Roadha Mihaaru
އެމެރިކާގެ އަސްކަރީ ޕްރޮޕެގެންޑާ ފެތުރުމުގައި ޓްވިޓާ

އެމެރިކާގެ އަސްކަރީ ޕްރޮޕެގެންޑާ ފެތުރުމުގައި ޓްވިޓާ ބައިވެރިވި

25 ޑިސެމްބަރ 2022

މެދުއިރުމަތީގައި އެމެރިކާގެ ސިފައިން ހިންގި އަސްކަރީ ހަރަކާތްތަކާ މެދު މެދުއިރުމަތީގެ ގައުމުތަކުގެ އާންމު ރައްޔިތުންގެ މެދުގައި މަގުބޫލުކަން ހޯދުމަށް، އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއާ ގުޅިގެން، ޓްވިޓާ އިން ސިއްރު މަސައްކަތްތަކެއް ކޮށްފައިވާކަން ފަޅާ އަރައިފި އެވެ.

މެދުއިރުމަތީގައި އެމެރިކާގެ ސިފައިން ހިންގި އަސްކަރީ ހަރަކާތްތަކާ މެދު މެދުއިރުމަތީގެ ގައުމުތަކުގެ އާންމު ރައްޔިތުންގެ މެދުގައި މަގުބޫލުކަން ހޯދުމަށް، އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއާ ގުޅިގެން، ޓްވިޓާ އިން ސިއްރު މަސައްކަތްތަކެއް ކޮށްފައިވާކަން ފަޅާ އަރައިފި އެވެ.

މިކަން ފަޅާއެރީ، އެމެރިކާގެ ވާތު-ފިޔައިގެ ނޫސް ވެބްސައިޓެއް ކަމަށްވާ ދި އިންޓަސެޕްޓްގެ ތަހުލީލީ ރިޕޯޓަރެއް ކަމަށްވާ ލީ ފަންގް، ޓްވިޓާގެ ދާޚިލީ މައުލޫމާތުތައް ހިމެނޭ ފައިލްތަކުގައި ހުރި ލިޔެކިޔުންތައް ތަހުލީލުކޮށްގެން ކުރި ތަހުގީގަކުންނެވެ. ލީ ފަންގްގެ ތަހުގީގުން އެނގުނު ގޮތުގައި އެމެރިކާގެ އަސްކަރީ ހަރަކާތްތަކަށް މެދުއިރުމަތީގެ އާންމުން ޝައުގުވެރިކުރުމަށް ވަގު އެކައުންޓްތައް ހަދައިގެން ދޮގު މައުލޫމާތު ފެތުރުމަށް ވެސް، ޓުވިޓާއިން ވަނީ ހުއްދަ ދީފަ އެވެ.

އެ ތަހުގީގަށް ފަހު ލީ ފަންގް ނެރުނު ރިޕޯޓްގައި ބުނެފައިވާ ގޮތުން، އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ޓްވިޓާގައި އުފައްދައި ބޭނުންކުރަމުން ދިޔަ ވަގު އެކައުންޓްތަކަކަށް، ޓްވިޓާގެ އާންމު އުސޫލުތަކުގެ ބޭރުން ޚާއްސަ އިމްތިޔާޒުތަކެއް ދީފައިވެ އެވެ. އެ ގޮތުން، އީރާނާ މެދު ނަފްރަތު އުފެއްދުމަށް އެމެރިކާ އިން ދައްކާ ވާހަކަތައް ވީހައި ގިނަ ބައެއްގެ މެދުގައި ފަތުރައިދިނުމުގައި، އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ޓްވިޓާގައި ފޭކް އެކައުންޓްތައް ހިންގުމަށް ޓްވިޓާއިން ފުރުސަތު ދިނެވެ.

އޭގެ އިތުރުން، އެމެރިކާގެ މަދަދާއި ތާއީދާ އެކު ސައޫދީ އަރަބިއްޔާ އިން ޔަމަންގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތަކަށް، މެދުއިރުމަތީގެ އާންމުންގެ މެދުގައި ތާއީދު އިތުރުކުރުމަށް ވެސް، ޓްވީޓާގައި ވަގު އެކައުންޓްތައް ހިންގާފައިވެ އެވެ. އަދި އެމެރިކާ އިން ދޭ އެއްވެސް ޑްރޯން ހަމަލާއެއް އާންމުންނަށް އަމާޒުނުވާކަން ހާމަކޮށްދިނުމުގެ ގޮތުން، އެމެރިކާގެ ޑްރޯން ހަމަލާތައް، އޭގެ އަމާޒުން ކައްސާނުލައި ބަރާބަރަށް އޭގެ އަމާޒަށް ވާސިލުވާ ކަމަށް ބުނެ ދޮގު މައުލޫމާތު ފެތުރުމަށް ވެސް، ޓްވީޓާގެ އިސް ވެރިންނަށް އެނގި ތިބެ ވަގު އެކައުންޓްތައް ހިންގަން ފުރުސަތު ދީފައިވެ އެވެ.

ޓުވިޓާގެ އާންމު އުސޫލުގައިވާ ގޮތުން، އެއްވެސް ދައުލަތެއްގެ ނުފޫޒުގައި އެއްވެސް ހަރަކާތެއް ހިންގުމަށް ޓްވިޓާ ބޭނުންކުރުމަކީ މަނާކަމެކެވެ. ނަމަވެސް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބޭނުންވި ގޮތަށް އެމެރިކާގެ އަސްކަރީ ޕްރޮޕަގެންޑާ ފެތުރުމަށް، މި އަހަރުގެ މެއި މަހުގެ ނިޔަލަށް ޓުވިޓާއިން ފުރުސަތު ދީފައިވާކަން، ލީ ފަންގްގެ ތަހުގީގުން ސާބިތުވެ އެވެ.

"ޓްވިޓާގެ އޮފިޝަލަކު އަހަރެންގެ ގާތުގައި ވިދާޅުވީ، ޓްވިޓާ ކުންފުނީގެ ސިޔާސަތަށް މިގެނައި ސިއްރު ބަދަލުގެ ސަބަބުން، ކުންފުނިން އޭނާ އަށް އޮޅުވާލައި މަކަރު ހަދާފައިވާ ކަމަށް އިހްސާސްކުރެވޭ ކަމަށް. އެ ކުންފުނީގެ އިސް ވެރިންގެ މެދުގައި 2020 ވަނަ އަހަރު ބަދަލުކޮށްފައިވާ އީމެއިލްތަކުން އެނގޭ ގޮތުގައި، އެމެރިކާގެ ދިފާއީ ވުޒާރާ އިން ހިންގި ޓްވިޓާގެ ވަގު އެކައުންޓްތަކުގެ ބިޔަ ވިއުގަ އާއި ސިއްރު ޕްރޮޕަގެންޑާގެ ފުރިހަމަ މައުލޫމާތު، ޓްވިޓާ ކުންފުނީގެ އެންމެ އިސް ވެރިންނަށް ރަނގަޅަށް އެނގޭއިރު ވެސް، އެ އެކައުންޓްތައް ބޭނުންކުރުން ހުއްޓުވާފައެއް ނުވޭ،" ލީ ފާންގް މިދިޔަ އަންގާރަ ދުވަހު ޓްވިޓާގައި ލިޔެފައިވެ އެވެ.

ޓްވިޓާގެ މި މައުލޫމާތުތައް މި ހާމަކުރީ، މަޝްހޫރު މަހުޖަނު އެލޮން މަސްކް، މިދިޔަ އޮކްޓޫބަރު މަހު އެ ކުންފުނި ގަތުމަށް ފަހު، އެ ކުންފުނީގެ ހާމަކަން ބޮޑުކުރުމަށް ކަނޑައެޅުއްވި ސިޔާސަތުގެ ދަށުންނެވެ. އެ ސިޔާސަތުގެ ދަށުން މަސްކް ވަނީ، "ޓްވިޓާ ފައިލްސް"ގެ ނަން ދީފައިވާ އެ ކުންފުނީގެ އެތެރޭގެ ލިޔުންތަކެއް، މެއިންސްޓްރީމް ނޫން އެހެން މީޑިއާތަކާ ހިއްސާ ކޮށްފަ އެވެ.