Roadha Mihaaru
މޯލްޑިވިއަން އިން އޭޓީއާރްގެ ދެ ބޯޓު ގެނެސްފި

މޯލްޑިވިއަން އިން އޭޓީއާރްގެ ދެ ބޯޓު ގެނެސްފި

04 ޖެނުއަރީ 2023

ގައުމީ އެއާލައިން، މޯލްޑިވިއަން އިން އޭޓީއާރު-72 ގެ ދެ ފްލައިޓް ރާއްޖެ ގެނެސްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ގައުމީ އެއާލައިން، މޯލްޑިވިއަން އިން އޭޓީއާރު-72 ގެ ދެ ފްލައިޓް ރާއްޖެ ގެނެސްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މި ދެ ބޯޓު ޖެއްސީ މިއަދު ހަވީރު 4:00 ގަ އެވެ. އެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމު ބައިވެރިވެވަޑައިގަތެވެ.

ރީޖަނަލް އެއާކްރާފްޓް އުފެއްދުމުގައި ދުުނިޔޭގައި އެންމެ މަގުބޫލު އޭޓީއާރު ކުންފުނީގެ މިއިން ކޮންމެ ބޯޓަކުން ވެސް 72 މީހުން އެއްފަހަރާ އުފުލޭނެ އެވެ. މި ބޯޓުތަކުގެ އިންޖީނަކީ އޭޓީއާރްގެ އެންމެ ފަހުގެ އިންޖީނުތަކެވެ. އެއާ އެކު ކުރީގެ ބޯޓުތަކަށް ވުރެ މެއިންޓަނެންސް ހަރަދު 20 ޕަސެންޓް ކުޑަވާނެ އެވެ. އަދި ތެޔޮ ބޭނުން ކުރާ ވަރު ތިން ޕަސެންޓް ކުޑަކޮށްދޭނެ އެވެ.

މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ، މޯލްޑިވިއަން އިން ގެންގުޅޭ ޑޭޝް މަރުކާގެ ބޯޓުތަކަށް ވިއްސަކަށް އަހަރުވެފައިވާ އިރު، އޭގެ ސަބަބުން މެއިންޓަނެންސް ގިނަ މައްސަލަތަކެއް ދިމާވެ، ފްލައިޓުތަކުގެ ޝެޑިއުލް އަށް ވެސް ބުރޫ އަރަމުން ދިޔަ ކަަމަށެވެ. އެހެން ނަމަވެސް އާ ބޯޓުތަކާ އެކު ޓެކްނިކަލް މައްސަލަ ޖެހިގެން ފްލައިޓު ޝެޑިއުލްތަކަށް ބުރޫ އެރުމުގެ ފުރުސަތު ކުޑަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަންގެ އިސްވެރިންނާ ނައިބު ރައީސް ފައިސަލް ނަސީމު ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މޯލްޑިވިއަންގެ އިސްވެރިންނާ ނައިބު ރައީސް ފައިސަލް ނަސީމު ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މި ބޯޓުތަކުގެ ގޮނޑިތައް ތަންކޮޅެއް ގިނަ ވާނެ. އަޅުގަނޑުމެންނަށް މީހުންނަށް ދެވޭ ސީޓުތައް ވެސް އިތުރުވާނެ. މި ބޯޓުތައް ގެނައިމަ އަޅުގަނޑުމެންގެ ރިލަޔަބިލިޓީ 100 ޕަސެންޓު ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

އަލަށް ގެނައި ދެ ބޯޓުގެ އިތުރުން އޭޓީއާރްގެ 42 ޖާގައިގެ ބޯޓެއް ވެސް މި މަހު ތެރޭ މޯލްޑިވިއަން އަށް ލިބޭނެ އެވެ. އެ ބޯޓާ އެކު ގައުމީ އެއާލައިންގެ ފްލީޓް 14 ބޯޓަށް އިތުރުވާނެ އެވެ.

އޭޓީއާރް ފްލައިޓް އެތެރެ. މި ބޯޓުން 72 މީހުންނަށް ދަތުރު ކުރެވޭނެ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭޓީއާރް ފްލައިޓް އެތެރެ. މި ބޯޓުން 72 މީހުންނަށް ދަތުރު ކުރެވޭނެ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖެނިފާ ވިދާޅުވީ، އާ ބޯޓުތަކާ އެކު މޯލްޑިވިއަންގެ ބޯޓުތަކުގެ އިން-ފްލައިޓް ހިދުމަތްތައް ވެސް މިހާރަށް ވުރެ ރަނގަޅުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ޑޭޝް މަރުކާރުގެ ބޯޓުތައް އާ ބޯޓުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން އާ ބޯޓުތައް ލިބޭ ވަރަކުން ޑޭޝް މަރުކާރުގެ ބޯޓުތައް ބޭނުން ކުރުން ހުއްޓާލަމުންދާނެ ކަމަށެވެ. ޖެނިފާ ވިދާޅުވީ، މި އަހަރު ތެރޭ ވެސް އޭޓީއާރްގެ އާ ބޯޓުތައް ގެނައުމުގެ މަސައްކަތްތައް ކުރަމުން އަންނާނެ ކަމަށެވެ.