Roadha Mihaaru
ކުނި މަނޭޖުކުރާ ގާނޫނަކީ ގިނަ މައްސަލަތަކެއްގެ ހައްލު

ކުނި މަނޭޖުކުރާ ގާނޫނަކީ ގިނަ މައްސަލަތަކެއްގެ ހައްލު: މިނިސްޓްރީ

22 ޑިސެމްބަރ 2022

މިދިޔަ އާދިއްތަ ދުވަހު އަމަލުކުރަން ފެށި ކުނި މެނޭޖުކުރުމާ ބެހޭ އާ ގާނޫނަކީ ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރަން ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިދިޔަ އާދިއްތަ ދުވަހު އަމަލުކުރަން ފެށި ކުނި މެނޭޖުކުރުމާ ބެހޭ އާ ގާނޫނަކީ ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރަން ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން "މިހާރު" އަށް ދިން މައުލޫމާތުގައިވާ ގޮތުން، ކުނި މެނޭޖުކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުނި މެނޭޖުކުރުމަށް ހިޔާރުކުރާނެ ގޮތެއް ކަނޑައެޅުމުގައި އިސްކަންދޭންވީ ތަރުތީބާއި އެއްގޮތްވާ ގޮތުގެ މަތިން، ފުރަތަމަ އިސްކަންދޭނީ ކުނި ނުއުފެއްދުމަށާއި ކުނި އުފައްދާ މިންވަރު މަދުކުރުމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ؛

• ކުނި އުފެއްދުމާއި މަދުކުރުމުގެ ގޮތުން ޕްލާސްޓިކު ކޮތަޅުން ފީ ނަގަން ފެށުން.

• ޕްލާސްޓިކާ ނުލައި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް ދެމެހެއްޓެނިވި އާދަތަކަށް ބާރުއެޅުވުން.

• ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރިސައިކްލިން ޕްލާންޓްތަކާއި އުކާލެވޭ ތަކެތި އަލުން ބޭނުންކުރެވޭނެހެން އެ ތަކެތި މަރާމާތުކުރެވޭނެ ވަސީލަތްތައް ގާއިމްކުރުން.

ކ. ތިލަފުށީގައި ހުންނަ ކުނި މެނޭޖުކުރާ މަރުކަޒު: ކުނި މަނޭޖުކުރާ ގާނޫނަކީ ގިނަ މައްސަލަތަކެއްގެ ހައްލު ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކ. ތިލަފުށީގައި ހުންނަ ކުނި މެނޭޖުކުރާ މަރުކަޒު: ކުނި މަނޭޖުކުރާ ގާނޫނަކީ ގިނަ މައްސަލަތަކެއްގެ ހައްލު ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކުނި މަނޭޖުކުރުމާ ބެހޭ ގާނޫނުގެ ދަށުން އަންނަ އަހަރު އެޕްރީލް މަހުން ފެށިގެން ވިޔަފާރީކުރަން ބޭނުންކުރާ ކޮންމެ ޕްލާސްޓިކް ކޮތަޅުން 2ރ. ގެ ފީއެއް ސަރުކާރުން ނަގާނެ އެވެ. އޭގެ މަގުސަދަކީ "ޕޮލިއުޓާ ޕޭސް ޕްރިންސިޕަލް" ނުވަތަ ތިމާވެއްޓަށް ގެއްލުން ލިބޭ ކަމެއްގައި ބައިވެރިވުމުން ދައްކަން ޖެހޭ އަގުގެ ސިޔާސަތު ތަންފީޒުކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ކުނި މެނޭޖުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތާއި އެއްގޮތަށް، އެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ރާއްޖޭގެ ތިން ރަށެއްގައި ސަރަހައްދީ ކުނި މެނޭޖުކުރާނެ މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އެއީ؛

• ރ. ވަންދޫ: އެ ރަށަށް ގެންދާނީ ޒޯން 1 (ހއ، ހދ، އަދި ށ) އާއި ޒޯން 2 (ނ، ރ، ބ، އަދި ޅ)ގެ ރަށްތަކުގައި އުފެދޭ ކުނި.

• ކ. ތިލަފުށި: އެ ރަށަށް ގެންދާނީ ޒޯން 3 (ކ، އއ، އދ، އަދި ވ) އާއި ޒޯން 4 (މ، ފ އަދި ދ) އަދި ޒޯން 5 (ތ އަދި ލ)ގެ ރަށްތަކުގައި އުފެދޭ ކުނި.

• އައްޑޫ: އެ ސިޓީއަށް ގެންދަނީ ޒޯން 6 (ގއ އަދި ގދ) އާއި ޒޯން 7 (ޏ އަދި ސ)ގެ ރަށްތަކުގައި އުފެދޭ ކުނި.

ކ. ތިލަފުށީގައި ހުންނަ ވެމްކޯގެ ސައިޓްގައި ކުނި ވަކިކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކ. ތިލަފުށީގައި ހުންނަ ވެމްކޯގެ ސައިޓްގައި ކުނި ވަކިކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ސަރަހައްދީ މައި މަރުކަޒުތަކުގައި ކޮންމެ މަރުކަޒެއްގައި ވެސް ކުނި އަންދާ އިންސިނަޓަރަކާއި އޭގެން ހަކަތަ އުފެއްދުމުގެ ނިޒާމު ގާއިމުކުރެވިގެންދާނެ އެވެ،" މިނިސްޓްރީން ބުންޏެވެ.

އެ މަރުކަޒުތަކުގައި މިހާރު ވޭސްޓް ރިސެޕްޝަން ފެސިލިޓީއަކާއި ބޭލްކުރުމާއި ބާވެ އުކާލާ ވެހިކަލް ޑިސްމެންޓްލް ކުރެވޭނެ ނިޒާމެއް ގާއިމުކޮށް އެ ވަސީލަތްތަކުގެ ބޭނުން ހިފަން ފަށާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. ނަމަވެސް އެ މަރުކަޒުތަކުގެ ހުރިހާ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ 2025 ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށް ބުންޏެވެ.

މިނިސްްޓްރީން ބުނި ގޮތުގައި، ކުނި އަންދައިގެން ހަކަތަ އުފެއްދުމުގެ ނިޒާމު ޑިޒައިން ކޮށްފައި ވާނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފީސިބިލިޓީ ދިރާސާއެއް ހެދުމަށް ފަހު، އުފެދޭ ކުނީގެ މިންވަރަށް ބަލައިފަ އެވެ. އެ ދިރާސާއިން ދައްކާގޮތުގައި ރާއްޖޭގައި ކުނި އުފައްދާ މިންވަރު ވަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވެފަ އެވެ.

"އެހެންކަމުން މި ނިޒާމުތައް ހިންގުމަށް ރާއްޖެއަށް ކުނި އެތެރެކުރާކަށް ނުޖެހޭނެ އެވެ،" މިނިސްޓްރީން ބުންޏެވެ.

ކުނި މެނޭޖުކުރުމާ ބެހޭ މި ގާނޫނު މަޖިލީހުން ފާސްކުރިއިރުގައި، މި ގާނޫނުގެ މާއްދާއެއްގައި، ހަކަތަ އުފެއްދުމުގެ ބޭނުމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ހުއްދައާ އެކު ރާއްޖެއަށް ކުނި އެތެރެކުރެވިދާނެ ކަމަށް އޮތުމުން ތިމާވެށީގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރި އެވެ. އެކަމަކު، މިނިސްޓްރީން ބުނީ އެއީ އެ އިދާރާއިން ވެސް ތާއީދުކުރާ ކަމެއް ނޫން ކަމަށެވެ. މަޖިލިސް ހުޅުވުމާ އެކު އެ މާއްދާ އިސްލާހުކުރާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ދިނެވެ.

"މި ގާނޫނުގެ ދަށުން އެޅޭ ފިޔަވަޅުތަކާއި ގާއިމުކުރެވޭ ނިޒާމްތަކުގެ ދަށުން ކުނި އުފެދޭ މިންވަރު މަދުކުރެވިއްޖެ ހާލެއްގައި ވެސް ރާއްޖެއަށް ކުނި އެތެރެކުރަން ނުޖެހޭނޭހެން، ސަރަހައްދީ ނިޒާމުތަކުގައި ގާއިމުކުރެވޭ ކުނި އެންދުމާއި ހަކަތަ އުފައްދާ އިންސިނަރޭޓަރުތަކުގެ ކެޕޭސިޓީ ކުޑަކުރުމުގެ އިހުތިޔާރު ވެސް ސިސްޓަމް ޑިޒައިންކުރުމުގެ މަރުހަލާގައި ހިމަނާފައިވާނެ އެވެ،" މިނިސްޓްރީން ބުންޏެވެ.

"އަދި މި ފެސިލިޓީތަކާ އެކު ހަކަތަ އުފެއްދުމަށް ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިއާދަކުރަނިވި ހަކަތައިން ކަރަންޓުގެ ބޭނުންތައް ފުއްދުމަށް މަގުފަހިވާނެ އެވެ."

މިނިސްޓްރީން ބުނިގޮތުގައި، މި ގާނޫނު ފުރިހަމައަށް ހިނގުމަށް ކުނި އުފައްދާ ފަރާތްތަކާއި ކުނި މެނޭޖުކުރުމުގެ ހިދުމަތް ދޭ ފަރާތްތަކާއި އިދާރާތަކާއި އެކިއެކި ސިނާއަތްތަކާއި ވިޔަފާރިތަކާއި މުޅި މުޖުތަމައުއާ އަދި ވަކިވަކި ފަރުދުންގެ ވެސް ވަރަށް ބޮޑު ހިއްސާއެއް އޮންނާނެ އެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނަކީ ކުނި މެނޭޖުކުރުމުގެ މަސައްކަތުގައި ޝާމުލިވާ އެންމެ ފަރާތްތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ސާފުކޮށް ބަޔާންކޮށްދޭ، އެކަންތައްތައް އެ ފަރާތްތަކުން ފުރިހަމަކުރުމަށް ލާޒިމުކުރުވާ ބާރެވެ،" މިނިސްޓްރީން ބުންޏެވެ.

އެ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ސިޔާސަތުތަކާއި މާސްޓަ ޕްލޭނާއި ގަވާއިދުތަކާއި އުސޫލުތައް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.