Roadha Mihaaru
މިއީ އެންމެ ފުރިހަމަ ވޯލްޑް ކަޕް: ފީފާގެ ރައީސް

މިއީ މިހާތަނަށް ބޭއްވި އެންމެ ފުރިހަމަ ވޯލްޑް ކަޕް: ފީފާގެ ރައީސް

17 ޑިސެމްބަރ 2022

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕަކީ މިހާތަނަށް ބޭއްވި އެންމެ ފުރިހަމަ ވޯލްޑް ކަޕް ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕަކީ މިހާތަނަށް ބޭއްވި އެންމެ ފުރިހަމަ ވޯލްޑް ކަޕް ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

ފުޓްބޯޅައިގެ ސަގާފަތެއް ނެތް، މެދުއިރުމަތީގެ ކުޑަކުޑަ ގައުމަކަށް ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު 2010 ގައި ފީފާގެ އެގްޒެކެޓިވް ކޮމިޓީން ދިނުމުން އޭރުން ފެށިގެން ފީފާ އަށް ވަނީ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

ތެލާއި ގޭހުގެ މުއްސަނދިކަން ލިބިފައިވާ ގަތަރުން އެ ފުރުސަތު ހޯދީ ރިޝްވަތު ދީގެން ކަމަށް ވަރަށް ބޮޑަށް ތުހުމަތުކޮށްފައިވެ އެވެ. އަދި މުބާރާތަށް ސްޓޭޑިއަމްތައް ބިނާކުރި ބިދޭސީ މަސައްކަތްތެރިންނާ މެދު އެ ގައުމުން އިހުމާލުވި ކަމަށް ބުނެ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުން ވެސް އެ ގައުމަށް ފާޑުކިޔެވެ.

އެކަމަކު ގަތަރުން ފުރިހަމަކަމާ އެކު މުބާރާތް އިންތިޒާމުކުރުމުން މިހާރު އަންނަނީ ތައުރީފު އޮހެމުންނެވެ. އަދި ގަތަރަކީ ކުޑަ ގައުމަކަށް ވުމުން ޓީމުތަކާއި ސަޕޯޓަރުންނަށް އެތެރޭ ދަތުރުފަތުރުގެ އުނދަގުލެއް ނުޖެހި "ވަން ސިޓީ ވޯލްޑް ކަޕެއް" ތަޖުރިބާކުރަން ލިބުމުން ހިތްހަމަޖެހުން ވަނީ ބޮޑުވެފަ އެވެ.

މުބާރާތް ފެށުމުގެ ކުރިން ވެސް ގަތަރުގެ ދިފާއުގައި ހުންނެވި އިންފަންޓީނޯ ވިދާޅުވީ މި ފަހަރުގެ މުބާރާތް ފުރިހަމަވި ސަބަބަކީ ކުރިން ނޭގި އޮތް ނުވަތަ ގޯސްކޮށް ސިފަކޮށްދީފައި އޮތް އަރަބި ދުނިޔެ ތަޖުރިބާކުރުމުގެ ފުރުސަތު ދުނިޔޭގެ އެތައް ބަޔަކަށް ލިބުމުން ކަމަށެވެ.

ލުބްނާނުގެ އަރަތްބަކާ ކައިވެނިކޮށްގެން އުޅޭ އިންފަންޓީނޯ ވަނީ، ހުޅަނގުގެ އިސްތިއުމާރީ ތާރީހަށް އިޝާރާތްކޮށް، ހުޅަނގުގެ ގައުމުތަކަށް އަރަބިންނަށް އަހުލާގީ ފިލާވަޅު ނަގައިނުދެވޭނެ ކަމަށް ބުނެ މުބާރާތް ފެށުމުގެ ކުރިން ވެސް ފާޑުކިޔާ މީހުންނަށް ރައްދުދެއްވައިފަ އެވެ.

ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ، ޔުއެފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އިންފަންޓީނޯ ވިދާޅުވީ މި މުބާރާތުން ފެނިގެން ދިޔައީ މުޅި ދުނިޔެ ބައިވެރިވި ވޯލްޑް ކަޕެއް ކަމަށެވެ. އެގޮތުން އަންހެން ރެފްރީންނަށް ފުރުސަތު ދެވުމާއި ހުރިހާ ބައްރެއްގެ ޓީމުތަކަށް ދެ ވަނަ ބުރަށް ދިއުމާއި އަރަބި/އެފްރިކާ ޓީމެއް ފުރަތަމަ ފަހަރަށް ސެމީ އަށް ދިއުމަކީ، މުޅި ދުނިޔޭގެ ބައިވެރިވުން ވޯލްޑް ކަޕުގައި އޮތް ކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހާއްސަކޮށް ސެމީން ޖާގަ ހޯދި އަރަބި/އެފްރިކާގެ ފުރަތަމަ ގައުމުގެ ޝަރަފް ހޯދި މޮރޮކޯ އަށް އޭނާ ވަރަށް ބޮޑަށް ތައުރީފުކުރެއްވި އެވެ.

"އަހަންނަށް ހީވަނީ މޮރޮކޯގެ ކުޅުން މާބޮޑަށް ވެސް ތަފާތު ހެން. އެ ޓީމުން ކުޅުނީ ފެންވަރާ އެކު އަދި އެކު ގަދަ ހިތްވަރާ ވެސް އެކު. ވޯލްޑް ކަޕުގެ ސެމީ އަށް ނުދެވޭނެ ހަމަތިބެފައި،" އިންފަންޓީނޯ ވިދާޅުވި އެވެ.

ފީފާ އިން ބިލިއަނުން ސާފު ފައިދާ ހޯދި މި މުބާރާތް ހުރިހާ ގޮތަކުން ވެސް ކާމިޔާބު ކަމަށް އޭނާ ވިދާޅުވި އެވެ. އެންމެ ބޮޑު ކާމިޔާބަކީ، އިންފަންޓީނޯ ވިދާޅުވި ގޮތުގައި ސަޕޯޓަރުން ރީތި އަހުލާގެއް ދެއްކުމާއި ފޯރިގަދަ މާހައުލެއް އޮތުމާއި ހުރިހާ ނަސްލެއްގެ މީހުންގެ ފަރާތުން އެއްބައިވަންތަކަން ފެނުމެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސަޕޯޓަރުން އަރަބި ދުނިޔެ ތައާރަފުވުމަކީ ވަރަށް ބޮޑަށް އުފަލެއް. މިއީ އަހަރެމެންގެ އެންމެންގެ ކުރިމަގަށް މުހިއްމު ކަމެއް،" އޭނާ ވިދާޅުވި އެވެ.

އެހެން މުބާރާތްތަކާ ހިލާފަށް މި ފަހަރުގެ މުބާރާތުގައި ސްޓޭޑިއަމް ސަރަހައްދުގައި ބަނގުރާ ނުވިއްކަ އެވެ. އެހެންވެ މަސްތުވެގެން ތިބި ސަޕޯޓަރުންގެ އުދަނގޫ ނުޖެހި، އާއިލާ އެންމެންނާ އެކު ހިތްހަމަޖެހޭ މާހައުލެއްގައި މެޗުތައް ބަލާލެވުނު ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.