Roadha Mihaaru
ސިޓީން ޗެލްސީ ރޮއްވާލައިފި، ޕޮޓާ ޕްރެޝަރުގައި

ސިޓީ އިން އަނެއްކާ ވެސް ޗެލްސީ ރޮއްވާލައިފި، ޕޮޓާ ޕްރެޝަރުގައި

09 ޖެނުއަރީ 2023

މެންޗެސްޓާ (ޖެނުއަރީ 9) - އެފްއޭ ކަޕް ތިންވަނަ ބުރުގައި މެންޗެސްޓާ ސިޓީ އިން ރޭ އަމިއްލަ ދަނޑުގައި 4-0 ގެ ބޮޑު ތަފާތަކުން ޗެލްސީ ބަލިކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (ޖެނުއަރީ 9) - އެފްއޭ ކަޕް ތިންވަނަ ބުރުގައި މެންޗެސްޓާ ސިޓީ އިން ރޭ އަމިއްލަ ދަނޑުގައި 4-0 ގެ ބޮޑު ތަފާތަކުން ޗެލްސީ ބަލިކޮށްފި އެވެ.

މިއީ ތިން ދުވަސް ތެރޭ ސިޓީ އިން ޗެލްސީ ބަލިކުރި ދެވަނަ މެޗެވެ. އެންމެ ފަހުން ބުރާސްފަތި ދުވަހުގެ ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީން 1-0 ން ޗެލްސީ ބަލި ކުރި އެވެ.

ރޭގެ މެޗުގައި ސިޓީ އިން ލީޑު ނެގީ 23 ވަނަ މިނިޓުގައި ރިޔާދު މަހްރޭޒް ހިލޭ ޖެހުމަކުން ކާމިޔާބުކުރި ގޯލުންނެވެ. އަދި 30 ވަނަ މިނިޓުގައި ޕެނަލްޓީއަކުން ލީޑު ފުޅާ ކޮށްދިނީ ހޫލިއަން އަލްވަރޭޒް އެވެ. މިއީ ކައި ހަވާޓްޒް އަތުން ބޯޅައިގައި ޖެއްސުމުން ދިން ޕެނަލްޓީއެކެވެ. ގޯލްކީޕަރު ކެޕާ އަރިޒަބަލާގާ ރަނގަޅި ފަޅިއަށް ހަރަކާތް ކުރި ނަމަވެސް ބޯޅަ ދިފާއެއް ނުކުރެވުނެވެ.

ސިޓީ އިން ފުރަތަމަ ހާފު ނިންމާލީ 38 ވަނަ މިނިޓުގައި ފިލް ފޮޑެން ޖަހައިދިން ގޯލާ އެކު ތިން ގޯލުގެ ލީޑެއް ހޯދައިގެންނެވެ. އެ ޓީމުގެ ހަތަރުވަނަ ލަޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ މަހްރޭޒް އެވެ. މިއީ އޭރިއާ ތެރެއިން ކަލިދޫ ކުލިބާލީ، ސިޓީގެ އަލްވަރޭޒް އަށް ފައުލް ކޮށްގެން ދިން ޕެނަލްޓީއެކެވެ.

މިއީ ފާއިތުވި 25 އަހަރު ތެރޭ ޗެލްސީ އެފްއޭ ކަޕްގެ ތިންވަނަ ބުރުން ކެޓި ފުރަތަމަ ފަހަރެވެ. މި އަހަރުގެ އިނގިރޭސި ލީގް ކަޕުގެ ތިންވަނަ ބުރުން ވެސް ޗެލްސީ ކެޓީ ސިޓީއާ ވާދަކޮށް ބަލި ވެގެންނެވެ. މި ސީޒަން ގައި ސިޓީ އިން ޗެލްސީ ބަލިކުރި ތިން މެޗުގައި ވެސް މަހްރޭޒް ވަނީ ގޯލު ޖަހައިފަ އެވެ.

މަހްރޭޒް ކާމިޔާބު ކުރި ފުރަތަމަ ލަނޑު ޖަހަން ހިލޭ ޖެހުން ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

މަހްރޭޒް ކާމިޔާބު ކުރި ފުރަތަމަ ލަނޑު ޖަހަން ހިލޭ ޖެހުން ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

އެންމެ ފަހުން ޗެލްސީން ސިޓީ ބަލިކުރީ 2021 ވަނަ އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލްގަ އެވެ. އޭގެ ފަހުން މިއަދާ ހަމައަށް މި ދެ ޓީމުގެ ފަސް ކުރިމަތިލުން ވެސް ސިޓީ އިން ކާމިޔާބު ކުރީ ބައިކޮޅަށް ގޯލެއް ނުވަދެ އެވެ.

އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ސިޓީ ކުޅެން ޖެހޭނީ، މިރޭ އާސެނަލް އާއި ތިންވަނަ ޑިވިޝަންގެ އޮކްސްފޯޑް ޔުނައިޓެޑް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ބޯލީ އަށް ގާޑިއޯލާގެ އިލްތިމާސެއް: ޕޮޓާ އަށް ވަގުތު ބޭނުންވޭ

މި ނަތީޖާއާ އެކު ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ އަށް ވަނީ ޕްރެޝަރު ބޮޑު ވެފަ އެވެ. ޗެމްޕިއަންސް ލީގު މެޗުތައް ނުހިމަނައި އެންމެ ފަހުން ޗެލްސީން ކުޅުނު އިނގިރޭސި ޑޮމެސްޓިކް 10 މެޗުގެ ތެރެއިން ހަ މެޗުން ބަލި ވެފައި ވާއިރު، މޮޅުވީ އެންމެ މެޗަކުންނެވެ. ބަލިވި މެޗުތަކުގެ ތެރެއިން ތިން މެޗަކީ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުތަކެވެ.

ރޭގެ މެޗުގައި، ޖަޒުބާތުގައި ޖެހިފައި ތިބި ޗެލްސީގެ ބައެއް ސަޕޯޓަރުން ވަނީ އެޓީމުގެ ކުރީގެ ވެރިޔާ، ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗާއި ކޯޗު ތޯމަސް ޓުޗެލްގެ ނަމުން އަޑުގަދަ ކޮށްލައިފަ އެވެ.

މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕޮޓާ ބުނީ، ސަޕޯޓަރުންގެ މާޔޫސްކަން އޭނާއަށް ވިސްނޭ ކަމަށާއި ފާޑުކިޔުންތައް ބަލައިގަންނަކަމަށެވެ. އަދި ނަތީޖާ ރަނގަޅު ކުރަން އިތުރަށް މަސައްކަތް ކުރުން ފިޔަވައި އޭނާ އަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތް ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

"އަހަރެމެން އިތުރަށް ބުރަކޮށް މަސައްކަތް ކުރުން ނޫން ގޮތެއް ނެތް. ސަޕޯޓަރުންގެ މާޔޫސްކަން ވިސްނޭ، އެކަމަށް އިހުތިރާމް ކުރަން،" ޕޮޓާ ބުންޏެވެ.

"އަހަރެމެންނަށް އޮތީ ހަވާލު ކުރެވިފައިވާ މަސައްކަތް ކޮށްގެން ޓީމުގެ ހާލަތު މިހިސާބަށް ވެއްޓެން ދިމާވީ ކީއްވެތޯ ބެލުން. ހަމަގައިމުވެސް ނެގެޓިވް ފާޑުކިޔުން އަމާޒުވަނީ ނަތީޖާތައް ގޯސް ވީމައި. އެއީ އަހަރެންގެ ވަޒީފާހެ ބައެއް، އަދި ވަރަށް ގޮންޖެހުން ވެސް ބޮޑު ކަމެއް."

މެޗަށް ފަހު ސިޓީގެ ކޯޗު ގާޑިއޯލާ (ކ) އާއި ޗެލްސީގެ ޕޮޓާ (ވ).-- ފޮޓޯ: އޭއެފްޕީ

މެޗަށް ފަހު ސިޓީގެ ކޯޗު ގާޑިއޯލާ (ކ) އާއި ޗެލްސީގެ ޕޮޓާ (ވ).-- ފޮޓޯ: އޭއެފްޕީ

މެޗުން މޮޅުވުމަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޕޮޓާ އަށް އިތުރު ވަގުތު ބޭނުންވާކަމަށެވެ. އަދި ސިޓީއާ ވާދަކުރަން އެއްވެސް ޓީމަކަށް ފަސޭހަ ނުވާނެ ކަން އެއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެއް ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ހާމަކުރީ ޗެލްސީ އަކީ ބޮޑު ކުލަބަކަށް ވެފައި ވެސް ތަފާތު ފެންވަރު ރަނގަޅު ކުޅުންތެރިއަކު ޓީމުގައި ނެތް ކަމެވެ.

"އަހަރެން ޓޮޑް ބޯލީ ގާތުގައި ބުނަން އޮތީ ޕޮޓާ އަށް ވަގުތު ދޭށޭ. އަހަރެންނަށް އެނގޭ ބޮޑެތި ކުލަބުތަކަށް ނަތީޖާ ވަރަށް މުހިއްމު ވާނެކަން، އެކަމަކު ވެސް ބުނެލަން އޮތީ އޭނާ އަށް ވަގުތު ދިނުމަށް. އަހަރެންނަށް ހީވަނީ ދެވަނަ ހާފު ފުދޭވަރަކަށް ތަފާތު ހެން. އޭނާ [ޕޮޓާ] ވަނީ ބްރައިޓަން ގައި ތަފާތު މޮޅު މަސައްކަތެއް ކޮށްފައި، ކޮންމެ މެނޭޖަރަކު ވެސް ވަގުތު ބޭނުންވާނެ،" ގާޑިއޯލާ ބުންޏެވެ.

"އަހަރެމެން ކޮންމެ ސީޒަނެއްގައި ވެސް ވަގުތު ބޭނުންވޭ. އަހަރެން ބާސެލޯނާގައި ހުރިއިރު ހާލަތު ތަފާތު، އެއީ [ލިއޮނެލް] މެސީ ޓީމުގައި ހުރި، އެހެންވެ އަހަރެން ދެ ސީޒަން ބޭނުމެއް ނުވި، އެންމެ ސީޒަނަކުން ފުދުނު. މި ލެވެލްގައި އޮތް ސިޓީއާ ވާދަކުރަން ޕޮޓާ އަށް އަދި ޗެލްސީ ނުވިތާކަށް އެއްވެސް ޓީމަކަށް ފަސޭހައެއް ނުވާނެ"

ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން އިނގިރޭސިވިލާތުގައި ތިބި ރަޝިއާގެ ވިޔަފާރިންނަށް އިނގިރޭސި ސަރުކާރުން އެޅި ފިޔަވަޅުތަކާ ގުޅިގެން ޗެލްސީ އުނދަގޫ ހާލަތަކަށް ވެއްޓި، އަބްރަމޮވިޗަށް ޗެލްސީ ދޫކޮށްލަން ޖެހުނެވެ. އަދި އަލަށް ހަވާލުވި އެމެރިކާގެ ޓޮޑް ބޯލީ ވަނީ އޭނާ ޗެލްސީ ހިންގަން 100 ވަނައަށް ވީ ދުވަހު ކޯޗު ޓުޗެލް މަގާމުން ވަކިކޮށް، އޭރު ބްރައިޓަން އަށް އިރުޝާދުދިން ޕޮޓާ ގެނެސްފަ އެވެ.

ޓުޗެލް އަކީ ޗެލްސީ އުނދަގޫ ހާލަތުގައި އޮތް ވަގުތު ޓީމަށްޓަކައި އެތަކެއް ގުރުބާނީއެއް ވި ކޯޗެކެވެ. އަދި އޭނާ އަށް ޗެލްސީ ހިންގަން ލިބުނު މަދު ދުވަސްކޮޅުގެ ތެރޭގައި ވަނީ ކުލަބުގެ ސަޕޯޓަރުންގެ ލޯތްބާއި ސަޕޯޓް ހޯދައިފަ އެވެ. އެހެން ނަމަވެސް ބޯލީގެ ވެރިކަމުގައި ޗެލްސީގެ ޗެއާމަން ބްރޫސް ބަކް އާއި މެނޭޖިން ޑިރެންޓަރު މަރީނާ ގްރަނޮވްސްކައި އަދި ޓެކްނިކަލް އެޑްވައިޒަރު ޕީޓާ ޗެކް ވެސް ކުލަބު ދޫކޮށްލުމާ އެކު ހުރިހާ މަގާމަކާ ހަވާލު ވެފައި ވަނީ ބޯލީ އެވެ.

އެމެރީގެ އެސްޓަން ވިލާ ކަޓުވާލީ ހަތަރުވަނަ ޑިވިޝަންގެ ކުލަބަކުން

އެފްއޭ ކަޕް ގައި ރޭ އެސްޓަން ވިލާ ވަނީ ހަތަރުވަނަ ޑިވިޝަންގެ ސްޓީވަނޭޖާ ދެކޮޅަށް އަމިއްލަ ދަނޑުގައި 2-1 އިން ބަލި ވެގެން މުބާރާތުން ކަޓައިފަ އެވެ.

ފުރަތަމަ ހާފުގައި އުނެއި އެމެރީގެ އެސްޓަން ވިލާ އިން ވަނީ 33 ވަނަ މިނިޓުގައި ފްރާންސްގެ މިޑްފީލްޑަރު މޯގަން ސަންސޮން ގެ ގޯލުން ލީޑު ނަގައިފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިތަށް ވެފައި ވަނިކޮށް ވެސް ވިލާ އޮތީ ކުރީގަ އެވެ. ނަމަވެސް އޮއިވަރު ބަދަލުވީ 88 ވަނަ މިނިޓުގައި ސްޓީވަނޭޖަށް ޕެނަލްޓީއެއް ލިބުނު ހިސާބުންނެވެ. ޖެމީ ރީޑް މި ޕެނަލްޓީ ކާމިޔާބު ކޮށް ނަތީޖާ އެއްވަރު ކޮށްދިން އިރު، 90 ވަނަ މިނިޓުގައި އެޓީމު މޮޅުވި ލަނޑު ޖަހައިދިނީ ލޯނު އުސޫލުން އެޓީމަށް ކުޅޭ ޑީން ކޭމްބެލް އެވެ.

ލީޑްސް ޔުނައިޓެޑާއި ކާޑިފް ސިޓީ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.