މަސްވެރިކަމުގެ ދިގު ތާރީހަކާ އެކު ޖީލެއް ވެސް ބަދަލުވީ އެވެ؛ ދޮށީގެ މަސްވެރިކަން އެއީ ދިރިއުޅުމުގެ ބަނޑުފުރާމުއްތި ކުރުން ކަމަށް ބަލައިގެން އުޅުނު އެންމެންހެން މުސްކުޅިވެ، ދޯނިން ފޭބީ އެވެ. އާ ޖީލުގެ ދޯނިފަހަރު އުފައްދައިފި އެވެ. އެކަމަކު، އުފެދިގެން ނުދިޔަ އެއްޗަކީ މަސްވެރިކަމުގެ އާ ޖީލެކެވެ. މިކަމުގެ ތެރެއަށް ވަންނާނެ ޒުވާނުންނެވެ.
06 ޑިސެމްބަރ 2022
މަސްވެރިކަމުގެ ދިގު ތާރީހަކާ އެކު ޖީލެއް ވެސް ބަދަލުވީ އެވެ؛ ދޮށީގެ މަސްވެރިކަން އެއީ ދިރިއުޅުމުގެ ބަނޑުފުރާމުއްތި ކުރުން ކަމަށް ބަލައިގެން އުޅުނު އެންމެންހެން މުސްކުޅިވެ، ދޯނިން ފޭބީ އެވެ. އާ ޖީލުގެ ދޯނިފަހަރު އުފައްދައިފި އެވެ. އެކަމަކު، އުފެދިގެން ނުދިޔަ އެއްޗަކީ މަސްވެރިކަމުގެ އާ ޖީލެކެވެ. މިކަމުގެ ތެރެއަށް ވަންނާނެ ޒުވާނުންނެވެ.
އޭގެ ނަތީޖާ އަކީ މި އެވެ؛ ރާއްޖޭގެ އެހެން އިންޑަސްޓްރީތަކެކޭ ވެސް އެއްގޮތަށް މަސްވެރިކަމަށް ވެސް ބޭރު މީހުން ގެންނަން ޖެހުނީ އެވެ. އޭގެ ހުއްދަ ސަރުކާރުން ރަސްމީކޮށް މިދިޔަ ހަފުތާގައި ވަނީ ދީފަ އެވެ.
މަސް ދޯނިފަހަރުގައި މީގެ ކުރިން ވެސް ބިދޭސީން ގެންގުޅެވެ އެވެ. އެއީ ގިނަ ވެގެން ދެ މީހުންނެވެ. އެ މީހުންނަކަށް އޮންނަ ހުއްދަ އަކީ ދޯނިފަހަރުގައި މަސްވެރިކަން ފިޔަވައި އެހެން މަސައްކަތް ކުރުމެވެ. އެކަމަކު ފިޝަރީޒް މިނިސްޓްރީން ގަވައިދަށް ގެނައި ބަދަލާ އެކު އަށް ބިދޭސީންނާ ހަމައަށް މިހާރު މީހުން ގެންގުޅެވެ އެވެ. އެ މީހުންނަށް މަސްވެރިކަން ވެސް ކުރެވެ އެވެ.
މަސްވެރިކަމަށް މި އަންނަނީ އަނެއްކާ ވެސް ބޮޑު ބަދަލެކެވެ. މީހުން ނުލިބިގެން، ފަޅުގައި އަޅާފައި ހުރި ދޯނިފަހަރު ވެސް އޭގެ ސަބަބުން މަހަށް ނުކުމެ، ރާއްޖޭގެ އިގްތިސާދަށާއި އޮޑިވެރިޔާ އަށް ފައިދާ ކުރާނެ ކަމަށް ސަރުކާރުން ދެކެ އެވެ. އެއީ މިހާރު ފަޅުވެރިން ނުލިބިގެން ކުއްޔަށް ދޭންޖެހިފައި ހުރި ދޯނިފަހަރު ސަލާމަތް ކުރެވިދާނެ މަގެއް ކަމަށް އޮޑިވެރިން ވެސް ގަބޫލު ކުރެ އެވެ. އަދި، އިންޑަސްޓްރިއަލް ގޮތެއްގައި މި ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ވެސް މި ސިނާއަތުގައި އިތުރު ފިޔަވަޅެއް ކުރިއަށް އެޅުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށް ވާނެ ކަމަށް އެ މީހުން ވެސް ގަބޫލުކުރެ އެވެ.
އެކަމަކު، އޭގެ އަނެއްކޮޅުގައި އޮތް ބިރުވެރިކަން ވެސް ބޮޑެއް ނޫނެވެ. ރާއްޖޭގެ ބައެއް އެހެން އިންޑަސްޓްރީތަކަށް ބަލާއިރު، ބިދޭސީން އަތްގަދަކޮށް، އެ އިންޑަސްޓްރީތަކުން ލިބޭ ބޮޑު އާމްދަނީއެއް ރާއްޖެ އިން ބޭރުވާހެން މި އިންޑަސްޓްރީގެ ބޮޑު ބައެއް ވެސް ރާއްޖެ އިން ބޭރަށް ދިއުމުގެ ފުރުސަތު އޮތުމެވެ. އެހެންވެ މިއީ ވަރަށް ރަނގަޅަށް މޮނީޓާ ކުރަން ޖެހޭ ކަމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ. ދަނޑުތައް ބިދޭސީންގެ އަތްމައްޗަށް ދޫކޮށްލައިގެން ދަނޑުވެރިޔާ ހުންން ގޮތަށް އޮޑި ދޫކޮށްލައިގެން ހުރެދާނެ ކަމުގެ ބިރުން އިންތިހާ އަށް ބޮޑެވެ.
އެހެން ވެއްޖެ ނަމަ، ދިވެހިންގެ އަތްމަތިން މަސްވެރިކަމުގެ ކޮންޓްރޯލް ގެއްލުމުގެ ނުރައްކާތެރި ސިލްސިލާއެއް ފެށުމުގެ ފުރުސަތު އެބައޮތެވެ.
މަސްވެރިކަން ކުރަން ބިދޭސީންނަށް ހުއްދަ ދޭނީތޯ ނުވަތަ ނޫންތޯ، އެއީ ވަރަށް ގިނަ ދުވަސްވީ ބަހުސެކެވެ. މަސްވެރިކަމުގެ އެކި ފޯރަމްތަކުގައި ވެސް އެ ބަހުސް އެކި ފެންވަރުގައި ކުރެވިއްޖެ އެވެ. އެ ބަހުސް، ސަރުކާރުގެ އެކި ލެވެލްގައި ވެސް ކުރެވިއްޖެ އެވެ. މިވީ ހުރިހާ ދުވަހަކު އެކަން އޮތީ ކޮޅެއްގައި ނުޖެހި އެވެ.
ގެމަނަފުށީ މަސްވެރިން މަސް ބާނަނީ. -- ފޮޓޯ: ގެމަނަފުށީ މަސްވެރިން/ފޭސްބުކް
ފިޝަރީޒް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ނަސްރުﷲ ހުސެއިން ވިދާޅުވީ މިއީ މަސްވެރިންނާ މަޝްވަރާ ކުރުމަށް ފަހު ގެނައި ބަދަލެއް ކަމަށެވެ. ސަބަބަކީ މަސްވެރި ކަމަށް ދިވެހިން ނުލިބި މަސް ދޯނިތައް ވިއްކާލަން ނުވަތަ އެހެލަން ޖެހުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ މަސްވެރިންގެ ޝަކުވާތަކާ ގުޅިގެން، މަސްވެރިން އެދިގެން އެކަމަށް ހައްލެއް ގެނައުމަށް ކުރެވިގެން ދިޔަ ކަމެއް. ކުރިން ދެ މީހުންނަށް ދޯންޏެއްގައި އުޅެވޭއިރު މި އިތުރުކުރީ އިތުރު ހަ މީހުންނަށް، އެއީ ޖުމްލަ އަށް މީހުން. މިހާރު މަސްވެރިކަމަށްދާ ދިވެހިން މަދުވެ، މަސް ދޯނިތައް މަހަކަށް ނުފުރާ. މަހަށް ދާނެ ބަޔަކު ނުވޭ،" އޭނާ ވިދާޅުވި އެވެ.
ދިވެހިން ނުލިބޭ ކަމުގެ ޝަކުވާ އޮތް އިރު، މަސް ދޯނިފަހަރުގައި ކޯޓާ އަށް ވުރެ ގިނައިން ބިދޭސީން ގެންގުޅޭ ކަމުގެ ޝަކުވާތަކަށް ވެސް މި ބަދަލާ އެކު ހައްލު ލިބޭނެ ކަމަށް ނަސްރުﷲ ވިދާޅުވި އެވެ. ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ އުޅަނދުފަހަރު ގަވައިދަށް ފެއްތުން ކަމަށް ނަސްރުﷲ ވިދާޅުވި އެވެ. އެގޮތުން ގެންނަ ބިދޭސީން ގެންގުޅެން ވާނީ ކޯޓާގެ ދަށުން، އެ އުޅަނދެއްގައި މަސައްކަތް ކުރުމަށް ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވޯކްޕާމިޓާ އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް ދޯނިފަހަރުގައި ވަރަށް ގިނަ އަދަދަކަށް ބިދޭސީން ހަރަކާތްތެރިވޭ. ބައެއް ދޯނިތައް އެބަހުރި 10 ބިދޭސީން ގެންގުޅޭ ދޯނިތައް ވެސް. މިކަމުގައި ވެސް އެންމެ ގިނައިން ހަރަކާތެރި މި ވަނީ ވެސް ބަންގްލަދޭޝް މީހުން."
ދޯނިތަކެއް މަސް ކިރުވަން ކޫއްޑޫއަށް ބަނދަރުކޮށްފައި-- ފޮޓޯ: ފަރެސްމާތޮޑާ މަސްވެރިން/ ފޭސްބުކް
މި ބަދަލަކީ، އެއްބަޔަކަށް ރަނގަޅު ބަދަލެއް ނަމަވެސް، އަނެއް ބަޔަކަށް ކަމުދާ ބަދަލެއް ނޫނެވެ. ބިދޭސީންނަށް މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން ނިންމީ، މި ސިނާއަތަށް ދިވެހިން ނެރެން އެއްވެސް މަސައްކަތެއް ނުކޮށް ކަމަށް ވާތީ، އެންމެ ބޮޑު ފާޑު ކިޔުމެއް ވެސް އަމާޒުވެފައި ވަނީ އެކަމަށެވެ.
އަނެއް ބަޔަކު ބުނަނީ މަސްވެރިކަން ބަދަލުވެފައި އޮތް ގޮތަށް ބަލާއިރު، ދެން މިކަން ކުރާ ނަމަ ޖެހޭނީ ބިދޭސީން ވެސް މީގެ ތެރެއަށް ވައްދައިގެން އެކަން ކުރަން ކަމަށެވެ.
"ބިދޭސީން ލައިގެން ނޫނީ ކިހިނެއް ދެން މިކަން ކުރާނީ. މަހަށް ދާކަށް ދިވެހިން ބޭނުމެއް ނުވޭ. ކޮންމެ ދޯންޏަކަށް އެބަ ބޭނުންވޭ 20 ވަރަކަށް މީހުން. އެކަމަކު އެވަރަކަށް މީހުންނެއް ނުލިބޭ،" މަސްވެރިކަން ކުރުމުގައި މުޅި ހަޔާތް އެއްކޮށް ހޭދަކޮށްފައިވާ ހއ. އިހަވަންދު އަށް އުފަން އަބްދުﷲ މުހައްމަދު، 54، ބުންޏެވެ.
"ކޮންމެ ސަރުކާރަކުން ވެސް އަންނާނެ މަސްވެރިންނަށް ކަންކަން ކޮށްދޭނަމޭ ކިޔައިފައި. އެކަމަކު އައިސް ކޮށްދެވޭ ތަނެއް ނުފެނޭ."
"ސްޕޯޓްސް ފިޝިން"ގައި ހަތް އަހަރު ވެފައިވާ، އަދި ސޯޝަލް މީޑިއާ އެކި ޕްލެޓް ފޯމްތަކާ އެކު މަސްވެރިކަން ވެސް ޕްރޮމޯޓް ކުރަމުންދާ ހއ. އިހަވަންދޫ، އަބްދުﷲ އިރުޝާން ބުނި ގޮތުން މިއީ އޮޑިވެރިންނަށް ލިބޭނެ އުފާވެރި ހަބަރެކެވެ.
"ކުރިން މި ރަށުން އެބަ ފުރާ ދޯންޏެއްގައި ވިއްސަކަށް މީހުން. މިހާރު މަދު އޮޑިއެއް ފުރަނީ އެވަރަށް މީހުން ލައިގެން. ގިނައުޅަނދުތައް މަހަށް އެފުރަނީ 10 މީހުން ނޫނީ 12 މީހުންނާ އެކު. އެވަރަށް ވެސް މީހުން ހަމަވަނީ ބިދޭސީން ލައިގެން. އެހެން ނޫނީ މި ޖެހެނީ ދޯނި ފަޅުގައި ބާއްވަން،" އޭނާ ބުންޏެވެ.
އިހަވަންދޫ މަސްދޯނިތަކެއް ފަޅުގައި އަޅާފައި.-- ފޮޓޯ: އިހަވަންދޫ މަސްވެރިން
ދޯނި މަހަށް ނުފުރުވާ ފަޅުގައި ބާއްވަން ބޭނުން ނުވާތީ، އެ ރަށު ތިން ދޯންޏެއް މިހާރު ވެސް ކުއްޔަށް ދީފައިވާކަން އޭނާ ފާހަގަ ކުރި އެވެ.
"މި ފަހުން ވެސް ދޯންޏެއް ވިއްކައި ވެސް ލައިފި. މަހަށް ދާން ކުއްޔަށް ދީފައި އެބައޮތް ތިން ދޯނި. އެއީ ވެސް ހަމަ މަހަށް ދާނެ މީހުން ނުލިބޭތީ، ފަޅުގައި ނޫނީ އެހެލައިފަ ނުބާއްވަން ވެގެން."
މީގެ ކުރިން އިހަވަންދޫގައި ފަންސަވީހަކަށް ދޯނި ދުއްވި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މިހާރު އޮތީ 15 ދޯންޏެވެ. ދޯނި ބަންނަނީ ލޯނު ނަގައިގެން ކަމަށް ވެފައި، ދޯނިން ފައިދާ ނުވާތީ ދޯނިތައް ވިއްކާލައި ލޯނު ދައްކަނީ ކަމަށް ވެސް އޭނާ ބުންޏެވެ.
މި ޖީލުގެ މަސް ދޯނި އެންމެ ގިނައިން ބަންނަ އެއް ރަށް ކަމަށްވާ އިހަވަންދޫގައި މިހާރު ވެސް 10 ދޯނި އެބަ ބަނދެ އެވެ.
އިރުޝާން އާއި އަބްދުﷲ ވެސް އެއްބަސްވާ ކަމަކީ ދޯނިތަކަށް ބިދޭސީން ލިޔަސް މަސްވެރި ކަމުގެ ސިނާއަަތަށް ބޮޑު ތަފާތެއް ނުފެންނާނެ ކަމެވެ. ނަމަވެސް މަހަށް ފުރާ ދޯނިތައް ކޮންމެވެސް ވަރަކަށް އިތުރުވާނެ ކަމަށް އެ ދެ މީހުން ވެސް ލަފާކުރެ އެވެ.
އެ މީހުން ވެސް ބުނި ގޮތުގައި ސަރުކާރުން މަސްވެރިކަމަށް މީހުން ބިނާކުރި ނަމަ މި ދުވަސް ދެކޭކަށް ނުޖެހުނީހެވެ.
މަސްވެރިން މަސް ބާނަނީ: ޒުވާނުން މި މަސައްކަތުގެ ތެރެއަށް ވެއްދުން މުހިންމު
ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓު ކުރާ، ޒުވާނުން މަސްވެރިކަމަށް ނެރުމަށް މަސައްކަތް ކުރަމުން އަންނަ "ޒުވާން މަސްވެރިޔާ" ހަސަން ސާޖިން ވެސް ބުނީ އެއްވެސް ސަރުކާރަކުން މަސްވެރިކަމަށް ޒުވާނުން ވެއްދުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.
އޭނާ ވަނީ ބިދޭސީން ދޯނިތަކުގައި ގެންގުޅުމަށް ހުއްދަ ދިނުމުން އެ އިސްލާހާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"މީގެ ކުރިން ޒުވާނުން މަސްވެރިކަން ކުރަން ޝައުގު ހުރެގެން އުޅުނު. މި ފަހުން އެ ކަނޑައެޅި މިނިމަމްވޭޖްގެ ސަބަބުން އަސްލު މަސްވެރި ކަމަށް ޒުވާނުން ވަންނވަރު ދަށްވީ. ކޮންމެ މީހަކު ވެސް މި ބޭނުން ވަނީ ބޮޑު މުސާރަ،" ސާޖިން ބުންޏެވެ.
އަހަރެމެންގެ ކާބަފައިން މަސްވެރިކަން ކުރަމުން އައި ގޮތަށް ދެން މަސްވެރިކަން ނުކުރެވޭނެ ކަމަށާއި އޭގެ ސަބަބަކީ މަސްވެރިކަމުގެ ދާއިރާ އަށް އައިސްފައިވާ ބަދަލުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.
"މަސް ކިރައިދޭ އަގު އެހާ ދަށް. ތެލުގެ އަގު ބޮޑު. ތަކެތީގެ އަގު އިންތިހާ އަށް ބޮޑު. މަސްވެރިކަމުގެ ދާއިރާ އަށް ޒުވާނުންނެއް ނުއުފެދޭ. ޒުވާނެއް ވިއްޔާ ދާން މި ބޭނުންވަނީ އެހެން ދާއިރާއަކަަށް. އެއީ މަސްވެރިކަން ރާއްޖެއިން ނެތެމުންދާތީ."
މަސްވެރިންތަކެއް މަސް ބާނަނީ.--
"ސަރުކާރުން މިކަމަށް ޒުވާނުން ވެއްދުމަށް ނޫނީ ދިވެހިން ހޯދުމަށް އެއްވެސް ކަމެއް ނުކޮށް ތިބެފައި މި ހުއްދަ ދިނީ ބިދޭސީން ގެންގުޅެން. އެހެން ހެދީމަ ޒުވާނުންނަށް ވެސް ވިސްނެނީ މަސްވެރިކަމަށް ވުރެ ރިސޯޓު މަސައްކަތް މާ ރަނގަޅު ކަމަށް،" އޭނާ ބުންޏެވެ.
މަސްވެރިކަމުގެ ސިނާއަތް ވެސް މިހާރު އޮތީ ބަދަލުވެފަ އެވެ. ކުރިއާ ހިލާފަށް، ދޯންޏެއްގައި ތިން ހަތަރު މީހުންނަށް މިހާރު މަހަކަށް ނުދެވެ އެވެ. އެއަށް ވުރެ ދޯނިފަހަރު މާ ބޮޑުވެ، އޭގެ ޓެކްނޮލޮޖީ ވެސް ވަރުގަދަ ވެއްޖެ އެވެ. ތަފާތު ސިސްޓަމްތައް ބަހައްޓައިފި އެވެ. އަދި، މަހަށް ފުރަން ކުރަން ޖެހޭ ދުވަހު ހަރަދު ވެސް ބޮޑުވެއްޖެ އެވެ. އެ ސަބަބާ ހުރެ، ފަޅުވެރިންގެ އަދަދު ވެސް އިތުރުކުރަން ޖެހެ އެވެ.
މި ޖީލުގެ ބޮޑެތި ދޯނިފަހަރު މަހަށް ފުރަން މަދުވެގެން މިހާރު ވިއްސަކަށް މީހުން ހަމަކުރަން ޖެހެ އެވެ. އެހެން ނޫނީ ދެކޮޅެއް ނުޖެހެ އެވެ. އެ އަދަދަށް މީހުން ނުލިބޭ ނަމަ، ދޯންޏަކަށް ކަނޑަކަށް ނުނުކުމެވެ އެވެ. ދޯނިފަހަރު ހުރި އަދަދަށް ބަލާއިރު އެ އަދަދަށް މަސްވެރިކަން ކުރާނެ މީހުން ރާއްޖެ އަކުން ލިބޭކަށް ނެތެވެ.
އޮތް ހައްލަކީ، މީހުން ހޯދުމެވެ. އެކަން ސަރުކާރުން އެ ކޮށްދިނީ އެވެ. އެކަމަކު، ގެއްލުން އޮތް ތަންކޮޅަކީ، މިއީ މަސްވެރިކަން ކަން ގަބޫލުކޮށްގެން ތިބުމެވެ. އެއީ ދިވެހިންގެ ލޭނާރު ކަމެވެ. އެހެން އިންޑަސްޓްރީތަކަށް ވީގޮތް ދިވެހިންގެ ލޭނާރަށް ވާން ދޫކޮށްލައިގެން ނުވާނެ ކަމެވެ.
އެޖެންޑާގެ އެންމެ ކުރީގައި މަސްވެރިންނަށް ފައިސާ ދިނުން
ދޮށީގެ މަސްވެރިކަމުގެ އާ ރެކޯޑެއް، އެއް ދުވަހުން މިލިއަނެއްހާ ރުފިޔާ
މާދަމާއިން ފެށިގެން ދޯންޏަކުން ކިރާނީ ހަތް ޓަނު މަސް
ފަސް ޓަނު ކިރުމަކީ ދޭ ބޮޑު ގެއްލުމެއް: މަސްވެރިން
މާލެ އިން މަހަށް ވެސް ދެވޭނީ ހުއްދަ ނަގައިގެން
މަސްދޯނިތަކުގައި ބިދޭސީން ގެންގުޅެވޭ ގޮތް ހަދައިފި
ކޮންޓްރޯލް ދޫކޮށްލިޔަސް ހިނިތުންވުމެއް ނެތް؟!
ކަޅުބިލަމަހާއި ކަންނެލި ގަނެވޭނެ ދަށްއަގު ކަނޑައަޅައިފި
ބީއެމްއެލްއާ އެކު ޒުވާނުން މަހަށް!
މަސް ކިރަން ހުރިހާ ވަސީލަތެއް ބޭނުންކުރަން: މިފްކޯ