މި ފަހުން ރާއްޖޭގައި ހިނގި އަލިފާނުގެ ހާދިސާތަކަކީ ބަޔަކު ގަސްދުގައި ކުރި ކަމެއްތޯ ބަލަން ބޭރުގެ ފަޔާ ފޮރެންސިކް އެކްސްޕާޓުންތަކެއް ރާއްޖެ އަށް ގެނެސް ތަހުގީގު ފަށައިފި އެވެ.
09 ޖެނުއަރީ 2023
މި ފަހުން ރާއްޖޭގައި ހިނގި އަލިފާނުގެ ހާދިސާތަކަކީ ބަޔަކު ގަސްދުގައި ކުރި ކަމެއްތޯ ބަލަން ބޭރުގެ ފަޔާ ފޮރެންސިކް އެކްސްޕާޓުންތަކެއް ރާއްޖެ އަށް ގެނެސް ތަހުގީގު ފަށައިފި އެވެ.
މާލޭގެ ނީލަން ފިހާރަ ހުންނަ ސަރަހައްދުގައި މިއަދު އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި އެ ތަނުގައި ހުރި ލޭބާކުއާޓާތައް އަނދައި ގިނަ އަދަދެއްގެ ބިދޭސީން މަގުމަތިވި އިރު މިދިޔަ ދެ ހަފުތާއެއްހާ ދުވަހު ތެރޭގައި އެފަދަ ބޮޑެތި އަލިފާނުގެ ހާދިސާތައް ވަނީ ހިނގައިފަ އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި، މި ފަހުން ރާއްޖޭގައި ހިނގާފައިވާ ބޮޑެތި އަލިފާނުގެ ހާދިސާތަކާ ގުޅޭ ބޮޑު ތަހުގީގެއް ފުލުހުން މިހާރު ވަނީ ފަށައިފަ އެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ، ފުލުހުންގެ ތަހުގީގަށް އެހީތެރިވުމަށް ބޭރުން ގެނައީ އަލިފާނުގެ ހާދިސާތަކާ ގުޅޭ ފޮރެންސިކް އެކްސްޕާޓުންތަކެެއް ކަމަށެވެ. އަލިފާނުގެ ހާދިސާތައް އެއްވެސް ބަޔަކާ ގުޅުމެއް އޮތްތޯ ބަލަން އެ މީހުންނާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މި ފަހުން ހިނގި އެންމެ ބޮޑު އަލިފާނުގެ އެއް ހާދިސާ ހިނގާފައި ވަނީ ގުޅީފަޅުގައި ހުންނަ އިންޑިއާގެ އެފްކޮންސް ކުންފުނީގެ ސައިޓެއްގަ އެވެ. އެ ހާދިސާގައި، 457 މުވައްޒަފުން އުޅުނު އެ ސައިޓުގައި ރޯވެ ގިނަ ބަޔަކަށް އެކި ވަރުގެ އަނިޔާވެ، އެކަކު މަރުވި އެވެ.
ގްރައުންޑް ފްލޯއާ އެކު ތިން ބުރިއަށް ހަދާފައި ހުރި ނިރުފެހިގޭގައި މިދިޔަ ނޮވެމްބަރު ނުވަ ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވެފައިވެ އެވެ. އެ މީހުންނަކީ ވެސް އެތަނުގައި އުޅެމުން ދިޔަ ބިދޭސީންނެވެ.
އޭގެ ކުރިން ޑިސެމްބަރު 29 ވަނަ ދުވަހު އައްޑޫ ހުޅުދޫގައި ވެސް ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގި އެވެ. އެއީ އެ ރަށު ބަނދަރު ސަރަހައްދާއި ވަލުތެރޭގަ އެވެ. ބޭނުން ނުކޮށް ބަހައްޓާފައި ހުރި، މަގު ހަދަން ބޭނުން ކުރާ ތާރު ފީފާތަކެއްގައި ވެސް ރޯވި އެ ހާދިސާއަކީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމުގެ ތުހުމަތު އެ ރަށުގެ ކައުންސިލަރު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
ގދ. ފިޔޯރީ ސްކޫލުގައި ވެސް އިއްޔެ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، އެ ހާދިސާގައި ސްކޫލުގެ ބާ އިމާރާތެއް އެއްކޮށް އަނދާފައިވެ އެވެ. އެއީ ތިން ކްލާސްރޫމަކާއި ސެން ކްލާހެއް ހުންނަ އިމާރާތެކެވެ.
މިދިޔަ ހޮނިހިރު ދުވަހު އަލިފުށީގައި އެ ރަށު ކުނި ގޮނޑުގައި ހުރި ފައިބަރު ކުނިތަކެއްގައި ރޯވެ ކުނިގޮނޑުގައި ވެސް ބޮޑު އަލިފާންގަނޑެއް ރޯވި އެވެ. އެ ހާދިސާ ހިނގީ ފައިބަރު ކުނިތައް ނައްތާލެވޭނެ ނިޒާމެއް ގާއިމް ކުރަން އެ ރަށު ކައުންސިލުން ސަރުކާރުގައި އެދިފައި ވަނިކޮށެވެ.
އޭގެ އިތުރުން، މި މަހުގެ ތިން ވަނަ ދުވަހު ހުޅުމާލޭ އެޗްޑީސީ ސައިޓު ކައިރީގައި ޕާކްކޮށްފައި އޮތް ޕޮލިސް ކާރެއްގައި ރޯކޮށްލާފައިވެ އެވެ. އެ ހާދިސާގައި އެ ކާރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވި އިރު ފުލުހުން ބުނީ އެ މައްސަލަ ވެސް ބަލަމުންދާ ކަމަށެވެ.
އަލިފާނުގެ ހާދިސާގެ ތަގުގީގަށް އިންޑިއާގެ ޓީމެއް
އަލިފާނުގެ ހާދިސާގެ މައުލޫމާތު ހިއްސާ ކުރަން އެދިއްޖެ
އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭރުގެ އެހީ ހޯދަނީ
ކުއްލި ހާލަތުގައި ދެން ގުޅަން ޖެހޭނީ 911 އަށް
ދަތުރު ކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
މާލޭގައި އަނެއްކާވެސް ސައިކަލްތަކެއްގައި ރޯކޮށްލައިފި
ހުޅުޖެހި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
އެހެލާފައި އޮތް ދެ ލޯންޗެއްގައި ރޯވެ، އަނދައިފި
އައްޑޫގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި
ފޭދޫގައި ގެއެއްގެ ބައެއްގައި ރޯވެ އަނދައި ހުލިވެއްޖެ