Roadha Mihaaru
ސިޓީ ބަލިކޮށް، ޗެލްސީ ފައިނަލަށް

ސިޓީ ބަލިކޮށް، ޗެލްސީ ފައިނަލަށް

18 އެޕްރީލް 2021

ލަންޑަން (16 އޭޕްރީލް) - އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި މިރޭ މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރި ހޯދައި، ޗެލްސީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ލަންޑަން (16 އޭޕްރީލް) - އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި މިރޭ މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރި ހޯދައި، ޗެލްސީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލުން ޗެލްސީ މޮޅުވީ މެޗުގެ 55 ވަނަ މިނިޓުގައި ހަކީމް ޒިޔެޗް ކާމިޔާބުކުރި ލަނޑުންނެވެ.

މި މެޗުގެ ނަތީޖާއާއެކު، މި ސީޒަންގައި ހަތަރު ތަށި ކާމިޔާބުކުރުމަށް ސިޓީން ކުރަމުންދިޔަ އުންމީދުތައް ވަނީ ގެއްލިފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލްގެ އެއްވަނައިގައި ބޮޑު ލީޑަކާއެކު ސިޓީ އޮތްއިރު، އެ ޓީމުން ވަނީ ޗެމްޕިއަންސް ލީގެގެ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. އަދި ލީގު ކަޕްގެ ފައިނަލަށް ވެސް ސިޓީ ވަނީ ދަތުރުކޮށްފަ އެވެ.

"ވަރަށް ވާދަވެރި މެޗެއް ފެނިގެންދިޔައީ. ޗެލްސީ އަށް މަރުހަބާ ކިޔަން،" މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ. "ޑިފެންސަށް އިސްކަން ދީގެން ކުޅޭ ޓީމަކާ ދެކޮޅަށް ކުޅޭއިރު އުނދަގޫތަކެއް ހުންނާނެ. މި ކަހަލަ މެޗަކުން މޮޅުވެވޭނީ ހަނި ގޮތަކަށް. މާ ގިނަ ފުރުސަތުތަކެއް ނުލިބުނަސް، މުޅި މެޗަށް ބަލާއިރު ސިޓީ އަށް (ޗެލްސީ އަށްވުރެ) ގިނަ ފުރުސަތުތައް ލިބުނު."

މިއީ ފަސް ސީޒަންގެ ތެރޭގައި، ޗެލްސީ އެފްއޭ ކަޕްގެ ފައިނަލަށް ދަތުރު ކުރި ހަތަރު ވަނަ ފަހަރެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ވަނީ އެ ޓީމުގެ ކުޅުންތެރިންނަށް ތައުރީފްކޮށްފަ އެވެ.

"ވަރަށް ރަނގަޅު ކުޅުމެއް މި މެޗުގައި ފެނިގެންދިޔަ. މި މެޗުގެ ނަތީޖާއާއެކު އަހަރެން ވަރަށް އުފާވެއްޖެ. އަދި މިއީ ފަހުރުވެރިވާންޖެހޭ ނަތީޖާއެއް،" ޓުޗެލް ބުންޏެވެ.

އެފްއޭ ކަޕްގެ ފައިނަލްގައި ޗެލްސީއާ ދެކޮޅަށް ނުކުންނާނީ ލެސްޓާ ސިޓީ ނުވަތަ ސައުތުހެމްޕަނެވެ. -- އޭއެފްޕީ