އިސްލާމީ ފިކުރުތަކުގެ ތެރެއަށް ވަދެފައިވާ ބައެއް ފިކުރުތަކުގައިވާ ގޮތުން އުހުރަވީ ހަޔާތުގައި ޖަޒާ ލިބިގެން ދާނީ ހަމައެކަނި ރޫހަށެވެ. ނަމަވެސް މިއީ ކަނޑައެޅިގެން ބާތިލު ފިކުރެކެވެ. އެހެނީ އިސްލާމްދީނުގައި ޖަޒާ ބިނާވެފައި ވަނީ އިންސާނާގެ ތަކުލީފުތަކުގެ ތަބީއަތާ އެއްގޮތްވާ ގޮތުގެ މައްޗަށެވެ. އެއީ މާއްދީ އަދި ރޫހާނީ ތަބީއަތެވެ. އިންސާނާގެ ހުރިހާ ގާބިލިއްޔަތުތަކާއި ބާރުތަކަކީ އެ ދެބައި އެކުލެވޭ ކަންކަމެވެ.
25 ނޮވެމްބަރ 2022
އިސްލާމީ ފިކުރުތަކުގެ ތެރެއަށް ވަދެފައިވާ ބައެއް ފިކުރުތަކުގައިވާ ގޮތުން އުހުރަވީ ހަޔާތުގައި ޖަޒާ ލިބިގެން ދާނީ ހަމައެކަނި ރޫހަށެވެ. ނަމަވެސް މިއީ ކަނޑައެޅިގެން ބާތިލު ފިކުރެކެވެ. އެހެނީ އިސްލާމްދީނުގައި ޖަޒާ ބިނާވެފައި ވަނީ އިންސާނާގެ ތަކުލީފުތަކުގެ ތަބީއަތާ އެއްގޮތްވާ ގޮތުގެ މައްޗަށެވެ. އެއީ މާއްދީ އަދި ރޫހާނީ ތަބީއަތެވެ. އިންސާނާގެ ހުރިހާ ގާބިލިއްޔަތުތަކާއި ބާރުތަކަކީ އެ ދެބައި އެކުލެވޭ ކަންކަމެވެ.
އިސްލާމީ މުފައްކިރެއް ކަމުގައިވާ އަލްއައްގާދު ވިދާޅުވެފައި ވެއެވެ. "މުސްލިމަކު ދީން ވެރި ވަނީ އިންސާނީ ތަބީއަތުން ބޭރަކުން ނޫނެވެ. އިންސާނަކަށް މަތީ ދަރަޖައަށް އެރެނީ އަދި ދަށުދަރަޖައަކަށް ވެއްޓެވެނީ އޭނާ އަށް ﷲ ތަކުލީފު ކުރައްވާފައިވާ ކަންކަމުގެ ސަބަބުންނެވެ. މި ތަކުލީފުގެ އަމާނަތުގައި ހިމެނޭ އެންމެ މުހިންމު ބާރަކީ މިނިވަންކަމާއި އިހުތިޔާރާއި އެ އަށް ތަބާވުމުގެ ބާރެވެ."
އުހުރަވީ ހަޔާތުގެ ޖަޒާއަކީ ހަމައެކަނި ރޫހާނީ ޖަޒާއެއް ކަމަށް ގަބޫލުކުރާ މީހުންގެ ތެރޭގައި ސޫފީންނަށް ނިސްބަތްވާ ބައެއް މީހުން ވެސް ހިމެނެ އެވެ. އެއީ ސޫފީންގެ ތެރެއިން ހައްދުފަހަނައަޅާފައިވާ ބައެކެވެ.
އެ މީހުން ދެކޭގޮތުގައި އުހުރަވީ ހަޔާތުގެ ނިއުމަތަށް ދަހިވެތި ވެގެން ނުވަތަ އަޒާބަށް ބިރުވެތި ވެގެން އަޅުވެތިވާ އަޅުވެތިވުމަކީ އަމިއްލަ އެދުމުން ފުރިގެންވާ އަޅުވެތިވުމެކެވެ. އެއީ ﷲ ގެ ވަޖުހުފުޅަށްޓަކައިވާ އަޅުވެތިވުމެއް ނޫނެވެ. އަނެއްކޮޅުން އުހުރަވީ ހަޔާތުގެ ނިއުމަތާއި އަޒާބަކީ ވެސް މާއްދީ ކަންކަމެއް ނޫނެވެ. އެއީ ހަމައެކަނި ރޫހާނި ކަންކަމެވެ.
ނަމަވެސް އެ ފިކުރަކީ ސައްހަ ނޫން ފިކުރެއްކަން ނަގުލީ ދަލީލުތަކަށް ދިއުމުގެ ކުރިން ބުއްދީގެ ހަމައިން ވެސް އެނގެ އެވެ. އެހެނީ އިސްލާމް ދީނުގައި ސުވަރުގޭގެ ވާހަކަ ދައްކާއިރު އެތަން ސިފަކޮށްދީފައި ވަނީ މި ދުނިޔެމަތީގައި ވެސް އިންސާނުން އެންމެ އުޅެން ބޭނުންވާ ގޮތްތަކާއި ކަންކަމުގެ މައްޗަށެވެ. އަދި ނަރަކައިގެ ވާހަކަ ދައްކާއިރު އެ ތަން ސިފަކޮށްދީފައި ވަނީ މި ދުނިޔެމަތީގައި އުޅޭއިރު އެ ކަންކަމުން އެންމެ ދުރުހެލިވާން ބޭނުންވާ ކަންކަމާއި ގޮތްތަކުގެ މައްޗަށެވެ. އާދެ، މާއްދީ ކަންކަމުގެ މައްޗަށެވެ. ބަގީޗާތަކާއި ކޯރުތަކާއި ގަނޑުވަރުތަކާއި ދާންތަކާއި ހާދިމުންނާއި މޭވާ އާއި ބުއިންތަކެވެ. ނުވަތަ ގަދަ ހޫނާއި ގޮހޮރު ފޫއަޅުވާލާ ފަދަ ވޭންދެނިވި ބުއިންތަކާއި ކެއުންތަކެވެ. ނުބައި ވަސްދުވާ ދިޔަތަކާއި ރުއިމުގެ އަޑުތަކެވެ.
އެ މާއްދީ ކަންކަމާ އެކު ރޫހާނީ އުފާވެރިކަމާއި ރޫހާނީ އަޒާބު ވެސް ހަމަ ސުވަރުގެ އާއި ނަރަކައިގައި ވެ އެވެ. އެއީ ﷲ ގެ ދީދާރުފުޅު ފެނުމާއި އުފާވެރިކަމާއި ހިތްހަމަޖެހުން ފަދަ ކަންކަމެވެ. އަދި އަނެއްކޮޅުން އެކަނިވެރިކަމާއި މާޔޫސްކަމާއި ހިތްދަތި ކަމެވެ. ވީމާ އިންސާނާ މި ދުނިޔޭގައި ހެޔޮލަފާކޮށް އުޅުމަށް ޝައުގުވެރި ކުރުވާ ކަންކަމާއި ނުބައިކޮށް އުޅުމުން ދުރުހެލިކުރުވަން ބިރުވެރިކުރުވާ ކަންކަން އެއީ ހަމައެކަނި އޭނާގެ ރޫހަށް އޮތް ކަމެއް ކަމުގައިވާ ނަމަ މާއްދީ އެއްވެސް ނިއުމަތެއްގެ ވާހަކަ އަދި މާއްދީ އެއްވެސް އަޒާބެއްގެ ވާހަކަ ދެއްކުމަކީ ބޮޑު އޮޅުވާލުމަކަށް ނޫނީ ނުވާނެ އެވެ. ގުރުއާނާއި ސުންނަތުގައި މި ވަރުގެ ބޮޑު އޮޅުވާލުމެއް ނުވާނެކަން ކަށަވަރެވެ.
ދެން ގުރުއާނާއި ސުންނަތުގައިވާ ވާހަކަތަކަށް ބަލައިލަމާތޯ އެވެ. ދުނިޔެމަތީގައި އިލްހާދާއި ފާސިގުކަންމަތީ އުޅުނު މީހެއްގެ އެކުވެރިއެއްގެ ގޮތުގައިވި މުއުމިނަކު އޭނާގެ އެކުވެރިޔާ ކޮބައިތޯ އުހުރަވީ ހަޔާތުގައި ބަލައި އޭނާ ފެނުމުން ބުނާނެ ވާހަކަތަކެވެ. މި އެކުވެރިޔާ އަކީ މުސްލިމް މީހާ އަށް "ތިބާވަނީ ތެދުކުރާ މީހުންގެ ތެރެއިންހޭ؟ ތިމަންމެން މަރުވެ ވެއްޔަށާއި ކަށިތަކަކަށް ވެއްޖެ ހިނދު ތިމަންމެންމީ ޖަޒާލިބޭނެ ބައެއްހޭ؟" ބުނެ އުޅުނު އެކުވެރިއެކެވެ.
ކޮންމެއަކަސް އާހިރަތުގައި އޭނާ އަށް މި އެކުވެރިޔާ ފެންނަނީ ނަރަކައިގެ މެދުތެރޭގައި ވަނިކޮށެވެ. އެ ހިނދު "އޭނާ ބުނާނެތެވެ. ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން ކަލޭ ތިމަން ހަލާކުކޮށްލުމާ ގާތްކުޅައީމު އެވެ. އަދި ތިމަންގެ ވެރި ރަސްކަލާނގެ ނިއުމަތް ދެއްވާފައި ނުވާ ނަމަ (އަޒާބުގެ ތެރެއަށް) ހާޒިރު ކުރައްވާފައިވާ މީހުންގެ ތެރެއިން ތިމަން ވެއްޖައީސްކަން ކަށަވަރެވެ. ފަހެ ފުރަތަމަ ފަހަރު މަރުވުން މެނުވީ މަރު ނުވެ ދެމިތިބޭނޭ ބަޔަކު ކަމުގައި އަހަރެމެން ނުވޭ ހެއްޔެވެ؟ އަދި އަޒާބު ލިބޭނޭ ބަޔަކު ކަމުގައި އަހަރެމެން ނުވަމު އެވެ. ހަމަކަށަވަރުން ބޮޑުވެގެންވާ ނަސީބު ލިބުމަކީ މިއީ ކަން ކަށަވަރެވެ. އަމަލުކުރާ މީހުން މިފަދަ ކަންތައް ލިބިގަތުމަށްޓަކައި އަމަލުކުރާ ހުށި ކަމެވެ." (އައްޞާއްފާތު 52-61). މި އަށް ފަހު ﷲ ގެ ބަސްފުޅުގައި ވަނީ "މެހުމާންދާރީއެއްގެ ގޮތުން މޮޅީ މިތަން ހެއްޔެވެ؟ ނުވަތަ ޒައްގޫމް ގަސް ހެއްޔެވެ؟ ހަމަކަށަވަރުން އަނިޔާވެރިންނަށް އޮތް އިމްތިހާނެއް ކަމުގައި ތިމަން ﷲ އެ ގަސް ލެއްވީމެވެ. ހަމަކަށަވަރުން އެއީ ނަރަކައިގެ އަޑިން ފަޅައިގެން ހެދޭ ގަހެކެވެ. އޭގެ މޭވާ ޝައިތާނުންގެ ބޯތަކެކޭ އެއްފަދަ އެވެ. ފަހެ ހަމަކަށަވަރުން އެ އުރެންނީ އެއިން ކާނޭ ބަޔަކުކަން ކަށަވަރެވެ. އަދި އެ އިން ބަނޑުތައް ފުރާނެ ބަޔެކެވެ. ދެން ހަމަކަށަވަރުން އޭގެ މައްޗަށް ކެކިކެކި ހުންނަ ހޫނުފެނުގެ ގިރުމެއް (އެބަހީ ޒައްގޫމާއި ހޫނުފެނާ އެކުވެފައިވާ ދިޔައެއް) އެ އުރެންނަށް ވާކަން ކަށަވަރެވެ." (އައްޞާއްފާތު 62-68).
މިއިން އެނގިގެން ދަނީ ސުވަރުގޭގެ މާއްދީ ނިއުމަތްތައް ހޯދުމާއި ނަރަކައިގެ މާއްދީ އަޒާބުން ސަލާމަތްވުން މިއީ ބޮޑުވެގެންވާ އުންމީދެއް ކަމެވެ. ބޭކާރު ހުވަފެނެއް ނޫން ކަމެވެ. ސުވަރުގެ ލިބިގަތުމަށްޓަކައި ވާދަވެރިކަމާ އެކު މީސްތަކުން މަސައްކަތް ކުރާނެ ކަމެވެ. މިކަން އިތުރަށް ކަށަވަރު ވަނީ އިއްލިއްޔޫން ގައި އެ މީހުންގެ ހެޔޮ އަމަލުތަކުގެ ފަތްވާ ހެޔޮލަފާ މީހުންގެ ވާހަކައިންނެވެ. ކުއްތަން ކުރައްވާފައިވާ މަލާއިކަތުން އެ ފޮތްތަކަށް ހެކިވެވަޑައިގަންނަވާނެ އެވެ. އެ ހެޔޮލަފާ މީހުން ވާނީ ސުވަރުގޭގައިކަން ކަށަވަރެވެ. ދާންތަކުގެ މަތީގައި (ނިއުމަތްތަކަށް) ބަލަބަލަ އެވެ. އެ އުރެންގެ މޫނުތަކުގެ މަތިން ނިއުމަތުގެ އުފާވެރިކަން އެނގެން ހުންނާނެ އެވެ. ސިއްކަ ޖައްސަވައި ބަންދު ކުރައްވާފައިވާ (މަސްތުވުމެއް ނެތް) ސާފު ރަލުގެ ބުއިމަކުން އެ އުރެންނަށް ބޯން ދެއްވޭނެ އެވެ. އެ ބުއިން ނިމޭހުށީ، ކަސްތޫރި ވަހުންނެވެ. ﷲ އަންގަވަނީ ވާދަކޮށް ކުރިއަރައިދާ މީހުން އެއާ މެދުގައި ވާދަކޮށް ކުރިއަރައި ދިއުމަށެވެ. (އަލްމުޠައްފިފީން 18-26).
މި މާއްދީ ނިއުމަތްތަކާ އެކު ސުވަރުގޭގައި ރޫހާނީ ނިއުމަތް ވެސް ވެ އެވެ. އަދި ކިއެއްތަ، އެ ނިއުމަތަކީ ނިއުމަތްވަންތަކަން މާ ވަރުގަދަ ނިއުމަތެކެވެ. (އައްތައުބާ 72). ނަމަވެސް މި ރޫހާނީ ނިއުމަތްވަނީ މާއްދީ ނިއުމަތްތަކާ ވަކިވެގެން ހެއްޔެވެ؟ ނޫނެކެވެ. ސަބަބަކީ ލައްޒަތާއި ތަދަކީ އިންސާނީ ތަބީއީ ގާނޫނުގެ ތެރޭ ހިމެނޭ ކަންކަމެވެ. ނިއުމަތެއްގެ ގޮތުގައި ﷲ ގެ ވަޖުހުފުޅު ފެނުން އެކަނިވެސް އިންސާނާ އަށް ފުދިފައި އިތުރު ވެ އެވެ. އެހެން ނަމަވެސް ﷲ ގެ ދީލަތިކަން އުހުރަވީ ހަޔާތުގައި ވަނީ މި މާއްދީ ދުނިޔޭގައި އިންސާނާ އެ ކަންކަމަށް ހިތްއެދޭ މާއްދީ ކަންކަން ވެސް އެކަލާނގެ ދެއްވައިގެންނެވެ.
މިހެންވެ ނަބީންނާއި ރަސޫލުން ވެސް ﷲ އަށް އަޅުވެތިވީ ހަމަ ﷲ ގެ ސަވާބަށް އޮތް ދަހިވެތިކަމާއި އަޒާބަށް އޮތް ބިރުވެތިކަމުންނެވެ. އެ ބޭކަލުން އެ ބޭކަލުންގެ ގައުމުގެ މީހުންނާ މުހާތަބުކޮށް ވިދާޅުވާން ﷲ ދަސްކޮށްދެއްވި އެއް ވާހަކަ އަކީ "ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުގެ ވެރި ރަސްކަލާނގެ އަށް އުރެދުންތެރިވެއްޖެ ނަމަ މަތިވެރިވެގެންވާ ދުވަހެއްގެ އަޒާބަށް ތިމަންކަލޭގެފާނު ބިރުވެތިވެ ވަޑައިގަންނަވަމެވެ."
މިހެން ވިދާޅުވުމަށެވެ. (ޔޫނުސް 15). އަދި ﷲ ގެ ނަބީންގެ ވާހަކަ ބަޔާން ކުރައްވާފައި ވަނީ "ހަމަކަށަވަރުން އެބޭކަލުން ހެޔޮކަންތަކަށް އަވަސްވެ، އަދި ތިމަންރަސްކަލާނގެ އަށް އެދުމާއި ބިރުވެތިކަމާ އެކު، ދުއާ ކުރައްވާ ކަމުގައިވި އެވެ. އަދި ތިމަންރަސްކަލާނގެއަށް މަޑުމައިތިރިވާ ބަޔަކު ކަމުގައި އެބޭކަލުންވޫ އެވެ." (އަލްއަންބިޔާއު 90).
ވީމާ ﷲ ގެ ނިއުމަތްތައް ލިބުމަށް އުފާވުމާއި އެކަލާނގެ އުގޫބާތަށް ބިރުވެތިވުން އެއީ ހަމަ ﷲ އަށް އަޅުވެތިވުމުގެ ތެރެއިން ހިމެނޭ ކަންކަމެވެ. ﷲ ގެ ނަބީންނަކީ ދުނިޔެއާއި އާހިރަތުގައި ﷲ ދެއްވި ދަރުމަ ލިބިވަޑައިގަންނަވާ ބޭކަލުންނެވެ. ޝަހީދުންނާއި އެންމެ ސާލިހު މުއުމިނުންނަށް ﷲ ދެއްވާ މަގާމުގައި ވެސް މާއްދީ ނިއުމަތްތައް ހިމެނެ އެވެ. ހަގީގަތުގައި ބުއްދިވެރިންނަކީ ސުވަރުގޭގެ ނިއުމަތަށް އެދި ނަރަކައިގެ އަޒާބުން މިންޖުވާން މަސައްކަތް ކުރާ މީހުންނެވެ. (އާލް ޢީމްރާން 191).
ވީމާ ސުވަރުގޭގައި ލިބޭނެ ނިއުމަތްތަކުގެ ވާހަކަ ގުރުއާނުގައި ބަޔާން ކުރައްވާފައި އެ ވަނީ އިންސާނާ ބޭނުންވާނެ މާއްދީ ނިއުމަތްތަކާއި ރޫހާނީ ނިއުމަތްތަކެއްގެ ގޮތުގަ އެވެ. އަދި ނަރަކައިގެ އަޒާބުގެ ވާހަކަ ބަޔާންކުރައްވާފައި އެ ވަނީ އިންސާނާ ބޭނުންނުވާނެ މާއްދީ ވޭންތަކާއި ރޫހާނީ ވޭންތަކެއްގެ ގޮތުގަ އެވެ. ހަމައެކަނި ތަފާތަކަށް ވާނީ ކީރިތި ނަބިއްޔާ ﷺ ބަޔާން ކުރައްވާފައިވާ ފަދައިން މި ދުނިޔެމަތިން މި ފެންނަ ނިއުމަތްތަކާ މި ދުނިޔެމަތިން މިފެންނަ ވޭންތަކާ އެއްފަދަ ނުވުން އެކަންޏެވެ. އެހެން ނޫނީ އެއީ ހަމަ މާއްދީ އަދި ރޫހާނީ ނިއުމަތާއި ވޭންތަކެވެ.
ފިތުނަތަކުން ޒުވާނުން ރައްކާތެރިކޮށް އީމާންކަން ގެނައުން
ކައިވެނީގެ އަގުދު ސައްހަކުރަން މަސައްކަތް ކުރުން
މުސްލިމުންނަށް އާ އަހަރު ފާހަގަކުރެވިދާނެ؟
މުސްލިމް މުޖުތަމައުގައި އިސްލާމްވަންތަ މަދަނީ ދައުލަތެއް
އާއިލާ ހިމާޔަތް ކުރުމަށް ދައުލަތުން ލިބޭ ބާރުތައް
އާއިލާ ހިމާޔަތް ކުރުމަށް މުޖުތަމައުން ލިބޭ ބާރުތައް
އާއިލާ ހިމާޔަތް ކުރުމަށް ދީނުން ލިބޭ ބާރުތައް-2
އާއިލާތައް ހިމާޔަތް ކުރުމަށް ދީނުން ލިބޭ ބާރުތައް-1
އާއިލާ ހިމާޔަތް ކުރުމުގައި މުޖުތަމައުގެ މަސްއޫލިއްޔަތު
ކައިވެންޏަށް ހިތްވަރު ދިނުމަށް ކުރެވިދާނެ ކަންކަން