Roadha Mihaaru
ޕްރެޒިޑެންޓްސް ބެޖު ފުރަތަމަ ފަހަރަށް ރަށަކަށް

ރަށެއްގެ ސްކޫލެއްގެ ދަރިވަރަކަށް ފުރަތަމަ ފަހަރަށް ގާލް ގައިޑްގެ ޕްރެޒިޑެންޓްސް ބެޖު ލިބިއްޖެ

22 ނޮވެމްބަރ 2022

ރަށެއްގެ ސްކޫލެއްގެ ދަރިވަރަކަށް ފުރަތަމަ ފަހަރަށް ގާލް ގައިޑްގެ އެންމެ ޝަރަފުވެރި "ޕްރެޒިޑެންޓްސް ބެޖު" މިއަދު ލިބިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރަށެއްގެ ސްކޫލެއްގެ ދަރިވަރަކަށް ފުރަތަމަ ފަހަރަށް ގާލް ގައިޑްގެ އެންމެ ޝަރަފުވެރި "ޕްރެޒިޑެންޓްސް ބެޖު" މިއަދު ލިބިއްޖެ އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މި އަހަރު އެ ބެޖު ލިބުނީ ބ. އޭދަފުށީގައި ހުންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔެވި ދަރިވަރު ފާތިމަތު ޔުމްނާ އާތިފަށެވެ. މިއަދު މެންދުރުފަހު އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ބެޖު ޔުމްނާ އާ ހަވާލުކޮށްދެއްވާފައިވާ ކަމަށް ވެސް ބުންޏެވެ.

ގާލް ގައިޑްގެ އެންމެ ޝަރަފުވެރި "ޕްރެޒިޑެންޓްސް ބެޖު" ހާސިލުކުރި ފާތިމަތު ޔުމްނާ އާތިފް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަނީ -- ފޮޓޯ: ރައީސް އޮފީސް

ގާލް ގައިޑްގެ އެންމެ ޝަރަފުވެރި "ޕްރެޒިޑެންޓްސް ބެޖު" ހާސިލުކުރި ފާތިމަތު ޔުމްނާ އާތިފް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަނީ -- ފޮޓޯ: ރައީސް އޮފީސް

އެ ރަސްމިއްޔާތުގައި ޗީފް ގައިޑް އަދި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ގާލްގައިޑް އެސޯސިއޭޝަންގެ ރައީސާ އަދި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ޗީފް ކޮމިޝަނަރު ނިއުމާތު ޝަފީގު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބެޖު ހާސިލްކުރުމަށް ޔުމްނާ ކުރި މަސައްކަތަށް ރައީސް ތައުރީފުކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ގާލްގައިޑް ހަރަކާތަކީ ސްކޫލުތަކުގައި ހިންގޭ ވަރަށް މުހިންމު، ބޭނުންތެރި ހަރަކާތެއްކަމުގައި ވެސް ރައީސް ވިދާޅުވި ކަމަށެވެ.

ރާއްޖޭގައި ގާލް ގައިޑުންނަށް ޕްރެޒިޓެންސް ބެޖު ދޭން ފެށީ 1998 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް އެ ބެޖު ހާސިލުކޮށްފައި ވަނީ 14 ދަރިވަރެކެވެ. މީގެ ކުރިން އެ ބެޖު ހާސިލުކޮށްފައި ވަނީ މުޅިން ވެސް މާލޭ ސްކޫލްތަކުގައި ކިޔެވި ދަރިވަރުންނެވެ.

ގާލް ގައިޑްގެ އެންމެ ޝަރަފުވެރި "ޕްރެޒިޑެންޓްސް ބެޖު" ހާސިލުކުރި ފާތިމަތު ޔުމްނާ އާތިފް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އޭނާގެ ބެލެނިވެރިންނާ އެކު ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: ރައީސް އޮފީސް

"މިއީ އަތޮޅުތެރޭގެ ސްކޫލަކުން ގާލް ގައިޑަކު މި ބެޖް ހާސިލުކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި، ޔުމްނާ ތައުލީމު ހާސިލުކުރި ބ. އަތޮޅު ތައުލީމީ މަރުކަޒަށް ވެސް ޔުމްނާ ހޯދައި މިދިނީ ފަހުރުވެރި ޝަރަފެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،" ރައީސް އޮފީހުން ބުންޏެވެ.

ޕްރެޒިޑެންޓްސް ބެޖުގެ އިތުރުން ގާލް ގައިޑް ހަރަކާތުގެ 31 ބެޖެއް ޔުމްނާ ހާސިލުކޮށްފައިވެ އެވެ.