Roadha Mihaaru
ފަޅުރަށްތައް ކުއްޔަށްދޭއިރު މަޝްވަރާކުރަން ޖެހޭނެ

ފަޅުރަށްތައް ކުއްޔަށްދޭއިރު އަތޮޅު ކައުންސިލާ މަޝްވަރާކުރަން ޖެހޭ ގޮތަށް ހަދައިފި

28 ނޮވެމްބަރ 2022

އެކި ބޭނުންތަކަށް ފަޅުރަށްތައް ކުއްޔަށް ދޫކުރާއިރު އެ ފަޅުރަށެއް އޮތް އަތޮޅުގެ އަތޮޅު ކައުންސިލާ މަޝްވަރާކުރަން ޖެހޭ ގޮތަށް ފަޅުރަށްރަށާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެކި ބޭނުންތަކަށް ފަޅުރަށްތައް ކުއްޔަށް ދޫކުރާއިރު އެ ފަޅުރަށެއް އޮތް އަތޮޅުގެ އަތޮޅު ކައުންސިލާ މަޝްވަރާކުރަން ޖެހޭ ގޮތަށް ފަޅުރަށްރަށާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ފަޅުރަށްތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ލާމަރުކަޒީ ކޮމެޓީއަށް އިސްލާހު ހުށަހެޅުއްވީ ބާރަށު ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު އަބްދުﷲ އެވެ.

ކޮމިޓީން ދިރާސާކޮށް، މަޖިލީހުގެ ތަޅުމަށް ފޮނުވާފައި އެ އިސްލާހު މިއަދު ފާސްކުރީ 53 މެމްބަރުންގެ ތާއީދާ އެކު އެވެ.

އެ އިސްލާހު ހުށަހެޅީ ފަޅުރަށްތަކާ ބެހޭ ގާނޫނު މިހާރު އޮތް ގޮތުން، ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ ބައެއް އިސްލާހުތަކަށް ފުށު އަރާތީ އެވެ. އެ ގާނޫނުގެ 13 މާއްދާއަކަށް އިސްލާހު ގެންނަން ހުށަހެޅި އެވެ.

ފަޅުރަށެއް ކުއްޔަށް ދޭއިރު އަތޮޅު ކައުންސިލާ މަޝްވަރާކުރަން ޖެހޭ އިސްލާހު އިތުރުކުރީ، ދަނޑުވެރިކަމަށް ދޫކޮށްފައިވާ ވ. ހުޅިދުއާ ގުޅޭ ގޮތުން ވ. އަތޮޅު ކައުންސިލާއި ސަރުކާރާ ދެމެދުގައި ދެބަސްވުންތަކެއް އުފެދުނު ދަނޑިވަޅުގައި، މިދިޔަ މަހު އެވެ. ދަނޑުވެރިކަމުގެ ބޭނުމަށް 2017 ވަނަ އަހަރު ދިން ހުޅިދޫގައި އެއްވެސް މަސައްކަތެއް ނުކުރާތީ އެ ރަށް އަތުލަން އަތޮޅު ކައުންސިލުން ވަނީ ސީދާ ހަރަކާތް ފަށައިފަ އެވެ.

ގާނޫނަށް އިތުރުކުރަން ފާސްކުރި އިސްލާހުގައި ބުނެފައިވާ ގޮތުން "މަސްވެރިކަމުގެ ނުވަތަ ދަނޑުވެރިކަމުގެ ނުވަތަ ސިނާއީ އެހެން ބޭނުމަކަށް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފަޅުރަށެއް ކުއްޔަށް ދޭނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ސިނާއަތެއް ހިންގާ ބެލެހެއްޓުމުގެ މެންޑޭޓް ތަންފީޒުކުރާ މިނިސްޓްރީއަކުން ނުވަތަ އިދާރާއަކުންނެވެ. އަދި އެފަދަ ރަށެއް ކުއްޔަށް ދިނުމުގެ ކުރިން އެ މިނިސްޓްރީއަކުން އަތޮޅު ކައުންސިލްގެ މަޝްވަރާ ހޯދަން ވާނެ އެވެ،" މިހެންނެވެ.

މިއަދު ފާސްކުރި އިސްލާހަށް އަމަލުކުރަން ފެށުމާ އެކު، ލާމަރުކަޒީ ގާނޫނަށް ފުށުއެރުމެއް ނެތި ރަށްރަށުގެ އިހުތިސާސްގައި ހިމެނޭ ފަޅުރަށްތަކުގެ ބޭނުން ކައުންސިލްތަކަށް ފުރިހަމަ އަށް ލިބޭނެ އެވެ. އަދި އެ ރަށެއްގެ އިހުތިސާސްގައި ހުރި ފަޅުރަށްތައް އެކި ފަރާތްތަކަށް ވަރުވާއަށް ލިޔެދީ، ކުއްޔަށްދީ، ނަފާ ހޯދުމުގެ ބާރު ވެސް އެ ރަށެއް ނުވަތަ ސިޓީ ކައުންސިލަށް ލިބޭނެ އެވެ.