Roadha Mihaaru
ސުޕްރީމް ކޯޓުގެ ކުރީގެ ތިން ސާކިއުލާއެއް ބާތިލްކޮށްފި

ސުޕްރީމް ކޯޓުގެ ކުރީގެ ތިން ސާކިއުލާއެއް ބާތިލްކޮށްފި

13 ޑިސެމްބަރ 2020

ސުޕްރީމް ކޯޓުން ކުރިން ނެރެފައިވާ ތިން ސާކިއުލާއެއް އެ ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސުޕްރީމް ކޯޓުން ކުރިން ނެރެފައިވާ ތިން ސާކިއުލާއެއް އެ ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ސުޕްރީމް ކޯޓުން ބާތިލްކުރީ ހައްދާއި މަރުގެ އަދަބު ކަނޑައެޅޭ ހުކުމްތައް އިސްތިއުނާފް ނުކޮށްފި ނަމަ، އެ ހުކުމެއްގެ ސައްހަކަން ކަށަވަރު ކުރަން ހައި ކޯޓާއި ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ ގޮތަށް 2015 ވަނަ އަހަރު ނެރެފައިވާ ދެ ސާކިއުލާއަކާއި ދުސްތޫރީ މައްސަލަތަކުގައި ގާނޫނެއް ނުވަތަ ގަވާއިދެއްގެ ބައެއް ހައި ކޯޓުން ބާތިލްކޮށްފި ނަމަ، އެ ހުކުމެއްގެ ސައްހަކަން ކަށަވަރު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ ގޮތަށް 2016 ގައި ނެރެފައިވާ ސާކިއުލާ އެކެވެ.

އެ ސާކިއުލާތައް ބާތިލް ކުރުމުގެ ކުރިިން ދާދި ފަހުން ސުޕްރީމް ކޯޓުން ވަނީ ހައްދު ޖަހަން ނުވަތަ ތައުޒީރު ކުރަން ހުކުމް ކުރާ މައްސަލަތައް އިސްތިއުނާފް ނުކޮށްފި ނަމަ، އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ސުޕްރީމް ކޯޓާއި ހައި ކޯޓަށް ހުށަހަޅަން ނުޖެހޭ ގޮތަށް ހުކުމްކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ އެ ހުކުމުގައި ވަނީ ހައްދާއި ތައުޒީރު ކުރަން ކުރާ ހުކުމްތައް ކުށްވެރިިޔާ އަމިއްލައަށް ނުވަތަ ދައުލަތުން އިސްތިއުނާފް ނުކޮށްފި ނަމަ އެ ހުކުމެއް ނިހާއީ ހުކުމަކަށް ބަދަލުވާނެ ކަމަށެވެ. އަދި އެ ހިސާބުން އެ ހުކުމެއް ތަންފީޒު ކުރަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ އެ ހުކުމުގައިވެ އެވެ.

އެގޮތަށް ނިންމިޔަސް، މަރުގެ އަދަބު ކަނޑައަޅާ މައްސަލަތައް ކުރިއެކޭ ވެސް އެއްގޮތަށް ހުކުމުގެ ސައްހަކަން މަތީ ކޯޓުތަކުން ކަށަވަރު ކުރަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ. ސަބަބަކީ މަރުގެ އަދަބުތަކާ މެދު މަތީ ކޯޓުތަކުން ގޮތް ނިންމަންޖެހޭ ގޮތަށް ގާނޫނުލް އުގޫބާތުގައި ބުނެފައިވާތީ ކަމަށް އެ ހުކުމުގައިވެ އެވެ.