Roadha Mihaaru
އިންޑިއާ އިން ވޯލްޑް ކަޕަށް ނުދިޔައީ ކީއްވެ؟

އިންޑިއާ އިން 1950 ގެ ވޯލްޑް ކަޕަށް ނުދިޔައީ ކީއްވެ؟

28 ނޮވެމްބަރ 2022

އަވަށްޓެރި އިންޑިއާ އަކީ ކްރިކެޓަށް މަރުދޭ ގައުމެކެވެ. އެ ގައުމުން ކްރިކެޓް ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައިވެ އެވެ. އަދި ދުނިޔޭގެ ފެންވަރުގެ ކްރިކެޓް ތަރިންތަކެއް އުފައްދާފައިވެ އެވެ. އެކަމަކު ގިނަ ބަޔަކަށް ނޭނގުނު ނަމަވެސް ކްރިކެޓުގައި ވިދާލުމުގެ ކުރިން، އިންޑިއާ އަކީ ފުޓްބޯޅައިގެ ވަރުގަދަ ގައުމެކެވެ. އެއީ މީގެ 70 އަހަރު ކުރިން އޭޝިއާގެ ޗެމްޕިއަނެވެ. އެ ޓީމަށް 1950 ވަނަ އަހަރު ބްރެޒިލްގައި އޮތް ފީފާ ވޯލްޑް ކަޕުން ވެސް ފުރުސަތު ލިބުނެވެ. އެކަމަކު އެ ފުރުސަތުގެ ބޭނުމެއް އިންޑިއާ އިން ނުކުރި އެވެ. އެއީ އިންޑިއާގެ ވަރަށް ގިނަ ކުޅިވަރު ނޫސްވެރިން ދެކޭ ގޮތުގައި، އެ ގައުމުން ކުޅިވަރުގައި މިހާތަނަށް ނިންމި އެންމެ ގޯސް ނިންމުމެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އަވަށްޓެރި އިންޑިއާ އަކީ ކްރިކެޓަށް މަރުދޭ ގައުމެކެވެ. އެ ގައުމުން ކްރިކެޓް ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައިވެ އެވެ. އަދި ދުނިޔޭގެ ފެންވަރުގެ ކްރިކެޓް ތަރިންތަކެއް އުފައްދާފައިވެ އެވެ. އެކަމަކު ގިނަ ބަޔަކަށް ނޭނގުނު ނަމަވެސް ކްރިކެޓުގައި ވިދާލުމުގެ ކުރިން، އިންޑިއާ އަކީ ފުޓްބޯޅައިގެ ވަރުގަދަ ގައުމެކެވެ. އެއީ މީގެ 70 އަހަރު ކުރިން އޭޝިއާގެ ޗެމްޕިއަނެވެ. އެ ޓީމަށް 1950 ވަނަ އަހަރު ބްރެޒިލްގައި އޮތް ފީފާ ވޯލްޑް ކަޕުން ވެސް ފުރުސަތު ލިބުނެވެ. އެކަމަކު އެ ފުރުސަތުގެ ބޭނުމެއް އިންޑިއާ އިން ނުކުރި އެވެ. އެއީ އިންޑިއާގެ ވަރަށް ގިނަ ކުޅިވަރު ނޫސްވެރިން ދެކޭ ގޮތުގައި، އެ ގައުމުން ކުޅިވަރުގައި މިހާތަނަށް ނިންމި އެންމެ ގޯސް ނިންމުމެވެ.

އިނގިރޭސިންގެ އަތްދަށުގައި އިންޑިއާ އޮތްއިރު އެ ގައުމަށް 1800ގެ އަހަރުތަކުގެ ފަހުކޮޅު ފުޓްބޯޅަ ތައާރަފުވި ނަމަވެސް، އޭރު އެ ކުޅިވަރު އޮތީ ހަމައެކަނި އެތެރޭގެ ހަރަކާތެއްގެ ގޮތުގަ އެވެ. އިނގިރޭސިންގެ އަތުން އިންޑިއާ އަށް 1947 ވަނަ އަހަރު މިނިވަންކަން ލިބުމާ އެކު ފުޓްބޯޅަ ވެސް މިނިވަންވެ ދުނިޔޭގެ އިސްޓޭޖަށް މިސްރާބު ޖެހި އެވެ.

މިނިވަން ދައުލަތެއްގެ ގޮތުގައި އިންޑިއާ އިން ވާދަކުރި ބައިނަލްއަގްވާމީ ފުރަތަމަ ފުޓްބޯޅަ އިވެންޓަކީ، އިނގިރޭސި ވިލާތުގެ ލަންޑަނުގައި 1948 ވަނަ އަހަރު އޮތް އޮލިމްޕިކްސް އެވެ. އެ މުބާރާތުގައި އިންޑިއާ ކުޅުންތެރިން ކުޅުނީ ހުސްފައިގަ އެވެ. އޭރު ވޯލްޑް ކަޕަށް ވުރެ ޝަރަފްވެރި މުބާރާތެއްގެ ގޮތުގައި އޮތް އޮތް އަދި ފީފާ އިން އިންތިޒާމުކުރި އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގައި އިންޑިއާގެ ފުރަތަމަ ފެނިލުން ވެސް އެތައް ބައެއްގެ ލޮލުގައި އަޅައިގަތެވެ. ކުއާޓާ ފައިނަލުން ގަދަފަދަ ފްރާންސް އަތުން 2-1 އިން ނަމަވެސް އިންޑިއާ އިން މޮޅު ކުޅުމެއް ދެއްކި އެވެ.

މެޗުގެ 70 ވަނަ މިނެޓާ ހަމައަށް ނަތީޖާ 1-1 ގައި އޮތްއިރު، އިންޑިއާ އަށް ދެ ޕެނަލްޓީއެއް ވެސް ލިބުނެވެ. އެކަމަކު ވާރޭ ވެހި ޗަކަ ހެދިފައި އޮތް ލަންޑަނުގެ ސްޓޭޑިއަމުގެ ޕެނަލްޓީ ސްޕޮޓް މަތިން، ޕެނަލްޓީ ޖަހަން ދިޔަ އިންޑިއާ ކުޅުންތެރިޔާ ކައްސާލީ އެވެ.

"އަހަރެމެން ބޫޓު ލައިގެން ތިބި ނަމަ، އަހަރެމެންނަށް މިނިވަންކަން ލިބިގެން އައި ފުރަތަމަ އަހަރު ފްރާންސް ބަލިކުރެވުނީސް. ހިޔާލަށް ގެނެވިދާނެ އޭރުން މި ގައުމުގެ ފުޓްބޯޅަ އަށް ވާނެ ގޮތް،" މިހާރު ނިޔާވެފައިވާ އިންޑިއާގެ މަޝްހޫރު ފުޓްބޯޅަ ކޮމެންޓޭޓަރު އަދި ލިޔުންތެރިޔާ ނޯވީ ކަޕާޑިއާ ބުނެފައިވެ އެވެ.

އިންޑިއާގެ މަޝްހޫރު ކޮމެންޓޭޓަރު ނޯވީ ކަޕާޑިއާ.

އިންޑިއާގެ މަޝްހޫރު ކޮމެންޓޭޓަރު ނޯވީ ކަޕާޑިއާ.

އޭރު ފީފާ އިން ދިޔައީ، ދެ ވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން މެދުކަނޑާލާފައި އޮތް ވޯލްޑް ކަޕް އަލުން ފަށައިގަތުމަށް މަސައްކަތްކުރަމުންނެވެ. އަދި ބްރެޒިލްގައި 1950 ވަނަ އަހަރު އޮތް މުބާރާތުން އޭޝިއާގެ ޓީމަކަށް ޖާގަ ދޭން ނިންމައި އެ ޖާގައަށް ވާދަކުރުމުގެ ފުރުސަތު އިންޑިއާ ހިމެނޭހެން ހަތަރު ގައުމަކަށް ފީފާ އިން ދިނެވެ.

އެކަމަކު އޭގެ ތެރޭގައި ދެން ހިމެނުނު ބަރުމާ އާއި ފިލިޕީންސް އަދި އިންޑޮނީޝިއާ އިން، ބްރެޒިލަށް ކަނޑުމަގުން ކުރަން ޖެހޭ ދިގު ދަތުރުގެ ސަބަބުން ކޮލިފައިން އިން ވަކިވި އެވެ. އެއާ އެކު އިންޑިއާ އަށް ވޯލްޑް ކަޕުގެ ޖާގައެއް އޮޓޮމެޓިކުން ލިބުނެވެ.

އެކަމަކު އިންޑިއާ ވެސް ދާ ހިޔާލެއް ނުކުރި އެވެ. އެއް ސަބަބަކީ އޭރު ވޯލްޑް ކަޕަކީ ދެ ވަނަ ދަރަޖައިގެ މުބާރާތަކަށް ވެފައި އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ހުރިހާ ސަމާލުކަމެއް އޮތީ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގައި ވާދަކުރުމަށް ކަމަށް ވުމެވެ.

"ފެޑެރޭޝަނަށް ހީވީ ވޯލްޑް ކަޕުގައި ކުޅެފި ނަމަ، އޮލިމްޕިކްސްގައި ނުކުޅެވިދާނޭ. އެކަމަކު އެއީ ގޯސްކޮށް ވިސްނިފައި އޮތް ކަމެއް،" ކަޕާޑިއާ ބުންޏެވެ.

އަނެއް ސަބަބަކީ ވޯލްޑް ކަޕަކީ ކިހާ ވަރެއްގެ މުބާރާތެއްކަން ކުޅުންތެރިންނަށް ނޭގޭތީ ކުޅުންތެރިން ވެސް، އަދާކުރަމުން ދިޔަ ވަޒީފާ އިން ޗުއްޓީ ނަގައިގެން ކަނޑުމަގުން ދިގު ދަތުރެއްކޮށް ބްރެޒިލަށް ދާން ބޭނުންނުވުމެވެ.

"މުބާރާތަށް ދިޔަ ނަމަ އިންޑިއާގެ ކެޕްޓަންކަން ކުރާނެ ސައިލެން މަންނަ ގާތު އަހަރެން އެހިން ކީއްވެހޭ ނުދިޔައީ؟ އޭނާ ބުނީ ވޯލްޑް ކަޕަކީ ކޮން މުބާރާތެއްކަން ނޭގޭ ކަމަށާއި އެ މުބާރާތާ ބެހޭގޮތުން ވެސްޓް ބެންގާލުގެ ނޫސްތަކުގައި ލިޔަނީ އެންމެ ޕެރެގްރާފެއް ކަމަށް،" ކަޕާޑިއާ ބުންޏެވެ.

"އޭރު ކުޅެގެން ކުޅުންތެރިންނަށް އާމްދަނީއެއް ނުލިބޭ. އެހެންވެ މުބާރާތަށް ދަންޏާ ވަޒީފާ އިން ވީއްލިގެން ދާން ޖެހޭނީ. އެހެން ދާން ކުޅުންތެރިން ބޭނުންނުވީ."

ވޯލްޑް ކަޕަށް އިންޑިއާ ނުދިޔަ އެހެން ސަބަބެއް ވެސް އޮތެވެ. އެއީ އިންޑިއާ ކުޅުންތެރިން އޭރު ކުޅެމުން ދިޔައީ ހުސްފައިގައި ކަމަށްވުމެވެ. ފެޑެރޭޝަނަށް ގަބޫލުކުރެވުނީ ހުސްފައިގައި ކުޅެގެން ކާމިޔާބެއް ނުހޯދޭނެ ކަމަށެވެ. އަނެއްކޮޅުން ފީފާ އިން އޭރު އޮތީ އެ މުބާރާތުގައި ހުސްފައިގައި ކުޅުން މަނާކޮށްފަ އެވެ.

އިންޑިއާ ކުޅުންތެރިން މެޗަކަށް އަރަން ތައްޔާރުވެގެން.

އިންޑިއާ ކުޅުންތެރިން މެޗަކަށް އަރަން ތައްޔާރުވެގެން.

އެކަމަކު އިންޑިއާ ގެންދަން ބްރެޒިލުން ވަރަށް ބޮޑަށް ބާރު އެޅި އެވެ. މަހާތުމާ ގާންދީގެ ގައުމަށް ވާތީވެ އެވެ. އަލަށް މިނިވަންވި ގައުމަކަށް ވެސް ވާތީވެ އެވެ. އަދި އިންޑިއާގެ ރީތި ކުޅުމުގެ ސަބަބުން، އެއީ އޭޝިއާގެ ބްރެޒިލްގެ ގޮތުގައި ވެސް މަޝްހޫރުވެފައި އޮތުމުންނެވެ.

"ބްރެޒިލުން ފަހުން ހަމަޖައްސައިދިން މަތިންދާން ޓިކެޓު ވެސް. އެކަމަކު އިންޑިއާ އިން ދާ ހިޔާލެއް ނުކުރި،" ކަޕާޑިއާ ބުންޏެވެ.

އެހެންވެ އެ މުބާރާތުގައި އިންޑިއާ ހިމެނުނު ގްރޫޕް ތިނެއް ކުރިއަށް ގެންދިޔައީ ތިން ޓީމު ލައިގެންގެންނެވެ. ކަޕާޑިއާ ބުނި ގޮތުގައި ރަނގަޅަށް ތައްޔާރުވެގެން އިންޑިއާ އިން މުބާރާތަށް ދިޔަ ނަމަ، ގްރޫޕް ސްޓޭޖް ފަހަނައަޅައި ކުއާޓާ ފައިނަލަށް ދެވުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ.

ސަބަބަކީ އެ ގްރޫޕުގައި ދެން ހިމެނުނު އިޓަލީގެ މުހިއްމު ކުޅުންތެރިން މަތިންދާބޯޓު އެކްސިޑެންޓެއްގައި މަރުވުމުން އިޓަލީން ފޮނުވާފައި އޮތީ ބަލިކަށި ޓީމަކަށް ވުމެވެ. ދެން އޮތް ޕެރެގުއޭ އަކީ އޭރު އާދައިގެ ޓީމެކެވެ. އެހެންވެ އެއް ވަނަ ހޯދި ސްވިޑަންއާ ވާދަކޮށް އިންޑިއާ އަށް އެއް ވަނަ ހޯދި ކުއާޓާ ފައިނަލަށް ދެވުނީސް ކަމަށް ކަޕާޑިއާ ގަބޫލުކުރެ އެވެ.

ވޯލްޑް ކަޕުގައި ނުކުޅަސް އިންޑިއާ އަކީ އޭރުގެ ގަދަބާރެއްކަން އެ ގައުމުން ދެން އައި މުބާރާތްތަކުގައި ސާބިތުކޮށްދިނެވެ. އެގޮތުން ޖެހިގެން އައި 1951 ވަނަ އަހަރު ނިއު ދިއްލީގައި އޮތް އެއް ވަނަ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުން އިންޑިއާ ރަން މެޑަލް ހޯދި އެވެ.

އަދި އޮސްޓްރޭލިއާގައި 1956 ވަނަ އަހަރު އޮތް އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓުން ހަތަރު ވަނަ ހޯދި އެވެ. ކުއާޓާ ފައިނަލުން އޮސްޓްރޭލިއާ އަތުން 4-2 އިން މޮޅުވި ނަމަވެސް، ފައިނަލުން ފުރުސަތު ގެއްލުނީ ސެމީ ފައިނަލުން ޔޫގޮސްލާވިއާ އަތުން 4-1 އިން ބަލިވުމުންނެވެ. ލޯ މެޑަލް މެޗުން އިންޑިއާ ބަލިވީ ބަލްގޭރިއާ އަތުން 3-0 އިންނެވެ.

1962 ގެ އޭޝިއަން ގޭމްސްގެ ފުޓްބޯޅައިން ރަން މެޑަލް ހޯދުމަށް ފަހު އިންޑިއާ ކުޅުންތެރިން އުފާފާޅުކުރަނީ.

1962 ގެ އޭޝިއަން ގޭމްސްގެ ފުޓްބޯޅައިން ރަން މެޑަލް ހޯދުމަށް ފަހު އިންޑިއާ ކުޅުންތެރިން އުފާފާޅުކުރަނީ.

އޭގެ ހަތަރު އަހަރު ފަހުން، 1960 ގައި އިޓަލީގެ ރޯމްގައި އޮތް އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުން ގްރޫޕް ސްޓޭޖުގައި ފްރާންސްއާ 1-1 އިން އެއްވަރުކުރި އެވެ. ސެމީ ފައިނަލުން ފުރުސަތު ގެއްލުނު އެއް ސަބަބަކީ އޭރުގެ ގަދަބާރު ހަންގޭރީ އަތުން 2-1 އުިން ބަލިވުމުންނެވެ. ޗިލީގައި 1962 ގައި އޮތް ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ކުޅުނު ހަންގޭރީ ޓީމަށް، އިންޑިއާ އަތުން މޮޅުވި ޓީމުގެ ހަތް ކުޅުންތެރިއަކު ކުޅުނެވެ.

އިންޑިއާ އިން ވަނީ ރޯމް އޮލިމްޕިކްސްގެ ދެ އަހަރު ފަހުން 1962 ގައި އިންޑޮނީޝިއާގެ ޖަކާޓާގައި އޮތް އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން 2-0 އިން ބަލިވި ނަމަވެސް އަނެއް ދެ މެޗުން، ތައިލެންޑް އަތުން 4-1 އިން އަދި ޖަޕާން 2-0 އިން މޮޅުވެ ސެމީ ފައިނަލަށް ހޮވުނެވެ. ސެމީން މޮޅުވީ ދެކުނު ވިއެޓްނާމް އަތުން 3-2 އިންނެވެ. އަދި ރަން މެޑަލް ހޯދީ ފައިނަލުގައި ދެކުނު ކޮރެއާ 2-1 އިން ބަލިކޮށްގެންނެވެ.

އިންޑިއާ ވަނީ އިސްރާއީލްގައި 1964 ވަނަ އަހަރު އޮތް އޭޝިއަން ކަޕުގެ ދެ ވަނަ ވެސް ހޯދައިފަ އެވެ. ދެކުނު ކޮރެއާ އަތުން 2-0 އިން އަދި ހޮންކޮން އަތުން 3-1 އިން މޮޅުވެ ތަށި ހޯދުމާ ގާތަށް ދިޔަ ނަމަވެސް އެ ފުރުސަތު ގެއްލުނީ ޗެމްޕިއަން އިސްރާއީލް އަތުން 2-0 އިން ބަލިވުމުންނެވެ.

އިންޑިއާގެ ފުޓްބޯޅައިގެ ރަންޒަމާނުގެ ފަހު ކާމިޔާބަކީ، 1970 ވަނަ އަހަރު ތައިލެންޑުގެ ބެންކޮކުގައި އޮތް އޭޝިއަން ގޭމްސްގެ ލޯ މެޑަލް ހޯދުމެވެ. ކުއާޓާ ފައިނަލަށް ހޮވުނީ ތައިލެންޑާއި ދެކުނު ވިއެޓްނާމްއާ ވާދަކޮށް ގްރޫޕުގެ އެއް ވަނަ ހޯދައިގެންނެވެ. ކުއާޓާގެ ގްރޫޕް ސްޓޭޖުގައި ޖަޕާނާއި އިންޑޮނީޝިއާއާ ވާދަކޮށް އިންޑިއާ ދެ ވަނަ އަށް ދިޔަ ނަމަވެސް ސެމީ ފައިނަލުން ފުރުސަތު ހޯދި އެވެ. ސެމީން ބަލިވީ ބަރުމާ އަތުން 2-0 އިންނެވެ. ލޯ މެޑަލް ހޯދީ ޖަޕާން އަތުން 1-0 އިން މޮޅުވެގެންނެވެ.

އިންޑިއާގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ޕީ.ޖޭ ބެނާޖީ (ވ) މެޗެއްގައި ކުޅެނީ.

އިންޑިއާގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ޕީ.ޖޭ ބެނާޖީ (ވ) މެޗެއްގައި ކުޅެނީ.

އިންޑިއާގެ އޭރުގެ ތަރި ޕީ.ކޭ ބެނާޖީ އަށް ފީފާ އިން ވަނީ އެ ޖަމިއްޔާގެ އެންމެ މަތީ އެވޯޑް ކަމަށްވާ، ފީފާ އޯޑާ އޮފް މެރިޓް ދީފަ އެވެ. ފަހުން ކޯޗަކަށް ބަދަލުވި ބެނާޖީގެ އިރުޝާދުގެ ދަށުން އިންޑިއާގެ މޯހަން ބަގާން އިން ވަނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ޕެލޭ ހިމެނިގެން ކުޅުނު އެމެރިކާގެ ނިއުޔޯކް ކޮސްމޯސްއާ، ކަލްކަތާގެ އީޑެން ގާޑެންސްގައި 2-2 އިން އެއްވަރުކޮށްފަ އެވެ.

އިންޑިއާގެ ފުޓްބޯޅައިގެ އޭރުގެ ކާމިޔާބީގެ ސިއްރަކީ ވަރުގަދަ ކްލަބްތަކެއް އޮތުމެވެ. ސްޓޭޓްތަކުގައި ފޯރިގަދަ ލީގުތަކެއް އޮތުމެވެ. އަދި ވާދަވެރި ޑޮމެސްޓިކް މުބާރާތްތަކެއް ވެސް އޮތުމެވެ. އެގޮތުން އިނގިރޭސިންގެ ޒަމާނުގައި 1888 ވަނަ އަހަރު ފެޑި ޑުރަންޑް ކަޕަކީ، އޭޝިއާގެ އެންމެ ފުރަތަމަ ފުޓްބޯޅަ މުބާރާތެވެ. އަދި އެއީ އިނގިރޭސި އެފްއޭ ކަޕާއި ސްކޮޓިޝް އެފްއޭ ކަޕް ނަގާފައި ދުނިޔޭގައި ބާއްވާ އެންމެ ގިނަ ދުވަސްވީ މުބާރާތް ވެސް މެ އެވެ.

ނަމަވެސް ދިއްލީ އާއި ހައިދަރުއާބާދާއި ޕަންޖާބުގެ ފުޓްބޯޅައިގެ ފޯރިދަށްވެ، އިންޑިއާ ފުޓްބޯޅަ ހަމައެކަނި ކަލްކަތާ އާއި ގޯއާ އަށް ބަރޯސާވާން ފެށުމުގެ ނަތީޖާއަކަށްވީ އެ ކުޅިވަރުގެ ވަޅުޖެހެން ފެށުމެވެ. އަނެއްކޮޅުން އޭރު ކްރިކެޓް ދިޔައީ އަރަމުންނެވެ. އިންޑިއާގެ ކްރިކެޓް ޓީމުން އިނގިރޭސިންގެ މައްޗަށް ކުރި ހޯދައި 1983 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރުމާ އެކު އެ ކުޅިވަރުގެ ފޯރި ގަދަވި އެވެ. އަދި 1991 ވަނަ އަހަރު އިންޑިއާގެ އިގްތިސާދު ހުޅުވި، އެ ގައުމަށް ސެޓެލައިޓް ޓީވީ ތައާރަފްވީ، ސަޗިން ޓެންޑުލްކާރް ފަދަ ތަރިންގެ ވިދައިގަތް ދުވަސްވަރަށެވެ. ނަތީޖާއަކަށްވީ ޓީވީގެ ސަމާލުކަން ކްރިކެޓަށް ލިބުނެވެ.

އަށްޑިހައިގެ އަހަރުތަކުން ފެށިގެން ނުވަދިހައިގެ އަހަރުތަކުގައި އިންޑިއާ ފުޓްބޯޅަ އޮތީ އެއްވެސް ބަޔަކު އަޅާނުލައި ދޫކޮށްލައިފަ އެވެ. ދެކުނު އޭޝިއާގައި ކާމިޔާބު ހޯދި ނަމަވެސް އޭޝިއާ ފެންވަރުގައި ކާމިޔާބެއް ނުހޯދެ އެވެ. އެކަމަކު އަނެއްކާ ވެސް އިންޑިއާގައި މިހާރު ފުޓްބޯޅައިގެ ފޯރި އަންނަނީ ގަދަވަމުންނެވެ. އެ ގައުމުގެ ޒުވާނުންގެ މެދުގައި ފުޓްބޯޅަ ހާއްސަކޮށް ޔޫރަޕުގެ ކްލަބް ފުޓްބޯޅަ މަގުބޫލެވެ.

އިޓަލީއާ އެކު 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި އަލެސަންދްރޯ ނެސްޓާ (ވ) އާއި މާކޯ މަޓެރާޒީ އިންޑިއަން ސުޕަ ލީގުގައި ކުޅުނުއިރު މެޗަކަށް ފަހު ސަޕޯޓަރުންނާ އެކު ފޮޓޯއަކަށް ހުއްޓިގެން.

އިޓަލީއާ އެކު 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި އަލެސަންދްރޯ ނެސްޓާ (ވ) އާއި މާކޯ މަޓެރާޒީ އިންޑިއަން ސުޕަ ލީގުގައި ކުޅުނުއިރު މެޗަކަށް ފަހު ސަޕޯޓަރުންނާ އެކު ފޮޓޯއަކަށް ހުއްޓިގެން.

ސުޕަ ލީގުގެ ނަމުގައި ތައާރަފުކުރި ލީގުން ފައިސާ އޮހެ އެވެ. އަދި ދުނިޔޭގެ މަޝްހޫރު އެތައް ތަރިންނެއް ރިޓަޔާމަންޓް އުމުރުގައި އެ ލީގުގެ ކްލަބްތަކަށް ކުޅެ އެވެ. އޭގެ ތެރެއިން ބައެއް ކްލަބްތައް ހިންގަނީ ވިޔަފާރިވެރިންނާއި ފިލްމީ ތަރިންނާއި ކްރިކެޓް ތަރިން ގުޅިގެންނެވެ. އެހެންވެ އެ ކްލަބްތަކާއި ކުޅުންތެރިންނަށް ބޮޑު ސަމާލުކަމެއް ލިބެ އެވެ. އަދި ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރު އިންގްލެންޑުގެ މެންޗެސްޓާ ސިޓީ ހިންގާ އަބޫ ދާބީގެ މަހުޖަނުން އިންޑިއާގައި ވެސް ކްލަބެއް އޮޕަރޭޓްކުރެ އެވެ.

އިންޑިއާ ގައުމީ ޓީމުގެ ނަތީޖާތައް ވެސް އަލުން ރަނގަޅުވެ އޭޝިއަން ކަޕުގައި ގަވާއިދުން އަންނަނީ ކުޅެމުންނެވެ. އަނެއްކޮޅުން އިންޑިއާގެ ބިޔަ އާބާދީގެ ތެރޭގައި ފުޓްބޯޅަ އާލާވެއްޖެ ނަމަ ލިބޭނެ މާލީ ފައިދާއަށްޓަކައި ފީފާ އިން ވެސް ވަނީ އިންޑިއާގެ އަތުގައި ހިފައިފަ އެވެ. އެގޮތުން ޔޫތު ލެވެލްގެ ދެ ވޯލްޑް ކަޕެއް އެ ގައުމުގައި ފީފާ އިން ބާއްވައިފި އެވެ.

ކުރީގެ ކާމިޔާބީތަކަށް ފަހު ވަރުގަދަ ނިންޖެއްގައި އޮތް އިންޑިއާގެ ފުޓްބޯޅަ މިހާރު ހޭލައިފި އެވެ. އެކަމަކު ފައިސާ އާއި ބާރުވެރިކަމަށް ވުރެ ފުޓްބޯޅައިގެ ކާމިޔާބީ ގުޅިފައިވަނީ ހުނަރުވެރިކަމާ ކަމަކަށްވާތީ އިންޑިއާ އިހު އޮތް ފެންވަރަށް ގޮސް ވޯލްޑް ކަޕާ ހަމައަށް ދިއުމަކީ ކައިރި މުސްތަގުބަލެއްގައި ވުމަށް ވުރެ ނާދިރުކަމެކެވެ.