Roadha Mihaaru
ޔޫރޯގެ ގަދަ ދެ ޓީމަށް މޮޅެއް ނުވެވުނު

ޔޫރޯގެ ގަދަ ދެ ޓީމަށް މޮޅެއް ނުވެވުނު

07 ސެޕްޓެމްބަރ 2016

ޒިއުރިކް، ސްވިޒަލެންޑް (ސެޕްޓެމްބަރު 7) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ސްވިޒަލެންޑް އަތުން ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް 2-0 އިން ބަލިވިއިރު، ބެލަރޫސް އާއި ޔޫރޯގެ ރަނަރަޕް ފްރާންސް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޒިއުރިކް، ސްވިޒަލެންޑް (ސެޕްޓެމްބަރު 7) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ސްވިޒަލެންޑް އަތުން ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް 2-0 އިން ބަލިވިއިރު، ބެލަރޫސް އާއި ޔޫރޯގެ ރަނަރަޕް ފްރާންސް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

އަނިޔާގެ ސަބަބުން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ޕޯޗުގަލް ކުޅުނު މި މެޗުގައި އެ ޓީމުގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. ސްވިޒަލެންޑުގެ ލަނޑުތައް ކާމިޔާބުކުރީ ޒުވާން ފޯވާޑް ބްރީލް އެމްބޯލޯ އާއި އަޑްމިރް މެހެމެދީ އެވެ.

މި މެޗުގެ އިތުރު ވަގުތުގައި ސްވިޒަލެންޑަށް ކުޅޭ އާސެނަލްގެ މިޑްފީލްޑަރު ގްރޭނިޓް ޝާކާ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައިފަ އެވެ.

ބެލަރޫސް އިން ރޭ އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ފްރާންސްގެ ތަރިން ގިނަ ޓީމުން ހުއްޓުވުމަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފްރާންސްގެ ފުރަތަމަ އެގާރައިގައި ޕައުލް ޕޮގްބާ އާއި އެންޓޮއިން ގްރީޒްމަން އަދި އޮލިވިއޭ ޖިރޯ ހިމަނައިގެން ކުޅެން އެރިއިރު ބެލަރޫސް ޑިފެންޑަރުން ކައިރީގައި އެ ތިން ކުޅުންތެރިންނަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ސްވިޑަން އާއި ނެދަލެންޑްސް ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އަދި ބެލްޖިއަމް ވަނީ 3-0 އިން ސައިޕްރަސް އަތުން މޮޅުވެފަ އެވެ. މިއީ ބެލްޖިއަމްގެ އާ ކޯޗު ރޮބާޓޯ މާޓިނޭޒް އެ ޓީމާ ހަވާލުވުމަށް ފަހު ހޯދި ފުރަތަމަ މޮޅެވެ.