Roadha Mihaaru
ޒިލާގެ ކޯޗުކަމުން ކިންގްސްއަށް ތަށި، ހާއްސަ ކާމިޔާބެއް

ޒިލާގެ ކޯޗުކަމުގައި ކިންގްސްގެ ފުރަތަމަ ތަށި، ހާއްސަ ކާމިޔާބެއް

27 ޑިސެމްބަރ 2022

ބާސްކެޓްބޯޅައިގެ ތަޖުރިބާކާރުން ބުނާ ގޮތުގައި އެ ކުޅިވަރުން ރާއްޖެ އުފެއްދި އެންމެ ކާމިޔާބު ކުޅުންތެރިޔަކީ މުހައްމަދު ޒިލާލް (ޒިލާ) އެވެ. ޑިސެމްބަރު 2019 ގައި ކުޅުން ހުއްޓާލި ޒިލާގެ ކެރިއަރުގައި މި އަހަރަކީ ތަފާތު އަހަރެކެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބާސްކެޓްބޯޅައިގެ ތަޖުރިބާކާރުން ބުނާ ގޮތުގައި އެ ކުޅިވަރުން ރާއްޖެ އުފެއްދި އެންމެ ކާމިޔާބު ކުޅުންތެރިޔަކީ މުހައްމަދު ޒިލާލް (ޒިލާ) އެވެ. ޑިސެމްބަރު 2019 ގައި ކުޅުން ހުއްޓާލި ޒިލާގެ ކެރިއަރުގައި މި އަހަރަކީ ތަފާތު އަހަރެކެވެ.

އެންމެ ކާމިޔާބު ކުޅުންތެރިޔާ ކޯޗެއްގެ ގޮތުގައި ނިމިދިޔަ އެމްބީއޭ ޗެމްޕިއަންޝިޕް ކިންގްސް އަށް ހޯދައި ދިނުމަކީ އޭނާ އަށް ހާއްސަ ކާމިޔާބެކެވެ. ކިންގްސްގެ މި ކާމިޔާބަކީ ޓޮޕް ޑިވިޝަންގައި ކޯޗެއްގެ ގޮތުގައި ޒިލާ ހޯދި ފުރަތަމަ ތައްޓެވެ.

"ހެޑް ކޯޗެއްގެ ގޮތުގައި ޓޮޕް ޑިވިޝަންގައި ފުރަތަމަ ތައްޓަކީ ވަރަށް ހާއްސަ ކާމިޔާބެއް،" ކިންގްސްގެ ކެޕްޓަންކަން ވެސް ކުރި ކުރީގެ އެއް ވަނަ ކުޅުންތެރިޔާ ބުންޏެވެ.

ކުރީގެ "ހަވީރު" ނޫހުން ދިން ރާއްޖޭގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ތިން ފަހަރަށް ހޯދި ޒިލާ ބުނީ މި އަހަރުގެ އެހެން މުބާރާތްތަކުގައި ވެސް ކިންގްސްގެ ހެޑް ކޯޗުގެ މަގާމު އޭނާ އަށް ހުށަހެޅި އެވެ.

"އެކަމަކު އަޅުގަނޑު އަމިއްލަ އަށް ނިންމީ ފުރަތަމަ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ފަށަން. އެއީ ސަބަބަކީ މި އަހަރަކީ ކިންގްސް އަށް ވަރަށް މުހިންމު އަހަރެއް ގައުމީ މުބާރާތާއި ގައުމީ ލީގު މިލްކު ކުރަން ނުކުތް އަހަރު ވީމަ އަޅުގަނޑު ބޭނުންވީ އޭގެ ތެރެއިން ކަންކަން ދަސްކޮށްގެން ކުރިއަށް ދާން،" ޒިލާ ބުންޏެވެ.

ގައުމީ ލީގާއި ގައުމީ މުބާރާތުގައި ކިންގްސް އަށް ކޯޗުކޮށް ދިނީ ފިލިޕީންސްގެ ތަޖުރިބާކާރެކެވެ. އޭނާގެ އެންމެ އިސް އެސިސްޓެންޓަކަށް ހުރީ ޒިލާ އެވެ. އޭނާ ބުނި ގޮތުގައި ހެޑް ކޯޗުގެ ދަށުން އޭނާ ބޭނުންވީ ކޯޗެއްގެ ގޮތުގައި ހޯދަން ޖެހޭ ހިތްވަރު ހޯދާށެވެ.

"އެކަމަކު ގައުމީ ލީގުގެ މެދަކާ ހިސާބުން ވަރަށް ބޮޑު ކޮންފިޑެންސެއް އަޅުގަނޑަށް ލިބުނު. ދެން ހިތައް އެރި ޓޮޕް ޑިވިޝަންގައި ވެސް ހެޑް ކޯޗެއްގެ ގޮތުގައި އަޅުގަނޑަށް މި ޒިންމާ އަދާ ކުރެވޭނެއޭ،" ކުރިން އެލްޓީ އަށް ދެ ވަނަ ޑިވިޝަންގެ ތަށި ހޯދައިދީ އެ ކްލަބް އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓްކޮށް ދިން ކޯޗު ބުންޏެވެ.

އެލްޓީ އަށް އެ ތަށި ހޯދައި ދިނީ ކުޅުންތެރިޔެއްގެ ގޮތުގައި ޓޮޕް ޑިވިޝަންގައި ކުޅެމުންނެވެ. އެކަމަކު ކުޅުން އެކުއެކީގައި ހުއްޓާލި ހިސާބުން ކޯޗެއްގެ ގޮތުގައި ޒިންމާތަން ނަގަން ޖެހުނު އިރު ޒިލާ އެކަމަށް ތައްޔާރުވާން ލިބުނު އެންމެ ރަނގަޅު ޕްލެޓްފޯމަކަށްވީ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު ކަމެވެ.

ގައުމީ ޓީމުގެ ކޯޗުކަން މިދިޔަ އަހަރު، އެމްބީއޭއިން ހަވާލު ކުރީ ޓީރެކްސް އަށް ގިނަ ތަށިތަކެއް ހޯދައިދިން ކުރީގެ ކުޅުންތެރިޔާ އިލްޔާސް އިބްރާހިމް (އިއްލެ) އަށެވެ.

"ގައުމީ ޓީމުގައި މަސައްކަތް ކުރަން ފެށީމަ އޭގެ ތެރެއިން ވެސް ވަރަށް ގިނަ ކަންކަން ދަސްކުރަން ފުރުސަތު ފަހިވި،" އިލްޔާސް އާ އެކު ކުޅުންތެރިޔެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި ޒިލާ ބުންޏެވެ.

ކިންގްސްގެ ފުރުސަތު ވީ ޒިލާ އަށް ކަމުދިޔަ ޕްރޮޖެކްޓަކަށެވެ. އޭނާ ބުނީ ކިންގްސްގައި މަސައްކަތް ކުރުމުގެ ފުރުސަތު ބޭނުން ހިފީ އެ ކްލަބްގެ ޓާގެޓްތައް ރަނގަޅު ވުމުން ކަމަށެވެ.

އެމްބީއޭ ޗެމްޕިއަންޝިޕް ކިންގްސް އަށް ކާމިޔާބުކޮށް ދިނުމުން އެ ޓީމުގެ ކުޅުންތެރިން ޒިލާ އުފުލާލައިގެން

އެމްބީއޭ ޗެމްޕިއަންޝިޕް ކިންގްސް އަށް ކާމިޔާބުކޮށް ދިނުމުން އެ ޓީމުގެ ކުޅުންތެރިން ޒިލާ އުފުލާލައިގެން

"ކިންގްސްގައި އޮވޭ ލިޔެފައި އޮންނަ ވިޝަންއެއް. އެ ވިޝަން ކަމުދާ ޕްރޮޖެކްޓަކަށް ވީމަ ކިންގްސްގެ ފުރުސަތު ބޭނުން ހިފީ،" އޭނާ ބުންޏެވެ.

"ކިންގްސްގައި އެބައޮތް ރަނގަޅު ޕްރޮޖެކްޓެއް ޖޫނިއާ ލެވަލްއިން ފެށިގެން ކުޅުންތެރިން ޑިވެލޮޕް ކުރަމުން ޓޮޕް ލެވަލްއާ ހަމައަށް ކުރިއަށް ގެންދެވޭނެ ޕްރޮޖެކްޓެއް. ކިންގްސްގެ ޖޫނިއާ ޓީމުގެ ގޮތުގައި މިއޮތީ ރޯޔަލްސް އެއަށް ވުރެ ޖޫނިއާ ޓީމެއްގެ ގޮތުގައި އާޗާސް."

ކިންގްސް އަށް ޒިލާ ހޯދައި ދިން ފުރަތަމަ ތައްޓަކީ އެ ޓީމަށް ވެސް ހާއްސަ ކާމިޔާބެއް ކަމަށް، ކްލަބްގެ ރައީސް އަދި ކުރީގެ ސްޕޯޓްސް މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވި އެވެ.

"ޒިލާ އަކީ ހަމައެކަނި މި ޓީމުގެ ކުރީގެ ކެޕްޓަނެއް ނޫން. ރާއްޖޭގެ ބާސެކްޓްގައި އެވަރުގެ ދެވަނަ އެހެން ކުޅުންތެރިޔަކު އަޅުގަނޑު ނުދެކެން. ޒުވާން ގިނަ ކުޅުންތެރިން ރޯލް މޮޑެލްއެއްގެ ގޮތުގައި ބަލާ ލެޖެންޑެރީ ފިގާއެއް،" މުންދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޒިލާގެ ކުޅިވަރު ހަޔާތާ ބެހޭގޮތުން ކިންގްސްއިން ނެރޭ ބައިގްރޮފީއެއްގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ.

"އެ ފޮތް މި ލިޔަނީ އަޅުގަނޑު،" ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާންކަން ވެސް ކުރެއްވި މުންދު ވިދާޅުވި އެވެ.

"އިރާދަ ކުރެއްވިއްޔާ މާޗް މަހު ބާއްވާ ކިންގްސްގެ ނައިޓްގައި އެ ފޮތް ނެރޭނަން. އަދި ހަމަ އެ ރޭގައި ޒިލާ ބޭނުން ކުރި ޖޯޒީ ނަންބަރު 6 ވެސް އަޅުގަނޑުމެންގެ ކްލަބްގައި ރިޓަޔާ ކުރާނަން."