Roadha Mihaaru
"އޭޓީއާރްގެ ހަތަރު ބޯޓަށް އެއް ބިލިއަން ހަރަދުވެއްޖެ"

އޭޓީއާރްގެ ހަތަރު ބޯޓަށް އެއް ބިލިއަން ރުފިޔާ ހަރަދުވެއްޖެ: އިޔާސް

08 މެއި 2024

މޯލްޑިވިއަންގެ ފްލީޓު އާ ކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިހާތަނަށް ރާއްޖެ ގެނައި ހަތަރު އޭޓީއާރް ބޯޓަށް އެއް ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މޯލްޑިވިއަންގެ ފްލީޓު އާ ކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިހާތަނަށް ރާއްޖެ ގެނައި ހަތަރު އޭޓީއާރް ބޯޓަށް އެއް ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވެއްޖެ އެވެ.

ގައުމީ އެއާލައިނުގެ ހަތަރު ވަނަ އޭޓީއާރް ގެނައުން ފާހަގަ ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އިޔާސް ވިދާޅުވީ، ކޮވިޑާ ގުޅިގެން ކުންފުނީގެ މާލީ ހާލަތު އެހާ ބޮޑަށް ދަށްވެފައި އޮތް އިރު ވެސް، މި އެއާކްރާފްޓްތައް ގެނެވުނީ ފިނޭންސް މިނިސްޓްރީގެ އެހީތެރިކަމާ އެކު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ އެއާލައިނުގެ ފްލީޓަށް އިތުރު ކުރާ ޒަމާނީ އެއާކްރާފްޓުތަކާ އެކު ކުންފުނިން ފަޖިންސަރުނަށް ދޭ ހިދުމަތްތަކުގެ ފެންވަރު އެތައް ގުނައެއް ރަނގަޅުވެގެންދާނެ އެވެ.

"މިއީ އަޅުގަނޑުމެންގެ ހުރިހާ ކަސްޓަމަރުންނަށް ލިބޭ ހިތްހަމަޖެހުމަކަށްވާނެ. އަދި މިކަން މިހާރު ވެސް ހަމަ އެގޮތަށް އަޅުގަނޑުމެންނަށް ފީޑްބެކް ލިބެމުންދޭ. ޒަމާނީ މަތިންދާ ބޯޓު އިތުރު ކުރަމުންދާ ވަރަކަށް އޮން ޓައިމް ޕާފޯމަންސް ވެސް ވަރަށް ބޮޑަށް ރަނގަޅު ކުރެވޭ،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަން އިން މިއަދު ގެނައި އޭޓީއާރް މަތިންދާ ބޯޓު. އެ ބޯޓާ އެކު މިހާރު އެ އެއާލައިންގެ ދަށުން އޭޓީއާރް ހަތަރު ބޯޓު ހިދުމަތް ދޭނެ -- ފޮޓޯ: ނިޝާން އަލީ / މިހާރު

މޯލްޑިވިއަން އިން މިއަދު ގެނައި އޭޓީއާރް މަތިންދާ ބޯޓު. އެ ބޯޓާ އެކު މިހާރު އެ އެއާލައިންގެ ދަށުން އޭޓީއާރް ހަތަރު ބޯޓު ހިދުމަތް ދޭނެ -- ފޮޓޯ: ނިޝާން އަލީ / މިހާރު

އިޔާސް ވިދާޅުވީ، މިހާތަނަށް ބެލި ބެލިމުން އާ ތިން އެއާކްރާފްޓާ އެކު އޮން ޓައިމް ޕާފޯމަންސް 14 ޕަސެންޓަށް އިތުރު ކުރެވިފައިވާ ކަމަށެވެ.

އާ މަތިންދާބޯޓާ އެކު މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު ހިމެނެނީ 72 މީހުންގެ ޖާގައިގެ ދެ އޭޓީއާރް ބޯޓާއި 42 މީހުންގެ ޖާގައިގެ ދެ އޭޓީއާރް ބޯޓެވެ.

އޭނާ ވިދާޅުވީ، އޭޓީއާރް މަރުކާރުގެ އިތުރު ތިން އެއާކްރާފްޓު އޯޑަރުދީފައިވާ ކަމަށާއި މި އަހަރުގެ ފަހުކޮޅު އޭގެ ތެރެއިން ދެ މަތިންދާ ބޯޓު ގެންނާނެ ކަމަށެވެ. އަދި އަންނަ އަހަރު ކުރީ ކޮޅު އިތުރު އޭޓީއާރް އެއާކްރާފްޓެއް ގެންނަން މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ހުރިހާ އެއާކްރާފްޓެއް ގެނެސް އަންނަ އަހަރު އެ އެއާލައިންގެ އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރާ ހުރިހާ މަތިންދާ ބޯޓެއް އޭޓީއާރް މަރުކާއަށް ބަދަލުކުރާނެ އެވެ.

އިޔާސް ވިދާޅުވީ، ޑޮމެސްޓިކް ދަތުރުތަކުގެ ފްލީޓް ޒަމާނީ އެއާކްރާފްޓްތަކަށް ބަދަލު ކުރުމަކީ އެ އެއާލައިންގެ ހިދުމަތްތަކަށް ގެނެވޭނެ އިންގިލާބީ ބޮޑު ބަދަލެއް ކަމަށެވެ.

އެއާލައިނުން ވައިޑް ބޮޑީ އެއާކްރާފްޓު ގެނައުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. ވައިޑް-ބޮޑީ އެއާކްރާޓްތަކުން އެއްފަހަރާ 275 ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ އެވެ. އަދި ދުރު މަންޒިލްތަކަށް ސީދާ ދަތުރު ކުރެވޭނެ އެވެ.

އެ މަތިންދާ ބޯޓު މި އަހަރުގެ ފަހުކޮޅު ގެނެވި، ހިދުމަތްތައް ފެށޭނެ ކަމަށް ވެސް އިޔާސް ވިދާޅުވެފައިވެ އެވެ.