Roadha Mihaaru
ޗައިނާގައި 2030ގައި 1000 ނިއުކްލިއަ ވޯހެޑް

ޗައިނާގައި 2030ގައި 1000 ނިއުކްލިއަ ވޯހެޑް ހުންނާނެ: އެމެރިކާ

04 ނޮވެމްބަރ 2021

ޗައިނާގެ ނިއުކްލިއާ ހަތިޔާރު އާދަޔާ ހިލާފަށް އިތުރުކޮށް، ނިއުކްލިއާ ހަތިޔާރުގެ ގާބިލުކަމުގައި، އެމެރިކާ އާއި ޗައިނާއާ ދެމެދު އޮތް ބޮޑު ތަފާތު، މިހާރު މާބޮޑަށް ކުޑަކޮށްފައިވާ ކަމަށް، އެމެރިކާ އިން ބުނެފި އެވެ.

ޗައިނާގެ ނިއުކްލިއާ ހަތިޔާރު އާދަޔާ ހިލާފަށް އިތުރުކޮށް، ނިއުކްލިއާ ހަތިޔާރުގެ ގާބިލުކަމުގައި، އެމެރިކާ އާއި ޗައިނާއާ ދެމެދު އޮތް ބޮޑު ތަފާތު، މިހާރު މާބޮޑަށް ކުޑަކޮށްފައިވާ ކަމަށް، އެމެރިކާ އިން ބުނެފި އެވެ.

އެމެރިކާގެ ހާރިޖިއްޔާ އިން އިއްޔެ އާންމު ކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ޗައިނާގެ ނިއުކްލިއާ ހަތިޔާރުގެ ގާބިލުކަން އިތުރުކުރަމުން އަންނަ ހަލުވިމިނަށް ބަލާއިރު، 2027 ވަނަ އަހަރު ނިމޭއިރު، ވަގުތުން ހަމަލާއެއް ދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ 700 ނިއުކްލިއާ ވޯހެޑް ހުންނާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. އަދި 2030 ވަނަ އަހަރުގެ ނިޔަލަށް އެ އަދަދު 1000 އަށް އިތުރުވާނެ ކަމަށް ވެސް އަންދާޒާ ކުރެވެ އެވެ.

އެމެރިކާގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، މީގެ އަހަރެއްހާ ދުވަސް ކުރިން ޗައިނާގައި ހުރި ނިއުކްލިއާ ވޯހެޑްގެ އަދަދުގެ 2.5 ގުނަ އިތުރު މިންވަރަކަށް، 2030 ވަނަ އަހަރު ޗައިނާގައި ނިއުކްލިއާ ވޯހެޑް ހުންނާނެ އެވެ.

ޗައިނާ އިން އަންނަނީ ނިއުކްލިއާ ހަތިޔާރުގެ މަޝްރޫއުގައި ކުރާ އިންވެސްޓް އިތުރުކުރަމުންނެވެ. އަދި ނިއުކްލިއާ ހަތިޔާރުގެ މަޝްރޫއު ފުޅާކުރަމުންނެވެ. އެއްގަމާއި ކަނޑުގައި އަދި ވައިގެ ދިފާއީ ނިޒާމުގެ ތެރެއިން ނިއުކްލިއާ ހަތިޔާރުން ހަމަލާދެވޭނެ ނިޒާމުތައް އަންނަނީ ވަރަށް ބޮޑަށް އިތުރުކުރަމުންނެވެ. އަދި އެކަމަށް ބޭނުންވާ ފަންނީ އޮނިގަނޑު ވެސް އަންނަނީ ވަރަށް ބޮޑަށް ތަރައްގީ ކުރަމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ދެ ނިއުކްލިއާ ބާރު ކަމަށްވާ އެމެރިކާ އާއި ރަޝިޔާ ފަދައިން، ޗައިނާ އިން ވެސް މިހާރު އަންނަނީ، އެއްގަމުން ފޮނުވައިލާ ބެލެސްޓިކް މިސައިލުންނާއި، ހަނގުރާމަމަތީ މަތިންދާބޯޓުން އަދި ކަނޑުއަޑީގައި އޮންނަ ސަބްމެރިންއަކުން ނިއުކްލިއާ ހަތިޔާރެއް ފޮނުވައިލެވޭ ވަރަށް، އަސްކަރީ ގާބިލްކަން އިތުރު ކުރަމުންނެވެ.

އެމެރިކާގެ ކޮންގްރެސް އަށް ހުށަހެޅި އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، ޗައިނާގެ ނިއުކްލިއާ ގާބިލުކަން އިތުރުކުރަނީ، ނިއުކްލިއާ ހަތިޔާރުގެ ގާބިލްކަން ލިބިފައިވާ އެހެން ގައުމަކަށް، ހާއްސަކޮށް އެމެރިކާ އަށް، ހަމަލާއެއް ދިނުމަށް ކަމަކަށް ނުބެލެވެ އެވެ. ނަމަވެސް އެފަދަ ހަތިޔާރު ތަރައްގީ ކުރަނީ، ނިއުކްލިއާ ހަތިޔާރަކުން ބަދަލު ހިފުމުގެ ގާބިލްކަން ޗައިނާއަށް ލިބިގެންވާ ކަން، ދުނިޔެއަށް ހާމަކޮށްދީގެން، އެހެން ގައުމަކުން ޗައިނާ އަށް ދީފާނެ އެފަދަ ހަމަލާއެއް ހުއްޓުވުމަށެވެ.

މީގެ އެއް އަހަރު ކުރިން، އެމެރިކާގެ ހާރިޖިއްޔާ އިން ކޮންގްރެސް އަށް ހުށަހެޅި ރިޕޯޓްގައި ބުނެފައިވަނީ، ވަގުތުން ހަމަލާދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ 200 ނިއުކްލިއާ ވޯހެޑް ޗައިނާގައި އެބަހުރި ކަމަށެވެ. އަދި އެ އަދަދު 2030 ވަނަ އަހަރުގެ ތެރޭގައި ދެ ގުނައަށް އިތުރުވެގެންދާނެ ކަމަށެވެ.

ޗައިނާގެ ހުޅަނގު ސަރަހައްދުގައި އަލަށް ހަދާފައިވާ، ނިއުކްލިއާ މިސައިލް ހަރުތަކެއް ފެންނަ ސެޓެލައިޓް ފޮޓޯތަކެއް، ދިރާސާކުރާ އަމިއްލަ ބައެއް ފަރާތްތަކުން މިދިޔަ މަސްތަކުގައި އާންމު ކޮށްފައިވެ އެވެ.

ޗައިނާގެ ނިއުކްލިއާ އަސްކަރީ ގާބިލުކަން އިތުރު ކުރަމުން އަންނަނީ ކަންބޮޑުވާންޖެހޭ ހަލުވިމިނެއްގައި ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާގެ އޮފިޝަލުން ކޮންގްރެސްގައި ވިދާޅުވި އެވެ. އަދި އެފަދަ މަޝްރޫއެއް އެހާ ހަލުވިމިނެއްގައި ތަރައްގީ ކުރުމުގެ ނިޔަތަކީ ކޮބައިކަން، ޗައިނާ އިން އޮޅުންފިލުވައިދޭންޖެހޭނެ ކަމަށް ވެސް އެމެރިކާ އިން ބުނެ އެވެ.

އެމެރިކާ އިން ބުނެފައިވާ ގޮތުގައި، ސަލާތީ ދާއިރާ އިން އެމެރިކާގެ ކުރިމަގަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ޗައިނާގެ އަސްކަރީ ގާބިލުކަމެވެ. ޗައިނާގެ އަސްކަރީ ދިފާއީ ޕްލޭންގައިވާ ގޮތުން އެ ގައުމުގެ އަމާޒަކީ، 2049 ވަނަ އަހަރުގެ ނިޔަލަށް، ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ލަޝްކަރަކަށް އެ ގައުމުގެ އަސްކަރިއްޔާ ހެދުމެވެ.