Roadha Mihaaru
އިގްތިސާދު ކުރިއެރިޔަސް، ހާސްކަން ބޮޑު އަހަރެއް!

2022: އިގްތިސާދު ކުރިއެރިޔަސް، ހާސްކަން ބޮޑު އަހަރެއް!

01 ޖެނުއަރީ 2023

މިދިޔަ އަހަރު ފެށުނީ އިގްތިސާދުގެ އުފާވެރި ހަބަރުތަކަކާ އެކު އެވެ. ކޮވިޑްގެ ހާސް ކަމަށް ފަހު އިގްތިސާދު މަޑުމަޑުން ރަނގަޅު ދުވެއްޔަކަށް ހިނގައިދާނެ ކަމުގެ މަންޒަރު އޭރު އޮތީ ދައްކާލައިފަ އެވެ. އެ އުފާވެރިކަމަށް ހިނިތުންވުމެއް ގެނުވި އަނެއް ކަމަކީ، އަހަރުގެ ކުރީކޮޅު މިނިމަމް ވޭޖް ތައާރަފު ކުރުމެވެ. އެއާ އެކު ގިނަ ބަޔެއްގެ އާމްދަނީ އަށް ހެޔޮ ބަދަލެއް އައެވެ. އެކަމަކު، އަހަރުގެ މެދުތެރެއިން އަނެއްކާ ވެސް ރާއްޖޭގެ އިގްތިސާދަށް ގޮންޖެހުންތަކެއް ކުރިމަތިވީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ އެކު ތެލުގެ އަގު ބޮޑުވެ، އިގްތިސާދީ ބޮޑު ކާރިސާއެއްގެ ކޮޅުމަތި ފެންނަން ފެށުމުންނެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަހަރު ފެށުނީ އިގްތިސާދުގެ އުފާވެރި ހަބަރުތަކަކާ އެކު އެވެ. ކޮވިޑްގެ ހާސް ކަމަށް ފަހު އިގްތިސާދު މަޑުމަޑުން ރަނގަޅު ދުވެއްޔަކަށް ހިނގައިދާނެ ކަމުގެ މަންޒަރު އޭރު އޮތީ ދައްކާލައިފަ އެވެ. އެ އުފާވެރިކަމަށް ހިނިތުންވުމެއް ގެނުވި އަނެއް ކަމަކީ، އަހަރުގެ ކުރީކޮޅު މިނިމަމް ވޭޖް ތައާރަފު ކުރުމެވެ. އެއާ އެކު ގިނަ ބަޔެއްގެ އާމްދަނީ އަށް ހެޔޮ ބަދަލެއް އައެވެ. އެކަމަކު، އަހަރުގެ މެދުތެރެއިން އަނެއްކާ ވެސް ރާއްޖޭގެ އިގްތިސާދަށް ގޮންޖެހުންތަކެއް ކުރިމަތިވީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ އެކު ތެލުގެ އަގު ބޮޑުވެ، އިގްތިސާދީ ބޮޑު ކާރިސާއެއްގެ ކޮޅުމަތި ފެންނަން ފެށުމުންނެވެ.

ރާއްޖޭގެ އިގްތިސާދު 2022 ވަނަ އަހަރު ފެށި އިރު އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރީ 12 ޕަސެންޓުގަ އެވެ. އަހަރުގެ ކުރީކޮޅު، ކުރިމަތިވި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ގޮންޖެހުންތަކުން އަރައިގަނެ، އިގްތިސާދީ ކުރިއެރުން ވަނީ 12.3 ޕަސެންޓުގައި ކުރިއަށް ޖެހިލައިފަ އެވެ. ޓޫރިޒަމް ދާއިރާ އަށް ބޮޑު ކުރިއެރުމެއް ލިބުނު އިރު ޑޮލަރުގެ ތާށި ކަމަށް މާ ބޮޑު ބަދަލެއް ނާދެ އެވެ.

މިއީ މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދުގެ މުހިންމު އުސްއަލިތަކެވެ.

މިނިމަމް ވޭޖަށް އަމަލުކުރުން

މިދިޔަ އަހަރު ފެށުނީ މިނިމަމް ވޭޖުގެ އުފާވެރި ހަބަރާ އެކު އެވެ. މިނިމަމް ވޭޖާ އެކު ސިވިލް ސާވިސް ކޮމިޝަނުގެ 11،828 މީހުންނާއި ޓޫރިޒަމް ދާއިރާގެ 13،000 މީހުންނަށް އޭގެ ފައިދާ ލިބުނެވެ.

ނިމަމް ވޭޖް ކަނޑައެޅި ދާއިރާތަކާއި މިނިމަމް ވޭޖް:

- ކުދި ވިޔަފާރިތަކަށް، މަހަކު 4500ރ.

- މެދުފަންތީގެ ވިޔަފާރިތަކަށް، މަހަކު 7000ރ.

- ބޮޑެތި ވިޔަފާރިތަކަށް، މަހަކު 8000ރ.

- ސިވިލް ސާވިސް، މަހަކު 7000ރ.

ސިވިލް ސާވިސް މުވައްޒަފަކު މަސައްކަތުގައި-- ފޮޓޯ: މިހާރު

ސިވިލް ސާވިސް މުވައްޒަފަކު މަސައްކަތުގައި-- ފޮޓޯ: މިހާރު

ސަރުކާރުގެ އިދާރާތަކުން މިނިމަމް ވޭޖަށް ފުރިހަމަ އަށް އަމަލު ކުރި ނަމަވެސް، އަމިއްލަ ފަރާތްތަކުން މިނިމަން ވޭޖަށް އަމަލު ކުރޭތޯ ބެލޭނެ ރަނގަޅު ނިޒާމެއް ނެތުމުން އެކަމާ ގުޅިގެން އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަމުންދެ އެވެ. މިކަން ބެލޭނެ ރަނގަޅު އުސޫލެއް ނެތުމަކީ ވެސް މިނިމަމް ވޭޖު ނުލިބޭ ބައެއް މުވައްޒަފުންގެ ޝަކުވާ އެކެވެ.

މިނިމަމް ވޭޖަށް އަމަލު ކުރާ ތަންތަނުގެ ތެރޭގައި ރިސޯޓުތަކާއި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުން ވެސް ހިމެނެ އެވެ.

ޓޫރިޒަމް: ގޮންޖެހުންތަކުން އަރައިގަނެ، ދުނިޔޭގައި ވިދާލި

ސަރުކާރުން މިދިޔަ އަހަރު ފެށީ، ދެ މިލިއަން ޓޫރިސްޓުންގެ އަމާޒަށް ދިއުމުގެ ފޮނި އުންމީދުގަ އެވެ. މިދިޔަ އަހަރުގެ ބަޖެޓުގައި 1.6 މިލިއަން ޓޫރިސްޓުން ގެންނަން އޮތް ނަމަވެސް، ޓޫރިޒަމް މިނިސްޓްރީ އާއި އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނަމުން ދިޔައީ އެއަށް ވުރެ ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ.

އެހެން ނަމަވެސް، އަހަރު ފެށި، ޓޫރިޒަމްގެ ކާމިޔާބު ތިން މަހަށް ފަހު، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުނެވެ. އެ ސަރަހައްދުން އަންނަ ޓޫރިސްޓުން ވަރަށް ބޮޑަށް މަދުވި އެވެ. ރަޝިޔާ އާއި އިރުމަތީ ޔޫރަޕަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ސަރަހައްދެވެ. އެހެންވެ، ހަނގުރާމައިގެ އަސަރު ޓޫރިސްޓުންގެ އަދަދުތަކުން ވެސް ފެނިގެން ދިޔަ އެވެ.

އަހަރުގެ މެދުތެރޭގައި ކުރިމަތިވި އަޑިގަނޑަށް ފަހު ޓޫރިސްޓުން އައުން އަނެއްކާ ވެސް އިތުރުވާން ފެށީ ޖުލައި ހިސާބުން ފެށިގެންނެވެ. ޓޫރިސްޓުން އައުން ހައްލުވީ، އިންޑިއާއިން އަންނަ ޓޫރިސްޓުން އަނެއްކާ ވެސް އިތުރުވުމުންނެވެ. އެއަށް ފަހު ރާއްޖެ އަށް މިދިޔަ ހަ މަސް ދުވަހު ވެސް އެވްރެޖުކޮށް ކޮންމެ މަހަކު ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން އައެވެ.

ރާއްޖެއިން 1.6 މިލިއަން ވަނަ ޓޫރިސްޓު ފާހަގަކުރަން ބޭއްވި ރަސްމިއްޔާތު. --ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ރާއްޖެއިން 1.6 މިލިއަން ވަނަ ޓޫރިސްޓު ފާހަގަކުރަން ބޭއްވި ރަސްމިއްޔާތު. --ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ބަޖެޓުގައި ކަނޑައެޅި އަމާޒު، އަހަރު ނިމެން ދެ ހަފްތާ އަށް ވެފައި އޮއްވައި ހާސިލް ވި އެވެ. އާ އަހަރެއް މި ފެށިގެން ދިޔައީ ޓޫރިޒަމް ދާއިރާ އަށް އާ އުންމީދުތަކަކާ އެކު އެވެ. ސަބަބަކީ ޗައިނާ ހުޅުވި، އެގައުމުން ޓޫރިސްޓުން މި މަހު އަންނަން ފެށުމެވެ. އެއާ އެކު އަމާޒަށް ވުރެ އިތުރު 10 ޕަސެންޓު ހާސިލުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރެ އެވެ.

ވޭތުވެދިޔަ އަހަރު ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، ދުނިޔޭގެ އެކި ހިސާބުތަކުގައި ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް ވިދާލި އެވެ. ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލް ވެސް ފާހަގަ ކުރީ މިދިޔަ އަހަރު އެވެ.

މިދިޔަ އަހަރު ރާއްޖެ ވަނީ ވޯލްޑް ޓޫރިޒަމް އެވޯޑް (ޑަބްލިއުޓީއޭ) ގެ އެންމެ ޝަރަފުވެރި އެވޯޑް، "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑަށް ތިން ވަނަ ފަހަރަށް ކާމިޔާބުކޮށްފަ އެވެ.

ޓެކްސް ބޮޑު ކުރުމުގެ ހޫނު ބަހުސް

ދައުލަތުގެ އާމްދަނީ އިތުރުކޮށް، ސަރުކާރުގެ ހަރަދުތައް މެނޭޖުކުރުމަށްޓަކައި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމުގެ މަސައްކަތް ފެށީ ވެސް މިދިޔަ އަހަރު އެވެ. ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އަދި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް މިއަދުން ފެށިގެން ބޮޑުވާނެ އެވެ. އެކަމަކު، އެ ހިސާބަށް އެ ނިންމުން އައިއިރު، އެކަމާ ދޭތެރޭ ވަރަށް ހޫނު ބަހުސްތަކެއް މުޅި ގައުމުގައި ވެސް ހިނގި އެވެ.

މީރާގެ ސާވިސް ސެންޓަރުގައި މީހަކު ހިދުމަތް ހޯދަނީ: ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރަން ވަނީ ނިންމާފައި--ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މީރާގެ ސާވިސް ސެންޓަރުގައި މީހަކު ހިދުމަތް ހޯދަނީ: ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރަން ވަނީ ނިންމާފައި--ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޓެކްސް ބޮޑުކުރަން މާލީ އިދާރާތަކުން އެއްބަހެވެ. އެކަމަކު ޓެކްސް ބޮޑުކުރުމުގެ ބަހުސް އައީ އެއީ މި ވަގުތު ކުރަން އެންމެ ރަނގަޅު ކަމެއްތޯ، ނުވަތަ ނޫންތޯ އުފެދުނު ސުވާލާ ހިސާބުންނެވެ. ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކުން ބުނެފައި ވަނީ ޓެކްސް ބޮޑުކުރުމުން އެ ފަރާތްތަކަށް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުން ވާނެ ކަމަށެވެ. އަދި މިއީ ޓެކްސް ބޮޑުކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް އެމްއެމްއޭ އިން ވެސް ވަނީ ބުނެފަ އެވެ.

އެކަމަކު، ޓެކްސް ބޮޑުނުކޮށް ހަރަދުތައް ހަމަޖެއްސޭނެ ގޮތެއް ނެތް ކަމަށް ސަރުކާރުން ބުންޏެވެ. އަދި ދައުލަތުގެ ރިޒާވް ރަނގަޅު ކުރަން ވެސް އޮތް ޗޮއިސް އަކީ ޓެކްސް ބޮޑު ކުރުން ކަމަށް ސަރުކާރުން ބުނެ އެވެ.

ސަރުކާރުން ޖީއެސްޓީ ބޮޑުކުރަން ނިންމި ނިންމުމަށް ވޯލްޑް ބޭންކާއި އައިއެމްއެފް އިން ވަނީ މަރުހަބާ ކިޔައިފަ އެވެ. އެހެން ނަމަވެސް ޓެކްސް ބޮޑުކޮށްގެން އެކަނި ދައުލަތުގެ ހަރަދުތައް ހަމަނުޖެއްސޭނެ ކަމަށް ވެސް އެ އިދާރާތަކުން ފާހަގަކުރެ އެވެ. އަދި ހަރަދުތައް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ކުރުމަށާއި، ދަރަނި މެނޭޖުކޮށް އަދި ދެ ފުށް ފެންނަ ގޮތެއްގައި ބަލަހައްޓައި ތަރައްގީ އަށް ބޭނުންވާ ފައިސާ ހޯދުމަށް އާމްދަނީ އިތުރުކުރަން މުހިންމު އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް އެ އިދާރާތަކުން ސަރުކާރަށް ލަފާދީފައިވެ އެވެ.

ދަރަނި 100 މިލިއަން ރުފިޔާއިން މައްޗަށް

އިގްތިސާދީ ކާމިޔާބީތަކެއް 2022 ވަނަ އަހަރު ލިބުނު ނަމަވެސް، އަހަރު ނިންމާލީ ދަރަނީގެ ޙާސް ކަމަށް ހައްލެއް ނުލިބި، އެ ދަރަނި އިތުރަށް ބޮޑުވެގެންނެވެ.

ސޮވެރިން ގެރެންޓީ ހިމަނައިގެން ދައުލަތުގެ ދަރަނި 106 ބިލިއަން ރުފިޔާ ވަނީ އަރައިފަ އެވެ. އަދި މި އަހަރު ދަރަނި 113 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

އެތެރޭގެ ދަރަނި މިދިޔަ އަހަރުގެ ނިޔަލަށް 57 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް އެ އަދަދު އަންނަ އަހަރު 62 ބިލިއަން ރުފިޔާ އިތުރުވާނެ އެވެ. ބޭރުގެ ދަރަނި 35 ބިލިއަން ރުފިޔާ އިން 40 ބިލިއަން ރުފިޔާ އަށް އިތުރުވާނެ އެވެ. މީގެ އިތުރުން ގެރެންޓީ ދިން ވަރު 12.4 ބިލިއަން ރުފިޔާއިން 11.7 ބިލިއަން ރުފިޔާ އަށް ދަށްކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވެ އެވެ.

މީރާ އޮފީސް ހިންގާ އިމާރާތް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މީރާ އޮފީސް ހިންގާ އިމާރާތް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރާއްޖޭގެ ދަރަނި އެހާ ބޮޑަށް އިތުރުވެފައި ވަނީ 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑާ ގުޅިގެން އާމްދަނީ ދަށްވެ، ހަރަދުތައް ހަމަޖެއްސުމަށް ގިނަ އަދަދެއްގެ ލޯނު ނެގުމުންނެވެ. ކޮވިޑްގެ ކުރިން ރާއްޖޭގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން 79 ޕަސެންޓުގަ އެވެ. އެއީ 68 ބިލިއަން ރުފިޔާ އެވެ. އަދި 2020 ވަނަ އަހަރު ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން 150 ޕަސެންޓަށް އެރި އެވެ.

ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބަލާއިރު، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ދައުލަތުގެ ޖުމްލަ ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ބެހެއްޓުމަށް އެންމެ އެކަށީގެން ވަނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 60 ޕަސެންޓެވެ. މި މިންގަނޑަށްވުރެ ރާއްޖޭގެ ދަރަނި އިތުރުވަމުން ދާތާ ދުވަސްތަކެއް ވެއްޖެ އެވެ. ދަރަނި އިންތިހާ އަށް އުފުލެމުން އަންނާތީ އެމްއެމްއޭ އާއި ބޭރުގެ މާލީ އިދާރާތައް ކަމަށްވާ ވޯލްޑް ބޭންކާއި އައިއެމްއެފް އިން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ދަރަނި އެއް އަހަރުން އަނެއް އަހަރަށް ބޮޑުވަމުން ދާއިރު، ދަރަނި އަދާކުރަން ސަރުކާރުން ހަދާފައިވާ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް ޖަމާ ކުރާ ފައިސާ ވެސް ރަނގަޅު ނިޒާމެއްގެ ތެރެއިން މެނޭޖުކުރަން އެމްއެމްއޭއިން ވަނީ ސަރުކާރަށް ލަފާދީފަ އެވެ. އަދި ދަރަނި އަދާކުރަން އެންމެ ބޮޑު އަދަދެއް ދައްކަން ޖެހޭ 2026 ވަނަ 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ބޭނުންވާ އިރު އެ ފައިސާ ކުރިއާ ލައި ހޯދާފައި ބަހައްޓަން އެބަ ޖެހެ އެވެ. މި ވަގުތު އެ ފަންޑުގައި 5 ބިލިއަން ރުފިޔާ ހުރި، ގާތްގަނޑަކަށް 80 ޕަސެންޓު ވަނީ އިންވެސްޓްކޮށްފަ އެވެ. ސަރުކާރުން އެފައިސާ އާންމުކޮށް އިންވެސްޓް ކުރަނީ ޓީބިލާއި ބޭންކް ޑިޕޮސިޓް އަށެވެ. އަދި ކޮވިޑާ ގުޅިގެން ސޮވެރިން ފަންޑުގެ 90 ޕަސެންޓު ވަނީ ރުފިޔާ އަށް މާރުކޮށްފަ އެވެ.

ތެލުގެ އަގު މައްޗަށް ގޮސް، ރިޒާވް ބޮޑުތަނުން ދަށަށް

އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ދައުލަތުގެ ޖުމްލަ ރިޒާވްގައި މި ވަގުތު ހުރީ ގާތްގަނޑަކަށް 499 މިލިއަން ޑޮލަރެވެ. ރިޒާވް އެހާ ބޮޑަށް ދަށްވީ ތެލަށް ކުރަން ޖެހޭ ހަރަދު އިންތިހާ އަށް ބޮޑުވުމުންނެވެ.

މިދިޔަ އަހަރު ދައުލަތުން ތެލަށް 340 މިލިއަން ރުފިޔާ ހޭދަކުރަން ބަޖެޓު ކުރި ނަމަވެސް އެ އަދަދު ވަނީ އަހަރު ނިމުނު އިރު 3.2 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. މިއީ އިގްތިސާދު ހަމައަކަށް އަޅުވައި ދައުލަތުގެ ހަރަދުތައް މެނޭޖްކުރުމުގައި ވެސް ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް ވުރެ މައްޗަށް އެރި އެވެ. އެއާ އެކު މިހާރު ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ދެ ގުނަ އުފުލިފަ އެވެ. މިއީ ރާއްޖޭގެ ރިޒާވް ދަށްވި އެންމެ ބޮޑު އެއް ސަބަބެވެ.

އެމްއެމްއޭ އިދާރާ. ދައުލަތުގެ ރިޒާވް އަންނަނީ ދަށްވަމުން--ފޮޓޯ:މިހާރު

އެމްއެމްއޭ އިދާރާ. ދައުލަތުގެ ރިޒާވް އަންނަނީ ދަށްވަމުން--ފޮޓޯ:މިހާރު

އެމްއެމްއޭއިން ބުނެފައި ވަނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާ އަށް އުފުލެމުން ދާ ދަނޑިވަޅެއްގައި ތެލަށް ކުރާ ހޭދަ ވަރަށް ބޮޑަށް އިތުރުވާތީ، އެކަމަށް ރިޒާވުން ކުރަން ޖެހޭ ހޭދަ ވެސް ބޮޑުވަމުންދާ ކަމަށެވެ.

ތެލަށް ކުރަން ޖެހޭ މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖޭގެ ރިޒާވްގައި ހުރީ 540 މިލިއަން ޑޮލަރެވެ. އެހެންވެ، އެ މަހަށް ވުރެ ވެސް ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ވަނީ މަދުވެފަ އެވެ. އެހެންވެ، މިއީ ވޭތުވެދިޔަ 21 މަހު ވެސް ރާއްޖޭގެ ރިޒާވް ދަށަށް ނުދާ ވަރެކެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފޮތުގައިވާ ގޮތުން އަންނަ އަހަރު ނިމޭއިރު ޖުމްލަ ރިޒާވް ހުންނާނީ 606.3 މިލިއަން ޑޮލަރުގަ އެވެ.

މި ގޮންޖެހުންތަކާ އެކު ވެސް، ވޭތުވެދިޔަ އަހަރު ނިންމާލީ ބޮޑެތި ކާމިޔާބީތަކާ އެކު އެވެ. އުންމީދު ކުރި ވަރަށް ވުރެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބުނެވެ. ޓޫރިސްޓުންގެ އަދަދު ވެސް 2019 ވަނަ އަހަރާ އެއް ހަމައަށް އެރުވިއްޖެ އެވެ.