Roadha Mihaaru
ކަސިޔަސްގެ އެކެޑަމީ ހުޅުވައިފި، ރާއްޖެއަށް އެހީ ލިބޭނެ

ކަސިޔަސްގެ އެކެޑަމީ ދުބާއީގައި ހުޅުވައިފި، ރާއްޖެއަށް އެހީ ލިބޭނެ؟

09 ސެޕްޓެމްބަރ 2021

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގޯލް ކީޕަރުން އުފެއްދުމުގެ މަޝްރޫއެއްގައި، ސްޕެއިންގެ ކުރީގެ ގޯލް ކީޕަރު އިކާ ކަސިޔަސް ފުރަތަމަ އެކަޑެމީ ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ދުބާއީގައި ހުޅުވައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގޯލް ކީޕަރުން އުފެއްދުމުގެ މަޝްރޫއެއްގައި، ސްޕެއިންގެ ކުރީގެ ގޯލް ކީޕަރު އިކާ ކަސިޔަސް ފުރަތަމަ އެކަޑެމީ ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ދުބާއީގައި ހުޅުވައިފި އެވެ.

ކަސިއަސްގެ އެކަޑެމީން ރާއްޖެ އަށް ވެސް ފައިދާ ކުރާނެ ކަމަށް ބެލެވެ އެވެ. އެކެޑަމީ އުފެއްދުމުގެ މަސައްކަތުގައި މި އަހަރުގެ މާޗް މަހު ދުބާއީ އަށް ކަސިޔަސް ދަތުރު ކުރި ދަނޑިވަޅުގައި ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ދުބާއީ އަށް ވަޑައިގެންނެވި އެވެ. ކަސިޔަސްގެ އެކެޑަމީ ދުބާއިގައި ހުޅުވުމުގައި އޭނާ އަށް އެހީތެރިކަން ފޯރުކޮށް ދިން އޭނާއާ އެކު ރެއާލް މެޑްރިޑަށް ކުޅުނު މިޝޭލް ސަލްގާޑޯ އަކީ ރާއްޖެ އާއި އެފްއޭއެމްއާ އެކު ރަނގަޅު ގުޅުމެއް އޮންނަ މީހެކެވެ.

މަހުލޫފް އާއި ބައްސާމް ދުބާއީ އަށް ވަޑައިގެން ކަސިޔަސްއާ ބައްދަލު ކުރެއްވި އެވެ. އެ ބައްދަލުވުމަށް ފަހު މިނިސްޓަރު މަހުލޫފް ސޯޝަލް މީޑިއާގައިި ވިދާޅުވެފައި ވަނީ ރާއްޖޭގެ ފުޓްބޯޅަ އަށް ފައިދާ ކުރާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރި ކަމަށެވެ.

"ރާއްޖޭ އާއި ސަރަހައްދުގެ ފުޓްބޯޅަ ތަރައްގީ ކުރުމާ ބެހޭގޮތުން ޝައުގުވެރި މަޝަވާރާތަކެއް ކުރިއަށް ގެންދިޔައިން،" ކަސިޔަސްއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ސޯޝަލް މީޑީއާގައި މަހްލޫފް ލިޔުއްވި އެވެ.

"މިކަންކަން ހަގީގަތަކަށް ވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރަން."

މިނިސްޓަރު މަހްލޫފާއި ކަސިއަސް

މިނިސްޓަރު މަހްލޫފާއި ކަސިއަސް

ކަސިޔަސް އާ ބައްދަލު ކުރުމަށް ފަހު މަހްލޫފް ކުރެއްވި ޓްވީޓް

ކަސިޔަސްގެ އެކެޑަމީން ހަމައެކަނި ތަމްރީން ކުރާނީ ކީޕަރުން އެކަންޏެއް ނޫނެވެ. އެކި ކްލަބުތަކުގެ ގޯލްކީޕަރު ކޯޗުން ތަމްރީން ކުރުމަށް ވެސް ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.

"ކީޕަރުގެ މަގާމަކީ ހާއްސަ މަގާމެއް. ބޮޑު ޒިންމާއެއް އޮތް މަގާމެއް. އެހެންވެ އަހަރެން ގަބޫލު ކުރަނީ އެކަމަށް ތަފާތު ގޮތްގޮތައް ތައްޔާރުވާން ޖެހޭ ކަމަށް. އަހަރެންގެ ތަޖުރިބާ އާއި މެތަޑްތައް މި އެކެޑަމީގައި ކިޔަވައި ދޭނަން،" ސްޕެއިން އާއި ރެއާލް މެޑްރިޑުގެ ލެޖެންޑް ބުންޏެވެ.

ކަސިޔަސްގެ އެކެޑަމީގެ ޚާއްސަ އެކަކީ، ރެއާލް މެޑްރިޑްގައި އޭނާ އަށް ކޯޗު ކޮށްދިން ގޯލްކީޕަރު ކޯޗް ހުއާން ކެނާލޭސް އެވެ. އޭނާ ވަނީ ނުވަ އަހަރު ވަންދެން ރެއާލްގައި މަސައްކަތް ކޮށްފަ އެވެ.

ސަލްގާޑޯ (ކ) އާއި ކަސިޔަސް (ވ) އާއެކު ދުބާއީގެ ސްޕޯޓްސް ކައުންސލްގެ ސެކެރެޓްރީ ޖެނަރަލް ސައީދު ހެރަބް

ސަލްގާޑޯ (ކ) އާއި ކަސިޔަސް (ވ) އާއެކު ދުބާއީގެ ސްޕޯޓްސް ކައުންސލްގެ ސެކެރެޓްރީ ޖެނަރަލް ސައީދު ހެރަބް

އެކެޑަމީ ހުޅުވުމަށް ސަލްގާޑޯ ވެދިން އެހީތެރިކަން ކަސިއަސް ފާހަގަކުރި އެވެ. ހުޅުމާލޭގައި ގާއިމު ކުރާ ގައުމީ ފުޓްބޯޅަ ސްކޫލުގެ ފުޓްބޯޅައިގެ ޓްރޭނިންތައް ކުރިއަށް ގެންދާނީ ސަލްގާޑޯގެ ބެލުމުގެ ދަށުންނެވެ.

ސަލްގާޑޯގެ ފުޓްބޯޅަ ސްކޫލެއް ދުބާއީގައި މިހާރު ވެސް ހިންގަ އެވެ. "ސްޕެނިޝް ސޮކާ ސްކޫލް" ގެ ނަމުގައި ހިންގާ އެ އެކެޑަމީ އަކީ ހުޅަނގު އޭޝިއާގެ އެންމެ މަގުބޫލް ފުޓްބޯޅަ ސްކޫލެވެ. ބޯޑިން ސްކޫލެއްގެ ގޮތަށް ހުޅުމާލޭގައި ގާއިމު ކުރާ ސްކޫލުގައި 15 ނުވަތަ 10 ބިދޭސީ ކޯޗުން މަސައްކަތް ކުރާނެ ކަމަށް އެފްއޭއެމުން ބުނެފައިވެ އެވެ. އެ ކޯޗުން މަސައްކަތް ކުރާނީ ވެސް ސަލަގާޑޯގެ ބެލުމުގެ ދަށުންނެވެ. ފުޓްބޯޅަ ސްކޫލް ހާއްސަކޮށްފައި ވަނީ، 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށެވެ. އެ އުމުރުގެ ކުޅުންތެރިންގެ ތެރެއިން އެންމެ ރަނގަޅު ކުޅުންތެރިން ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 18 އެކެޑަމީއެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމުން އިއުލާން ކޮށްފައިވެ އެވެ. އޭގެ ތެރެއިން 10 އެކެޑަމީ ގާއިމު ކުރާނީ އަތޮޅުތަކުގަ އެވެ. އައްޑޫގައި ދެ އެކެޑަމީއެއް ގާއިމު ކުރާނެ އެވެ. މާލެ ސަރަހައްދުގައި އަށް އެކެޑެމީ އެވެ. އެ އެކެޑަމީތަކުން ފާހަގަކުރެވޭ އެންމެ ރަނގަޅު 40 ކުޅުންތެރިން ގެންނާނީ ފުޓްބޯޅަ ސްކޫލަށެވެ.