Roadha Mihaaru
ރާމޯސްގެ ހެޓްރިކާއެކު ކުއާޓާގެ ފަހު ޖާގަ ޕޯޗުގަލް އަށް

ރޮނާލްޑޯ ނެތި ޕޯޗުގަލް މާ މޮޅު، ރާމޯސްގެ ހެޓްރިކާ އެކު ކުއާޓާ އަށް

07 ޑިސެމްބަރ 2022

ލުސެއިލް (ޑިސެމްބަރު 7) - ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަދަލުގައި ކުޅުނު ޒުވާން ފޯވާޑް ގޮންކާލޯ ރާމޯސް ގެ ހެޓްރިކާ އެކު ސްވިޒަލެންޑް އަތުން 6-1 އިން މޮޅުވެ ޕޯޗުގަލް، ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލުސެއިލް (ޑިސެމްބަރު 7) - ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަދަލުގައި ކުޅުނު ޒުވާން ފޯވާޑް ގޮންކާލޯ ރާމޯސް ގެ ހެޓްރިކާ އެކު ސްވިޒަލެންޑް އަތުން 6-1 އިން މޮޅުވެ ޕޯޗުގަލް، ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ރޮނާލްޑޯ މި މެޗުގައި ކުޅެން އެރުވީ ހެޓްރިކް ހެދި ރާމޯސްގެ ބަދަލުކުރި ވަގުތު، 74 ވަނަ މިނިޓުގަ އެވެ. އޭރު މެޗުގައި ފެނުނު ފުރަތަމަ ހަ ގޯލު ވަނީ ޖަހައިފަ އެވެ.

ވަރުގަދައަށް މެޗު ފެށި ޕޯޗުގަލް އިން ފުރަތަމަ ހާފުގައި ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެންމެ ފުރަތަމަ 17 ވަނަ މިނިޓުގައި ޕޯޗުގަލް އަށް ލަނޑު ޖަހައިދިނީ ވެސް ބެންފީކާ އަށް ކުޅޭ އުމުރުން 21 އަހަރުގެ ރާމޯސް އެވެ. މިއީ މި އަހަރު ގައުމީ ޓީމަށް ކުޅެން ފެށި ރާމޯސް ގައުމީ ޓީމުގައި މެޗެއް ސްޓާޓް ކުރި ފުރަތަމަ ފަހަރެވެ.

ދެވަނަ ލަނޑު 33 ވަނަ މިނިޓުގައި ބްރޫނޯ ފެނާންޑޭޒް ނަގައިދިން ކޯނަރެއް ބޮލުން ޖަހައި ކާމިޔާބު ކޮށްދިނީ ރޮނާލްޑޯގެ ބަދަލުގައި މިރޭ ކެޕްޓަން ބޭންޑް އަޅައިގެން މެޗް ފެށި 39 އަހަރުގެ ޑިފެންޑަރު ޕެޕޭ އެވެ. މިއާ އެކު ޕެޕޭ ވެފައި ވަނީ ވޯލްޑް ކަޕްގެ ނޮކައުޓް މެޗެއްގައި ލަނޑު ޖެހި އެންމެ ދޮށީ ކުޅުންތެރިޔާއަށެވެ.

ރާމޯސް ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރާމޯސް ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރާމޯސް އޭނާގެ ދެ ވަނަ ލަނޑު ޖެހީ 51 ވަނަ މިނިޓުގަ އެވެ. އަދި އޭނާގެ އެހީތެރިކަމާ އެކު 55 ވަނަ މިނިޓުގައި ޕޯޗުގަލްގެ ހަތަރު ވަނަ ލަނޑު ޖެހީ ޑިފެންޑަރު ރަފައެލް ގުރޭރޯ އެވެ. ސްވިޒަލެންޑުން ޖެހި ހަމައެކަނި ލަނޑު 58 ވަނަ މިނިޓުގައި ޖަހައިދިނީ މި ސީޒަން ގައި މެންޗެސްޓާ ސިޓީ އަށް ބަދަލުވި ޑިފެންޑަރު މެނުއެލް އަކަންޖީ އެވެ.

ރާމޯސް އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ 67 ވަނަ މިނިޓުގަ އެވެ. އޭނާ މި ގޯލު ޖެހީ ޔާއޯ ފީލިކްސް ދިން ބޯޅައެއް ހޯދައި، ކީޕަރު ގައި މަތިން އެ ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ. އޭނާގެ ފުރަތަމަ ލަނޑު ޖަހަން އެހީ ވީ ވެސް ފީލިކްސް އެވެ. މިއީ މި އަހަރުގެ ވޯލްޑް ކަޕް ގައި ފެނުނު ފުރަތަމަ ހެޓްރިކް ވެސް މެއެވެ.

ރޮނާލްޑޯ ކުޅެން އަރައި 84 ވަނަ މިނިޓުގައި ލަނޑެއް ޖެހި އެވެ. ނަމަވެސް އޭނާ އޮފްސައިޑް ވެފައި ވާތީ އެ ގޯލު ބަލައެއް ނުގަނެ އެވެ.

މެޗުގެ އިތުރު ވަގުތުގައި ޕޯޗުގަލްގެ ފަހު ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރަފައެލް ލެއާއޯ އެވެ. މިއީ އޭނާ ވޯލްޑް ކަޕް ގައި ޖެހި ދެ ވަނަ ގޯލެވެ.

މި މެޗާ އެކު ގަދަ 16 ގެ މެޗްތަކުގެ ކުޅުން މިވަނީ ނިމިފަ އެވެ. ކުއާޓާ ފައިނަލް ގައި ޕޯޗުގަލް ކުޅެން ޖެހޭނީ މިރޭ ޕެނަލްޓީގައި ސްޕެއިން ބަލިކުރި މޮރޮކޯއާ ދެކޮޅަށެވެ.