Roadha Mihaaru
"އެފްއޭއެމްގެ ދަރަންޏަށް ސަރުކާރު ޒިންމާވާކަށް ނުޖެހޭ"

އެފްއޭއެމް ދަރާފައި އޮތުމުން ކަންބޮޑުވޭ، އެކަމަކު ސަރުކާރުން ޒިންމާވާކަށް ނުޖެހޭ: މަހުލޫފް

14 ނޮވެމްބަރ 2022

އެފްއޭއެމް އެކި ފަރާތްތަކަށް ދަރާފައި އޮތުމުން ކަންބޮޑުވާ ކަމަށާއި އެކަން ހައްލުކުރެވޭނެ ގޮތްތަކާ މެދު ވާހަކަދައްކަމުން އަންނަ ކަމަށާއި އެކަމަކު އެ ދަރަންޏަށް ސަރުކާރު ޒިންމާވާން ނުޖެހޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އެފްއޭއެމް އެކި ފަރާތްތަކަށް ދަރާފައި އޮތުމުން ކަންބޮޑުވާ ކަމަށާއި އެކަން ހައްލުކުރެވޭނެ ގޮތްތަކާ މެދު ވާހަކަދައްކަމުން އަންނަ ކަމަށާއި އެކަމަކު އެ ދަރަންޏަށް ސަރުކާރު ޒިންމާވާން ނުޖެހޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ދަރަނި ބޮޑުވެ އެ އެސޯސިއޭޝަން ބަނގުރޫޓުވެދާނެ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށް، އެކަމާ ބެހޭގޮތުން މިނިސްޓަރާ މިއަދު މަޖިލީހުގައި ސުވާލުކުރެއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

ގައުމީ ޓީމުގެ ކުޅުންތެރިންނަށް މަހުޖަނު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ދެއްވި ފައިސާ ކުޅުންތެރިންނަށް ނުދޭތީ ކުޅުންތެރިން އަންނަނީ ޝަކުރާކުރަމުންނެވެ. ކަރަންޓު ބިލުތަކަށް ފައިސާ ނުދައްކައިގެން އެ އެސޯސިއޭޝަނުން ކަރަންޓުގެ ހިދުމަތް ކަނޑާލާފައިވެ އެވެ. މީގެ އިތުރުން އަމިއްލަ ކުންފުންޏަކަށް ދޭން ޖެހޭ ފައިސާ ނުދެވިގެން އެފްއޭއެމްގެ ބިމެއް އެ ކުންފުންޏަށް ދޭން އެއްބަސްވެފައިވެ އެވެ.

މަހުލޫފު ވިދާޅުވީ އެފްއޭއެމް އަށް ސަރުކާރުން ދޭން އެއްބަސްވެ ނުދީ އެއްވެސް ފައިސާ އެއް ނޯންނާނެ ކަމަށެވެ. އަދި ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން ކުޅިވަރު އެސޯސިއޭޝަންތަކަކީ ދަރަންޏަށް އަމިއްލަ އަށް ޒިންމާވާން ޖެހޭ ގާނޫނީ ޝަހުސުތަކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވެ މިނިސްޓްރީގެ އެއްވެސް ޒިންމާއެއް ނެތް މި ދަރަންޏާ މެދު،" މަހުލޫފު ވިދާޅުވި އެވެ.

އެކަމަކު މިކަމުގައި ކަންބޮޑުވެ، މައްސަލަ ހައްލުކުރެވޭނެ ގޮތްތަކަކާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށާއި އެ ބައްދަލުވުމުގައި އެފްއޭއެމުން، މިކަން ވަރަށް އަވަހަށް ހައްލުކުރާނެ ކަމަށް ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރުން ނަގަން ޖެހޭނީ ކޮން ފިޔަވަޅެއްތޯ ބެލުމަށް މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާ މިދަނީ ކުރަމުން،" މަހުލޫފު ވިދާޅުވި އެވެ.

ފީފާގެ ގަވާއިދު ބުނާ ގޮތުން އެފްއޭއެމްގެ އެއްވެސް ކަމަކަށް ސަރުކާރުން ނުވަތަ އެހެން ތިން ވަނަ ފަރާތަކަށް ނުވަދެވޭނެ އެވެ. އެގޮތަށް އަމަލުކޮށްފި ނަމަ ފީފާ އިން ރާއްޖޭގެ ފުޓްބޯޅަ ސަސްޕެންޑްކުރާނެ އެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިތާ ކުރީކޮޅު މަހުލޫފު ވަނީ، ރާއްޖޭގެ ކްލަބްތަކަށް އޭއެފްސީ ކަޕުން ޖާގަ ގެއްލުނު މައްސަލަ ބައްލަވަން މަސައްކަތްކުރައްވައިފަ އެވެ. އެއާ އެކު ފީފާ އިން ވަނީ އިންޒާރު ދީފަ އެވެ. އެހިސާބުން އެ މަސައްކަތް މިނިސްޓަރު ހުއްޓާލެއްވެވި އެވެ. އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއާ މަހުލޫފުއާ އޭރު އޮތް ދެކޮޅުވެރިކަން ނިމި ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރައްވަން ފެށްޓެވި އެވެ.

އެކަމަކު އެނގިފައިވާ ގޮތުގައި މިނިސްޓްރީ އާއި އެފްއޭއެމްގެ ގުޅުން އަނެއްކާ ވެސް ވަނީ ގޯސްވެފަ އެވެ.