Roadha Mihaaru
ހޮރައިޒަންގެ "ޓޫނާ ޕާސްތާ ސޯސް" ދަޅު މާކެޓަށް

ހޮރައިޒަންގެ "ޓޫނާ ޕާސްތާ ސޯސް" ދަޅު މާކެޓަށް

10 ޑިސެމްބަރ 2022

ހޮރައިޒަން ފިޝަރީޒްއިން "ޓޫނާ ޕާސްތާ ސޯސް" ދަޅު ތައާރަފް ކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ހޮރައިޒަން ފިޝަރީޒްއިން "ޓޫނާ ޕާސްތާ ސޯސް" ދަޅު ތައާރަފް ކޮށްފި އެވެ.

އެ އުފެއްދުން ތައާރަފު ކުރީ ގދ. ފަރެސްމާތޮޑާގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަުގެ ތެރޭގަ އެވެ. އެ ސޯސް ދަޅު ނެރެދެއްވީ ރަސްމީކޮށް ނެރެދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެވެ.

އެ ޕްރޮޑަކްޓު ނެރުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޮރައިޒަން ފިޝަރީޒްގެ ޖެނެރަލް މެނޭޖަރު އައިމިނަތު ޒައިމާ ވިދާޅުވީ، ޓޫނާ ޕާސްތާ އަކީ ރާއްޖޭގައި މަގުބޫލު ކެއުމަކަށް ވާއިރު، ރެސްޓޯރަންޓުތަކަށާއި، އަމިއްލަ ފަރާތްތަކަށް ފަސޭހަކަމާ އެކު މީރު ޓޫނާ ޕާސްތާ ސޯހެއްގެ ރަހަ ތަޖުރިބާ ކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. ޕާސްތާ ޑިޝް ބޭރު ގައުމުތަކުގައި ތައްޔާރު ކުރަނީ އާއްމުކޮށް ގެރި މަސް ނުވަތަ ކުކުޅު މަހުން ކަމަށް ވާއިރު، އަލަށް ތައާރަފު ކުރި ޓޫނާ ޕާސްތާ ސޯހަކީ ބޭރު މީހުންނަށް ތަފާތު ސޯސް އަކަށްވެ، އެއަށް ޑިމާންޑު ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފަރެސްމާތޮޑާގައި ބޭއްވި ހަރަކާތުގައި، ޕާސްތާ ސޯސްގެ ރަހަ ދައްކާލަނީ. -- ފޮޓޯ: ހޮރައިޒަން ފިޝަރީޒް

ފަރެސްމާތޮޑާގައި ބޭއްވި ހަރަކާތުގައި، ޕާސްތާ ސޯސްގެ ރަހަ ދައްކާލަނީ. -- ފޮޓޯ: ހޮރައިޒަން ފިޝަރީޒް

ހޮރައިޒަންއިން ބުނި ގޮތުގައި އެ ސޯސް ދަޅުގެ ސަބަބުން ވަގުތު ސަލާމަތްވާނެ އެވެ. އެ ސޯސް ބޭނުންކޮށްގެން ޕާސްތާ ހަދާނަމަ، ހޭދަ ވާނީ ޕާސްތާ ކެއްކުމަށްދާ 5 މިނެޓު އެކަންޏެވެ. ޕާސްތާ ރޯފިލުމުން ސޯސް އާ އެއްކޮށްލުމުން ޕާސްތާ ތައްޔާރުކޮށްލެވުނީ އެވެ. މިއީ ބިޒީ ޝެޑިއުލްތަކުގައި އުޅޭ މީހުންނަށް ވަރަށް ރަނގަޅު ޕްރޮޑަކްޓަކަށް ވާނެ ކަމަށް ހޮރައިޒަނުން ބުނެ އެވެ.

ހޮރައިޒަނުން ބުނި ގޮތުގައި އެ ސޯސް އަކީ ސިއްހަތަށް ހޭލުންތެރި މީހުންނަށް ވެސް އެކަށޭނެހެން ތައްޔާރުކޮށްފައިވާ ސޯހެއް ކަމަށެވެ. އެގޮތުން އެ ސޯސް އަކީ އެއް ވެސް ޕްރިޒަވަޓިވްއެއް ނުހިމެނޭ، ތާޒާ ކަނޑުމަހައި ޓޮމާޓޯ ސޯސް ބޭނުން ކޮށްގެން ތައްޔާރު ކޮށްފައިވާ ސޯސް އެކެވެ. އަދި އެއީ ދަޅުގައި ދެ އަހަރު ނުބައި ނުވެ ހުންނަ ގޮތަށް ތައްޔާރު ކޮށްފައިވާ އުފެއްދުމެއް ކަމަށް ހޮރައިޒަނުން ބުނެ އެވެ،

ހޮރައިޒަނުން ބުނި ގޮތުގައި އެ ސޯސް ދަޅު ބާޒާރަށް ނެރުމަށް އެއް އަހަރު ދުވަސް ވަނީ ހޭދަކޮށްފަ އެވެ. އެ މުއްދަތުގައި އެ ސޯސްގެ އެކި ތަހުލީލުތައް ކޮށް ރަހަ ނުގެއްލޭހެން ފްރެޝްކޮށް، ޝެލްޕް ލައިފް ދިގު ބެހެއްޓޭނެ ގޮތްތައް ހޯދައި، ތައްޔާރު ކޮށްފައިވާ އުފެއްދުމެކެވެ.

ހޮރައިޒަނުން ދަނީ މި ފަދަ އެކި ތަފާތު އުފެއްދުންތައް މާކެޓަށް ނެރެމުންނެވެ.