Roadha Mihaaru
އާއިލާ ހިމާޔަތް ކުރުމުގައި މުޖުތަމައުގެ މަސްއޫލިއްޔަތު

އާއިލާ ހިމާޔަތް ކުރުމުގައި މުޖުތަމައުގެ މަސްއޫލިއްޔަތު - (ދެވަނަ ބައި)

14 ސެޕްޓެމްބަރ 2024

މުޖުތަމައު އުފެދުމުގެ އަސްލު ކަމުގައިވާ އާއިލާތައް ހިމާޔަތްކޮށް އާއިލާތަކަށް ރިއާޔަތްތެރިކަން ފޯރުކޮށްދިނުމުގައި މުޖުތަމައުގެ މަސްއޫލިއްޔަތުތައް ބިނާވެގެންވާ އަސާސްތަކާއި މި މަސްއޫލިޔަތު ތަކުގެ ތެރެއިން، ހައްގުތަކާއި ވާޖިބުތަކުގެ ދެމެދުގައި ވަޒަން ހިފެހެއްޓުމާއި ކައިވެންޏަށް ހެކިވެ އިއުލާނު ކުރުމުގެ މަސްއޫލިއްޔަތު ތަކަށް ކުރީގެ ލިޔުމެއްގައި ވާނީ އަލިއަޅުވާލައިފަ އެވެ. މި ލިޔުމުގައި މި ބަލައިލަނީ ކައިވެނީގެ އަގުދު ރެކޯޑު ކުރުމާއި ދަރިން ރަޖިސްޓަރީ ކުރުމާއި ޝަރުއީ ނޫން ގުޅުންތައް އިންކާރު ކުރުމާއި މަގުން ކައްސާލުމުގެ ފިކުރުތަކުން ދުރުހެލިކުރުމާއި ކައިވެންޏަށް އިހުތިރާމުކޮށް އަގުކުރުމަށް ހޭލުންތެރިކުރުވުމުގެ މައްޗަށެވެ.

ޑރ. ސަޢުދުﷲ ޢަލީ ޑރ. ސަޢުދުﷲ ޢަލީ

މުޖުތަމައު އުފެދުމުގެ އަސްލު ކަމުގައިވާ އާއިލާތައް ހިމާޔަތްކޮށް އާއިލާތަކަށް ރިއާޔަތްތެރިކަން ފޯރުކޮށްދިނުމުގައި މުޖުތަމައުގެ މަސްއޫލިއްޔަތުތައް ބިނާވެގެންވާ އަސާސްތަކާއި މި މަސްއޫލިޔަތު ތަކުގެ ތެރެއިން، ހައްގުތަކާއި ވާޖިބުތަކުގެ ދެމެދުގައި ވަޒަން ހިފެހެއްޓުމާއި ކައިވެންޏަށް ހެކިވެ އިއުލާނު ކުރުމުގެ މަސްއޫލިއްޔަތު ތަކަށް ކުރީގެ ލިޔުމެއްގައި ވާނީ އަލިއަޅުވާލައިފަ އެވެ. މި ލިޔުމުގައި މި ބަލައިލަނީ ކައިވެނީގެ އަގުދު ރެކޯޑު ކުރުމާއި ދަރިން ރަޖިސްޓަރީ ކުރުމާއި ޝަރުއީ ނޫން ގުޅުންތައް އިންކާރު ކުރުމާއި މަގުން ކައްސާލުމުގެ ފިކުރުތަކުން ދުރުހެލިކުރުމާއި ކައިވެންޏަށް އިހުތިރާމުކޮށް އަގުކުރުމަށް ހޭލުންތެރިކުރުވުމުގެ މައްޗަށެވެ.

ކައިވެނީގެ އަގުދު ރެކޯޑުކޮށް ރައްކާކުރުން

އާއިލާ ހިމާޔަތްކޮށް އާއިލާ އަށް ރައްކާތެރިކަން ދިނުމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ތިންވަނަ ކަމަކީ، ކައިވެނީގެ އަގުދު ލިޔެކިޔުމުން ރެކޯޑުކޮށް، ރައްކާތެރި ކުރުމެވެ. މިއީ ކައިވެނީގެ ގުޅުން އިންކާރު ކޮށްފާނެ ހާލަތަކަށްޓަކައި މުހިންމު ކަމެކެވެ. މީގެ ސަބަބުން ޝަރުއީ އިޖުތިމާއީ މުހިންމު މަސްލަހަތު ތަކެއް ވެސް ދެމެހެއްޓިގެން ދެ އެވެ. ކައިވެނީގެ އަގުދު ސައްހަވުމަށްޓަކައި މިކަމަކީ ޝަރުތަކަށް ނުވިއަސް ކައިވެނީގެ އަގުދު ޔަގީން ކުރުމަށާއި އަނބިދަރިންގެ ހައްގުތައް ރައްކާތެރި ކުރުމަށްޓަކައި މިއީ ވަރަށް މުހިންމު ކަމެކެވެ.

ކައިވެނީގެ އަގުދު އޭގެ ޝަރުތުތަކާ އެކު ހެކިވެރިން ތިބެގެން ކޮށް، ކައިވެނި އިއުލާނުކޮށް ވަލީމާ ބޭއްވުމުން ދެން އިތުރު ކަމެއް ނުކޮށް ފުދިދާނެ ބައެއް ހާލަތްތައް ހުރެދާނެ އެވެ. ނަމަވެސް މީސްތަކުން ގިނަވުމާއި އިޖުތިމާއީ ގުޅުންތައް އޮންނަ ގޮތާއި ދިރިއުޅުމުގެ ކަންކަން ކަފިކަފި ވެގެން ގޮސްފައި ވުމާއި ބައެއް މީހުންގެ އަޚުލާގީ ފެންވަރު ދަށްވުމުން ކައިވެނީގެ އަގުދުތަކާއި އަނބިދަރިންގެ ހައްގުތައް އިންކާރު ކުރުމަކީ ނުވާނެ ކަމެކޭ ބުނެވޭކަށް މިއަދު ނެތެވެ. އެހެނީ މިފަދަ ކަންކަން މިހާރު ހިނގަމުންދާތީ އެވެ. ވީމާ މިކަމުން ސަލާމަތް ވުމަށްޓަކައި ކައިވެނީގެ އަގުދުތައް ރެކޯޑު ކުރުމުގެ ނިޒާމެއް މުޖުތަމައުގައި އޮންނަން ޖެހެ އެވެ. މިއީ މުޖުތަމައުގެ މަސްއޫލިއްޔަތެއް ކަމުގައި ހަދަން ޖެހެ އެވެ.

މިކަމަކީ ދަރިންގެ ސިއްހަތާއި ތައުލީމާއި ދަތުރުފަތުރު ކުރުމާއި ވަޒީފާތަކާއި މިހެން ގޮސް ވަރަށް ގިނަ ކަންކަމުގައި ދައުލަތުގެ އެތައް މުއައްސަސާތަކަކާ ގުޅިފައިވާ ކަމެކެވެ. މިފަދަ މުއައްސަސާތަކުން ހޯދަންޖެހޭ ޚިދުމަތްތައް ލިބުމުގައި ކައިވެނީގެ އަގުދު ރެކޯޑު ކުރެވިފައި ނެތުމުން އެ ޚިދުމަތުން މަހުރޫމު ވެއްޖެ ނަމަ އެ ލިބެނީ ވަރަށް ބޮޑު ގެއްލުމެކެވެ. ނިގުޅައިގެނެވެނީ ހައްގެކެވެ. އިސްލާމީ އުސޫލަކީ "ގެއްލުން ދިނުމެއް އަދި ގެއްލުން ލިބިގަތުމެއް ނުވެ" އެވެ.

ދަރިން ރަޖިސްޓަރީ ކުރުން

އާއިލާ ހިމާޔަތްކޮށް އާއިލާ އަށް ރައްކާތެރިކަން ދިނުމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ހަތަރުވަނަ ކަމަކީ، ކައިވެނީގެ މޭވާ ކަމުގައިވާ ދަރިންގެ ނަސަބު ރައްކާތެރި ކުރުމަށްޓަކައި އެ ދަރިންގެ މައުލޫމާތު ދައުލަތުގެ ނިޒާމުގެ ތެރޭގައި ލިޔެ ރައްކާ ކުރުމެވެ. ނުވަތަ އުފަންދުވަހުގެ ރަޖިސްޓަރީ އާއި ސެޓުފިކެޓު ހެއްދުމެވެ.

ކައިވެނީގެ އަގުދާ ބެހޭގޮތުން ކުރިން އިޝާރާތް ކުރި ފަދައިން ކުރީ ޒަމާނުގެ ބައެއް ހާލަތްތަކުގައި މިކަމަކީ ވެސް އެހާ މުހިންމު ކަމެއް ކަމުގައި ބައެއް ހާލަތްތަކުގައި ނުވެދާނެ އެވެ. ނަމަވެސް މިހާރު ހާލަތު ބަދަލުވެފައިވާތީ ދަރިންގެ ނަސަބު ރައްކާތެރި ކުރުމަށްޓަކައި މިއީ ވަރަށް މުހިންމު ކަމެކެވެ. ހަމައެއާ އެކު، ދަރިން ވަކި ގައުމަކަށް ނުވަތަ ވަތަނަކަށް ނިސްބަތްވުން ވެސް މި ޒަމާނުގައި ލާޒިމެވެ. އެހެން ނޫން ނަމަ ދަތުރުފަތުރު ކުރުމާއި އެ ނޫން ވަރަށް ގިނަ ކަންކަމުގައި ދަރިންނަށް ލިބެންޖެހޭ ހައްގުތަކަކުން މަހުރޫމު ވެދާނެ އެވެ. ވީމާ މުރުސަލު މަސްލަހަތުގެ ދަށުން ހާކިމަށް ލިބިގެންވާ ހައްގެއްގެ ގޮތުގައި މިފަދަ ކަމަކަށް އެންމެންނަށް މަޖުބޫރު ކުރުވިދާނެ އެވެ. މިކަމުގައި ވެސް ތަބާވާން ޖެހޭ އިސްލާމީ އެންމެ ވަރުގަދަ އުސޫލަކީ "ގެއްލުން ދިނުމެއް އަދި ގެއްލުން ލިބިގަތުމެއް ނުވެ" އެވެ.

ޣައިރު ޝަރުއގުޅުންތައް އިންކާރުކުރުން

އާއިލާ ހިމާޔަތްކޮށް އާއިލާއަށް ރައްކާތެރިކަން ދިނުމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ފަސްވަނަ ކަމަކީ، ޒަވާޖީ ގުޅުމެއްގެ ގޮތުގައި ޝަރުއީ ހަމަތަކުގެ ބޭރުން އޮންނަ ކޮންމެ ގުޅުމެއް މުޖުތަމައު އިން އިންކާރު ކުރުމެވެ. މުޖުތަމައުގައި އަޚުލާގީ އަދި އިޖުތިމާއީ ގިޔަމުތަކާއި މާތް މިންގަނޑުތައް ދެމެހެއްޓުމަށްޓަކައި މިއީ ވަރަށް މުހިންމު ކަމެކެވެ. މިއީ އާއިލާތަކުގެ ގަދަރު ހިފެހެއްޓުމާއި އާއިލާތަކަށް ހަމަޖެހުމާއި ބާއްޖަވެރިކަން ގެނައުމަށް މަގުފަހިވާނެ ކަމެކެވެ.

އިސްލާމް ދީނުގައި މިކަމަށް ބާރުއަޅާ ވަރަށް ގިނަ ހުކުމްތައް އައިސްފައި ވެ އެވެ. އެއްކަމަކީ ޒިނޭއާ ގާތް ވެސް ނުވާން އަމުރު އައިސްފައި ވުމެވެ. އެއީ ފާހިޝް ޢަމަލެއް ކަމާއި މަގެއްގެ ގޮތުން ނުބައިވެގެންވާ މަގެއްކަން ބަޔާން ކުރެއްވުމެވެ. (އަލްއިސްރާއު 32). އަދި އެފަދަ ފާހިޝް ކަންކަމަކީ މުޖުތަމައު އެގޮތަށް އޮތީތީވެ ނުވަތަ ކާބަފައިން ކުރީތީވެ އެކަމަށް ހުއްޖަތް ދެއްކޭނެ ކަމެއް ނޫން ކަމާއި ﷲ އެފަދަ ނުބައި ފާހިޝް ކަންކަމަށް އަމުރު ނުކުރައްވާނެކަން ބަޔާން ކުރައްވާފައި ވުމެވެ. (އަލްއަޢުރާފު 28). ޒިނޭ ކުރާ މީހުންނަށް ހުރި ދުނިޔަވީ އުގޫބަތް ކަނޑައަޅާފައި ވެއެވެ. (އައްނޫރު 2). ހުކުމް ބާވާލެއްވެންދެން އޮތް ހުކުމެއްގެ ގޮތުގައި ގޭބަންދުގައި ބޭތިއްބުމުގެ އަދަބު ދިނުން އައްނިސާއު ސޫރަތުގެ 15 އާއި 16 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައި ވެ އެވެ. އެއްޖިންސުން ގުޅުން ހިންގުން ނުވަތަ ލޫތުބައިގައިގެ މީހުންގެ ފާހިޝް ޢަމަލުގެ ހުރި ނުބައިކަމާއި އެކަމުގައި ހުރި ޖާހިލިއްޔަ ވަންތަކަން ވެސް ބަޔާން ކުރައްވާފައި ވެ އެވެ. (އައްނަމްލު 54-55).

މަގުން ކައްސާލުމުގެ ފިކުރުތަކުން އާއިލާތައް ސަލާމަތްކުރުން

އާއިލާ ހިމާޔަތްކޮށް އާއިލާ އަށް ރައްކާތެރިކަން ދިނުމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ހަވަނަ ކަމަކީ، މަގުން އެއްކިބާވުމުގެ ފިކުރުތަކުން އާއިލާތައް ސަލާމަތް ކުރުމެވެ. ދެމަފިރިންގެ ދެމެދުގަ އާއި މައިންބަފައިންނާއި ދަރިންގެ މެދުގައި އޮންނަ ގުޅުމަކީ މާއްދީ މަންފާތަކަށްޓަކައި އެކަކު އަނެކަކަށް ދެކޮޅުވެރިވެ އަރައިރުންވާ ގޮތަށް އޮންނަ ގުޅުމަކަށް ވިޔަދީގެން ނުވާނެ އެވެ. އޭގެ ބަދަލުގައި ޒަވާޖީ ގުޅުމަކީ އެކެއްގެ ކިބައިގައި ހުންނަ އުނިކަންތައް އަނެކާ ބައިވެރިވެގެން އެހީތެރިވެދީގެން ފުރިހަމަ ކުރާ ގޮތަށް އޮންނަ ގުޅުމަކަށް ވާން ޖެހެ އެވެ.

ހަމަ އެފަދައިން މައިންބަފައިންނާއި ދަރިންގެ ގުޅުމަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ގުޅުމަކަށް ވާން ޖެހެ އެވެ. މި ގުޅުން ފުރިހަމަ ކުރުމަށްޓަކައި އާއިލާގައި ހަމަހިމޭންކަން (ސަކީނާ) ދެމެހެއްޓެން ވާނެ އެވެ. ހަމަޖެހުން ގެނައުމަށްޓަކައި ލޯތްބާއި އޯގާތެރިކަން (މަވައްދާ އާއި ރަޙުމާ) އެންމެންގެ ހިތްތަކުގައި އޮންނަން ޖެހޭނެ އެވެ. ކޮންމެ މީހަކު ވެސް އަނެކާ ދެކެ ލޯބިވާން ޖެހޭނެ އެވެ. މައްސަލައެއް ދިމާވިއަސް އޯގާތެރިކަމާއި ކުލުނު ބޭނުން ކުރަން ޖެހޭނެ އެވެ. މުޖުތަމައު އިން މިކަމުގައި އަދާކުރަންޖެހޭ ދައުރަކީ މި ރިވެތި ގުޅުންތައް އާއިލާގައި ދެމެހެއްޓުމަށްޓަކައި ހޭލުންތެރިކޮށްދިނުމެވެ. މަގުން ކައްސާލައިގެންދާ ނަމަ ހެޔޮ ކަންތަކަށް އަމުރު ކުރުމާއި ނުބައި ކަންކަން ނަހީ ކުރުމެވެ.

ކައިވެނީގެ ގުޅުމުގެ މަތިވެރިކަމާއި އެކަމުގެ އަދަބުތަކަށް ހޭލުންތެރި ކުރުވުން

އާއިލާ ހިމާޔަތްކޮށް އާއިލާ އަށް ރައްކާތެރިކަން ދިނުމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ އެންމެ ފަހު ކަމެއްގެ ގޮތުގައި މި ލިޔުމުގައި ފާހަގަ ކުރާ ކަމަކީ، ކައިވެނީގެ ގުޅުމުގެ މަތިވެރިކަމާއި އެކަމުގެ އަދަބުތަކަށް ހޭލުންތެރި ކުރުވުމެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ކައިވެނީގެ ގުޅުމަކީ ވަރަށް މަތިވެރި މާތް އަގު ހުރި ގުޅުމެކެވެ. ލޯތްބާއި އޯގާތެރިކަމުގެ ސަބަބުން ހަމަހިމޭންކަން އޮންނަން ޖެހޭ ގުޅުމެކެވެ. އާއިލީ ކަންކަން ކުރިއަށް ގެންދިއުމުގައި ކޮންމެ މީހަކުވެސް އެމީހެއްގެ ދައުރު ފުރިހަމައަށް އަދާ ކުރަން ޖެހޭ ކަމެކެވެ. މިކަމަށްޓަކައި ރިވެތި ގޮތުގައި މަޝްވަރާ ކުރެވެން ޖެހެ އެވެ. ދެކޮޅުވެރިކަމާއި ދެބަސްވުންތަކަށް އޮންނަ ފުރުސަތުތައް ނައްތާލަން މަސައްކަތް ކުރަން ޖެހެ އެވެ.

ދެމަފިރިންގެ ދެމެދުގައި އެކަކު އަނެކަކަށްޓަކައި އަދާކުރަން ޖެހޭ ވާޖިބުތަކެއް އޮންނަ ކަމެކެވެ. މި ވާޖިބުތައް އަދާކުރުމުން އަނެއް ފަރާތަށް ހައްގުތައް ކަށަވަރު ވެގެންދާ ކަމެކެވެ. މިފަދަ ކަންކަމާ މެދު އާއިލާގެ އެންމެން ވެސް ހޭލުންތެރިވާން ޖެހެ އެވެ. މިއީ މުޖުތަމައު އިން އަދާކޮށްދޭން ޖެހޭ ދައުރެކެވެ. ވެރިންނާއި ދީނީ އިލްމުވެރިންނާއި އިޖުތިމާއީ ދާއިރާގެ ތަޖުރިބާކާރުންނާއި ގާތްތިމާގެ މީހުންނާއި ދެން ވެސް ގުޅުން ހުރި ކޮންމެ މީހަކު ވެސް އާއިލާތަކުގެ މަތިވެރިކަމާއި އާއިލީ އަދަބުތަކަށް ހޭލުންތެރި ކުރުވަން މަސައްކަތް ކުރަން ޖެހޭނެ އެވެ.

އާއިލާތައް ހިމާޔަތްކޮށް، އާއިލާތަކަށް އަޅާލުމާއި ރިއާޔަތްތެރިކަން ދިނުމުގައި މުޅި މުޖުތަމައު ބައިވެރިވާން ޖެހޭނެ އެވެ.