Roadha Mihaaru
ހައްޖާއި އުމްރާއަށް ގެންދިއުން ހަރުދަނާކުރަން ބިލެއް

ހައްޖާއި އުމްރާއަށް މީހުން ގެންދިއުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ހެދި ބިލް ރައީސް އޮފީހަށް

15 ނޮވެމްބަރ 2022

ހައްޖާއި އުމްރާއަށް މީހުން ގެންދިއުމުގައި އަމަލުކުރާނެ އުސޫލުތަކާއި ކުންފުނިތަކުން ދިނުން ލާޒިމްވާ ހިދުމަތްތައް ބަޔާންކުރާ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް މިއަދު ފޮނުވައިިފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

ހައްޖާއި އުމްރާއަށް މީހުން ގެންދިއުމުގައި އަމަލުކުރާނެ އުސޫލުތަކާއި ކުންފުނިތަކުން ދިނުން ލާޒިމްވާ ހިދުމަތްތައް ބަޔާންކުރާ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް މިއަދު ފޮނުވައިިފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ މިއީ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން މީހުން ގެންދިއުމުގެ ނިޒާމު ހަރުދަނާކުރުމަށާއި މިކަމާ ގުޅޭ ގޮތުން ހައްޖާއި އުމްރާއާ ގުޅޭ އުސޫލުތައް ކަނޑައަޅާ ބިލެއް ކަމަށެވެ.

މި ބިލުގައި ހިމަނައިފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހައްޖު ކޯޕަރޭޝަނަށާއި އަމިއްލަ ފަރާތްތަކުން ހައްޖަށް މީހުން ގެންދިއުމުގައި އަމަލުކުރަން ޖެހޭނެ އުސޫލުތަކާއި ހައްޖާއި އުމްރާގެ ހިދުމަތްދޭ އަމިއްލަ ފަރާތްތަކަށް ހުއްދަ ދިނުމާއި ހުއްދަ ބާތިލުކުރުމުގެ އިތުރުން ހުއްދަ ހިފެހެއްޓުމުގެ އުސޫލު ހިމެނެ އެވެ.

ބިލުގައިވާ އެހެެން ކަންތައްތަކުގެ ތެރޭގައި ހައްޖާއި އުމްރާގެ ހިދުމަތްދޭ ފަރާތްތަކުން ހައްޖުވެރިންނާއި އުމްރާވެރިންނަށް ދިނުން ލާޒިމް ހިދުމަތްތަކާއި އެފަދަ ހިދުމަތްތައް ހުންނަން ޖެހޭނެ އަސާސީ މިންގަނޑުތައް ވެސް ހިމެނެ އެވެ. އެކަމަކު ބިލްގައި ހުރި މި ތަފްސީލްތައް ބަންޑާރަ އަދި ހާމައެއް ނުކުރެ އެވެ.

ހައްޖާއި އުމްރާގެ ހިދުމަތްތަކަށް ފައިސާ ނެގުމުގައި އަމަލުކުރަން ޖެހޭނެ އުސޫލުތަކާއި ހައްޖާއި އުމްރާގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އާންމު އުސޫލާއި ހައްޖާއި އުމްރާގެ ކަންކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ ދައުރު އޮންނާނެ ގޮތް ވެސް މި ބިލުގައި ހިމެނޭ ކަމަށް ބުނެފައިވެ އެެވެ.

މީގެ އިތުރުން ދެން ހިމެނެނީ ގާނޫނާއި ގަވައިދާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ އުސޫލުތަކެވެ.

ހައްޖާއި އުމްރާއަށް މީހުން ގެންދިއުމުގައި އަމިއްލަ ބައެއް ކުންފުނިތަކުން އަމަލުކޮށްފައިވާ ގޮތުން މީގެ ކުރިން އެތައް ބަޔަކަށް ބޮޑެތި ގެއްލުންތައްވެފައިވެ އެވެ. މިފަދަ މައްސަލަތަކުގައި ބައެއް ކުންފުނިތަކުގެ ވެރިންނާ ދެކޮޅަށް ދައުލަތުން ޖިނާއީ ދައުވާ ވެސް ކޮށްފައިވެ އެވެ.