Roadha Mihaaru

ރައީސްގެ ފުރަތަމަ ބައްދަލުވުން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު

ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާ ރޭ ބާއްވާ ބައްދަލުވުން ހާއްސަ ކުރައްވާފައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ރައީސްގެ ފުރަތަމަ ބައްދަލުވުން އެސްއެމްއީ ވިޔަފާރިތަކަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާ ރޭ ބާއްވާ ބައްދަލުވުން ހާއްސަ ކުރައްވާފައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

މާލޭގެ ހުރިހާ އަވަށްތަކާއި ހުޅުމާލެ 1 އަދި 2 ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަން ފައްޓަވަފާއިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ވިޔަފާރިވެރިންނާ އެކު މާދަމާ ރޭ ބައްދަލުވުމެއް ބާއްވަން މިދިޔަ ހަފުތާގައި ވަނީ އިއުލާން ކުރައްވައިފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވީ، މާދަމާ ރޭ 8:30 ގައި ސޯޝަލް ސެންޓަރުގައި ބާއްވާ އެ ބައްދަލުވުން ހާއްސަ ކުރައްވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ކަމަށެވެ.

"ވީމާ މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމުގެ ދައުވަތު ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް އަރުވަމެވެ،" ހީނާ އެކްސްގައި ވިދާޅުވި އެވެ.

މާލޭގެ ހުރިހާ އަވަށްތަކާއި ހުޅުމާލޭގައި އުޅޭ މީހުންނާއި ވިޔަފާރިވެރިންނާ އެކު ބައްދަލުވުންތައް ބާއްވާނެ ކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ އެ މަނިކުފާނުގެ ވެރިކަމަށް ދެ އަހަރު ފުރުން ފާހަގަކުރަން މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގަ އެވެ. އޭގެ ފަހުން ނޮވެމްބަރު 23 ގައި ވަނީ އެ ބައްދަލުވުންތައް ފައްޓަވައިފަ އެވެ. ފުރަތަމަ ބައްދަލުކުރެއްވީ ވިލިމާލޭގެ ރައްޔިތުންނާ އެވެ. އޭގެ ފަހުން މައްޗަންގޮޅި އަދި މާފަންނާއި ހެންވޭރުގެ ރައްޔިތުންނާ ވަނީ ބައްދަލުކުރައްވައިފަ އެވެ.

ގަލޮޅުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރެއްވުމަށް ފަހު މާދަމާ ރޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ ބައްދަލުވުން ބާއްވައި ދެން އަންނަ ބުރާސްފަތި ދުވަހުގެ ރޭ ތާވަލް ކޮށްފައި ވަނީ ހުޅުމާލެ 2 ގައި އުޅޭ ރައްޔިތުންނާ ބައްދަލުކުރައްވާށެވެ.

ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައިފަ އެވެ. ބައެއް ރަށްރަށަށް ދެ ފަހަރު ވެސް ވަޑައިގަތެވެ.