Roadha Mihaaru
ވިއްސާރާގައި 13 ރަށެއްގެ 77 ގެއަކަށް ގެއްލުން

ވިއްސާރާގައި 13 ރަށެއްގެ 77 ގެއަކަށް ގެއްލުން ވެގެން ރިޕޯޓް ކޮށްފައިވޭ: އެންޑީއެމްއޭ

19 އޯގަސްޓް 2024

މިދިޔަ ހަފުތާއިން ފެށިގެން ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި 13 ރަށެއްގެ 77 ގެއަކަށް ގެއްލުންވި ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިދިޔަ ހަފުތާއިން ފެށިގެން ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި 13 ރަށެއްގެ 77 ގެއަކަށް ގެއްލުންވި ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

އެ އިދާރާ އިން ބުނީ، އެއީ މިއަދުގެ މެންދުރު ދޭއް ޖެހުމާ ހަމައަށް ލިބުނު އެސެސްމަންޓް ފޯމުގެ އަދަދު ކަމަށެވެ.

މާލެ ފިޔަވައި އެހެން އަތޮޅުތަކުގެ ތިން ރަށެއްގެ ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބުނު ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. މާލޭގައި ފެންބޮޑުވުމުގެ ސަބަބުން އެސެސްމަންޓް ހަދަންޖެހޭ ކަމަށް ފާހަގަކުރެވުނު 41 ގެއެއްގެ ތެރެއިން 37 ގެއެއްގެ އެސެސްމަންޓް ހަދައި ނިމިފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

މިހާތަނަށް އެންޑީއެމްއޭ އަށް ލިބުނު ރިޕޯޓުތަކަށް ބަލާއިރު، ހަތަރު ގެއަކުން ވަނީ އެސެސްމަންޓް ހަދަން ބޭނުން ނުވާ ކަމަށް އެ އިދާރާ އަށް އަންގައިފަ އެވެ. މާލެ އަށް ކުރި ވިއްސާރާގައި އިމާރާތްތަކަށާއި ހިފައި ގެންގުޅޭ ތަކެއްޗަށް -/819،549ރ ގެ ގެއްލުން ލިބިފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. ބާރަށާއި ހއ. ދިއްދު އާއި ހދ. ކުޅުދުއްފުށްޓާއި ޅ. ނައިފަރާއި އެ އަތޮޅު ކުރެންދޫގެ އިތުރުން ގއ. ދެއްވަދު އާއި ސ. މަރަދު އާއި ސ. ފޭދޫ އަދި ސ. ހިތަދޫ އެވެ.