Roadha Mihaaru
ޓްރޮސާޑް އާސެނަލަށް، ޗެލްސީއަށް ޕީއެސްވީ ކުޅުންތެރިއެއް

ޓްރޮސާޑް އާސެނަލް އަށް، ޗެލްސީއިން ޕީއެސްވީގެ ކުޅުންތެރިޔެއް ހޯދައިފި

21 ޖެނުއަރީ 2023

ލަންޑަން (ޖެނުއަރީ 21) - އާސެނަލް އިން ބްރައިޓަން އަށް ކުޅޭ ބެލްޖިއަމްގެ ސްޓްރައިކަރު ލިއަންޑްރޯ ޓްރޮސާޑް ގެ ސޮއި ހޯދި އިރު، ޗެލްސީ އިން ނެދަލެންޑްސްގެ ޕީއެސްވީ އަށް ކުޅޭ އިނގިރޭސި ވިންގާ ނޮނީ މަޑުއެކޭ ގެ ސޮއި ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ޖެނުއަރީ 21) - އާސެނަލް އިން ބްރައިޓަން އަށް ކުޅޭ ބެލްޖިއަމްގެ ސްޓްރައިކަރު ލިއަންޑްރޯ ޓްރޮސާޑް ގެ ސޮއި ހޯދި އިރު، ޗެލްސީ އިން ނެދަލެންޑްސްގެ ޕީއެސްވީ އަށް ކުޅޭ އިނގިރޭސި ވިންގާ ނޮނީ މަޑުއެކޭ ގެ ސޮއި ހޯދައިފި އެވެ.

އުމުރުން 28 އަހަރުގެ ޓްރޮސާޑް އާސެނަލް އަށް ގެންދިޔައީ 21 މިލިއަން ޕައުންޑް (26 މިލިއަން ޑޮލަރު) އާއެކު އެޑް-އޯންސްގެ ގޮތުގައި ފަސް މިލިއަން ޕައުންޑް (ހަ މިލިއަން ޑޮލަރު) އަށެވެ. އޭނާ ގެންދިޔައީ ހަތަރު އަހަރާ ބައިގެ މުއްދަތަކަށް، އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އިތުރު ކުރުމުގެ އިހުތިޔާރާ އެކު އެވެ.

މި ސީޒަން ގައި ޓްރޮސާޑް ވަނީ ބްރައިތަން އަށް ކުޅުނު 16 މެޗުގައި ހަތް ގޯލު ޖަހައި ތިން ގޯލު އެސިސްޓް ކޮށްދީފަ އެވެ.

ޓްރޮސާޑް، މި ސީޒަން ގައި ޗެލްސީ ކޮޅަށް ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: ރޮއިޓާސް

ޓްރޮސާޑް، މި ސީޒަން ގައި ޗެލްސީ ކޮޅަށް ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: ރޮއިޓާސް

"އޭނާ (ޓްރޮސާޑް) އަށް މި ލީގު އެނގޭ، އަހަރެން އުންމީދު ކުރަނީ އޭނާގެ ފަރާތުން މި ކުލަބަށް ވަރަށް އަވަހަށް ރަނގަޅު ބަދަލެއް އަންނާނެ ކަމަށް،" ލީގު އެއްވަނައިގައި އޮތް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުންޏެވެ.

"އޭނާގެ ކުޅުން ބަލަމުން ގެންދާތާ ދުވަސްކޮޅެއް ވެއްޖެ، ޓީމަށް ގެންނަން ފުރުސަތު ލިބުމުން ވަރަށް ހިތްހަމަ ޖެހޭ، އަދި މިއީ ޓީމުގެ ފޯވާޑް ލައިންގެ ހުރިހާ މަގާމަކަށް ވެސް ކުޅެވޭ ފެންވަރުގެ ކުޅުންތެރިއެއް ޓީމަށް ވަރަށް ބޭނުން ވަގުތެއް."

ޓްރޮސާޑް ވަނީ އާސެނަލް އާއެކު އިއްޔެގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރި ވެފަ އެވެ. އަދި އާސެނަލް މާދަމާރޭ (އާދިއްތަ ދުވަހުގެ ރޭ) އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ އަށް ކުޅެވޭނެ އެވެ.

ނިމިދިޔަ ވޯލްޑް ކަޕް ގައި ޓްރޮސާޑް ވަނީ ބެލްޖިއަމް ގައުމީ ޓީމު ކުޅުނު ތިން މެޗުގައި ވެސް ކުޅެފަ އެވެ.

ބްރައިޓަންގެ މިހާރުގެ ކޯޗު ރޮބާޓޯ ޑި ޒެބްރީ އާ މައްސަލަ ޖެހިގެން އޭނާ ހުރީ ވީހާވެސް އަވަހަކަށް ކުލަބު ދޫކޮށްލަން ބޭނުން ވެފަ އެވެ. އަދި ހުއްދަ ނުހޯދައި އަވަހަށް ޓްރެއިނިން ދޫކޮށްފައި ދިޔުމުން މިދިޔަ ހަފްތާ ބްރައިޓަން އިން އަމިއްލަ ދަނޑުގައި 3-0 އިން ލިވަޕޫލް ބަލިކުރި މެޗަށް ވެސް އޭނާ ނުނަގަ އެވެ.

ސްޕީޒިއާ އަށް ކުޅޭ ޕޮލެންޑްގެ ޑިފެންޑަރު ކީވިއޯ.--

ސްޕީޒިއާ އަށް ކުޅޭ ޕޮލެންޑްގެ ޑިފެންޑަރު ކީވިއޯ.--

އާސެނަލް ވަނީ 17.56 މިލިއަން ޕައުންޑް (21.75 މިލިއަން ޑޮލަރު) އާއި އިތުރު އެޑް-އޯންސް ހިމެނޭހެން އިޓަލީގެ ސްޕީޒިއާ އަށް ކުޅޭ ޕޮލެންޑްގެ ސެންޓަ ބެކް ޔަކޫބް ކީވިއޯ، 22، ގެ ސޮއި ވެސް ހޯދައިފަ އެވެ.

ޕީއެސްވީ އަށް ކުޅޭ އުމުރުން 20 އަހަރުގެ ވިންގާ މަޑުއެކޭ ޗެލްސީއާ ގުޅުނީ، 29 މިލިއަން ޕައުންޑް (36 މިލިއަން ޑޮލަރު) އަށް، ހަތް އަހަރާ ބައިގެ މުއްދަތަކަށެވެ. އޭނާގެ ކޮންޓްރެކްޓް ވެސް ޗެލްސީން ބޭނުން ނަމަ އިތުރު އެއް އަހަރަށް އިތުރު ކުރުމުގެ އިހުތިޔާރު އެބަ އޮތެވެ.

މިއީ ޗެލްސީ އިން ޖެނުއަރީ ޓްރާންސްފާ ގައި އެޓީމަށް ގެނައި ހަވަނަ ކުޅުންތެރިޔާ އެވެ.

ކްރިސްޓަލް ޕެލަސް އާއި ޓޮޓެންހަމް ހޮޓްސްޕާގެ އެކަޑަމީ އިން ތަމްރީނު ވެގެން މަޑުއެކޭ ޕީއެސްވީ އަށް ބަދަލުވީ 2018 ވަނަ އަހަރު އެވެ. އޭނާ ވަނީ މިހާތަނަށް ޕީއެސްވީ އަށް 80 މެޗު ކުޅެދީ 20 ގޯލު ޖަހައިފަ އެވެ.