Roadha Mihaaru
އެސްއެމްއީ ހަބް: ގިނަ ވިޔަފާރިތަކެއްގެ ހިނިތުންވުން!

އެސްއީއެމް ހަބާ އެކު 100 އަށް ވުރެ ގިނަ ވިޔަފާރިވެރިންނަށް އުފާވެރިކަން!

22 ޑިސެމްބަރ 2022

މާލޭގެ އެންމެ ހަލަބޮލި ވިޔަފާރީގެ ސަރަހައްދަށް އަނެއްކާ ވެސް މި އައީ ބޮޑު ބަދަލެކެވެ. ކުރީގެ މަޝްހޫރު އުމަރު ޝޮޕިން އާކޭޑް ހުރި ބިމުގައި ޒަމާނީ ކޮންސެޕްޓަކަށް އާ ވިޔަފާރިތަކެއް ފަށައިފި އެވެ. މިއީ ވިޔަފާރީގައި ކުރިއަށް ދާން ވިސްނައިގެން ތިބި އެތައް ބައެއްގެ އުންމީދެކެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މާލޭގެ އެންމެ ހަލަބޮލި ވިޔަފާރީގެ ސަރަހައްދަށް އަނެއްކާ ވެސް މި އައީ ބޮޑު ބަދަލެކެވެ. ކުރީގެ މަޝްހޫރު އުމަރު ޝޮޕިން އާކޭޑް ހުރި ބިމުގައި ޒަމާނީ ކޮންސެޕްޓަކަށް އާ ވިޔަފާރިތަކެއް ފަށައިފި އެވެ. މިއީ ވިޔަފާރީގައި ކުރިއަށް ދާން ވިސްނައިގެން ތިބި އެތައް ބައެއްގެ އުންމީދެކެވެ.

މިނީ މޯލް ކޮންސެޕްޓަށް، ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އިން "އެސްއެމްއީ ހަބް"ގެ ނަމުގައި ހާއްސަ މޯލްއެއް ހުޅުވި އިރު، އެތަނުން 100 އަށް ވުރެ ގިނަ ވިޔަފާރި އަށް ޖާގަ ދިނެވެ. ރާއްޖޭގައި ފުޑް ކޯޓުތަކާއި އެހެން ބައެއް ލެޝާ ހަރަކާތްތަކާ އެކު ހިންގާ ތަނަށް ވަނުމުން ފުރަތަމަ ވެސް ފެންނާނީ ވިޔަފާރީގެ އާ މަންޒަރެކެވެ.

އެތަނުގެ އެއްވަނަ ފްލޯގައި ކުޑަ ކެފޭއެއް ގޮތައް ގޮޑިތައް އަތުރާލައިފައި އޮތް އިރު މުޅި މާހައުލު ވަނީ ގަހުން ފުރިފަ އެވެ. "ގާޑަން ކެފޭ" ތެރެއިން ވަދެގެން ގޮސް ދެން ވަދެވެނީ ކުޑަ ލައިބްރަރީއަކަށެވެ. އެ ތަނުގައި ކެފޭ ހިންގަނީ ވަކި މީހެކެވެ. އެތަނުގެ ގާޑަން ބަލަހައްޓައި، ވިއްކަނީ ވަކި މީހެކެވެ. އަލި ލައިބްރަރީގައި ހުރީ ވެސް އެތައް ބަޔަކު ވިއްކަން ބަހައްޓާފައި ހުރި ފޮތްތަކެވެ. އަދި ފާރުތަކުގައި ހަރުކޮށްފައި ހުރި ކުރެހުންތަކަކީ ވެސް އާޓިސްޓުން ވިއްކަން ބަހައްޓާފައި ހުރި މަސައްކަތްތަކެވެ.

އެސްއެމްއީ ހަބްގެ ފުރަތަމަ ފްލޯއިން ދެވަނަ ފްލޯއަށް އެރުމަށް ހުރި އެސްކެލޭޓަރު: ފުރަތަމަ ފްލޯގައި ހުންނަނީ ކެފޭ އަކާއި ގަސް ވިއްކުމަށް ހާއްސަ ބަޔަކާއި ފޮތް ވިއްކުމަށް ހާއްސަ ކޯނަރު-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެސްއެމްއީ ހަބްގެ ފުރަތަމަ ފްލޯއިން ދެވަނަ ފްލޯއަށް އެރުމަށް ހުރި އެސްކެލޭޓަރު: ފުރަތަމަ ފްލޯގައި ހުންނަނީ ކެފޭ އަކާއި ގަސް ވިއްކުމަށް ހާއްސަ ބަޔަކާއި ފޮތް ވިއްކުމަށް ހާއްސަ ކޯނަރު-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ގޭތެރޭގައި އެންމެ ކުދި ވިޔަފާރިތައް ހިންގާ މީހުންނަށް، ގެއިން ބޭރަށް ނުކުމެ ވިޔަފާރި ކުރާނެ ފުރުސަތު ފަހިކޮށްދޭން ބީސީސީން މި ކޮންސެޕްޓް ރޭވިތާ، ދެ އަހަރެއްހާ ދުސް ވެއްޖެ އެވެ. މިކަހަލަ ކަމެއް އެންމެ ފުރަތަމަ ރޭވީ، ކޮވިޑް ތެރޭގައި އޮންލައިން ކުދި ވިޔަފާރިތައް ފުޅާވެ، އެކަން ވައިގައި ހިފުމުންނެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ހިޔާލަކަށް ބީސީސީގެ ޓީމުން މިކަން ފެށީ މުޅިން ތަފާތު ސްޓައިލަކަށް މިކަން ކުރެވޭތޯ އެވެ.

އެހެން ނަމަވެސް، އެކަން ހަގީގަތަށް ހެދުނީ އެފަދަ ކަމެއް ކުރެވޭނެ ކަހަލަ އިމާރާތެއް މާލޭގެ ޕްރައިމް ލޮކޭޝަނަކުން ލިބުނު ހިސާބުންނެވެ. ޖުމްހޫރީ މައިދާން ސަރަހައްދުގެ ޗާންދަނީ މަގުކޮޅުގައި ހުރި އެސްޓީއޯ އިމާރާތުގެ ތިން ފްލޯގައި އެކަން ފެށުމަށް، މުޅި ތަނުގެ ސެޓަޕް ރޭވުމަށް ވެސް އަހަރެއްހާ ދުވަސް ނެގި އެވެ.

މިދިޔަ ހަފްތާގައި ހުޅުވި އެ މިނީ މޯލް އާ އެކު މިހާރު އެ ސަރަހައްދުގެ ގިނަ އޮފީސްތަކުގެ ލަންޗް ނަގަން ދާ ތަނަކަށް އެތަން މިހާރު އަންނަނީ ބަދަލުވަމުންނެވެ. އެހާ ކުޑަ ދުވަސްކޮޅެއްގައި އެތަނުގެ މަގްބޫލުކަން އިތުރުވެ، މީހުން ވަންނަން ފެށީ، ތަނުގައި ހިދުމަތް ދޭ ސްޓައިލް ތަފާތުކަމުންނެވެ،

އެސްއެމްއީ ހަބް. އާޓިސްޓުންގެ ކުރެހުންތަކެއް ފާރުގައި، އަދި ވަށައިގެން ބަހައްޓާފައި ހުރި ގަސްތައް-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެސްއެމްއީ ހަބް. އާޓިސްޓުންގެ ކުރެހުންތަކެއް ފާރުގައި، އަދި ވަށައިގެން ބަހައްޓާފައި ހުރި ގަސްތައް-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

19 ފުޑް ކޯޓު، ބުކް ސްޓޯރުގައި 50 ސަޕްލަޔަރުން

މިދިޔަ އޮކްޓޫބަރު މަހު އެސްއެމްއީ ހަބްގެ ކިއޯސްކްތައް ވިއްކުމަށް ހުޅުވާލުމުން، 80 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލި އެވެ. ހޯމް-މޭޑް ފުޑް ވިއްކުމަށް ހާއްސަ ކިއޯސްކްތަައް ދޫކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދިނީ، އާ އަދި އެންމެ ކުދި ވިޔަފާރިތަކަށެވެ.

އެސްއެމްއީ ހަބްގެ ޑެޕިއުޓީ މެނޭޖާ މުހައްމަދު އީމާން އަހުމަދު ވިދާޅުވީ، އެސްއެމްއީ ހަބްގައި ވިޔަފާރިތައް ދައްކާލައި އެކަން ތިން ހަފްތާގެ ތެރޭގައި އަމަލީ ސިފައެއްގައި ކުރުމަށް ގިނަ ބަޔަކު ކުރިމަތިލި އިރު، 19 ކިއޯސްކް އަކަށް ފުރުސަތު ދިނީ ގުރުއަތު ނަގައިގެން ކަމަށެވެ.

ބީސީސީގެ ޑެފިިއުޓީ މެނޭޖަރު މުހައްމަދު އީމާން އަހުމަދު އާއި ޗީފް ކޮމާޝަލް އޮފިސަރު ސާމިހު އާދަމް "މިހާރު" އަށް އިންޓަވިއު ދެއްވަނީ-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ބީސީސީގެ ޑެފިިއުޓީ މެނޭޖަރު މުހައްމަދު އީމާން އަހުމަދު އާއި ޗީފް ކޮމާޝަލް އޮފިސަރު ސާމިހު އާދަމް "މިހާރު" އަށް އިންޓަވިއު ދެއްވަނީ-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މިއީ ހަމައެކަނި އެއްވަނަ ފްލޯ އާއި ދެވަނަ ފްލޯގައި ހުރި ވިޔަފާރިތަކެވެ. ބީސީސީ އިން އަންނަނީ ތިން ވަނަ ފްލޯ ވެސް ހަދަމުންނެވެ. އެތަނުގައި 25 މީހުންނަށް ހާއްސަ ސިނަމާ އަކާއި ސެލޫން ފަދަ ތަންތަނަށް ކުދި ގޮޅިތައް ވިޔަފާރިތަކަށް ދޫކުރާނެ އެވެ.

"މުޅިތަން އެއްކޮށް ނިމޭ އިރު 42 ވިޔަފާރިއަކަށް ޑައިރެކްޓްލީ ފުރުސަތު ދެވޭނެ. އެކަމަކު މިހާރު ވެސް ބުކް ސްޓޯރުގައި 50 އެތައް ސަޕްލަޔަރުން އެބަ އުޅޭ،" އޭނާ ބުންޏެވެ.

އެހެންވެ، މުޅި ތަން ހުޅުވާލުމުން އެތަނުގައި 100 އެއްހާ ކުދި ވިޔަފާރިތަކުގެ ވިޔަފާރި ޑިސްޕްލޭ ކުރެވި، ވިޔަފާރިތައް ހުޅުވާލެވޭނެ އެވެ.

އެސްއެމްއީ ހަބްގެ ދެވަނަ ފްލޯގެ ބައެއް ކިއޯސްކްތައް: އެތަނުގައި ހުންނަނީ ކާން މީހުންނަށް މަޑުކޮށްލައިގެން ވެސް ތިބެވޭ ގޮތަށް-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެސްއެމްއީ ހަބްގެ ދެވަނަ ފްލޯގެ ބައެއް ކިއޯސްކްތައް: އެތަނުގައި ހުންނަނީ ކާން މީހުންނަށް މަޑުކޮށްލައިގެން ވެސް ތިބެވޭ ގޮތަށް-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެސްއެމްއީ ހަބްގެ ބައެއް ތަފްސީލު

- ކިއޯސްކްއެއް ދޫކުރީ މަހަކު -8،000ރ. އާއި 10،000ރ. އާ ދެމެދުގެ އަގެއްގައި

- ބުކްޝެލްފް ގޮޅިއެއް: މަހަކު 440ރ. އަށް

- އެންބީސީ އެޕްރޫވްޑް ހުރިހާ ދިވެހި ލިޔުންތެރިންގެ ފޮތެއް ނަމަ ވިއްކޭނެ

- ތިން ކިއޯސްކް ހާއްސަ ކުރަނީ ވަލްނަރަބަލް ކޮމިއުނިޓީ އަށް

"ދަ ކޯނާ ބާ" ވިއްކާ ހާއްސަ އުފެއްދުމެއް: އެތަނުން އަންނަނީ އާންމުންގެ މަގްބޫލުކަމަށް ބަލައި ބައެއް ހެދިކާތަކަށް ބަދަލު ގެންނަމުން-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"ދަ ކޯނާ ބާ" ވިއްކާ ހާއްސަ އުފެއްދުމެއް: އެތަނުން އަންނަނީ އާންމުންގެ މަގްބޫލުކަމަށް ބަލައި ބައެއް ހެދިކާތަކަށް ބަދަލު ގެންނަމުން-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ކުދި ވިޔަފާރިވެރިން ވެސް ރެޑީ، ކުލި ބޮޑަސް ރިސްކް ނަގަން ތައްޔާރު

އެސްއެމްއީ ހަބްގައި ބައެއް ވިޔަފާރިވެރިން ބުނީ، މިއީ ވިޔަފާރި އެއް، "ޓެސްޓް" ކޮށް އެކަން އަމަލީ ސިފައެއްގައި ތަޖުރިބާކޮށްލަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ. ބައެއް ވިޔަފާރިތައް ރަޖިސްޓްރީ ކުރީ ވެސް އެސްއެމްއީ ހަބް އިން ޖާގަ ލިބުމުންނެވެ. ވިޔަފާރީގެ "އަޖުމަ" ބަލައިލުމަށް ލިބުނު މި ފުރުސަތުގެ ބޭނުންކޮށްގެން ލިބޭނެ މާބޮޑު ގެއްލުމެއް ނުފެންނަ ކަމަށް އެތަނުގައި ވިޔަފާރިކުރާ ގިނަ ބަޔަކު ބުންޏެވެ.

މުޅިން އަލަށް ވިޔަފާރިއެއް ރަޖިސްޓާކޮށްގެން ކިއޯސްކްއެއްގައި ކުޑަ ގޮތަކަށް މިކަން ކުރާ ބައެއް މީހުންނަށް 10،000ރ. ގެ ކުއްޔެއް ދެއްކުމަށް ގޮންޖެހުމަކަށްވީ ނަމަވެސް، އެތަނުގެ ގިނަ ވިޔަފާރިވެރިން މިކަން ދެކެނީ ނަގަން ރަނގަޅު ރިސްކެއްގެ ގޮތުގަ އެވެ. ސަބަބަކީ އަމިއްލަ އަށް މިފަދަ ކަމެއް ކުރާ ނަމަ، ވިޔަފާރި ވައިގައި ނުހިފައިފި ނަމަ އެކަމުން ލިބޭނެ ގެއްލުން ވެސް ބޮޑުވެދާނެތީ އެވެ. ބީސީސީގެ ފަންނީ އެހީތެރިކަމާ އެކު އަމަލީ ސިފައެއްގައި ވިޔަފާރިއެއް ކުރަން ފުރުސަތު ލިބުމުން، ވިޔަފާރި ރަނގަޅު ކުރާނެ ގޮތް ވެސް އެތަނުން ދަސްވާނެ އެވެ.

އެތަނުގެ ގިނަ ކިއޯސްކްތަކުގައި ތަކެތި ވިއްކަން ވެސް ތިބެނީ އޯނަރުންނެވެ. އާއިލާގެ އެކި މީހުންގެ މެދުގައި ގަޑިތައް ބަހައިގެން މިކަން ކުރާ އިރު މަދު ކިއޯސްކްތަކުގައި އަމިއްލަ ސްޓާފުން ވެސް ބަަހައްޓާފައި ހުއްޓެވެ. އެ ކިއޯސްކްތަކުން ވިއްކަން ހުރި ބައެއް ތަކެއްޗަކީ، އޮންލައިންކޮށް ޕޭޖުތަކުގައި މިހާރު ވެސް ވިއްކަމުން އަންނަ ތަކެއްޗެވެ.

"ވެފަލް" ކިއޯސްކް އިން ވެފަލްއެއް ތައްޔާރު ކުރަނީ. އެތަނުން ހަދަނީ ކުޅި ވެފަލް ސޭންޑްވިޗް--ފޮޓޯ:ފަޔާޒް މޫސާ/މިހާރު

"ވެފަލް" ކިއޯސްކް އިން ވެފަލްއެއް ތައްޔާރު ކުރަނީ. އެތަނުން ހަދަނީ ކުޅި ވެފަލް ސޭންޑްވިޗް--ފޮޓޯ:ފަޔާޒް މޫސާ/މިހާރު

އެސްއެމްއީ ހަބްގެ ދެވަނަ ފްލޯގައި މުޅިން ވެސް ހުރީ ކާބޯތަކެތި ވިއްކުމަށް ހާއްސަ ކިއޯސްކްތަކެވެ. އެތަނުން ކާ އެއްޗެހި ގަނެގެން ތިރީގައި ނުވަތަ، އެތަނުގައި ވެސް އިށީންދެލައިގެން ތިބޭނެ ގޮތަށް ވަނީ މޭޒު އަތުރައިފަ އެވެ. އެތަނުގެ ކޮންމެ ކިއޯސްކެއްގައި ވެސް މައިކްރޯވޭވް އާއިި ފްރިޖަކާއި ފެން ލިބޭނެ ގޮތް ވަނީ ބީސީސީ އިން ހަމަޖައްސައިދީފަ އެވެ.

އެތަނުގެ ބައެއް ވިޔަފާރިތަކަށް މިހާރު ވެސް ދުވާލެއްގެ މައްޗަށް 2،000ރ. އާމްދަނީ ލިބޭ އިރު އަނެއްބައި ތަންތަނުގެ އާމްދަނީ އުޅޭނީ 200ރ. އިން ދަށުގަ އެވެ. އާމްދަނީގެ ފަރަގުތައް އެހާ ބޮޑީ، ވިޔަފާރި ކުރާ ބޮޑު މިނާއި ސްޓައިލް ތަފާތުވުމުންނެވެ. އަދި އެތަންތަން އަމިއްލަ އަށް މާކެޓު ކުރުމުގައި ގެންގުޅޭ ކޮންސެޕްޓްތައް ވެސް ތަފާތުވީމަ އެވެ. ބީސީސީ އިން އަންނަނީ އެތަނުން ކޮންމެ ވިޔަފާރިއަކަށް ވެސް އެތަނެއްގެ ލެވެލް އިން އާ ހަރުފަތަކަށް ދާނެ ގޮތް ކިޔައިދެމުންނެވެ.

އެތަނުގައި ހާއްސަ ވެފަލްތަކެއް ވިއްކަމުން އަންނަ "ވެފަލް" ކިއޯސްކް އިން ބުނީ، އެ މީހުން ހިދުމަތްދޭ މިއީ ދެވަނަ ދުވަސް ކަމަށެވެ. އެހެންވެ، މާކެޓު ކުރުމުގެ އެކި ޓެކްނިކުތައް ތަޖުރިބާ ކުރަމުން އަންނަ ކަމަށެވެ. އެތަނަކީ ޒުވާން ދެ އަންހެނުން، ހަތުމާ އަބްދުﷲ 29، އަދި އާމިޔަތު ރައްޔަ 19، ވެގެން ފެށި ވިޔަފާރި އެކެވެ. އެތަނުގެ އެއް އޯނަރު ހަތުމާ ބުނީ، އޭނާ މިހާރު އަދާ ކުރާ ވަޒީފާއިން ވަކިވެ، ފެށި މި ވިޔަފާރިއަކީ އެކްސްޕެރިމެންޓެއް ކަމަށެވެ.

"އަދި ވަރަށް އާ. ވިޔަފާރި ކުރުމުގެ ހުރިހާ ކަމަކަށް އާ ވި ނަމަވެސް، ބޭނުންވަނީ ބީސީސީގެ އެހީތެރިކަމާ އެކު މިކަން ވޭތޯ ބަލަން،" އޭނާ ބުންޏެވެ.

އޭނާ ބުނީ، ކުރިއަށް އޮތްތަނުގައި ވެފަލްގެ ތަފާތު ޕްރޮޑަކްޓްތަކެއް ގެންނާނެ ކަމަށެވެ.

"ދަ ކޯނާ ބާ" އެތަނުގައި ތަކެތި ސާވް ކޮށްދޭ މުވައްޒަފުން-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"ދަ ކޯނާ ބާ" އެތަނުގައި ތަކެތި ސާވް ކޮށްދޭ މުވައްޒަފުން-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ކިއޯސްކްތަކުން އެންމެ ގިނަ ބައެއްގެ ލޯ އަމާޒުވާ އެއް ތަނަކީ "ދަ ކޯނާ ބާ" އެވެ. އެތަނުގައި ހުރި އެހެން ކިއޯސްކްތަކަށް ވުރެ، އެތަން ހިންގާ ސްޓައިލް ވެސް ތަފާތެވެ. އެތަނުގެ މުވައްޒަފުން ވެސް ތިބެނީ ތަނުގެ ހާއްސަ ޔުނިފޯމެއްގަ އެވެ.

އެތަނުގެ ވެރިޔާ އަހުމަދު މަދީހު ބުނީ، ކަމަކަށް ކަމެއް ކުރުމުގެ ބަދަލުގައި ބޭނުން ވަނީ މިއީ ވެސް ކުރެވޭނެ ކަމެއް ކަމަށް ދެއްކުމަށެވެ. އޭނާ ވަނީ އެ ކުޑަ ގޮޅިއަށް ލައްކައެއްހާ ރުފިހާ ހޭދަކޮށްފަ އެވެ. އޭނާ އަކީ އެހެން ބައެއް ވިޔަފާރިތައް ކުރާ މީހެއް ކަމުން މިފަދަ ކެޕިޓަލެއް މި ވިޔަފާރިއެއް ފެށުމަށް އެހާ އުނދަގުލެއް ނުވި އެވެ.

އޭނާގެ ހަންހެނުން ވެސް "ލެމަން އެންޑް ފައިން" ގެ ނަމުގައި ގޮޅިއެއް ހިންގަ އެވެ. އެހެންވެ ދެ މީހުންގެ ގޮޅި ވެސް މާކެޓުކޮށް ހިންގަނީ އެކީގަ އެވެ.

މަދީހު ބުނީ، ކަސްޓަމަރުންގެ ތަޖުރިބާތަކަށް ބަލައި އެތަނުން ލިބޭ ބުއިންތަކާއި ބައެއް ކާ ތަކެއްޗަށް ބަދަލު ގެންނަމުން އަންނަ ކަމަށެވެ.

"އަސްލު ރާއްޖޭގައި ލިބެން ހުންނަ ކެޔުންތަކުން ކުރެވެނީ އެހާ ރަނގަޅު ތަޖުރިބާއެއް ނޫން. އެންމެ ބޮޑު އިސްކަމެއް ރަނގަޅު ކޮލިޓީ ކާ އެއްޗެހި ތަޖުރިބާ ކޮށްލުމުގެ ފުރުސަތު،" އޭނާ ބުންޏެވެ.

އެ ގޮޅީގެ އެންމެ ހާއްސަ ކަމަކީ "ތައި ޓީ" އެވެ. އަދި އެފަދަ ގިނަ ޑްރިންކްތަކެއް ވެސް އެތަނުން ލިބެ އެވެ. އޭގެ އިތުރުން "ލެމަން އެންޑް ޕައިން" އިން އެކި ފްލޭވާތަކުގެ ވެފަލް ލިބެން ހުރެ އެވެ. އެ ދެ ގޮޅީގެ އާމްދަނީ އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ.

ގިނަ ވިޔަފާރިތަކުން އަންނަނީ އެއް ދުވަހަށް ވުރެ އަނެއް ދުވަހު، ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް ރަނގަޅު ކުރަމުންނެވެ. އެކަންކަމުގައި ބީސީސީއިން އެހީތެރިވެ އެވެ. އަދި ވިޔަފާރި އިތުރަށް ރަނގަޅު ކުރާނެ ގޮތްތައް ވެސް ކިއޯސްކްތަކުގެ ވެރިންނަށް ކިޔައިދެ އެވެ.

ބީސީސީއިން ބޭނުންވަނީ އެސްއެމްއީ ހަބަކީ ގިނަ ބަޔެއްގެ މެދުގައި މަގްބޫލު މޯލަކަށް ހެދުމަށެވެ. އަދި އެ ތަނުގައި ވިޔަފާރިތަކަށް ލިބޭ އެއް އަހަރުގެ ތަޖުރިބާއާ އެކު ވިޔަފާރި އެހެން ލެވެލް އަކަށް ގެންދިއުމެވެ. ހަފްތާއެއްގެ ތެރޭގައި އެތަނަށް ލިބެމުން އަންނަ މަގްބޫލުކަމާ އެކު، ބީސީސީގެ އަމާޒު ހާސިލުވާނެ ކަމުގެ އުންމީދު މިހާރު ވަނީ އާވެފަ އެވެ.