތަށް އަޅުވެތިވުމަށެވެ. އަދި އެ ފަރާތުން ފުއްސެވުމަށް އެދުމަށެވެ. (ނޫހު 13-16). މިފަދައިން ހުރިހާ ނަބީންނާއި ރަސޫލުން ވެސް ގޮވާލެއްވީ ﷲ ގެ އެއްކައުވަންތަކަން ގަބޫލުކޮށް، އެ ފަރާތަށް އަޅުވެތިވުމަށާއި އާޚިރަތަށް އީމާންވުމަށެވެ.
ކީރިތި ނަބިއްޔާ މުހައްމަދު ﷺ ގެ ރިސާލަތަކީ ކުރީގެ ރިސާލަތްތަކުގެ އަސާސީ ކަންކަން ދަމަހައްޓަކައި އޭގެ މައްޗަށް ބިނާކުރެވިފައިވާ ރިސާލަތެކެވެ. މިގޮތުން ﷲ ގެ އެއްކައުވަންތަކަމާއި އުޑުތަކާއި ބިންތަކުގެ ވެރި ﷲ އަށް ކިޔަމަންތެރިވުމާއި އާހިރަތް ދުވަހާއި ސީދާމަގުގައި ދެމިހުރުމާއި ތަގުވާވެރިވުމުގައި އެކަކު އަނެކަކަށް ވާގިވެރިވުމާއި އަދުލުވެރިވުމާއި ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންކަން ނަހީކުރުމާއި މަހުލޫގުންނަށް ހެޔޮފޯރުވައި ކަމޭހިތުން ފަދަ މުހިންމު އަސާސްތައް ދެމެހެއްޓުން ހިމެނެއެވެ. ﷲ ގެ ވަހީ ބަސްފުޅެއްގެ މާނައިގައި ވެ އެވެ. "ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ ޝަރުއު ކުރެއްވި ދީނަކީ، އެކަލާނގެ ނޫޙުގެފާނަށް ވަސިއްޔަތް ކުރެއްވި ދީނެވެ. އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ވަހީ ކުރެއްވި ދީނެވެ. އަދި އިބްރާހީމްގެފާނަށާއި މޫސާގެފާނަށާއި އީސާގެފާނަށް ވަސިއްޔަތް ކުރެއްވި ދީނެވެ. (އެ ވަސިއްޔަތަކީ) ތިޔަބައިމީހުން ދީން ޤގާއިމުކުރާށެވެ! އަދި އޭގައި ތިޔަބައިމީހުން ބައިބައި ނުވާހުށި ކަމެވެ!...." (އައްޝޫރާ 13).
މިއިން އެނގެނީ ކުރީގެ ރިސާލަތްތަކުގައި ހިމެނޭ، ބަދަލު ނާންނާނެ އެންމެހައި އަސާސްތައް، އެންމެ ފަހުގެ ރިސާލަތުގައި ހިމެނޭ ކަމެވެ. ނަމަވެސް ފަހުގެ ރިސާލަތު ހާއްސަ ވަނީ ގިޔާމަތާ ޖެހެންދެން އިންސާނީ ހިދާޔަތަށް ބޭނުންވާނެ ހުރިހާ ކަމެއް ހިމެނިފައި ވުމެވެ. ރިސާލަތުގެ އަސާސްތައް ދެމެހެއްޓުމާއެކު ޒަމާނާއި ތަނާ ގުޅޭނެ ގޮތަށް ބަދަލު އައުން ލާޒިމުވާ ފަރުއީ ކަންކަމަށް މި ރިސާލަތުގައި ފަހެލިކަން އޮވެ އެވެ. އަދި އަސާސީ ކަންކަމާ މެދު އުފައްދާ ޝުބުހާތަކަށް ދެވޭނެ ރައްދު ހިމެނިފައި ވެ އެވެ. ޝައިތާނާގެ ވަސްވާހުގެ ސަބަބުން މަގުން ކައްސާލިޔަ ނުދީ ހިފަހައްޓާނެ ބާރު ލިބިފައިވެ އެވެ. ވީމާ މުސްލިމެއްގެ އީމާންކަން ފުރިހަމަވާން އޮތީ ކުރީގެ ނަބީންނާއި ކުރިން ބާވާލެއްވި ފޮތްތަކަށް ވެސް އީމާންވެގެންނެވެ. މީހެއްގެ ތަގުވާވެރިކަން ނުވަތަ އީމާންތެރިކަން ފުރިހަމަވުމަށްޓަކައި ރަސޫލު ﷺ އަށް ބާވާލެއްވުނު ފޮތަށް އީމާންވާ ފަދައިން އޭގެ ކުރިން ބާވާލެއްވި ފޮތްތަކަށް ވެސް އީމާންވާން ޖެހެ އެވެ. (އަލްބަޤަރާ 4).
ﷲ ބާވާލެއްވި ރިސާލަތްތަކުގެ މެދުގައި މިފަދަ ވަރުގަދަ ގުޅުމެއް އޮތް ކަމުގައި ވިޔަސް މި ރިސާލަތްތަކަށް ތަބާވި މީސްތަކުންގެ މެދުގައި އޮތީ ދެކޮޅުވެރިކަމާއި ދެބަސްވުންތަކެވެ. ޔަހޫދީން ބުނަމުން ދިޔައީ ނަސާރާއިން ތިބީ އެއްވެސް ގޮތެއްގެ މައްޗަކު ނޫން ކަމަށެވެ. ނަސާރާއިން ބުނަމުން ދިޔައީ ޔަހޫދީން ތިބީ އެއްވެސް ގޮތެއްގެ މައްޗަކު ނޫން ކަމަށެވެ. ތާރީހީ ގޮތުން ބަލާއިރު ކީރިތި ޤުރްއާން (އަލްބަގަރާ 213) ބަޔާން ކޮށްދެނީ މީސްތަކުން ކުރިން ތިބީ އެއް އުންމަތެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ހިލާފު އުފެދުނީ އޭގެ ފަހުން ކަމުގައެވެ. އެއީ ބަޔާންވެގެންވާ ހެކިތަކާއެކު ނަބީން ފޮނުއްވުނު ނަމަވެސް މެ އެވެ. މި ހިލާފުގެ ސަބަބަކަށްވީ އެއުރެންގެ މެދުގައި އޮތް ހަސަދަވެރިކަމާއި އަދާވާތްތެރިކަމެވެ. ﷲ ބާވާލެއްވި ފޮތްތަކަށް އެބައިމީހުން އަމިއްލަ އަށް ބަދަލުތައް ގެނެސް އޭގެ އަސްލުތައް އޮޅުވާލާފައި ވެސް ހައްގު ގޮތުގައި ތިބި ކަމަށް ކޮންމެ ބަޔަކު ވެސް ދިޔައީ ދައުވާ ކުރަމުންނެވެ. މިގޮތުން ޔަހޫދީން ވެސް އަދި ނަސާރާ އިން ވެސް ބުނަމުން ދިޔައީ ޔަހޫދީއަކަށް ނުވަތަ ނަސާރާ އަކަށް ވާށޭ، އޭރުން ތެދުމަގު ލިބޭނެ ކަމަށެވެ. ނަމަވެސް ޖަވާބުގައި ﷲ އެންގެވީ "ތިޔަބައިމީހުން ބުނާށެވެ! ތިމަންމެން ﷲ އަށާއި ތިމަންމެންނަށް ބާވައިލައްވައިފައިވާ ފޮތަށާއި އަދި އިބްރާހީމްގެފާނަށާއި އިސްމާއީލްގެފާނަށާއި އިސްހާގުގެފާނަށާއި ޔައުގޫބުގެފާނަށާއި އަސްބާޠުންނަށް ބާވައިލައްވައިފައިވާ ފޮތްފޮތަށާއި އަދި މޫސާގެފާނަށާއި އީސާގެފާނަށް ދެއްވާފައިވާ ފޮތަށާއި އަދި (އެހެނިހެން) ނަބިއްޔުންނަށް، އެބޭކަލުންގެ ވެރިރަސްކަލާނގެ ހަޒުރަތުން ދެއްވާފައިވާ ފޮތްފޮތަށް އީމާންވީމު އެވެ. ތިމަންމެން އެ އިން އެއްވެސް ބޭކަލަކާމެދު ތަފާތެއް ނުކުރަމު އެވެ. އަދި ތިމަންމެންނީ، އެކަލާނގެ އަށް ކިޔަމަންވެގެންތިބި ބަޔަކީމުއެވެ." (އަލްބަޤަރާ 136).
އެބައިމީހުންގެ އެ މަގުން މުސްލިމުން ދިޔަ ނުދިނުމަށްޓަކައި ﷲ ކީރިތި ޤުރްއާނުގައި އަންގަވާފައި ވަނީ އެ މީހުންގެ އެ ހަވާނަފްސުގެ އެދުންތަކާ އެއްގޮތަށް ތަބާނުވެ ﷲ ބާވާލެއްވި އެއްޗަކަށް ތަބާވުމަށެވެ. (އައްޝޫރާ 15).
އަދި އެ މީހުންގެ ތަހުރީފު ކުރުންތަކަށް ޤުރްއާނުގައި ރައްދު ދީފައި ވަނީ ވެސް ވަރަށް ފުރިހަމަ ގޮތުގަ އެވެ. އެ މީހުންގެ ފޮތުގައި ﷲ ބިމަށް ފައިބައިވަޑައިގެން އިބްރާހީމްގެފާނާ އެކު ފަރީއްކުޅުއްވި ކަމަށް ލިޔެފައިވީ ހިނދު ސީދާކޮށް އެކަން އިންކާރު ކުރުމުގެ ބަދަލުގައި ނުސީދާކޮށް ބަޔާން ކޮށްދެއްވީ އިބްރާހީމްގެފާނު އަރިހަށް މެހުމާނުންގެ ގޮތުގައި ވަޑައިގެންނެވި މަލާއިކަތްބޭކަލުންގެ ވާހަކަ އޭގެ ހަގީގަތާ އެކުގަ އެވެ. ތާރީހު ލިޔުނު މީހަކު މޫސާގެފާނު އަވަހާރަވި ގޮތާއި އޭގެ ފަހުން ހިނގި ކަންކަން ރެކޯޑު ކޮށްފައި ވަނިކޮށް ކޮންމެވެސް ގޮތަކުން އެ ވާހަކަތައް ވެސް ވަނީ ތައުރާތުގެ ބައެއްގެ ގޮތުގައި ހިމެނިފަ އެވެ. ޤުރްއާނުގައި މި އަށް ވެސް ސީދާކޮށް ރައްދު ދިނުމުގެ ބަދަލުގައި ކަންކަމުގެ ހަގީގަތްތައް އޮތްގޮތަށް ބަޔާންކޮށްދެއްވީ އެވެ. އަދި ބޭނުން ނެތް ޖަދަލުތައް ނުކުރުމަށް އެންގެވީ އެވެ. ކަހުފުބާގައިގެ މީހުންގެ އަދަދާ މެދުވެސް ޖަދަލު ނުކުރަން އެންގެވި ފަދައިންނެވެ.
މި ހުރިހާ ކަމެއް މިހެން އޮތުމާ އެކު ވެސް އެބައިމީހުންގެ ފޮތްތަކުގައި ﷲ ގެ އިރުޝާދުތަކުން އަދިވެސް މުހިންމު ބައިތަކެއް ހިމެނިފައިވުމާއި އެ އިރުޝާދުތަކާ އެއްގޮތަށް އެބައިމީހުންގެ ބައެއް އަމަލުތައް ހުރުމާ އެކު އަހުލު ކިތާބީންގެ ލަގަބު އެމީހުންނަށް ދެވިގެންވެ އެވެ. ދީނީ ކަންކަމުގައި އެ މީހުންނާ ކަނޑައެޅިގެން ހިލާފުވި ޔަސް ދުނިޔަވީ ކަންކަމުގައި އެ މީހުންނާ މުއާމަލާތުކޮށް، ގުޅިގެން އެކުގައި އުޅެން ޤުރްއާނުގައި ހިތްވަރު ދެ އެވެ. އިސްލާމްދީނުގައި ހަރާމްވެފައިވާ ތަކެތި ފިޔަވައި އެ މީހުންގެ ކެއުންތައް ހަލާލުވެގެން ވެއެވެ. އެ މީހުންގެ އަންހެނުންނާ ކައިވެނި ކުރުން ހުއްދަވެގެން ވެއެވެ. (އަލްމާއިދަތު 5).
މިފަދަ ގުޅުމެއް އޮތުމަކީ ދެބަސްވުންތަކާއި ބައިބައިވުންތަކާއި ރުޅިވެރިކަމާއި ހަސަދަވެރިކަމާއި އަދާވާތްތެރިކަން ދީންތަކުގެ އަހުލުވެރިންގެ މެދުގައި ނެތިދިއުމަށް އެހީތެރިކަން ލިބިގެންދާނެ ކަމެކެވެ. އަދި ވަކި އަގީދާއެއް ގަބޫލު ކުރުމަކީ މީހާ އަދުއްވަކަށް ވާން ޖެހޭ ސަބަބެއް ކަމުގައި ނުހަދަން ދަސްވާނެ ކަމެކެވެ. އެބައިމީހުން ފޮރުވައިގެން ތިބި ގިނަކަންކަން ކީރިތި ރަސޫލާ ﷺ މެދުވެރި ކުރައްވައި ބަޔާންކޮށްދިނުމާ އެކު ވަރަށް ގިނަ ކަންކަން އެ މީހުންނަށް އަފޫކޮށްދީފައި ވެ އެވެ. އަދި ﷲ ގެ ހަޒުރަތުން ނޫރަކާއި ބަޔާންވެގެންވާ ފޮތަކައިގެން އެކަލޭގެފާނު ވަޑައިގެންފައިވެ އެވެ. (އަލްމާއިދަތު 14-15).
އެހެންކަމުން އެބައިމީހުންގެ ކިބައިން އަނިޔާވެރިކަމެއް ނުފެންނަހާ ހިނދަކު އަފޫކޮށްދޭން ވެސް ދަސްކުރަން ޖެހެ އެވެ. އަދި އެފަދަ މީހުންނަށް އަދުލުވެރި ވުމުގެ އިތުރުން ހެޔޮކޮށް ހިތަން ވެސް ޖެހެ އެވެ. (އަލްމުމްތަހިނާ 8).
ފިތުނަތަކުން ޒުވާނުން ރައްކާތެރިކޮށް އީމާންކަން ގެނައުން
ކައިވެނީގެ އަގުދު ސައްހަކުރަން މަސައްކަތް ކުރުން
މުސްލިމުންނަށް އާ އަހަރު ފާހަގަކުރެވިދާނެ؟
މުސްލިމް މުޖުތަމައުގައި އިސްލާމްވަންތަ މަދަނީ ދައުލަތެއް
އާއިލާ ހިމާޔަތް ކުރުމަށް ދައުލަތުން ލިބޭ ބާރުތައް
އާއިލާ ހިމާޔަތް ކުރުމަށް މުޖުތަމައުން ލިބޭ ބާރުތައް
އާއިލާ ހިމާޔަތް ކުރުމަށް ދީނުން ލިބޭ ބާރުތައް-2
އާއިލާތައް ހިމާޔަތް ކުރުމަށް ދީނުން ލިބޭ ބާރުތައް-1
އާއިލާ ހިމާޔަތް ކުރުމުގައި މުޖުތަމައުގެ މަސްއޫލިއްޔަތު
ކައިވެންޏަށް ހިތްވަރު ދިނުމަށް ކުރެވިދާނެ ކަންކަން