Roadha Mihaaru
ޑި މާރިއާ އާއި ވެން ހާލްގެ ބަހުގެ ހަމަލާތަކެއް

މެޗުގެ ކުރިން ޑި މާރިއާ އާއި ވެން ހާލްގެ ބަހުގެ ހަމަލާތަކެއް

09 ޑިސެމްބަރ 2022

ލުސައިލް (ޑިސެމްބަރު 9) - އާޖެންޓީނާގެ ފޯވާޑް އޭންހަލް ޑީ މާރިއާ، ނެދަލެންޑްގެސް ކޯޗު ލުއިސް ވެން ހާލް އަށް ފާޑުކިޔުމުން، ވެން ހާލް ވެސް ޑިމާރިއާ އަށް ރައްދު ދީފި އެވެ.

ލުސައިލް (ޑިސެމްބަރު 9) - އާޖެންޓީނާގެ ފޯވާޑް އޭންހަލް ޑީ މާރިއާ، ނެދަލެންޑްގެސް ކޯޗު ލުއިސް ވެން ހާލް އަށް ފާޑުކިޔުމުން، ވެން ހާލް ވެސް ޑިމާރިއާ އަށް ރައްދު ދީފި އެވެ.

ވެން ހާލްގެ ކޯޗުކަމުގެ ދަށުން، ޑި މާރިއާ ވަނީ މެންޗެސްޓާ ޔުނައިޓެޑަށް 2014-2015 ގެ ސީޒަންގައި ކުޅެފަ އެވެ. ޔުނައިޓެޑުން 60 މިލިއަން ޑޮލަރު ހޭދަކޮށްފައި ގެނައި ރެއާލް މެޑްރިޑްގެ ކުރީގެ ވިންގާ އަށް ޔުނައިޓެޑްގައި ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.

ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި މިރޭ ވެން ހާލްގެ ނެދަލެންޑްސް އާއި ޑި މާރިއާގެ އާޖެންޓީނާ ކުޅޭނެ އެވެ. މެޗުގެ ކުރިން ޑި މާރިއާ ބުނީ އޭނާގެ ކެރިއާގައި ކޯޗުކޮށް ދިން ކޯޗުންގެ ތެރެއިން އެންމެ ދަށް ކޯޗަކީ ވެން ހާލް ކަމަށެވެ.

ނެދަލެންޑްސްގެ ފޯވާޑް އަދި ވެން ހާލްގެ ދަށުން ޔުނައިޓެޑްގައ ކުޅުނު މެންފިސް ޑި ޕާއީ ވެސް ބައިވެރިވި ޕްރީ މެޗް ޕްރެސްގައި ވެން ހާލް ބުނީ ޑި މާރިއާ އަށް އެ ސީޒަންގައި ނުކުޅެވުނީ އޭނާގެ އަމިއްލަ ކަންކަމެއް ދިމާވުމުގެ ސަބަބުން ކަމަށެވެ.

"އޭންހަލް ޑި މާރިއާ އަކީ މޮޅު ކުޅުންތެރިޔެއް. އޭނާ މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ދުވަސްވަރު އޭނާގެ ހުރި ވަރަށް ގިނަ ޕާސަނަލް މައްސަލަތަކެއް،" ވެން ހާލް ބުންޏެވެ.

"އޭނާ ދިރިއުޅުނު ގެ ފަޅައިލައިގެން ވެސް ވައްކަން ވެސް ކުރި. އޭނާ އަށް ފިޓްނަސް މައްސަލަތައް ވެސް ކުރިމަތިވ. އަހަންނަކީ އެންމެ ދަށް ކޯޗު ކަމަށް އޭނާ ބުނާކަމަށް ވަންޏާމު އޭނާ އަކީ އެހެން ބުނާ މަދު މީހުންގެ ތެރެއިން އެކަކު. އެކަމަކު އެހެން ކުޅުންތެރިންގެ މެދުގައި އެކަން އޮންނަނީ އޭނާ އެ ބުނާ ގޮތާ ދެކޮޅަށް. އޭނާ އެހެން ބުނުމަކީ ހިތާމައެއް."

ވޯލްޑް ކަޕުގައި އާޖެންޓީނާ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުގައި ޔުވެންޓަސް އަށް މިހާރު ކުޅެމުން އަންނަ ޑި މާރިއާ ކުޅުނެވެ. ގުރޫޕް ސްޓޭޖުގައި ސައުދީ އަރަވިއާ، މެކްސިކޯ އަދި ޕޮލެންޑާ ދެކޮޅަށް ވެސް އޭނާ ކުޅުނެވެ. އެކަމަކު ދެވަނަ ބުރުގައި އޮސްޓްރޭލިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ހުރީ ބެންޗުގަ އެވެ.

މިރޭ ގެ މެޗު ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.