Roadha Mihaaru
ފަސް މީހުންގެ ތެރެއިން އެކަކަށް ޑިޕްރެޝަން!

ރާއްޖޭގައި ފަސް މީހުންގެ ތެރެއިން އެކަކަށް ޑިޕްރެޝަންގެ އުނދަގޫ

05 ޑިސެމްބަރ 2022

ރާއްޖޭގައި ކޮންމެ ފަސް މީހުންގެ ތެރެއިން އެކަކަކީ ޑިޕްރެޝަންގެ އުނދަގޫ އިހުސާސްކުރެވިފައިވާ މީހުން ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ކޮންމެ ފަސް މީހުންގެ ތެރެއިން އެކަކަކީ ޑިޕްރެޝަންގެ އުނދަގޫ އިހުސާސްކުރެވިފައިވާ މީހުން ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ނަފްސާނީ ސިއްހަތަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިން "ކިހިނެއް" ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ސިއްހީ ގޮތުން ދުޅަހެޔޮވުމަކީ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާއީ ގޮތުން ދުޅަހެޔޮވުން ކަމަށެވެ.

ގައިންގަޔަށް ނާރާ ބަލިތައް އިތުރުވާއިރު، އެ ބަލިތަކާއެކު އެ މީހުންގެ ނަފްސާނީ މައްސަލަ ބޮޑުވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ޑަބްލިއުއެޗްއޯގެ ސްޓެޕްސް ރިސާޗު އޮން ރިސްކް ފެކްޓާސް ފޯ ނޮން-ކޮމިއުނަބްލް ޑިސީސްގެ ރިޕޯޓާ ހަވާލާދެއްވައި އޭނާ ވިދާޅުވީ ރާއްޖޭގައި ކޮންމެ ފަސް މީހަކުން އެކަކަކީ ޑިޕްރެޝަންގެ އުނދަގޫ ދިމާވާ މީހުން ކަމަށެވެ.

"ނަފްސާނީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތަކީ ނަފްސާނީ ދުޅަހެޔޮކަން ތަރައްގީކުރުން. ހޭލުންތެރިކަން އިތުރުކުރުމާއި ޕްރިވެންޝަނަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ގަބޫލުކުރަން. އަމިއްލަ ނަފްސަށް އެހީތެރިވާނެ ގޮތްތައް ދެނެގަނެ، ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުން ފަދަ ކަންކަމުން ގިނަ ފައިދާތަކެއް ކޮށް، ސިއްހީގޮތުން ދުޅަހެޔޮ ފަރުދަކަށް މީހާ ބަދަލުވޭ،" ނަސީމް ވިދާޅުވި އެވެ.

ސިއްހަތަކީ އަސާސީ އިންސާނީ ހައްގެއް ކަމަށާއި އެ ހައްގު ކަށަވަރުކުރެވޭނީ ނަފްސާނީ ސިއްހަތު ވެސް ކަށަވަރުކުރެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް ގައުމީ ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ނަފްސާނީ ދުޅަހެޔޮކަމަށް ގައުމީ ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކޮވިޑަށް ފަހު ސިއްހީ ގޮތުން ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ނަފްސާނީ މައްސަލަތައް ކަމަށް ބަލައި، އިސްކަންދޭންޖެހޭ ކަމެއްގެ ގޮތުގައި ނަފްސާނީ މައްސަލަތައް ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް އޭގެ ކުރިން ވެސް ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ މަސައްކަތް ފަށާފައިވާކަން މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށްރަށުގައި ތިބެގެން ނަފްސާނީ ދުޅަހެޔޮކަމަށް ފަރުވާ ހޯދޭނެ ގޮތްތައް ހަމަޖައްސާފައިވާ ކަމަށެވެ. އުއްމީދަކީ ކުރިއަށް އޮތް ތަނުގައި އެ ފަރުވާ ފެށުން ކަމަށް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވި ގޮތުގައި، އެހެން ގައުމުތަކޭ އެއްގޮތަށް ރާއްޖެއަކީ ވެސް މަސްތުވާތަކެއްޗާއި ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ނޭދެވޭ އާދަތައް ކުރާ ތަނަކަށް ވާތީ ޑްރަގްގެ ވިޔަފާރި އާއި މާރާމާރީ އާއި އިޖުތިމާއީ މައްސަލަތަކަކީ މީހުންގެ ނަފްސާނީ މައްސަލަތަކަށް ސީދާ އަސަރުކުރާ ކަންތައްތަކެވެ. ސޯޝަލް މީޑިއާގައި މީހުންގެ އަބުރު ކަތިލުމަކީ ވެސް، މިނިސްޓަރު ވިދާޅުވި ގޮތުގައި، ނަފްސާނީ މައްސަލަތައް ހުންނަ މީހުންގެ ހާލަތު އިތުރަށް ގޯސްވާނެ ކަމެކެވެ. އެހެންވެ، އެކަންތައް ހުއްޓާލަންޖެހޭ ކަމަށް ނަސީމް ވިދާޅުވި އެވެ.

މި ކެމްޕެއިންގައި ވަނީ ނަފްސާނީ މައްސަލަތަކާ މެދު މީހުން ދެކޭ ގޮތާއި އެ ބައްޔަށް ހޭލުންތެރިކަން ކުޑަމިންވަރު ފާހަގަކުރެވިފަ އެވެ. އެ ހާލަތު ބަދަލުކުރަން ނަފްސާނީ ބަލިތަކުގެ މައުލޫމާތު ފޯރުކޮށްދީ، އަވަސް ފިޔަވަޅު އެޅުމަށް މަގު ތަނަވަސްވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

އެއާއެކު، މި ހާލަތު ބަދަލުވެ، އެހީތެރިކަން ބޭނުންވާ މީހުންގެ އަދަދު ބޮޑު ތަނުން އިތުރުވެގެން ދިއުމަކީ އުއްމީދެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ހިދުމަތްދޭ މީހުންނާއި ތަމްރީން ލިބިފައިވާ މީހުން މަދުވުމުން އެކަމަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.