Roadha Mihaaru
ޒިލާ އާއެކު ބާސްކެޓްބޯޅަ ޓީމް އިންޑިއާގައި ފަރިތަކުރަނީ

ޒިލާ އާއެކު ބާސްކެޓްބޯޅަ ޓީމް އިންޑިއާގައި ފަރިތަކުރަނީ

01 ޖޫން 2023

މި މަހުގެ 14-22 އަށް ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން، ކުރީގެ ގައުމީ ޓީމުގެ ކެޕްޓަން މުހައްމަދު ޒިލާލް (ޒިލާ) ގެ ކޯޗުކަމުގައި ތަމްރީނުތަކަށް ގައުމީ ބާސްކެޓްބޯޅަ ޓީމު އިންޑިއާ އަށް ފުރައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މި މަހުގެ 14-22 އަށް ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން، ކުރީގެ ގައުމީ ޓީމުގެ ކެޕްޓަން މުހައްމަދު ޒިލާލް (ޒިލާ) ގެ ކޯޗުކަމުގައި ތަމްރީނުތަކަށް ގައުމީ ބާސްކެޓްބޯޅަ ޓީމު އިންޑިއާ އަށް ފުރައިފި އެވެ.

މިއީ ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ޒިލާގެ ފުރަތަމަ މަސައްކަތެވެ. ކުޅުން ހުއްޓާލުމަށް ފަހު ޒިލާ ވަނީ ކިންގްސް ބާސްކެޓްބޯޅަ ކްލަބުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށް، ކޯޗެއްގެ ގޮތުގައި މިދިޔަ އަހަރުގެ އެމްބީއޭ ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްދީފަ އެވެ. ޒިލާ ވަނީ 2021 ވަނަ އަހަރުގެ ސާބާ ޗެމްޕިއަންޝިޕުގައި ގައުމީ ބާސްކެޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.

ހެޑް ކޯޗެއްގެ ގޮތުގައި ޒިލާ ހުރި ނަމަވެސް އޭނާގެ އެހީތެރިއަކަށް ބިދޭސީ ކޯޗެއް މަސައްކަތް ކުރާނެ އެވެ. ގައުމީ ޓީމުގެ ކޯޗިން ޓީމުގައި ދެން ހިމެނެނީ ކުރީގެ ކުޅުންތެރިޔާ އަލީ ފަޒްލީ އެވެ. ފަޒްލީ އާއި ޒިލާ ވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްް އަށް ފަހު އެވެ.

އިންޑިއާގެ ބެންގަލޫރުގައި ހުންނަ ޕަޑުކޯން ޑްރާވިޑް ސެންޓާ ފޯ ސްޕޯޓްސް އެކްސަލަންސް ހައި ޕާފޯމަންސް ސެންޓަރުގައި ގައުމީ ޓީމުން 14 ދުވަހު ތަމްރީނުތައް ކުރިއަށް ގެންދާނެ އެވެ. އަދި މި މުއްދަތުގެ ތެރޭގައި ގައުމީ ޓީމުން ފަސް މެޗު ކުޅުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އިންޑިއާއަށް ފުރި ގައުމީ ޓީމުގައި 18 ކުޅުންތެރިން ހިމެނެ އެވެ. ތަމްރީނުތަކަށް ފަހު ފައިވް ނޭޝަންސް ކަޕަށް ނަގާ ޓީމުން ހަ ކުޅުންތެރިން އުނިކޮށް، 12 ކުޅުންތެރިންގެ ސްކޮޑެއް ފައިނަލް ކުރާނެ އެވެ.

ފައިވް ނޭޝަންސް ކަޕްގައި ރާއްޖޭގެ އިތުރުން ސަރަހައްދީ ހަތަރު ގައުމެއް ވާދަ ކުރާނެ އެވެ. އެއީ ބަންގްލަދޭޝް އާއި ބޫޓާނާއި ނޭޕާލް އަދި ޕާކިސްތާނެވެ. މި މުބާރާތުގައި ލީގު ބުރެއް ކުޅުމަށް ފަހު، އެންމެ ރަނގަޅު ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭނެ އެވެ.