Roadha Mihaaru
ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވައިފި، އާމްދަނީގެ އާ ދޮރެއް

ހުވަދު އަތޮޅުގެ ގިނަ ރަށްތަކުން އެއާޕޯޓަށް ދާން ކަނޑައެޅި މިންގަނޑަށް ފެއްތިއްޖެ: ރައީސް

15 މާޗް 2023

ގދ. ފަރެސްމާތޮޑާ އެއާޕޯޓާ އެކު، ގއ. އާއި ގދ. ގެ އެންމެ ރަށެއް ފިޔަވައި ހުރިހާ ރަށަކުން އެއާޕޯޓަށް ދާން ނަގާ ވަގުތު ސަރުކާރުން ކަނޑައެޅި މިންގަނޑަށް ފެއްތިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ގދ. ފަރެސްމާތޮޑާ އިން ފާތިމަތު ޝަނާ މުހައްމަދު

ގދ. ފަރެސްމާތޮޑާ އެއާޕޯޓާ އެކު، ގއ. އާއި ގދ. ގެ އެންމެ ރަށެއް ފިޔަވައި ހުރިހާ ރަށަކުން އެއާޕޯޓަށް ދާން ނަގާ ވަގުތު ސަރުކާރުން ކަނޑައެޅި މިންގަނޑަށް ފެއްތިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމަށް މި ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއިން ކޮންމެ ރަށަކުން ވެސް ވިއްސަކަށް މިނިޓްގެ ތެރޭގައި އެއާޕޯޓަކަށް ދެވޭނެ ގޮތް ހުވަދު އަތޮޅުގައި ފަހިވި އިރު، ރާއްޖޭގެ އުތުރާއި ދެކުނުގައި ހަދާ އިތުރު ހަތަރު އެއާޕޯޓުގެ ސަބަބުން އެހެން އަތޮޅުތަކުގެ ރަށްތަކުގެ މީހުންނަށް ވެސް ސަރުކާރުން ވައުދުވި މިންގަނޑުގައި އެއާޕޯޓަށް ދަތުރު ކުރެވޭނެ ކަމަށެވެ.

"އެތެރޭގެ ދަތުރުފަތުރުގައި ރައްޔިތުންނަށް ކައިރި ކޮށްދޭން ޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރާ މިންގަނޑެއް އެބައޮތް. އެއީ ކޮންމެ ރަށަކުން ފުރައިގެން ގިނަވެގެން 20، 30 މިނިޓުން ދެވޭ ހިސާބުގައި ވައިގެ ބަނދަރެއް އޮތުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާ އެއާޕޯޓާ އެކު، ފަރެސްމާތޮޑާގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތަކާއި އާމްދަނީ ލިބޭނެ ގޮތްތައް ފަހިވި ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވިގޮތުގައި، އެއާއެކު އާ ގެސްޓް ހައުސްތަކާއި ރެސްޓޯރެންޓް ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު މިހާރު ވަނީ ފަރެސްމާތޮޑާ އަށް ލިބިފަ އެވެ. ދެން އެންމެ އަވަހަށް ފުޅާ ވާނީ ޓެކްސީގެ ހިދުމަތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

"ގެސްޓް ހައުސް ވިޔަފާރި އަށް ވަނުމުގެ އުންމީދުގައި މި ސަރަހައްދުގައި ތިބި ބޭފުޅުންނަށް މިހާރު މި އޮތީ ރަނގަޅު ފުރުސަތެއް ފަހިވެފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ފަރެސްމާތޮޑާ އެއާޕޯޓް މިރޭ ރަސްމީކޮށް ހުޅުއްވައި ދެއްވާއިރު، އަރިހުގައި އެ ރަށަށް އުފަން ޕްލޭނިން މިނިސްޓަރު އަސްލަމް.---ފޮޓޯ: ނިޝާން އަލީ| މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ފަރެސްމާތޮޑާ އެއާޕޯޓް މިރޭ ރަސްމީކޮށް ހުޅުއްވައި ދެއްވާއިރު، އަރިހުގައި އެ ރަށަށް އުފަން ޕްލޭނިން މިނިސްޓަރު އަސްލަމް.---ފޮޓޯ: ނިޝާން އަލީ| މިހާރު

ރައީސް ވިދާޅުވީ، އެ ރަށުގެ އެއާޕޯޓުގެ އިތުރުން ކޯޒްވޭ ހެދުމުން، އެއާޕޯޓަށް ދިއުމަށް އިތުރަށް ފަސޭހަވާނެ ކަމަށެވެ.

ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ ހޭދަކޮށްގެން ސަރުކާރުން ހެދި އެ އެއާޕޯޓުގެ ސަބަބުން، ފަރެސްމާތޮޑާގެ އިތުރުން ވާދު އާއި ފިޔޯރި އާއި ރަތަފަންދޫގެ މީހުންނަށް ކުޑަ ވަގުތުކޮޅެއްގައި އެއާޕޯޓަށް ދެވޭނެ އެވެ. ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވީ، ގަޑިއަކު 150 މީހުންނަށް ހިދުމަތް ދެވޭ ގޮތަށެވެ. އެ އެއާޕޯޓުގައި ވަނީ ރޭގަނޑު ވެސް މަތިންދާބޯޓުތަކަށް ޖެއްސޭ ގޮތަށް ލައިޓް ހަރުކޮށްފައިވެ އެވެ.