Roadha Mihaaru
އެއިޑްސް:ދިރިއުޅުމުގެ ވައްޓަފާޅިން ދިފާއީ ނިޒާމު ބަލިވޭ

އެއިޑްސް ދުވަސް: ދިރިއުޅުމުގެ ވައްޓަފާޅިން ދިފާއީ ނިޒާމު ބަލިކަށިކޮށްލާ

01 ޑިސެމްބަރ 2022

ބައެއް މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރީ ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިކޮށްލާ އަދި ފުރާނަ އަށް ނުރައްކާވާ އެޗްއައިވީ ޖައްސާ ގޮތަށެވެ. އެކަކު ބޭނުންކޮށްފައި ހުންނަ ސިރިންޖު އަނެކަކު ބޭނުންކުރުމާއި ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމަކީ އެ ވައިރަސް ހަށިގަނޑަށް އަރައި، އޭގެ ސަބަބުން ޖެހޭ ބަލި، އެއިޑްސް އަށް މަގުފަހިވާ ކަންކަމެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބައެއް މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރީ ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިކޮށްލާ އަދި ފުރާނަ އަށް ނުރައްކާވާ އެޗްއައިވީ ޖައްސާ ގޮތަށެވެ. އެކަކު ބޭނުންކޮށްފައި ހުންނަ ސިރިންޖު އަނެކަކު ބޭނުންކުރުމާއި ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމަކީ އެ ވައިރަސް ހަށިގަނޑަށް އަރައި، އޭގެ ސަބަބުން ޖެހޭ ބަލި، އެއިޑްސް އަށް މަގުފަހިވާ ކަންކަމެވެ.

އެޗްއައިވީ ޖެހި، އަހަރުތަކެއްގެ ތެރޭގައި ދިފާއީ ނިޒާމު ބަލިކަށިވުމުން ބަލިތަކުން ދިފާއުވުމަށް ނުކުޅެދި އަދި އެކި ބަލިތައް ޖެހެން ފަށަ އެވެ. އެ ހިސާބުން އެއީ އެއިޑްސް ކަމަށް ބަލަ އެވެ.

ބަލާ ބެލުމަށް ކިތައްމެ ސިއްހަތު ރަނގަޅު މީހެއްގެ ހަށިގަނޑުގައި ވެސް އެޗްއައިވީ ހުރެދާނެ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އެޗްއައިވީ ޖެހިފައިވާ މީހަކު ފެނުނީ 1991 ވަނަ އަހަރު އެވެ. ޑިސެމްބަރު 31، 2021 ގެ ނިޔަލަށް ރާއްޖޭގައި އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު 39 އަށް އެރިއިރު، މިހާތަނަށް ދުނިޔޭގައި ތިބީ 22 މީހެކެވެ.

ހެލްތު މިނިސްޓްރީން ބުނީ އެޗްއައިވީ އާއި އެއިޑްސް އަށް ހޭލުންތެރިކުރުމާއި ބަލިން ރައްކާތެރިކުރުމަށް ކުރަންޖެހޭ ކަންކަން ގައުމީ ފެންވަރުގައި ރާވައި ހިންގުމާއި އެ މީހުންގެ ފަރުވާގެ ކަންކަން ވިލަރެސްކުރުމުގެ ހުރިހާ މަސައްކަތެއް ގެންދަނީ އެޗްޕީއޭގެ އެއިޑްސް ޕްރޮގްރާމްގެ ދަށުން ކަމަށެވެ.

ރާއްޖޭގައި އާއްމުކޮށް މާބަނޑު ދުވަސްވަރާއި އެކި ސާޖަރީތަކުގެ ކުރިން ލޭ ދިނުމުގެ ކުރިން އަދި ބޭރު މަސައްކަތްތެރިންގެ މެޑިކަލްގެ ތެރޭގައި އެއިޑްސް އަށް އަށް ޓެސްޓުކުރެ އެވެ.

ހުރިހާ ހޮސްޕިޓަލެއްގައި ވެސް އެޗްއައިވީ އަށް ޓެސްޓުކުރެވޭނެ ގޮތްތައް ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އާއްމުކޮށް ހަދާ ސްކްރީނިން ޓެސްޓު ޕޮޒިޓިވް ވެއްޖެ ނަމަ ނޭޝަނަލް އެއިޑްސް ޕްރޮގްރާމް މެދުވެރިކޮށް، އައިޖީއެމްއެޗްގައި ކޮންފަމޭޓިރީ ޓެސްޓު ހަދާ ކަމަށް އެ ތަނުން ބުންޏެވެ.

އެއިޑްސް ފެތުރޭ ގޮތްތައް

- ރައްކާތެރި ގޮތުގައި (ހުރަސް ބޭނުން ނުކޮށް) ޖިންސީ ގުޅުން ހިންގުން.

- އެކަކު ބޭނުންކޮށްފައިވާ ސިރިންޖު ނުވަތަ ކަށި ބޭނުން ކުރުން.

* މި ގޮތަށް ކަށި ބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުންކުރުމުގައި ނުވަތަ ޓެޓޫ ޖެހުން، ކަންފަތް ނުވަތަ ހަށިގަނޑުގެ އެހެން ތަނެއް ތޮރުފުން ނުވަތަ ސިއްހީ ހިދުމަތް ހޯދުމުގެ ތެރޭގައި އެކަކު ބޭނުންކޮށްފައިވާ ކަށި ބޭނުން ނުކުރުން

- އެއްޗއައިވީ ޖެހިފައިވާ މަންމަގެ ފަރާރުން މާބަނޑު ދުވަސްވަރު، ވިހެއުމުގެ ތެރޭގައި ނުވަތަ ގާތުން ކިރުދިނުން

- އެޗްއައިވީ ހުރިތޯ ޓެސްޓު ނުކޮށް ލޭ އެޅުން.

އެއިޑްސް ނުފެތުރޭނެ ގޮތްތައް

- މަދިރީގެ ސަބަބުން.

- އެޗްއައިވީ ޖެހިފައިވާ މީހަކު އެއް ތަށިން ކެއުން ނުވަތަ އެކުގައި ކެއުމުން.

- އެޗްއައިވީ ޖެހިފައިވާ މީހަކު ބޭނުން ކުރާ ފާހަނާއެއް ބޭނުން ކުރުމުން.

- އެޗްއައިވީ ޖެހިފައިވާ މީހަކު އެއް ގެއެއްގައި ދިރިއުޅުން ނުވަތަ އެއްކޮށް މަސައްކަތްކުރުން.

އެޗްއައިވީން ރައްކާތެރިވެވޭނެ ގޮތްތައް

- ރައްކާތެރި ގޮތުގައި ޖިންސީ ގުޅުން ހިންގުން.

- އެކަކު ބޭނުންކޮށްފައި ހުންނަ ސިރިންޖު/ ކަށި ފަދަ ތަކެތި އެކަކު އަނެކަކު ބޭނުން ނުކުރުން.

- ގަވައިދުން އެޗްއައިވީއަށް ޓެސްޓުކުރުން.

މާބަނޑުކަން އެނގުމުން ފުރަތަމަ ތިން މަސް ފާއިތުވުމުގެ ކުރިން އެޗްއައިވީއަށް ޓެސްޓުކުރުން މުހިއްމެވެ. އެޗްއައިވީ ހުރިކަން އަވަހަށް ދެނެގަނެވިއްޖެނަމަ، ބަނޑުގައިވާ ދަރިފުޅު ބަލިން ރައްކާތެރިކުރެވޭނެ އެވެ.

ރާއްޖެއަކީ މައިމީހާގެ ފަރާތުން ބަނޑުގައި އޮންނަ ދަރިފުޅަށް އެޗްއައިވީ އަދި ސިފިލިސް ވާސިލްވުން ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި 2019 ވަނަ އަހަރު ޑަބްލިއުއެޗްއޯއިން އިން ކަނޑައަޅާފައިވާ ގައުމެކެވެ.

އެ ވައިރަސްއަށް ދޭ ފަރުވާއަކީ އެންޓިރެޓްރޯ ވައިރަލް ތެރަޕީ (އޭއާރުޓީ) އެވެ. ރާއްޖޭގައި އަންނަނީ 2004 ވަނަ އަހަރުން ފެށިގެން ހިލޭ އެ ފަރުވާ ދެމުންނެވެ.

"ބަލީގެ ކުރީކޮޅު ބަލި ދެނެގަނެވި، ގަވައިދުން ބޭސް ބޭނުންކޮށްފި ނަމަ ލޭގައި އެޗްއައިވީ ވައިރަސް ހުންނަ މިންވަރު ދަށްކުރެވެ އެވެ. މީގެ ސަބަބުން ދިފާއީ ނިޒާމު ރައްކާތެރިކުރެވިފައި، ރަނގަޅު ސިއްހަތެއްގައި ގިނަ ދުވަހު ދެމިހުރުމަށް މަގުފަހިވެ އެވެ. ވައިރަލް ލޯޑު ދަށްވުމުން ބަލި މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ،" ހެޗްޕީއޭ އިން ބުންޏެވެ.