Roadha Mihaaru
ކޮލެޖްތައް އަލުން ރަޖިސްޓްރީކުރުވާ މައްސަލަ ނުބެލި

ކޮލެޖްތައް އަލުން ރަޖިސްޓްރީކުރަން ލާޒިމްވާ މައްސަލަ ހައި ކޯޓުން ބަލައެއްނުގަތް

02 ޑިސެމްބަރ 2022

ރާއްޖޭގައި ހިންގާ ކޮލެޖްތަކާއި މަތީ ތައުލީމު ދޭ ތަންތަން އަލުން ރަޖިސްޓްރީކުރަން ޖެހޭ ގޮތަށް ގަވާއިދުގައިި ހިމެނި މާއްދާ ބާތިލްކުރަން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިނުގަންނަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި ހިންގާ ކޮލެޖްތަކާއި މަތީ ތައުލީމު ދޭ ތަންތަން އަލުން ރަޖިސްޓްރީކުރަން ޖެހޭ ގޮތަށް ގަވާއިދުގައިި ހިމެނި މާއްދާ ބާތިލްކުރަން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިނުގަންނަން ނިންމައިފި އެވެ.

ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދު ބުނާގޮތުން އަންނަ އަހަރުގެ ޖުލައި މަހުގެ ކުރިން، ހުރިހާ ކޮލެޖްތަކާއި މަތީ ތައުލީމު ދޭ މަރުކަޒުތައް ސަރުކާރުގައި އަލުން ރަޖިސްޓްރީ ކުރަން ޖެހޭނެ އެވެ. އެ މުއްދަތުގައި އެކަން ނުކޮށްފިނަމަ، މިންގަނޑުތަކަށް ނުފެތޭ ނަަމަ އެތަނެއް އުވާލެވޭ ގޮތަށް ހިމަނާފައިވެ އެވެ.

ގަވާއިދުގެ އެ މާއްދާ ގާނޫނު އަސާސީއާ ޚިލާފްވާ ކަމަށް ބުނެ އެ މާއްދާ ބާތިލްކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ މަންދު ކޮލެޖް ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑުންނެވެ.

ނަމަވެސް ހައި ކޯޓުގެ ރަޖިސްޓްރާ މިދިޔަ ހަފުތާގައި ނިންމެވި ނިންމުމުގައިވަނީ މަތީ ތައުލީމު ދޭ މަރުކަޒުތައް ހިންގަން ޖެހޭނީ ރަޖިސްޓްރީކޮށްގެން ކަމަށް ގާނޫނުގައި ބުނާއިރު އެ ގާނޫނު އައުމުގެ ކުރިން އުފެދިފައި ހުރި ކޮލެޖްތަކާއި މަރުކަޒުތައް އަލުން ރަޖިސްޓްރީކުރަން ހުރަހެއް ނެތް ކަމަށެވެ.

އެހެންވެ، އެއީ ގާނޫނު އަސާސީއާ ޚިލާފް މާއްދާއެއް ނޫން ކަމަށް އެ ނިންމުމުގައިވެ އެވެ.

ކޮލެޖްތައް އަލުން ރަޖިސްޓްރީކުރަން ސަރުކާރުން ފުރަތަމަ ދިނީ މިއަދާ ޖުލައި މަހާ ހަމައަށެވެ. އެކަމަކު ފަހުން ގެނައި އިސްލާހެއްގެ ދަށުން އެއް އަހަރުގެ މުއްދަތެއް އެކަމަށް ވަނީ ދީފަ އެވެ.