Roadha Mihaaru
"ވޯލްޑް ލީޑިން ޑެސްޓިނޭޝަން" ރާއްޖެއިން މިލްކުކޮށްފި

ދުނިޔޭގެ އެންމެ މަގްބޫލު މަންޒިލަށް ދޭ އެވޯޑު ރާއްޖެއިން މިލްކު ކޮށްފި!

12 ނޮވެމްބަރ 2022

ދުނިޔޭގެ އެންމެ މަގްބޫލު މަންޒިލަށް ދޭ "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" އެވޯޑު ޖެހިޖެހިގެން ތިން ވަނަ އަހަރު ކާމިޔާބުކޮށް، ރާއްޖެއިން އެ އެވޯޑު މިލްކުކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ދުނިޔޭގެ އެންމެ މަގްބޫލު މަންޒިލަށް ދޭ "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" އެވޯޑު ޖެހިޖެހިގެން ތިން ވަނަ އަހަރު ކާމިޔާބުކޮށް، ރާއްޖެއިން އެ އެވޯޑު މިލްކުކޮށްފި އެވެ.

މި އެވޯޑު ރަސްމީކޮށް ހަވާލުކޮށްފައި ވަނީ ރޭ އޮމާންގެ ވެރިރަށް މުސްކަޓްގައި ބޭއްވި ވޯލްޑް ޓްރެވެލް އެވޯޑް (ޑަބްލިއުޓީއޭ)ގެ އެންމެ ފަހު ހަފްލާގަ އެވެ. ރާއްޖޭގެ ފަރާތުން އެ އެވޯޑާ ހަވާލުވެވަޑައިގަތީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ސީއީއޯ ތޮއްޔިބު މުހައްމަދެވެ.

ދުނިޔޭގެ ޓޫރިޒަމް ދާއިރާގަައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑު، "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" ގެ ލަގަބް، ފާއިތުވި ދެ އަހަރުވެސް ހޯދައިފައި ވަނީ ރާއްޖެއިންނެވެ.

މި އަހަރުގެ އެވޯޑު ރާއްޖެއިން ކާމިޔާބު ކޮށްފައި ވަނީ ދުނިޔޭގައި ފާހަގަކޮށްލެވޭ މަންޒިލްތައް ކަމަށްވާ ދުބާއިީ އާއި އިންޑޮނީޝިއާ ފަދަ ގައުމުތައް ހިމެނޭހެން 18 ގައުމަކާ ވާދަކޮށްގެންނެވެ.

މިއީ ރާއްޖެއަށް ޖެހިޖެހިގެން ތިން އަހަރު މިފަދަ ޝަރަފުވެރި ލަގަބެއް ލިބުނު ފުރަތަމަ ފަހަރެވެ.

ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އިތުރުން މި އަހަރުގެ ޑަބްލިއުޓީއޭގެ ގިނަ އެވޯޑުތަކެއް ރާއްޖެއިން ވަނީ ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި، "އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން" އާއި، "އިންޑިއަން އޯޝަން ލީޑިން ބީޗް ޑެސްޓިނޭޝަން" އަދި "އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން" ހިމެނެ އެވެ.

އިންޑިއާ ކަނޑުގެ ކެޓާގަރީން ރާއްޖެއިން ވަނީ ގިނައަދަދެއްގެ އެވޯޑު ކާމިޔާބުކޮށްފައި

އިންޑިއާ ކަނޑުގެ ކެޓާގަރީން ރާއްޖެއިން ވަނީ ގިނައަދަދެއްގެ އެވޯޑު ކާމިޔާބުކޮށްފައި

މި އަހަރުގެ "ވޯލްޑްސް ލީޑިން ޓޫރިސްޓް ބޯޑް" އެވޯޑް ކާމިޔާބުކޮށްފައި ވަނީ އެމްއެމްޕީއާރްސީންނެވެ. އަދި ދުނިޔޭގެ އެންމެ މަގްބޫލު ސީޕްލޭން އޮޕެރޭޓަރަށް ދޭ "ވޯލްޑްސް ލީޑިން ސީޕްލޭން އޮޕަރޭޓާ" އެވޯޑު ހާސިލްކޮށްފައި ވަނީ ޓްރާންސް މޯލްޑިވިއަން އެއާވޭސް އިންނެވެ.

މި އަހަރުގެ ޑަބްލިއުޓީއޭ އިންޑިއާ ކަނޑުގެ ކެޓަގަރީން ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ސްޓޭކްހޯލްޑަރުން ވަނީ ގިނަ އެވޯޑުތަކެއް ހޯދައިފަ އެވެ.

ޑަބްލިއުޓީއޭ އިންޑިއާ ކަނޑުގެ ކެޓަގަރީން ރާއްޖެއިން ހޯދި އެވޯޑުތައް

● އިންޑިއަން އޯޝަން ލީޑިން ރިސޯޓް: ވައްކަރު މޯލްޑިވްސް

● އިންޑިއަން އޯޝަން ލީޑިން ޓޫރިސްޓް ބޯޑް: އެމްއެމްޕީއާރްސީ

● އިންޑިއަން އޯޝަން ލީޑިން އެއާޕޯޓު: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)

● އިންޑިއަން އޯޝަން ލީޑިން އެއާޕޯޓު ހޮޓެލް: ހުޅުލެ އައިލެންޑް ހޮޓެލް

● އިންޑިއަން އޯޝަން ލީޑިން ބޮޓީކު ރިސޯޓް: ފުށިފަރު މޯލްޑިވްސް

● އިންޑިއަން އޯޝަން ލީޑިން ޑައިވް ރިސޯޓް: ކޮންސްޓެންސް މޯލްޑިވްސް

● އިންޑިއަން އޯޝަން ލީޑިން ފެމިލީ ރިސޯޓް: ކުރުނބާ މޯލްޑިވްސް

● އިންޑިއަން އޯޝަން ލީޑިން ލީދިން ހަނީމޫން ރިސޯޓް: ޖަ މަނަފަރު

● އިންޑިއަން އޯޝަން ލީޑިން ހޮޓެލް: ކޮންރަޑް މޯލްޑިވްސް ރަންގިލި އައިލެންޑް

● އިންޑިއަން އޯޝަން ލީޑިން ހޮޓެލް ސޫޓް: ވައްކަރު މޯލްޑިވްސްގެ ވޯޓާ ވިލާތައް

● އިންޑިއަން އޯޝަން ލީޑިން ލެއިޝާ ހޮޓެލް: އަނަންތަރަ ވެލި މޯލްޑިވްސް ރިސޯޓް

● އިންޑިއަން އޯޝަން ލީޑިން ލަގްޝަރީ ހޮޓެލް: ސެއިންޓް ރެޖިސް މޯލްޑިވްސް ވޮންމުލި ރިސޯޓުގެ "ޖޯން ޖޭކޮބް އެސްޓޯ" ހޮޓެލް

● އިންޑިއަން އޯޝަން ލީޑިން ލަގްޝަރީ އައިލެންޑް ރިސޯޓް: ވާލްޑޯފް އެސްޓޮރިއާ މޯލްޑިވްސް އިތާފުށި

● އިންޑިއަން އޯޝަން ލީޑިން ލަގްޝަރީ ރިސޯޓް: ސެއިންޓް ރެޖިސް މޯލްޑިވްސް ވޮންމުލި ރިސޯޓް

● އިންޑިއަން އޯޝަން ލީޑިން ޓުއާ އޮޕަރޭޓާ: ގެޓް އިންޓު މޯލްޑިވްސް ޓްރެވެލްސް

● އިންޑިއަން އޯޝަން ލީޑިން ނިއު ރިސޯޓް: ޖުމޭރިއާ މޯލްޑިވްސް އޮޅަހަލި އައިލެންޑް

● އިންޑިއަން އޯޝަން ލީޑިން ޕްރައިވެޓް އައިލެންޑް ރިސޯޓް: ވެލާ ޕްރައިވެޓް އައިލެންޑް

● އިންޑިއަން އޯޝަން ލީޑިން ސީޕްލޭން އޮޕަރޭޓާ: ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)

● އިންޑިއަން އޯޝަން ލީޑިން ޓްރެވެލް އޭޖެންސީ: ސިމްޕްލީ މޯލްޑިވްސް ހޮލިޑޭސް

● އިންޑިއަން އޯޝަން ލީޑިން ވިލާ ރިސޯޓް: ގްރޭންޑް ޕާކް ކޮއްދިއްޕަރު

● އިންޑިއަން އޯޝަން ލީޑިން ވޯޓަ ވިލާ ރިސޯޓް: ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ކުޑަ ހުރާ

● އިންޑިއަން އޯޝަން ލީޑިން މޯސްޓް ރޮމޭންޓިކް ރިސޯޓް: ބަރޮސް މޯލްޑިވްސް

ވޯލްޑް ޓްރެވެލް އެވޯޑަކީ ޓޫރިޒަމްގެ ދާއިރާގައި ބައިނަލްއަގްވާމީ ގޮތުން ދެވޭ އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ޝަރަފްވެރި އެވޯޑެވެ. 1993 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޑްބަލިއުޓީއޭގައި މީގެ ކުރިންވެސް ރާއްޖެއިން ވަނީ ގިނަ ކާމިޔާބީތައް ހޯދައިފަ އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ރަންޔޫބީލް އަހަރު، ތިންވަނަ ފަރަހަށް "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" އެވޯޑު ހާސިލްކުރުމަކީ ޓޫރިސްޓުންގެ މެދުގައި މަޝްހޫރު މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ނަން އިތުރަށް ވަރުގަދަވާނެ ފަދަ ކާމިޔާބީއެއް ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.