Roadha Mihaaru
ޅ. އަތޮޅު ފެރީ ހިދުމަތުން އަގު ނަގަން ފަށަނީ

ޅ. އަތޮޅު އާރުޓީއެލް: އާދިއްތަ ދުވަހު އަގު ނަގަން ފަށަނީ

08 ޑިސެމްބަރ 2022

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ލޯންޗު ފެރީގެ ދެވަނަ ފިޔަވަހީގެ ހިދުމަތް މިހާރު ފަށާފައިވާ ޅ. އަތޮޅުގެ ފެރީން އަންނަ ހަފްތާ އަގު ނަގަން ފަށަން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ލޯންޗު ފެރީގެ ދެވަނަ ފިޔަވަހީގެ ހިދުމަތް މިހާރު ފަށާފައިވާ ޅ. އަތޮޅުގެ ފެރީން އަންނަ ހަފްތާ އަގު ނަގަން ފަށަން ނިންމައިފި އެވެ.

ފެރީގެ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީގެ އާރުޓީއެލް ފެރީގެ ހިދުމަތް ޅ. އަތޮޅުގައި ފެށީ މިދިޔަ މަހުގެ 17ގަ އެވެ. އެއީ އެއްވެސް އަގެއް ނުނަގާ ގޮތަށް، އަހުލުވެރިކުރުމުގެ ދަތުރުތަކެއްގެ ގޮތުގަ އެވެ.

އަގު ނަގަން ފަށަން މިދިޔަ މަހު 28 ކަނޑައެޅި ނަމަވެސް ފަހުން ހިލޭ ދަތުރު ކުރެވޭ މުއްދަތު އިތުރުކުރި އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ ހިލޭ ދަތުރުކުރާ މައްދަތު ނިމި، އަންނަ އާދިއްތަ ދުވަހުން ފެށިގެން އަގު ނަގައިގެން ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށެވެ.

އާރްޓީއެލް ފެރީގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ހއ، ހދ، އަދި ށ. އަތޮޅުގެ ދަތުރުތަކޭ އެއްގޮތަށް، ޅ. އަތޮޅުގެ ދަތުރުތައް ވެސް ފަށާނީ ކޮޅަކަށް 35ރ. އާއި 125ރ. ދެމެދުގެ އަގުތަކަކުންނެވެ.

އާބާދީގައި ގާތްގަނޑަކަށް 11،000 މީހުން ހިމެނޭ ޅ. އަތޮޅުގެ ދަތުރުތަކުގައި ބޭނުންކުރަން ހަމަޖެހިފައި ވަނީ ދެ ލޯންޗެވެ. މި ދަތުރުތައް ތިން ރޫޓަކަށް ބަހާލާފައިވާ އިރު އޭގެ ތެރެއިން އެއް ރޫޓު ހާއްސަކޮށްފައި ވަނީ އެއާޕޯޓުގެ ދަތުރުތަކަށެވެ.

ތިން އަހަރުން ދަށުގެ ކުދިންނާއި، ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް އާރްޓީއެލް ފެރީގައި އަބަދުވެސް ހިލޭ ދަތުރުކުރެވޭނެ އެވެ.

ހެޔޮއަގުގައި ރާއްޖޭގެ ހުރިހާ އަތޮޅެއް ލޯންޗު ފެރީން ގުޅައިލަދޭ އާރުޓީއެލް ފެރީގެ ހިދުމަތަކީ 800 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ހަރަދެއް ހޭދަކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި، މިދިޔަ އޮގަސްޓް މަހުގެ ތެރޭ ވަނީ ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތައް ފެރީގެ ނިޒާމުން ގުޅާލައިފަ އެވެ. މި ދަތުރުތަކަށް ޖުމްލަ 17 ލޯންޗެއް ބޭނުންކުރެ އެވެ.