Roadha Mihaaru
އަލީ ދާއީގެ އަންހެނުން ގައުމުން ފުރުން މަނާކޮށްފި

އަލީ ދާއީގެ އަންހެނުންނާއި ދަރިފުޅު ގައުމުން ބޭރަށް ފުރުން މަނާކޮށްފި

27 ޑިސެމްބަރ 2022

ތެހެރާން (ޑިސެމްބަރު 27) - އިރާނުގެ ލެޖެންޑަރީ ފުޓުބޯޅަ ކުޅުންތެރިޔާ އަލީ ދާއީ ގެ އަންހެނުންނާއި ދަރިފުޅު، އިރާނުން ބޭރަށް ދިޔަ ނުދީ ހުއްޓުވައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ތެހެރާން (ޑިސެމްބަރު 27) - އިރާނުގެ ލެޖެންޑަރީ ފުޓުބޯޅަ ކުޅުންތެރިޔާ އަލީ ދާއީ ގެ އަންހެނުންނާއި ދަރިފުޅު، އިރާނުން ބޭރަށް ދިޔަ ނުދީ ހުއްޓުވައިފި އެވެ.

އިންޓަނޭޝަނަލް ފުޓްބޯޅައިގައި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައިި ހިމެނޭ ދާއީ މި ވަގުތު ހުރީ ދުބާއީގަ އެވެ. އޭނާ ބުނީ އޭނާގެ އަންހެނުންނާއި އަންހެން ދަރިފުޅު، ޗުއްޓީގައި އޭނާގެ ގާތަށް ދިއުމަށް މަސައްކަތް ކުރި ކަމަށެވެ. އިރާންގެ ވެރިރަށް ތެހެރާނުން ފުރައިގެން ދުބާއީ އަށް ދާން ފްލައިޓް ދަތުރު ފެށި ނަމަވެސް ގަލްފުގައި އޮންނަ އިރާނުގެ ރަށަކަށް ޖައްސައި، ފްލައިޓުން އޭނާގެ އާއިލާ ބޭރުކުރި ކަމަށް ދާއީ ބުނެ އެވެ. އެކަމަކު އެއްވެސް ސަބަބެއް ހާމަ ކޮށްފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ދެމައިން ދަތުރު ކުރަމުން ދިޔައީ ކުޑަ ދުވަސްކޮޅެއްގެ ޗުއްޓީއެއް ހޭދަކޮށްލަން ދުބާއީ އަށް އައިސް އެނބުރި ދިއުމަށް. އެމީހުން ފުރުން މަނާ ކުރާ ނަމަ ޕާސްޕޯޓް ސިސްޓަމުން އެކަން ދައްކަން ވާނެ. އެއްވެސް ފަރާތަކުން އަހަރެންނަށް މި ކަމުގައި ޖަވާބެއް އަދި ނުލިބޭ،" ދާއީ ބުންޏެވެ.

ދާއީގެ އަންހެނުން މޯނާ ފައްރޯޚަޒާރީ ގައުމުން ފުރުމުގެ ކުރިން ކަމާބެހޭ ފަރާތްތަކަށް ދުރާލައި އަންގަން ވައުދު ވެފައި ކަމަށް އިރާނުގެ ސަރުކާރުގެ ނޫސް އެޖެންސީ އިރްނާ އިން ބުނެ އެވެ. އެއީ އެ ގައުމުގެ އިސްލާމީ ޝަރީއަތާ ދެކޮޅަށް މަސައްކަތްކުރާ ޖަމާއަތްތަކާ ގުޅުން އޮންނަކަމަށް އެ ދެމަފިރިންނަށް ތުހުމަތު ކުރެވޭތީ ކަމަށް ވެސް އެ އެޖެންސީން ބުނެ އެވެ.

ދާއީ އޭނާގެ އަންހެނުންނާއި ދަރިފުޅާ އެކު.--

ދާއީ އޭނާގެ އަންހެނުންނާއި ދަރިފުޅާ އެކު.--

އިރާނުގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް ހިނގަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް ދާއީ ވަނީ ވާހަކަ ދައްކައިފަ އެވެ. އަނިޔާވެރިވެ މީހުން ހައްޔަރު ކުރުމުގެ ބަދަލުގައި އިރާނުގެ ރައްޔިތުންގެ މައްސަލަތައް ހައްލު ކޮށްދޭން ސަރުކާރަށް ދާއީ ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ގޮވާލައިފަ އެވެ.

މުޒާހަރާތައް ހޫނުވީ އިރާނުގައި ބުރުގާ ނާޅައި މަގުމައްޗަށް ނުކުމެ އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަން ގެންދިޔަ 22 އަހަރުގެ މަހްޝާ އަމީނީ މަރުވި ހާދިސާއާ ގުޅިގެންނެވެ.މި މުޒާހަރާ ތަކުގައި އިރާންގެ 500 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާކަމަށާއި، އެތައް ހާސް ބަޔަކު ހައްޔަރު ކޮށްފައި ވާކަމަށް އެގައުމުގެ ހިޔުމަން ރައިޓްސް އެކްޓިވިސްޓުން ބުނެ އެވެ. އަދި މަރުވި މީހުންގެ ތެރޭގައި 69 ކުޑަކުދިން ވެސް ހިމެނެ އެވެ. މީގެ އިތުރުން އިރާނުގެ ގިނަ ސެކިއުރިޓީ އޮފިސަރުން ވެސް ހަމަނުޖެހުންތަކުގައި މަރު ވެފައި ވާކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

އިރާނުގެ ޖުޑީޝަރީ އިން ވަނީ މި ޑިސެމްބަރު މަހުގެ ކުރީކޮޅު، ތެހެރާނުގައި ހުންނަ ދާއީ ހިންގާ ގަހަނާ ފިހާރައަކާއި ރެސްޓޯރެންޓެއް ވެސް ބަންދު ކޮށްފަ އެވެ.

މީހުން ހައްޔަރު ކުރުމުގެ އިތުރުން އިރާނުން ވަނީ މުޒާހަރާތަކަށް ތާއީދު ކުރާ އިރާނުގެ މަޝްހޫރު ގިނަ ފަންނާނުންނެއް ވެސް ގައުމުން ބޭރަށް ދިޔުމުން ހުއްޓުވައިފަ އެވެ.

ދާއީ، އިރާން ގައުމީ ޓީމަށް ކުޅުނު މެޗެއްގައި.-- ފޮޓޯ: ގެޓީ އިމޭޖަސް

ދާއީ، އިރާން ގައުމީ ޓީމަށް ކުޅުނު މެޗެއްގައި.-- ފޮޓޯ: ގެޓީ އިމޭޖަސް

ދާއީ އަކީ އިރާނުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަނެވެ. އޭނާ ވަނީ 1993 އިން ފެށިގެން 2006 އާ ހަމައަށް އިރާންގެ ގައުމީ ޓީމަށް ކުޅެފަ އެވެ. އޭނާ މަޝްހޫރު ވެފައި ވަނީ ބައިނަލްއަގުވާމީ ލެވެލް ގައި ގައުމީ ޓީމަށް 109 ގޯލު ޖަހައިގެން ރެކޯޑް ހެދި ކުޅުންތެރިޔާގެ ގޮތުގަ އެވެ. ވޯލްޑް ކަޕުގެ 1998 ގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް 1997 ގައި އިރާނުން 17-0 ން މޮޅުވި މެޗުގައި ދާއީ ވަނީ ރާއްޖެ ކޮޅަށް ދެ ލަނޑު ޖަހައިފަ އެވެ.

ދާއީ ކުރިން ދެމެހެއްޓި ރެކޯޑް މިހާރު އެ ރެކޯޑް އޮންނަނީ، ޕޯޗުގަލް ގައުމީ ޓީމަށް މިހާތަނަށް 118 ގޯލު ޖަހައިދީފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގަ އެވެ. ދާއީގެ ރެކޯޑް ރޮނާލްޑޯ މުގުރާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވޯލްޑް ކަޕް ކޮލިފައިން މެޗެއްގަ އެވެ.