Roadha Mihaaru
ތިލަފުށިން ދުން އެރުން ހުއްޓުވަން އަމާޒު ހިފައިފި

އަންނަ އަހަރުން ފެށިގެން ތިލަފުށިން ދުން އެރުން ހުއްޓުވަން އަމާޒު ހިފައިފި

14 އޮކްޓޯބަރ 2019

ކ. ތިލަފުށިން އަންނަ އަހަރުން ފެށިގެން ދުން އެރުން ހުއްޓުވޭނެ ގޮތެއް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކ. ތިލަފުށިން އަންނަ އަހަރުން ފެށިގެން ދުން އެރުން ހުއްޓުވޭނެ ގޮތެއް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

ވ. ފުލިދޫގެ ކުނިކޮށީގެ މަސައްކަތް ފެށޭނެ ދުވަހެއް ބެލުމަށް، އެ ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ކުރެއްވި ސުވާލަކާ ގުޅިގެން މިނިސްޓަރު ޑރ. ހުސައިން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެންނެވި އިރު، މަޖިލީހުގެ ގިނަ މެންބަރުންގެ ސުވާލު އަމާޒު ކުރެއްވީ އެ މެންބަރެއްގެ ދާއިރާގައި ހިމެނޭ ރަށްރަށުުގެ ކުނި މެނޭޖް ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ބެހޭ ގޮތުންނެވެ.

ފެލިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު މަޖިލިހުގައި މިއަދު ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

ފެލިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު މަޖިލިހުގައި މިއަދު ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

އެކަމަކު، މާލޭގެ ބައެއް މެމްބަރުން ވަނީ މާލެ އަށް ދިމާވެފައިވާ ކުނީގެ މައްސަލަތަކާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ. ހާއްސަކޮށް، ތިލަފުށީގައި މިހާރު ވެސް ކުނި އަންދަމުންދާ ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން ބައެއް މެމްބަރުން މިއަދު ވެސް މަޖިލިހުގައި ފާޅުކުރެއްވި އެވެ.

ތިލަފުށިން ދުން އަރާ މައްސަލައިގައި މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހައިތަމް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ހުސައިން ވިދާޅުވީ ކުނި މެނޭޖް ކުރުމަކީ ރާއްޖެ އަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު ކަންތައް ކަމަށެވެ. އޭގެ ސަބަބުން ފަރުގެ ނިޒާމަށް ވަރަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ މައްސަލަތައް ހައްލު ކުރަން އަޅުގަނޑުމެން މި ދަނީ ރޭވުންތައް ރާވައި ތަންފީޒު ކުރަން ބޭނުންވާ ފައިސާ ހޯދަން ހުށަހެޅުން. އޭގެ ތެރޭގައި ބޭރުގެ ފަރާތްތަކާއި ދައުލަތުގެ ބަޖެޓުން ފައިސާ ހޯދަން ކުރާ މަސައްކަތް ހިމެނޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ރަށްރަށުގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް، އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން އެ މަސައްކަތް ފެށޭވަރު ވާނެ ކަމަށް ހުސައިން ވިދާޅުވި އެވެ. އަދި ގްރީން ޓެކްސް ގޮތުގައި އަންނަ އަހަރު ފައިސާ ލިބިއްޖެ ނަމަ، ކުނި މެނޭޖް ކުރުމުގެ މަސައްކަތަށް ބޭނުން ކުރެވޭނެ ކަމަށާއި އެކަން އެގޮތަށް ވާން އޮތީ މަޖިލިހުން އެކަން ފާސްކޮށްދީގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ތިލަފުށިން ދުން އަރަމުން ދިއުމަކީ އަދިވެސް ވަރަށް ކަންބޮޑުވާ ކަމެކެވެ.

އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން. -- ފޮޓޯ: މަޖިލިސް

އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން. -- ފޮޓޯ: މަޖިލިސް

"ތިލަފުއްޓަށް ގިނަ އަދަދެއްގެ ކުނި ގެންދޭ މާލެ ސަރަހައްދުން. އެތަނަށް ގެންދެވޭ ކުނިތައް އޯޕަން ފީލްޑުގައި އަންދަމުން އެ ދަނީ. އަލިފާން ނިއްވާލެވޭ ކަހަލަ ގޮތެއް ވެސް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.

އެ މައްސަލަ ހައްލު ކުރަން "ހެވީ އިކުއިޕްމަންޓް" ގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ހޯދަން ފިނޭންސް މިނިސްޓްރީގައި އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެމްޓީސީސީ މެދުވެރިކޮށް ވީހާ ވެސް އަވަހަކަށް ސާމާނު ގެންނަން މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ.

ތިލަފުށީގައި ކުނި އެންދުމުން އަރާ ދުމުގެ ސަބަބުން ކައިރި ރިސޯޓުތަކުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާތައް އިންތިހާ އަށް އޮވެ އެވެ. ކުރިން ނަމަ، އެއްވެސް ނިޒާމެއް ނެތި، ތިލަފުށީގައި ކުނި އެންދުމުގެ ސަބަބުން ދިމާވާ މައްސަލަތައް މާ ގިނަ އެވެ. މިދިޔަ ސަރުކާރުގެ ފަހުކޮޅު ކުނި އެންދުން ހުއްޓާލި ނަމަވެސް މިނިސްޓަރުގެ ވާހަކަތަކުން އަނެއްކާ ވެސް އެ ރަށުގައި ވަނީ ކުނި އަންދަން ފަށައިފަ އެވެ.

މީގެ އިތުރުން، ރަށުގެ އަޑީގައި ހުރި ކުނިތަކުގައި ދޭތެރެދޭތެރެއިން އަލިފާން ހިފަމުން ދާތީ ދުން އެރުމުގެ މައްސަލަ މަދުން ނަމަވެސް ކުރިމަތިވެ އެވެ. އެގޮތުން، ވާރޭ ވެހޭ ދުވަސް ދުވަހާއި ގަދައަށް ވައި ޖެހޭ ދުވަސްތަކުގައި މިފަދަ ހާދިސާތައް ހިނގަ އެވެ.