Roadha Mihaaru
ހިލޭ ޑިގްރީއަށް ކިޔެވުމުގެ އުސޫލޫ އާންމުކޮށްފި

ހިލޭ ޑިގްރީއަށް ކިޔެވުމުގެ އުސޫލޫ އާންމުކޮށްފި

14 ފެބުރުއަރީ 2019

ރާއްޖޭގައި ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވޭ އުސޫލު މިއަދު އާއްމުކޮށްފައިވާއިރު، އެ ކޯހެއްގެ ފީ ސަރުކާރުން އެއްކޮށް ދައްކައިދޭނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި އެކަނި ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވޭ އުސޫލު މިއަދު އާއްމުކޮށްފައިވާއިރު، އެ ކޯހެއްގެ ފީ ސަރުކާރުން އެއްކޮށް ދައްކައިދޭނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި އެކަނި ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

ހިލޭ ޑިގްރީއަށް ކިޔެވޭ އުސޫލު އާއްމުކޮށް އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބޭނީ އެ ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް އެކަނި ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީއަށް ފޯމު ހުށަހަޅާއިރު ދަރިވަރަށް ކޯހުން ޖާގަ ލިބުނު ކަމުގެ ލިޔުމާއި އެހެނިހެން މުހިއްމު ލިޔުންތައް ހިމަނަންޖެހެ އެވެ. އުސޫލަށް ފެތޭ ނަމަ ދަރިވަރުންނަށް ކިޔެވޭނެ އެވެ.

އައިޔޫއެމް ގްރެޖުއޭޝަނެއްގައި ދަރިވަރުންތަކެއް ބައިވެރިވަނީ.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އައިޔޫއެމް ގްރެޖުއޭޝަނެއްގައި ދަރިވަރުންތަކެއް ބައިވެރިވަނީ.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހިލޭ ޑިގްރީއަށް ކިޔެވުމަށް އެދޭ މީހުންގެ ޝަރުތުތަކުގެ ތެރޭގައި 50 އަހަރަށް ވުރެ ހަގުވުމާއި ފުލްޓައިމް ދަރިވަރަކަށް ވުން ހިމެނެ އެވެ. ފުލްޓައިމް ކަމަށް މާނަ ކޮށްފައިވަނީ އަހަރަކު މަދުވެގެން 120 ކްރެޑިޓް ގަޑި ފުރިހަމަކުރެވޭ ޕްރޮގްރާމްތަކަށެވެ.

ބޮޑު ޚަރަދެއް ކުރަނީ އަމިއްލަ ކޮލެޖުތަކަށް

ޑިގްރީއަށް ހިލޭ ކިޔަވައިދިނުމަށް މި އަހަރު 156 މިލިއަން ރުފިޔާ ސަރުކާރުން ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރެއިން ބޮޑު ޚަރަދެއް ކުރަން ހަމަޖައްސާފައި ވަނީ އަމިއްލަ ކޮލެޖުތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މުޅި ކޯސް ހިލޭ ވާނީ އެމްއެންޔޫ އާއި އައިޔޫއެމްގެ ޑިގްރީ ޕްރޮގްރާމްތަކަށް އެކަންޏެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަމިއްލަ ކޮލެޖުތަކުގެ ކޯސްތަކަށް ދަރިވަރުން ދައްކާ ފީ ގެ 60 ޕަސެންޓް ހިއްސާ ކުރާނީ ސަރުކާރެވެ.

ހިލޭ ޑިގްރީއަށް ކިޔެވޭ އުސޫލު އާއްމުކޮށް އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހިލޭ ޑިގްރީއަށް ކިޔެވޭ އުސޫލު އާއްމުކޮށް އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އަޅުގަނޑުމެން ވަރަށް ބޮޑަށް ގަބޫލުކުރަން ޕްރައިވެޓް ސެކްޓަރުގެ ހިއްސާ މަތީ ތައުލީމުގައި ވަރަށް މުހިއްމުކަން. ގަބޫލުކުރަނީ ރާއްޖޭގައި ހުރިހާ ކަންކޮޅުތަކެއްގައި ތައުލީމާއި ތަމްރީނު ފުރިހަމަކޮށްދެވޭނީ ސަރުކާރާއި ޕްރައިވެޓް ސެކްޓާ ގުޅިގެން. ދެ ބައި މީހުން އެކުގައި އެއް އަމާޒަކަށް މަސައްކަތްކޮށްގެން،" މިނިސްޓަރު ވިދާޅުވި އެވެ.

ޑިގްރީ އަށް މިހާރު ކިޔަވާ ދަރިވަރުންނަށް ވެސް ކުރިމަތިލެވޭނެ

މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޑިގްރީ އަށް ކިޔަވަން ފަށާފައިވާ ދަރިވަރުން، ކޯސް ފީ ދައްކާފައިވާ ނަމަ އެ ފައިސާ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އަނބުރާ ދޭނެ ކަމަށެވެ. އަދި ޑިގްރީއަށް ކިޔަވާ ކުއްޖަކު މި އަހަރު ފުރިހަމަ ކުރަނީ އޭނާގެ ދެ ވަނަ އަހަރު ނަމަ، މި އަހަރުން ފެށިގެން އޭނާގެ ކޯސް ފީ ވެސް ސަރުކާރުން ދައްކައިދޭނެ އެވެ.

މީގެ ކުރިން ގިނަ ބަޔަކަށް ގަބޫލު ކުރެވިފައި އޮތީ ޑިގްރީއަށް ހިލޭ ކިޔެވޭނީ ހަމައެކަނި މި އަހަރު އަލަށް ފަށާ ދަރިވަރުންނަށް އެކަނި ކަމަށެވެ. ނަމަވެސް މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް އެ ފުރުސަތު އެބައޮތެވެ.

ޑިގްރީއަށް މިހާރު ކިޔަވަމުން ދަރިވަރުން އަންނަނީ އަމިއްލަ ކޮލެޖުތަކުން ކަމަށް ވިއަސް، އެ ދަރިވަރުން މި މަހަށް ނުވަތަ ސެމިސްޓާއަށް ފީ ދައްކާފައިވާ ނަމަ އެ ފައިސާ އަނބުރާ ދޭނެ އެވެ.

އެމްއެންޔޫގެދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން.---ފޮޓޯ: އެމްއެންޔޫ ފޭސްބުކް ޕޭޖް

އެމްއެންޔޫގެދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން.---ފޮޓޯ: އެމްއެންޔޫ ފޭސްބުކް ޕޭޖް

މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު އޭރުގެ ރިޔާސީ ކެންޑިޑޭޓު އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެމަނިކުފާނު ހޮވިއްޖެ ނަމަ ރާއްޖޭގައި ތިބެގެން ހިލޭ ޑިގްރީއަށް ކިޔަވައި ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް ސަރުކާރުން ސްޕޮންސާ ކޮށްފައި ވަނީ އަމިއްލަ ކޮލެޖުތަކުގެ ކޯސްތަކުގެ ޓިއުޝަން ފީގެ 40-99 ޕަސެންޓާ ހަމައަށެވެ.

- ޓިއުޝަން ފީ ސަރުކާރުން އެއްކޮށް ދައްކައިދެނީ 62 ކޯހަކަށް.

- ޓިއުޝަން ފީގެ 80-99 ޕަސެންޓު ދައްކައިދެނީ 17 ކޯހަކަށް.

- ޓިއުޝަން ފީގެ 60-80 ޕަސެންޓު ދައްކައިދެނީ 32 ކޯހަކަށް.

- ޓިއުޝަން ފީގެ 40-60 ޕަސެންޓާ ހަމައަށް ދައްކައިދެނީ 42 ކޯހަކަށް.

އުސޫލުގައި ބުނެފައިވާ ގޮތުގައި ހިލޭ ޑިގްރީ ކިޔަވައިފި ނަމަ ވަކި މުއްދަތެއް ވަންދެން ސަރުކާރަށް ހިދުމަތް ކުރަންޖެހޭނެ އެވެ. އެގޮތުން ދަރިވަރަށް ޚަރަދުކުރި އަދަދާ ބަލައި އެއް އަހަރާއި ފަސް އަހަރާ ދެމެދުގެ އަދަދެއްގެ ބޮންޑެއް ފުރިހަމަކުރަންޖެހޭނެ އެވެ.

މިނިސްޓަރު ވިދާޅުވީ މަތީ ތައުލީމް ފޯރުކޮށްދިނުމަށް ސަރުކާރުން އެހީވުމަކީ ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ. އަދި އެއީ ސަރުކާރުގެ މާލީ ހާލަތު ތަންދޭ މިންވަރުން އެންމެ ފުރިހަމައަށް ތައްޔާރުކޮށްފައިވާ އުސޫލުކަން ފާހަގަކުރެއްވި އެވެ.