Roadha Mihaaru
އިދިކޮޅު މުޒާހަރާއިން 16 މީހަކު ހައްޔަރުކޮށްފި

އިދިކޮޅު މުޒާހަރާއިން 16 މީހަކު ހައްޔަރުކޮށްފި

25 ޑިސެމްބަރ 2022

ވ. އާރަށް މައްސަލައިގައި 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާއިން 16 މީހަކު ހައްޔަރުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ވ. އާރަށް މައްސަލައިގައި 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާއިން 16 މީހަކު ހައްޔަރުކޮށްފި އެވެ.

އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ 11 އަަހަރަށް ޖަލަށް ލާން ހުކުމް ކުރީ މިއަދު އެވެ.

ޔާމީން މިރޭ ޖަލަށް ގެންދިއުމާއެކު އެ ޕާޓީގެ އިސް ވެރިންނާއެކު ޔާމީންގެ ސަޕޯޓަރުން މާލެ މަގުތައް މައްޗަށް ނުކުތެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މުޒާހަރާއާ ގުޅިގެން 16 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ހައްޔަރުކުރި މީހުންގެ ތެރޭގައި އެ ޕާޓީގެ ސެނެޓާސް ދާއިރާގެ ރައީސުން ހިމެނޭ ކަމަށެވެ.

އެ މުޒާހަރާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ގޮވާ، ޔާމީން މިނިވަން ކުރުމަށް ވަނީ ގޮވާލައިފަ އެވެ.

މުޒާހަރާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ގުރައިދޫ ދާއިރާ މެމްބަރު ޣައްސާން މައުމޫނާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ބައިވެރިވެ ވަޑައިގެންނެވި އެވެ. މީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވެސް ބައިވެރިވި އެވެ.

ޔާމީނުގެ ލޯޔަރުން ބުނެފައި ވަނީ އެ މަނިކުފާނަށް ކުރި ހުކުމު ގަބޫލު ނުކުރާ ކަމަށާއި އިސްތިއުނާފަށް ލާނެ ކަމަށެވެ. އަދި އިސްތިއުނާފުން ކުރި ހޯދާ ޔާމީން މައުސޫމުކަން ސާބިތުކޮށްދޭނެ ކަމަށް ވެސް ބުންޏެވެ.