Roadha Mihaaru
އަހަރު ނިމުމުގެ ކުރިން ތުޅާދޫ އެއާޕޯޓު ނިންމޭތޯ ބަލަނީ

އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ތުޅާދޫ އެއާޕޯޓު ނިންމާލުން: ރައީސް

09 ޖެނުއަރީ 2023

އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ބ. ތުޅާދޫގައި އެއާޕޯޓެއް ހަދައި ބޭނުންކުރެވޭ ވަރު ކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ބ. ތުޅާދޫގައި އެއާޕޯޓެއް ހަދައި ބޭނުންކުރެވޭ ވަރު ކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނުކުންނަ ކެންޑިޑޭޓަކު ކަނޑައަޅަން މި މަހުގެ 28 ގައި ބާއްވާ ޕްރައިމަރީގެ ކެމްޕެއިނަށް ބ. އޭދަފުއްޓަށް ވަޑައިގެން ރައީސް ވިދާޅުވީ، ކޮންމެ ރަށަކުން ފުރައިގެން 20-30 މިނިޓުގެ ތެރޭގައި ދެވޭ ވަރަށް އެއާޕޯޓުތައް ހަދަން ވީ ވި ވައުދު ފުރިހަމަ ކުރަން މިހާރު ވެސް ތިން އެއާޕޯޓެއްގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް މިހާރު ނިންމާލާފައިވާއިރު މުއްޔާއި ފަރެސްމާތޮޑާ އަދި މަގޫދޫ އެއާޕޯޓުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އޭދަފުށީގެ މީހަކާ މިއަދު ވާހަކަ ދައްކަވަނީ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އޭދަފުށީގެ މީހަކާ މިއަދު ވާހަކަ ދައްކަވަނީ.

ތުޅާދޫގައި އެއާޕޯޓެއް ހަދަން ވީ ވައުދު ފުއްދަން އޮތީ ކުޑަ ދުވަސްކޮޅެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި އެ މަސައްކަތް ބަޔަކާ ހަވާލުކުރެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ، އަމާޒަކީ މި އަހަރުގެ މެދުތެރޭގައި ތުޅާދޫގެ އެއާޕޯޓު ހަދަން ބިން ހިއްކައި، އިމާރާތް ކުރުމުގެ މަސައްކަތް ފަށައި، އަހަރު ނިމެންވާއިރަށް މަސައްކަތް ނިންމާލުން ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އަހަރުގެ މެދުތެރެއަށް އަޅާއިރު، ބިން ހިއްކައި އެ ތަނުގެ އިމާރާތް ކުރުމުގެ މަސައްކަތް ފައްޓަން. އިރާދަކުރެއްވިއްޔާ އަހަރު ނިމެންވާއިރަށް ބޭނުންކުރެވޭ ވަރު ކުރުމަކީ އަޅުގަނޑުމެންގެ އަމާޒު،" ރައީސް ވިދާޅުވި އެވެ.

ތުޅާދޫ އެއާޕޯޓު އެޅުމަށް ދާނެ ކަމަށް ސަރުކާރުން ކުރިން ލަފާކޮށްފައިވާ ހަރަދަކީ 21.9 މިލިއަން ރުފިޔާ އެވެ. އަމިއްލަ ކުންފުނިތަކުން ފަންޑު ކުރާ ގޮތަށް، ރިސޯޓް ހަދާނެ ރަށެއް ލިބޭ އުސޫލުން އެއާޕޯޓު ތަރައްގީ ކުރަން މިދިޔަ ނޮވެމްބަރުގައި ހުޅުވާލި ރަށްތަކުގެ ތެރޭގައި ތުޅާދޫ ހިމެނެ އެވެ.