Roadha Mihaaru
އިދިކޮޅުން ހުރިހާ ރަށެއްގައި މުޒާހަރާކުރަނީ

"ހަރާމް ހުކުމް"ގެ ނަމުގައި އިދިކޮޅުން ހުރިހާ ރަށެއްގައި މުޒާހަރާކުރަނީ

27 ޑިސެމްބަރ 2022

މަނީލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން އަންނަ ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި މުޒާހަރާކުރަން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަނީލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން އަންނަ ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި މުޒާހަރާކުރަން ނިންމައިފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އެ މުޒާހަރާގައި ޔާމީނުގެ ސަޕޯޓަރުންނާއި އިދިކޮޅު ކޯލިޝަންގެ މެންބަރުންނާއި ގައުމަށް ހެޔޮއެދޭ ގިނަ ބަޔަކު ބައިވެރިވާނެ ކަމަށެވެ.

މާލޭގައި ވެސް ބާއްވާ އެ މުޒާހަރާ ފަށާނީ އެ ދުވަހުގެ ހަވީރު ހަތަރެއް ޖަހާއިރެވެ.

"އަޅުގަނޑުމެން އެންމެ ތަންފުކެއް ވެސް ދުލެއް ނުދޭނަން. ކެރިގެން ރައްޔިތުން ނިކުމެވަޑައިގެން މި ގައުމު ސަލާމަތްކުރުމަށް ރައީސް ޔާމީން ފައްޓަވާދެއްވި މަސައްކަތުގައި ސާބިތުވެ ތިއްބަވާ," އަދުރޭ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމުން އިދިކޮޅުން މާލޭގައި ބޭއްވި މުޒާހަރާއެއް -- ފޮޓޯ: ޕީޕީއެމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމުން އިދިކޮޅުން މާލޭގައި ބޭއްވި މުޒާހަރާއެއް -- ފޮޓޯ: ޕީޕީއެމް

ޔާމީން ޖަލަށްލުމުން އިދިކޮޅުން ދަނީ ސިލްސިލާކޮށް މާލޭގައި ކޮންމެެ ރެޔަކު ވެސް މުޒާހަރާކުރަމުންނެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް ވެސް ދީފައިވާ ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. އެ ދައުވާތައް ސާބިތުވުމުން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ ހަ މަސްތެރޭ ދެއްކުމަށް ވެސް އަމުރުކުރި އެވެ.

އެ ހުކުމް ބަލައިނުގަނަން ނިންމައި، ޔާމީންގެ ވަކީލުން ވަނީ ހައިކޯޓުގައި ހުކުމް އިސްތިއުނާފުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.