Roadha Mihaaru
ނިޒާމުތަކުގެ ހާލަތު ފެންނަނީ ސިޔާސީ ބޭފުޅަކާ ޖެހުމުން!

ނިޒާމުތަކުގެ އަސްލު ހާލަތު ފެންނަނީ ސިޔާސީ ބޭފުޅަކާ ޖެހުމުން!

04 ޖެނުއަރީ 2023

ކުރީގެ ސަރުކާރުގެ ދުވަސްވަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޯޓަށް ހާޒިރުކުރުމަށްފަހު ހަތް ގަޑިއިރު ވަންދެން އެއްވެސް ކަމެއް ނެތި ކޯޓުގައި ބެއިންދުމުން ގިނަ ބަޔަކު އެކަން ސިފަކުރީ އިންސާނިއްޔަތު ކަމެއް ނެތް އަދި ރަހުމުކުޑަ އަމަލެއްގެ ގޮތުގަ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ސަރުކާރުގެ ދުވަސްވަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޯޓަށް ހާޒިރުކުރުމަށްފަހު ހަތް ގަޑިއިރު ވަންދެން އެއްވެސް ކަމެއް ނެތި ކޯޓުގައި ބެއިންދުމުން ގިނަ ބަޔަކު އެކަން ސިފަކުރީ އިންސާނިއްޔަތު ކަމެއް ނެތް އަދި ރަހުމުކުޑަ އަމަލެއްގެ ގޮތުގަ އެވެ.

އެހެން ނަމަވެސް ނޭނގި އޮތް ކަމަކީ ކޯޓުތަކުގެ ބަދަލުނުވާ ނިޒާމާއި އާދަ ކާދަ އެވެ. ކޯޓަށް ހާޒިރުކުރާ އާދައިގެ މީހުންނާއި ހިދުމަތް ހޯދާ މީހުން އުފުލަންޖެހޭ ތަކުލީފުތަކެވެ. ސިޔާސީ ނުވަތަ ދައުލަތުގެ އިސް މަގާމެއް އަދާކުރެއްވި ބޭފުޅަކާ ޖެހުމުން ނޫނީ މިކަންކަން މާ ބޮޑު ކަމަކަށް ނުވެ އެވެ.

މިދިޔަ ހަފުތާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ހުކުމްކުރި ދުވަހަކީ އަނެއްކާވެސް މިފަދަ އެހެން މިސާލެކެވެ. ހުކުމް ކުރުމުގެ މަޖިލިސް ޝަރީއަތް ފެށުނީ ތާވަލްކުރި ގަޑިއަށް ވުރެ ތިން ގަޑިއެއްހާއިރު ފަހުންނެވެ. ހުކުމުގެ ރިޕޯޓް ހަވާލުކުރީ އެ ރިޕޯޓެއް ހޯދަން ކޯޓު ދޮށުން ދުވާތާ އެއް ދުވަސް ފަހުންނެވެ.

އެ ދުވަހު ސޯޝަލް މީޑިއާގައި ބަންޑުންކުރި ކަންބޮޑުވުންތަކުން އެ ފެންނަނީ ހަގީގީ މަންޒަރެވެ. ޔާމީން ވިޔަސް، އެހެން ބޭފުޅަކަށް ވިޔަސް މިއީ ކަން ވެގެންވާނެ ގޮތެއް ނޫނެވެ. ވަކިން ހާއްސަކޮށް އަދުލު އިންސާފުގެ ދާއިރާއިންނެވެ.

"ހުކުމް ކުރަނީ އެހާ ފަހުން. އެހާ ދުވަސްކޮށްފައި ހުކުމް ކުރާއިރު ރިޕޯޓެއް ނުނިމޭ."

ކުރީގެ ރައީސް މައުމޫން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށް އަދި ހަތް ގަޑިއިރު ކޯޓުގައި ބޭންދުމަށްފަހު އަނބުރާ ޖަލަށް ފޮނުވާލުމުން އެއް ބަޔަކު ސިފަކުރީ އުމުރުން ދުވަސްވެ، ބަލި ހާލުކޮޅު ދެރަވެފައިވާ އެމަނިކުފާނަށް ކޮށްލި ޖެއްސުމެއްގެ ގޮތުގަ އެވެ.

އެހެން ނަމަވެސް މިއީ ޚާއްސަކޮށް ކްރިމިނަލް ކޯޓުގައި ބޮޑު މައްސަލަ އެކެވެ. ބަންދުގައި ހުއްޓަސް އަދި ނެތަސް ޝަރީއަތަށް ހާޒިރުކުރާ ދުވަހެއް ނަމަ، އެ ދުވަހުގެ އެހެން ހުރިހާ ކަމެއް ވީ ހުއްޓާލާށެވެ. ދައުވާލިބޭ މީހާގެ އިތުރުން ވަކީލުންނާއި ހެކިވެރިންނާއި ޝަރީއަތް އަޑުއަހަން ދާ ނޫސްވެރިން ވެސް މެ އެވެ.

މިކަމަށް ކިރިޔާ ވެސް ލުޔެއް އައީ އޮންލައިންކޮށް ޝަރީއަތްތައް ކުރަން ފެށުމުންނެވެ.

ޝަރީއަތް ފެށޭނެ އިރެއްގެ އިންތިޒާރުގައި އެތައް ވަގުތެއް ހޭދަވާ ފަހުން ޝަރީއަތް ކެންސަލްވުމަކީ އާންމު ކަމެކެވެ. ތަފާސްހިސާބުން ވެސް އެކަން އެ އޮތީ ފެންނާށެވެ. މިދިޔަ ނޮވެމްބަރު މަހު 700 އަށް ވުރެ ގިނަ އަޑުއެހުން ކްރިމިނަލް ކޯޓުން އެކަނި ވެސް ތާވަލްކުރި އެވެ. ބޭއްވުނީ އޭގެ ތެރެއިން 374 އަޑުއެހުމެކެވެ.

"ހެނދުނު 9 ޖެހިއިރު އޮތް ޝަރީއަތަކަށް އޮންލައިންކޮށް ޖޮއިންކޮށްގެން ފެށޭނެ އިންތިޒާރުގައި އިންނަތާ ތިން ގަޑިއިރު ވާން އުޅެނިކޮށް ގުޅާފައި ބުނީ އިދާރީ ކަމަކާ ހެދި ކެންސަލް ވިއްޔޭ." އެއް ވަކީލަކު އޭނާގެ ތަޖްރިބާ ހިއްސާކުރި އެވެ.

ދެން އޮތީ ރިޕޯޓް ދޫކުރުމެވެ. މައްސަލަ ނިމުނު ގޮތުގެ ހުލާސާ ރިޕޯޓް ހުކުމްކުރާ ދުވަހު ދޭންޖެހޭ ވާހަކަ ކޯޓުތަކުގެ ގާނޫނުގެ އިތުރުން ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަންތަކުގައި ވެސް އޮވެ އެވެ. އެކަމަކު އެއާ އެއްގޮތަށް އަމަލު ކުރެވުނީ މަދު މައްސަލަ އެވެ. އެ ވާހަކަ ދައްކާ ދައްކާ ވަކީލުން ފޫހިވެއްޖެ އެވެ.

"ހުކުމް ކުރަނީ އެހާ ފަހުން. އެހާ ދުވަސްކޮށްފައި ހުކުމް ކުރާއިރު ރިޕޯޓެއް ނުނިމޭ. ޔަގީނުން ވެސް ރިޕޯޓަށް ބައެއް އިތުރެއް ނުކުރެވޭނެ ހުކުމް އިއްވުމަށްފަހު. އެކަމަކު ހުކުމްކުރި ދުވަހަކު ރިޕޯޓެއް ދެނީ ބައެއް ފަހަރު. ހަމަ، ގުޅައިގެން ޝަކުވާ ކުރަން ޖެހޭ ފަހަރު މަދެއް ނޫން." އެހެން ވަކީލަކު ބުންޏެވެ.

ކުރީގެ ރައީސް ޔާމީންގެ ޝަރީއަތުގެ މަޖިލީހެއްގައި

ކުރީގެ ރައީސް ޔާމީންގެ ޝަރީއަތުގެ މަޖިލީހެއްގައި

"ފުލް ރިޕޯޓްގެ ނުލިބުން އެއީ ދެން އެންމެ ބޮޑު މައްސަލައަކީ. ދެ ހަފުތާއިން ނިންމަން ޖެހޭ ރިޕޯޓް ދެ މަސް ވާއިރު ވެސް ނުލިބި އެބަހުރި." އޭނާ ވިދާޅުވި އެވެ.

"އެކަމަކު ކިތައް މައްސަލަ ތޯ ގާނޫނުގައި އޮންނަ 30 ދުވަސް ތެރޭގައި ނުނިންމާ އެ ހުރީ. އެ މުއްދަތަށް ނުނިންމީމަ ސުލޫކީ މައްސަލައަކަށްވެ، ޖޭއެސްސީން ބަލަނީ ބައެއް ފަނޑިޔާރުންގެ މައްސަލަ."

"އަޅުގަނޑުމެންގެ ފަރާތުން އެންމެ ދުވަހެއް އިސްތިއުނާފް ލަސްވިޔަސް މަގްބޫލު ސަބަބެއް ހައި ކޯޓަށް ދައްކަން ޖެހޭ. ދަށު ކޯޓުން ކުރަންޖެހޭ ކަމެއް ލަސްވެގެން ކުރެވޭ ކަމެއް، އެޅޭ ފިޔަވަޅެއް ނޯވޭ." އޭނާ ވިދާޅުވި އެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރުން "ވާނުވާ" ޖެހުމުގެ ނުރައްކާތެެރިކަމާއި ބޮޑުކަން ވެސް އޮންނަނީ ސިޔާސީ ބޭފުޅެއްގެ މިފަދަ ބަންދަކާ ގުޅިފަ އެވެ. އެކަމަކު މިގޮތަށް ބަންދުކޮށް އަދި ޝަރީއަތް ނިމޭނެ ދުވަހެއް ނޭނގި "ވާނުވާ" ގައި ތިބި އެތައް ރައްޔިތުންނެއް އަދިވެސް ވަކި މަދެއް ނޫނެވެ.

"ބައެއް ބޭފުޅުންނަށް ބުނާ މުއްދަތުގައި މައްސަލަ އެބަ ނިންމާތާ. އެކަމަކު ކިތައް މައްސަލަ ތޯ ގާނޫނުގައި އޮންނަ 30 ދުވަސް ތެރޭގައި ނުނިންމާ އެ ހުރީ. އެ މުއްދަތަށް ނުނިންމީމަ ސުލޫކީ މައްސަލައަކަށްވެ، ޖޭއެސްސީން ބަލަނީ ބައެއް ފަނޑިޔާރުންގެ މައްސަލަ." އެ ވަކީލް ވިދާޅުވި އެވެ.

ޖަލުތަކުގެ ހާލަތު ވެސް ހަމަ މިގޮތެވެ. ޖަލުތަކުގެ ކެޕޭސިޓީއާ އެއްވަރަށް މުވައްޒަފުންނާއި ވަސީލަތްތައް ނެތިގެން އެކަށީގެންވާ ފަރުވާ ނުލިބުމުގެ ޝަކުވާގައި އެތައް ގައިދީންނަކާއި ބަންދު މީހުންނެއް އެބަތިއްބެވެ. ބައެއް މީހުން ބޭރަށް ފޮނުވަން ޑޮކްޓަރުން ލަފާ ދޭތާ ވެސް އެތައް ދުވަހެއް ވާއިރު އެކަމެއް ނުވެ އެވެ.

މިކަމުގެ ސީރިއަސްކަން ވެސް އޮންނަނީ ސިޔާސީ ބޭފުޅަކާ ޖެހުނީމަ އެވެ. އެފަދަ ބޭފުޅުންނަށް ގޭ ބަންދުގެ އިންތިޒާމް ފަސޭހައިން ހަމަޖެހެ އެވެ. އެކަމަކު ކަރުން ހަންދާވަރަށް ޝަކުވާކޮށްގެން ބަންދަށް ލުޔެއް ދީފިއްޔާ ނޫނީ އާންމު މީހާ ބަންދުގައި އޮންނަންވީ އެވެ.

ނިޒާމުތަކުގެ ތެރޭގައި ހުރި މައްސަލަތައް ބައިވަރެވެ. ދުރާލާ ތައްޔާރުވެ ނިމިފައި އޮންނަންޖެހޭ ލިޔުމެއް ނުލިބި އޮތުން ފަދަ ކުދި ކުދި ކަންކަމުން ފެށިގެން ގޮސް އެތައް ކަމެކެވެ. މިއިން އެއްވެސް ކަމެއް އިސް ބޭފުޅަކާ ޖެހުމުން ނޫނީ ހައްލު ނުވެ އޮންނަ ނިޒާމު ނިމުމަކަށް އަންނަން ޖެހެ އެވެ.