Roadha Mihaaru
ބަނގުރޫޓުވާ ވާހަކަ ދައްކަނީ ސިޔާސީ ބޭނުމަކަށް: އަަމީރު

ނަޝީދަށް އަމީރުގެ ރައްދެއް: ބަނގުރޫޓުވާ ވާހަކަ ދައްކަވަނީ ސިޔާސީ ބޭނުމަށް

21 ނޮވެމްބަރ 2022

ރާއްޖެ ބަނގުރޫޓުވާ ވާހަކަ ދައްކަވަނީ ސަރުކާރުން ހޯދަމުން އަންނަ ކުރިއެރުންތައް ފަނޑުކޮށް ކިލަނބުކޮށްލަން ސިޔާސީ ބޭނުމެއްގައި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަތަކަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ރައްދު ދެއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖެ ބަނގުރޫޓުވާ ވާހަކަ ދައްކަވަނީ ސަރުކާރުން ހޯދަމުން އަންނަ ކުރިއެރުންތައް ފަނޑުކޮށް ކިލަނބުކޮށްލަން ސިޔާސީ ބޭނުމެއްގައި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަތަކަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ރައްދު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް ނަޝީދު ވަނީ ރާއްޖެ ބަނގުރޫޓުވުމާ ދިމާލުގައި އޮތް ކަމަށް ވިދާޅުވެފަ އެވެ. އެ ހާލަތު ކުރިމަތިވަމުންދާއިރު މަޖިލީހުގެ ރިޔާސަތުގައި އިންނެވުމަކީ ވެސް ލަދުވެތި ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ނަޝީދު ކަންބޮޑުވުންފާޅުކުރައްވާފައި ވަނިކޮށް، އަމީރު ވިދާޅުވީ ރާއްޖެ ބަނގުރޫޓްވާ ވާހަކައަކީ ބަޔަކު އަލަށް ދައްކާ ވާހަކައެއް ނޫން ކަމަށެވެ. އެ ވާހަކަތަކުގެ ފަހަތުގައި އޮތީ ސިޔާސީ ބޭނުމެއް ކަމުގެ ތުހުމަތު ފިނޭންސް މިނިސްޓަރު ކުރެއްވި އެވެ.

ނަޝީދު މީގެ ކުރިން ވެސް މަޖިލީހުގެ އެކި ޖަލްސާތަކުގައި ރާއްޖެ ބަނގުރޫޓުވުމުގެ ތުންފަތްމަތީގައި އޮތް ކަމަށާއި އަވަށްޓެރި ސްރީ ލަންކާއަށް ދިމާވި ހާލަތުން މިސާލު ނަގަން ޖެހޭ ކަމަށް ވިދާޅުވެފައިވެ އެވެ.

"މާތްاللهގެ އިރާދަފުޅާ އެކު, ކޮވިޑުން ވެސް އަރައިގަނެ, އެންމެ އަވަހަށް ކުރިއަރަމުންދާ އިގްތިސާދުތަކުގައި ރާއްޖެ ހިމެނޭ. 2020 ވަނަ އަހަރު ކޮވިޑާއެކު އަޅުގަނޑުމެން ކުރިމަތިލީ މިއަދު މިތިބި ހާލަތަށް ވުރެ މާ ދަތި ގޮންޖެހުންތައް ބޮޑު ހާލަތަކާ،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: ރާއްޖޭގެ މާލީ ހާލަތު ގޯސްކަމަށް މިއަދު ވެސް ވިދާޅުވި. -- ފޮޓޯ | މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: ރާއްޖޭގެ މާލީ ހާލަތު ގޯސްކަމަށް މިއަދު ވެސް ވިދާޅުވި. -- ފޮޓޯ | މަޖިލިސް

އަމީރު ވިދާޅުވި ގޮތުގައި އެ ދަތި ހާލަތުން ވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މާލިމީ ކަމުގައި ވަނީ އަރައިގަނެވިފަ އެވެ.

"އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން މިދަނީ ދަތިތަކާއި ގޮންޖެހުންތައް މިހާރު ވެސް ހުރި ވާހަކަ. ފޮރުވާކަށް ނޫޅޭ. ހުރިހާ ތަފާސްހިސާބުތަކެއް އެހުރީ ހާމައަށް ފެންނަން،" ރާއްޖޭގެ މާލީ ހާލަތު އާއްމުންނަށް އެނގެން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި ވާހަކަފުޅުގެ ރައްދުގައި އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވި ގޮތުގައި ދަތިތަކާއި ގޮންޖެހުންތަކާ އެކުގައި ވެސް ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާ އެކު އިގްތިސާދީ އުނދަގޫތައް އަންނަނީ ގިރާކުރަމުންނެވެ. ރަޝިޔާ-ޔޫކުރެއިން ހަނގުރާމައާ އެކު ދިމާވަމުންދާ ގޮންޖެހުންތައް ވެސް މެނޭޖްކުރުމަށްޓަކައި ސަރުކާރުން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"މި ދަނޑިވަޅުގައި އިގްތިސާދާ މެދު ނުރަނގަޅު ތަސައްވުރެއް އުފައްދައިި ބިރުވެރިކަން އުފެއްދުމަށްޓަކައި ޒިންމާދާރު މަގާމްތަކުގައި ތިބެގެން ކުރެވޭ މަސައްކަތަކީ ސިޔާސީ ބޭނުމަކަށް ކުރެވޭ ވަރަށް ހިތާމަހުރި ކަމެއް. މާތްاللهގެ އިރާދަފުޅާ އެކު, ރާއްޖޭގެ އިގްތިސާދީ ކުރިމަގު އޮތީ ފަހިކޮށް،" އަމީރު ވިދާޅުވި އެވެ.