Roadha Mihaaru

އިންޑިއާއިން ފުޓްބޯޅައިގެ ހުނަރު ހުސްވީތަ؟

މިދިޔަ 15 އަހަރަކީ، އިންޑިއާގެ ފުޓްބޯޅައިގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި ދުވަސްވަރެވެ. އެ މުއްދަތުގައި ހަތަރު ފަހަރަށް އޭޝިއަން ކަޕަށް އެ ގައުމު ކޮލިފައިވި އެވެ. އެކަމަކު ވިދިވިދިގެން ތިން ފަހަރަށް ފަހު އިންޑިއާ އަށް 2027 ގެ އޭޝިއަން ކަޕް ފުރުސަތު ގެއްލިގެން ދިޔައިރު އެ ގައުމުގެ ފުޓްބޯޅަ ވެސް ވަޅުޖެހިއްޖެ އެވެ.

އިންޑިއާއިން ފުޓްބޯޅައިގެ ހުނަރު ހުސްވީތަ؟
ހުސެއިން ހަބީބް
ހުސެއިން ހަބީބް

15 ޑިސެމްބަރ 2025

މިދިޔަ 15 އަހަރަކީ، އިންޑިއާގެ ފުޓްބޯޅައިގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި ދުވަސްވަރެވެ. އެ މުއްދަތުގައި ހަތަރު ފަހަރަށް އޭޝިއަން ކަޕަށް އެ ގައުމު ކޮލިފައިވި އެވެ. އެކަމަކު ވިދިވިދިގެން ތިން ފަހަރަށް ފަހު އިންޑިއާ އަށް 2027 ގެ އޭޝިއަން ކަޕް ފުރުސަތު ގެއްލިގެން ދިޔައިރު އެ ގައުމުގެ ފުޓްބޯޅަ ވެސް ވަޅުޖެހިއްޖެ އެވެ.

އިންޑިއާގެ އެންމެ ބޮޑު ފުޓްބޯޅަ ލީގު، ސުޕަ ލީގާއި އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނާ މެދު އުފެދުނު ކޯޅުންތަކުގައި ލީގު ވެސް އޮތީ ހުއްޓިފަ އެވެ. ފީފާގެ ސަސްޕެންޝަނަކާ ވެސް 2022 ގައި ކުރިމަތިލާން ޖެހުނު އިންޑިއާގެ ފުޓްބޯޅަ އަޑިގަނޑުން ނަގައިގަންނަށް އެ ގައުމުން މަސައްކަތްތަކެއް ފެށި އެވެ. އެ ގައުމުގައި އުފެއްދި އެންމެ މޮޅު ކުޅުންތެރިޔާ މަޝްހޫރު ސުނިލް ޗެތުރީ ވެސް ގައުމީ ޓީމުން ރިޓަޔާކޮށްފައި ވަނިކޮށް އޭނާ އަލުން ގައުމީ ޓީމަށް ގެނެސްގެ ކުޅުވަން ފެށި އެވެ. އެކަމަކު ހިތްވަރުގަދަ ޗެތުރީ އަށް ވެސް، ގެނބެމުންދިޔަ އިންޑިއާގެ ފުޓްބޯޅަ އަިގަނޑުން ނުނެގުނެވެ. އޭޝިއަން ކަޕް ކޮލިފައިންގައި އޭނާ ގޮވައިގެން މިދިޔަ އަހަރު ނުކުތް ނަމަވެސް ނަތީޖާތަކެއް ނުނެރެވުނެވެ.

ބިދޭސީ ކޯޗުންގެ މައްޗަށް ބަރޯސާކޮށްފައިވާ އިންޑިއާގެ ފުޓްބޯޅައިން، ގައުމީ ޓީމުގެ ކޯޗުކަމަށް އިހްތިޔާރު ކުރީ އެ ގައުމުގެ އުއްމީދީ ކޯޗު ހާލިދު ޖަމާލެވެ. ކޯޗަކު ހޯދަން އިންޑިއާއިން ހުޅުވާލި ފުރުސަތުގައި މަޝްހޫރު ކޯޗުންތަކެއް އެ ގައުމުގެ ހެޑް ކޯޗުކަމަށް ކުރިމަތިލި އެވެ. އިންޑިއާގެ ފުޓްބޯޅަ އާއި ދެކުނު އޭޝިއާގެ ފުޓްބޯޅަ އަށް ފަރިތަ ކޯޗުން ވެސް ސީވީ ހުށަހެޅި އެވެ.

އެކަމަކު އިންޑިއާއިން އެ ފުރުސަތު ދިނީ ހާލިދު ޖަމާލަށެވެ. ބިދޭސީ ކޯޗަކަށް މަގާމު ހަވާލު ކުރިޔަސް، ކުރު މުއްދަތަކުން ހާލަތު ބަދަލު ނުކުރެވޭނެކަން ވެސް އެނގޭތީ އެވެ. އިންޑިއާގެ އެފްއޭގެ ޓެކްނިކަލް އޮފިޝަލުންނަށް ވެސް ވިސްނުނީ އިންޑިއާގެ ކޯޗަކު މަގާމުގައި ބަހައްޓައިގެން ގައުމީ ޓީމުގެ އަލުން ބިނާކުރުމުގެ މަސައްކަތް ކުރުމަށެވެ.

ކުރިން އޮސްޓްރޭލިއާގެ ގައުމީ ޓީމަށް ކުޅުނު ރަޔަން ވިލިއަމްސް: އިންޑިއާގެ ގައުމީ ޓީމަށް ކުޅުމުގެ ހުއްދަ ފީފާއިން ވަނީ ދީފަ

ކުރިން އޮސްޓްރޭލިއާގެ ގައުމީ ޓީމަށް ކުޅުނު ރަޔަން ވިލިއަމްސް: އިންޑިއާގެ ގައުމީ ޓީމަށް ކުޅުމުގެ ހުއްދަ ފީފާއިން ވަނީ ދީފަ

ގައުމީ ޓީމު އަލުން ބިނާ ކުރުމުގެ މަސައްކަތް އިންޑިއާއިން ފެށީ، އެ ގައުމުގެ ފުޓްބޯޅައިގައި މީގެކުރިން ކޮށްފައި ނެތް ތަޖުރިބާއެއްގެ މައްޗަށް ބިނާކޮށެވެ. ގައުމިއްޔަތާއި އަސަބިއްޔަތު މޫލައި ހެދި ބޮޑުވެފައިވާ ގައުމުގެ ފުޓްބޯޅަ ބަދަލުކުރަން އިންޑިއާގެ އެތެރެއިން ހުނަރުވެރި ކުޅުންތެރިންތަކެއް ހޯދޭނެ ގޮތެއް ނުވި އެވެ. އެހެންވެ އިންޑިއާއިން މިސްރާބު ޖެހީ އެހެން ގައުމުތަކަށް ނިސްބަތްވާ އިންޑިއާ ދަރިކޮޅުގެ ކުޅުންތެރިން ހޯދަން އަތްފުނާއަޅާށެވެ.

އެ މަސައްކަތުގައި އިންޑިއާއިން އެންމެ ފުރަތަމަ އެ ފުރުސަތު ދިނީ ކުރިން އޮސްޓްރޭލިއާގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ރަޔަން ވިލިއަމްސް އެވެ.

ޖޫން 2019 ގައި ދެކުނު ކޮރެއާ ދެކޮޅަށް އެސްޓްރޭލިއާއިން ކުޅުނު އެކުވެރިކަމުގެ މެޗުގައި ވިލިއަމްސް ކުޅުނުވެ. އެކުވެރިކަމުގެ މެޗުތަކުގައި ކުޅުނަސް ގައުމީ ޓީމު ބަދަލު ކުރުމަކީ ފީފާގެ ގާވާއިދުން ހުއްދަ ކުރާ ކަމެކެވެ. އެކަމަކު ސީނިއާ ގައުމީ ޓީމުގައި ރަސްމީ އެއްވެސް މެޗެއް ކުޅެފިނަމަ ގައުމީ ޓީމު ބަދަލެއް ނުކުރެވޭނެ އެވެ.

ނޭޕާލަށް އުފަން ބޮލީވިއާގެ އެއްވަނަ ޑިވިޝަނުގެ ކްލަބަކަށް ކުޅެމުން އަންނަ ޑިފެންޑަރު އަބީނީޓް ބަރްތީ އަށް ވެސް އިންޑިއާގެ ޓީމަށް ކުޅެވޭނެ ގޮތް ހަދަން އިންޑިއާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ކެނެޑާގެ 23 އަހަރުންދަށުގެ ޓީމަށް ވެސް ކުޅެފައިވާ ޝާން ހަންޑާލް: އިންޑިއާ ދަރިކޮޅުގެ ހަންޑާލް އިންޑިއާގެ ގައުމީ ޓީމަށް ކުޅެން ބޭނުންވޭ

ކެނެޑާގެ 23 އަހަރުންދަށުގެ ޓީމަށް ވެސް ކުޅެފައިވާ ޝާން ހަންޑާލް: އިންޑިއާ ދަރިކޮޅުގެ ހަންޑާލް އިންޑިއާގެ ގައުމީ ޓީމަށް ކުޅެން ބޭނުންވޭ

އިންޑިއާގެ ގާނޫނު ބުނާގޮތުން އެ ގައުމުގެ ރަށްވެއްސަކަށް ވުމަށް ފަހު އެ ގައުމެއްގެ ރަށްވެއްސަކަށް ނުވެވޭނެ އެވެ. ވިލިއަމްސް އިންޑިއާގެ ގައުމީ ޓީމަށް ކުޅެން ނިންމީ އޮސްޓްރޭލިއާގެ ރަށްވެހިކަން ދޫކޮށްލުމަށް ފަހު އެވެ.

ކެނެޑާގެ 23 އަހަރުންދަށުގެ ޓީމަށް ވެސް ކުޅެފައިވާ ޝާން ހަންޑާލް ހުރީ އިންޑިއާގެ ގައުމީ ޓީމަށް ކުޅެން ތައްޔާރަށެވެ. އެކަމަކު އިންޑިއާގެ ރަށްވެހިކަން ހޯދުމުގެ މަރުހަލާތައް އުނދަގޫވުމުން އެކަމުގެ ކަންބޮޑުވުން އެނާ ވަނީ ފާޅުކޮށްފަ އެވެ. ސިކް ދީނުގެ އާއިލާ އަކަށް ނިސްބަތްވާ ޝަން ހަންޑާލްގެ މައިންބަފައިންގެ އަސްލު ގުޅެނީ އިންޑިއާގެ ޕަންޖާބް ސިޓީއާ އެވެ.

އިންޑިއާގެ ރަށްވެހިކަން ހޯދަން، މަދުވެގެން އެއް އަހަރު އެ ގައުމުގައި ދިރިއުޅެން ޖެހެ އެވެ. ކެނަޑާގެ ޕްރިމިއާ ލީގުގެ ޔޯކް އެފްސީގެ ސްޓައިކަރު ހުރީ އެ ކްލަބް ދޫކޮށް އިންޑިއާގެ ސުޕަ ލީގަށް ބަދަލުވާން ތައްޔާރަށެވެ. އޭރުން އޭނާ އަށް އިންޑިއާގައި ދިރިއުޅުމުގެ ފުރުސަތު ލިބޭނެ އެވެ.

ގައުމުން ބޭރުގައި ކުޅޭ އިންޑިއާ ދަރިކޮޅުގެ އިތުރު ކުޅުންތެރިން ހޯދަން ފަށާފައިވާ މަސައްކަތުގައި އެންމެ ގިނަ ކުޅުންތެރިން ތިބީ އިނގިރޭސިވިލާތުގަ އެވެ. އެ ގައުމުގެ ދަށް ޑިވިޝަންތަކުގެ ކުޅޭ ކުޅުންތެރިންނެވެ.

ބާމިންހަމް ސިޓީ އަށާއި އިންގްލެންޑްގެ 17 އަހަރުންދަށުގެ ގައުމީ ޓީމަށް ވެސް ކުޅުނު މިޑްފީލްޑަރު ބްރެންޑަން ކެލާ: އޭނާ އިންޑިއާގެ ގައުމީ ޓީމަށް ގެންނަން އެ ގައުމުގެ ފެޑެރޭޝަނުން ބޭނުންވޭ

ބާމިންހަމް ސިޓީ އަށާއި އިންގްލެންޑްގެ 17 އަހަރުންދަށުގެ ގައުމީ ޓީމަށް ވެސް ކުޅުނު މިޑްފީލްޑަރު ބްރެންޑަން ކެލާ: އޭނާ އިންޑިއާގެ ގައުމީ ޓީމަށް ގެންނަން އެ ގައުމުގެ ފެޑެރޭޝަނުން ބޭނުންވޭ

ލިވަޕޫލްގެ ޔޫތު ޓީމަށާއި އިންގްލެންޑްގެ 16 އަހަރުންދަށް އަދި 17 އަހަރުންދަށުގެ ގައުމީ ޓީމަށް ކުޅެފައިވާ ޔާން ދަންދާ ވަނީ އިންޑިއާގެ ރާޑަރަށް އަރައިފަ އެވެ. އޭނާ ވެސް ހުރީ އިންޑިއާގެ ޓީމަށް ކުޅެން ތައްޔާރަށެވެ. ޓޮޓްނަމް ހޮޓްސްޕާގެ ސްކޮޑްގައި ވެސް ކުރިން ހިމެނުނު ޑިލާން މާކަންޑޭ އަށް ވެސް ހުރީ އިންޑިއާގެ ފުރުސަތެއްގެ އިންތިޒާރުގަ އެވެ.

ބާމިންހަމް ސިޓީ އަށާއި އިންގްލެންޑްގެ 17 އަހަރުންދަށުގެ ގައުމީ ޓީމަށް ވެސް ކުޅުނު މިޑްފީލްޑަރު ބްރެންޑަން ކެލާ އަށް ވެސް އިންޑިއާގެ ޝައުގުވެރިކަން އެބައޮތެވެ.

ގައުމުން ބޭރުގައި ކުޅޭ އިންޑިއާ ދަރިކޮޅުގެ ކުޅުންތެރިންނަށް ރަށްވެހިކަން ދީގެން، ނޫން ގޮތަކަށް، އިންޑިއާގައި ފުޓްބޯޅަ އަލުން ކޮލަށް ނެގޭނެ ގޮތެއް ނެތީހެއްޔެވެ. އިންޑިއާގެ އެތެރެއިން އެ ގައުމުގެ ފުޓްބޯޅަ ބަދަލުކޮށްލެވޭނެ ވަރުގެ ކުޅުންތެރިން ނުހޯދުނީ ހެއްޔެވެ. އެ ގައުމުގެ ޔޫތު ޑިވެލޮޕްމެންޓްގެ ސެޓަޕް މެދުވެރިކޮށް އެ ފެންވަރުގެ ކުޅުންތެރިން ނުއުފެދެނީ ހެއްޔެވެ. ޔޫތު ޑިވެލޮޕްމެންޓް ސެޓަޕްގައި އެ ހަކަތަ ނެތީ ހެއްޔެވެ.

މަޝްހޫރު ދި ގާޑިއަން ނޫހުން ކުރިއަށް އޮތް ދިހަ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭނެކަމަށް 2020 ގައި އެކުލަވާލި 60 ކުޅުންތެރިންގެ ލިސްޓްގައި، އިންޑިއާގެ ބިކާޝް ޔުމްނާމް ހިމެނުނެވެ. އޭރު އުމުރުން 17 އަހަރުގެ ޑިފެންޑަރާ މެދު އިންޑިއާގެ ފުޓްބޯޅައިން ބޮޑު އުއްމިދެއް ކުރި އެވެ. އެކަމަކު މިހާރު އުމުރުން 22 އަހަރުގައި ވެސް އޭނާގެ ފަރާތުން އުއްމީދު ކުރިވަރުގެ ތަފާތެއް ނުފެނުނެވެ. މިއީ އިންޑިއާގެ ފުޓްބޯޅައިގެ ރެކްރޫޓްމެންޓްގެ މައްސަލައެއް ހެއްޔެވެ. އެ ގައުމުގެ އެތެރޭގައި ފުޓްބޯޅައިގެ ހުނަރު ހުސްވީ ހެއްޔެވެ.؟