Roadha Mihaaru
ސަމާހުގެ ރާޅުތަކަށް ހެޔޮވަރުކޮށްލި އާ ދުނިޔެ!

ސަމާހުގެ ރާޅުތަކަށް ހެޔޮވަރުކޮށްލި އާ ދުނިޔެ!

05 ޑިސެމްބަރ 2022

ގްރޭޑް އަށަކުން ކަނޑާލިޔަސް އޭނާގެ މައްސަލައެއް ނެތެވެ؛ ކިޔަވާ ހިތެއް ނުވެ އެވެ. އޭނާގެ ހިތަކީ މޫދެވެ. ވިސްނުން އަބަދުމެ ގޮސް ހުސްވެފައި އޮންނަނީ މާ ދުރުގައި އޮންނަ މޫދު ތެރޭގަ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ގްރޭޑް އަށަކުން ކަނޑާލިޔަސް އޭނާގެ މައްސަލައެއް ނެތެވެ؛ ކިޔަވާ ހިތެއް ނުވެ އެވެ. އޭނާގެ ހިތަކީ މޫދެވެ. ވިސްނުން އަބަދުމެ ގޮސް ހުސްވެފައި އޮންނަނީ މާ ދުރުގައި އޮންނަ މޫދު ތެރޭގަ އެވެ.

އޭނާ މޫދަށް ފުންމާލީ ވެސް ކިޔެވުމުގެ މާ ބޮޑު ޝައުގުވެރިކަމެއް ނެތިގެންނެވެ. އެކަމަކު، ނުކިޔަވާ އެހެން ހުންނާތީ، އޭނާގެ މަންމަ ފޮނުވާލީ މޫދަކަށް ނޫނެވެ. އޭނާގެ ބޮޑުބޭބެއަކު އޭރު ފެށި އާ ވިޔަފާރީގައި އެހީތެރިވުމަށެވެ. ނަސީބަކުން އެކަން ގޮސް، ގުޅިފައި އޮތީ މޫދު ކުޅިވަރުތަކާ އެވެ. ހޮލިޑޭ އައިލެންޑްގެ ވޯޓަ ސްޕޯޓްސް ހަރަކާތްތަކުގައި އެހީތެރިވެދެން އުމުރުން އެންމެ 19 އަހަރުގައި، މާލެ އަށް އުފަން އަހުމަދު ސަމާހު އަރުވާޖަހާލި އިރު، މިކަމަކީ އޭނާގެ މުޅި އުމުރު އޭގެ ތެރޭގައި ހުސްކޮށްލަން ޖެހިދާނެ ކަމަކަށް އެއްގޮތަކަށް ވެސް ހިތަކަށް ނާރަ އެވެ. އެކަމަކު، އޭގެ 20 އަހަރު ފަހުން، އޭނާ އަދިވެސް އެ ހުރީ ހަމަ މި މަސައްކަތުގަ އެވެ. ވޯޓަ ސްޕޯޓްސްއަކީ އޭނާގެ މުޅި ދިރިއުޅުމެވެ.

ޓޫރިސްޓުންނަށް ޖެޓްސީ ނޫނީ ފަން ޓިއުބް ރައިޑެއް ނެތިއްޔާ، އޭނާ ފެންނާނީ ސާފު ކުރަން ގޮސް ހުއްޓަ އެވެ. މޫދަށް ނޭރި އެންމެ ދުވަހެއް ވެސް ދޫކޮށެއްނުލަ އެވެ. އެއީ މިދިޔަ 20 އަހަރުގެ ކޮންމެ ދުވަހެއްގެ ވެސް އޭނާގެ ޝެޑިއުލް އެވެ.

ރާއްޖޭގެ ނަން މަޝްހޫރު ގިނަ ރިސޯޓުތަކެއްގެ ވޯޓަ ސްޕޯޓްސް އިންސްޓްރަކްޓަރަކަށް އުޅުމަށް ފަހު އޭނާ ކ. މާފުއްޓަށް ދިރިއުޅުން ބަދަލުކޮށްލީ، މަސައްކަތް ކުރާ ތަން ބަދަލުކޮށްލައި، ތަފާތު ތަޖުރިބާއެއް ހޯދުމަށެވެ. އޭރު އެ ރަށަކީ މިކަން އެހާ ފުޅާކޮށް ކުރާ ރަށެއްކަން ސަމާހަށް ވެސް ނޭންގެ އެވެ. އެކަމަކު އެ ރަށަށް 2020 ވަނަ އަހަރު ދިޔަ އިރު އޭނަ އަށް ވެސް ލިބުނީ ސަޕްރައިޒެކެވެ. ގެސްޓްހައުސް ހިންގާ އެ ރަށުގައި އެކަން ކުރަނީ ރާއްޖޭގެ އެންމެ ލަގްޒަރީ ރިސޯޓުތަކުގައި ކުރާ ވަރަށް ވުރެ ވެސް ފުޅާކޮށެވެ. އޭނާ ބުނީ، މިއީ މުޅި ރާއްޖޭގައި ވެސް ވޯޓަ ސްޕޯޓްސްގެ އެންމެ މައި ރަށް ކަމަށެވެ.

މާފުށީގެ އެންމެ ބިޒީ އެއް ސަރަހައްދަކީ ވެސް ވޯޓަ ސްޕޯޓްސް އޭރިއާ އެވެ. އެތަނުގައި އެކި ފަރާތްތަކުން ހިންގާ، ވޯޓަސްޕޯޓްސް 10 ސްޓޯލް ހުރެ އެވެ. ކޮންމެ އެހާ ގިނަ ސްޓޯލު ހުންނަ އިރު ވެސް އެތަންތަނަށް ވެސް އޮންނަނީ އެކަން ނުކުރެވިފަ އެވެ. އެހާ ވެސް ޑިމާންޑް އެބައޮތެވެ.

އެހެންވެ، އެ ވިޔަފާރި ކުރާ އެންމެން ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ޓޫރިސްޓުންނަށް ވީ އެންމެ ރަނގަޅަށް ވޯޓަ ސްޕޯޓްސް ހަރަކާތްތައް ހިންގާށެވެ. އަންނަ ކޮންމެ ޓޫރިސްޓަކު ހެއްވާލައި، އެމީހުންނާ އެކު އެ ހޭދަކުރާ ވަގުތަކީ މުޅި ދަތުރުގެ އެންމެ "ފަން އެކްސްޕީރަންސް" އަށް ހަދައިދޭން ސަމާހު ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރެ އެވެ.

ސަމާހަކީ މާފުށީގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ހިންގާ ކާނީގެ ވޯޓަ ސްޕޯޓްސް ހަރަކާތް ބަލަހައްޓާ މެނޭޖަރެވެ. އެ ގެސްޓްހައުސްގެ ހުރިހާ ވޯޓަ ސްޕޯޓްސް ހަރަކާތްތަކެއް ހިންގަނީ އޭނާގެ ބެލުމުގެ ދަށުންނެވެ. އެހެންވެ، ޓޫރިސްޓުންނަށް އެންމެ ގަޔާވާނެ ގޮތަށް ކަންކަން ރޭވުމުގެ ހުރިހާ ބާރެއް ވެސް އޮތީ އޭނާގެ އަތުގަ އެވެ.

ވޯޓަ ސްޕޯޓްސްގެ ހަރަކާތަކަށް ޓޫރިސްޓުންތަކެއް ގޮވައިގެން ސަމާހު ފުރަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވޯޓަ ސްޕޯޓްސްގެ ހަރަކާތަކަށް ޓޫރިސްޓުންތަކެއް ގޮވައިގެން ސަމާހު ފުރަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވޯޓަ ސްޕޯޓްސްގެ ބައެއް ކުޅިވަރުތަކަށް އަލަށް ތަޖުރިބާކުރަން ބައެއް ޓޫރިސްޓުން ބިރުން ވެސް އުޅެ އެވެ. އެފަދަ ޓޫރިސްޓުންނަށް ވެސް މިކަމުގައި ހުރި ސަމާލަތީ ކަންކަން ކިޔައިދީ، ވޯޓަ ސްޕޯޓްސް އަށް ލޯބި ޖައްސުވަ އެވެ. އޭނާ ބުނީ ބިރުން ހުންނަ ޓޫރިސްޓު ވެސް ގިނަފަހަރު ކުޅިވަރު ނިންމާލަނީ އުފަލުން ކަމަށެވެ. ތަފާތު ޓޫރިސްޓުންނާ އެކު ހެނދުނުން ފެށިގެން ހަވީރަށް، އެކި ކުޅިވަރުތައް ކުޅުމުގައި ހޭދަކޮށް ނިންމާލެވޭ ގޮތް އޭނާ އަށް ވެސް ނޭންގެ އެވެ. މިއީ މަސައްކަތަކަށް ވުރެ ބޮޑަށް އޭނާ އެންމެ ކުރާ ހިތުން ކުރާ ކަމެވެ.

ސަމާހު ދެކޭ ގޮތުގައި މިފަދަ ކަމެއް ކުރެވޭނީ ވެސް ޑިސިޕްލިނެއް ހުރެގެން، ވަކި އުކުޅުތަކެއް ދަސްކޮށްގެންނެވެ. އަދި މިއީ ޓޫރިޒަމް ފުޅާވަމުން އަންނަ ރަށްރަށުގައި އުޅޭ ޒުވާނުންނަށް އޮތް ރަނގަޅު ފުރުސަތުތަކެއް ކަމަށެވެ.

ވޯޓަ ސްޕޯޓްސް އަށް މަރުދޭ ސަމާހު، އަމިއްލަ ދިރިއުޅުމެއް ފަށަން ވަގުތު ނުދެވިފައި ވެސް ހުރީ މި ކުޅިވަރަށް ހުންނަ ޝައުގެއްގެ ބޮޑުކަމުންނެވެ. މޫދުގެ ކުޅިވަރުތައް ނޫން އިތުރު ކަމަކަށް ވަގުތުދޭން އޭނާގެ ވިސްނުމެއް ވެސް ނެތެވެ. މިކަމުން އޭނާ އަށް ރަނގަޅު މުސާރައެއް ވެސް ލިބެ އެވެ. މަހަކު 1،500 ޑޮލަރު ލިބޭ އިރު ފްރީލާންސްކޮށް ވޯޓަ ސްޕޯޓްސްގެ އިތުރު މަސައްކަތްކޮށްގެން ވެސް ކޮންމެ މަހެއްގެ އާމްދަނީ ބޮޑުކޮށްލެވެ އެވެ.

"މިކަން ދަސްކުރަން ބޭނުންވާ ނަމަ އަންނަންވީ މާފުއްޓަށް. ވޯޓަ ސްޕޯޓްސް ހުރިހާ ކަމެއް މި ރަށުގައި އެބަ އޮތް. މި ރަށަކީ މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ މީހުންނަށް މަސައްކަތް ފަށަން އެންމެ ރަނގަޅު ތަން،" އޭނާ ވިދާޅުވި އެވެ.

ޓޫރިސްޓަކަށް ވޯޓަ ސްޕޯޓްސްގެ ކަންކަން ސަމާހު ކިޔައިދެނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓޫރިސްޓަކަށް ވޯޓަ ސްޕޯޓްސްގެ ކަންކަން ސަމާހު ކިޔައިދެނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިކަމަށް މަރުދޭ ސަމާހު ވަނީ ވިޑް ސާފިން އާއި ސެއިލިން އާއި ކައިޓް ސާފިން އާއި ވިންޑް ބޯޑިން އިން އިންޓަނޭޝަނަލް ސެޓިފިކެޓް ހޯދަައިފަ އެވެ. ޑަބްލިއުޑީޑަބްލިއުއެސް ސެޓްފިކެޓް ލިބުނު އިރު އޭނާ އަންނަނީ މާފުށީގައި ވެސް ޒުވާން ކުދިން މި ދާއިރާ އަށް ނެރުމުގައި އެހީތެރިވަމުންނެވެ.

"ވަރަށް އުފާވޭ، ޒުވާން ކުދިން ދާއިރާއިން ފެންނާތީ. އަހަރެމެން މި މަސައްކަތަށް ވަންއިރު ގިނައިން އުޅެނީ ބިިދޭސީ މީހުން ވޯޓަ ސްޕޯޓްސް އިންސްޓްރަކްޓަރުންނަށް. އެކަމަކު މިހާރު މިކަން މިއޮތީ ވަރަށް ފުޅާވެފައި. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އޭނާ ބުންޏެވެ.

ސަމާހު މިހާރު ބޭނުންވަނީ މި ދާއިރާއިން އޭނާގެ އަމިއްލަ މަސައްކަތެއް ފެށުމަށެވެ. އެހެން ނަމަވެސް، އަދި އެހިސާބަށް ދާން ވަގުތު ބޭނުންވެ އެވެ. އެކަން ފެށުމުގެ ކުރިން ވެސް އޭނާ ބޭނުން ވަނީ މޫދުގެ ހަރަކާތްތަކުގައި ކޮންމެ ދުވަހެއް ހޭދަކުރާ އެވެ. އަދި އަމަލީ ގޮތުން ޓޫރިސްޓުން މި ކުޅިވަރުތައް ކުޅުމުގައި އެހީވާށެވެ.