Roadha Mihaaru
ހުޅުމާލެ ކޮވިޑް ފެސިލިޓީ އިމާރާތް އެންޑީއެމްއޭއަށް ދީފި

ހުޅުމާލޭގައި ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތް އެންޑީއެމްއޭ އަށް ދީފި

29 ޑިސެމްބަރ 2022

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ މަސައްކަތްތައް ހިންގުމަށް، ހުޅުމާލޭގައި ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތް ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ މަސައްކަތްތައް ހިންގުމަށް، ހުޅުމާލޭގައި ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތް ދީފި އެވެ.

އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން މިއަދު "މިހާރު" އަށް ވިދާޅުވީ ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި އެ އިމާރާތް އެ އޮތޯރިޓީގެ އޮފީސް ހިންގުމަށް ދޭން ނިންމައި އެތަން އެޗްޑީސީން ވަރަށް އަވަހަށް ހަވާލުކުރާނެ ކަމަށް ސަރުކާރުން އަންގާފައިވާ ކަމަށެވެ.

ސުނާމީ ކާރިސާއަށް ފަހު 2004 ގައި އުފެއްދި އެންޑީއެމްއޭގެ އޮފީސް މިހާރު ހިންގަނީ މާލޭގައި ރިހިޖެހި ކޮށީގަ އެވެ. އޭގެ ކުރިން، އެ އިދާރާގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ މާލޭގެ އެކި ސްކޫލުތަކާއި ސޯޝަލް ސެންޓަރާއި ދަރުބާރުގެ އާއި ސިވިލް ސާވިސް ކޮމިޝަންގެ އިމާރާތުގަ އެވެ.

ހިސާން ވިދާޅުވީ ފާއިތުވި 18 އަހަރު އެ އޮތޯރިޓީގެ މަސައްކަތްތައް ހިންގަމުން އައީ ވަރަށް ދަތި، އުނދަގުލުގައި ކަމަށެވެ. ނަމަވެސް، ސަރުކާރުން އެ އިދާރާ އަށް އަމިއްލަ ބިމެއް ހަމަޖައްސައިދިނުމުން އެ މީހުންގެ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

"އޯލްރެޑީ އެއީ ރަނގަޅު ފެސިލިޓީއެއްގެ ގޮތުގައި ހަދައި، އަޅުގަނޑުމެން ބޭނުންވާ ބައެއް ވަސީލަތްތަކާ ވެސް އެކުގައި ހުރި އިމާރާތަކަށް ވާތީ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ ކޮވިޑް ފެސިލިޓީ އިމާރާތުގެ އެތެރެ: ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ހިންގުމަށް އެ އިމާރާތް މިހާރު ވަނީ ދީފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު

ހުޅުމާލެ ކޮވިޑް ފެސިލިޓީ އިމާރާތުގެ އެތެރެ: ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ހިންގުމަށް އެ އިމާރާތް މިހާރު ވަނީ ދީފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ކޮވިޑް ފެސިލިޓީ ހަދައިފައި ހުރީ ޓްރީޓޮޕް ހޮސްޕިޓަލުގެ ކުރިމަތީގައި އޮންނަ 39،000 އަކަފޫޓުގެ ބިމެއްގަ އެވެ.

އެ އިމާރާތް ބޭނުންކުރަން ފަށާނީ އެތަން ހަވާލުކުރުމުން ތަނުގެ ހާލަތު ބަލައި، މަރާމާތްތައް ކުރުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޖާގަ ބޮޑު ތަނެއްގައި އެ އިދާރާ ހިންގަން ފެށުމުން، ރާއްޖޭގެ ހުރިހާ ރަށަކަށް އެތަނުން ދޭ ހިދުމަތްތައް ހަމަހަމަކަމާއެކު ދެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ އިމާރާތުގައި ކާރިސާތަކުގައި ގެއްލުން ލިބޭ މީހުންނަށް އެހީވުމަށް ބޭނުންވާ ސާމާނު ރައްކާކުރާނެ ގުދަނަކާއި އިމަޖެންސީ އޮޕަރޭޝަން ސެންޓަރަކާއި ކާރިސާތަކުގައި ހާލުގައި ޖެހޭ މީހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ފެސިލިޓީއެއް ހަދާނެ އެވެ.