Roadha Mihaaru
ލޯނު އުސޫލުން ސަންޗޯ ޗެލްސީއަށް، ސްޓާލިން އާސެނަލަށް

ލޯނު އެއްބަސްވުމެއްގައި ސަންޗޯ ޗެލްސީއަށް، ސްޓާލިން އާސެނަލް އަށް

31 އޯގަސްޓް 2024

ލަންޑަން (އޮގަސްޓް 31) - ޗެލްސީން ލޯނު އެއްބަސްވުމެއްގެ ދަށުން މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ޖޭޑަން ސަންޗޯ ގެނައުމަށް ފަހު، އެ ޓީމުގެ ރަހީމް ސްޓާލިން ލޯނު އުސޫލުން ވާދަވެރި އާސެނަލް އަށް ދޫކޮށްފި އެވެ.

ލަންޑަން (އޮގަސްޓް 31) - ޗެލްސީން ލޯނު އެއްބަސްވުމެއްގެ ދަށުން މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ޖޭޑަން ސަންޗޯ ގެނައުމަށް ފަހު، އެ ޓީމުގެ ރަހީމް ސްޓާލިން ލޯނު އުސޫލުން ވާދަވެރި އާސެނަލް އަށް ދޫކޮށްފި އެވެ.

ސަންޗޯ، 24 މި ސީޒަންގެ ނިޔަލަށް ލޯނު އުސޫލުން ޗެލްސީއާ ގުޅިފައި ވާއިރު، ސީޒަން ނިމި އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި 20-25 މިލިއަން ޕައުންޑްގެ އަގަކަށް އޭނާ ގަތުމުގެ ފުރުސަތު ވެސް ޔުނައިޓެޑުން ޗެލްސީއަށް ދީފައިވެ އެވެ.

ސަންޗޯ، ބޮރޫޝިއާ ޑޯޓްމަންޑް އިން 2021 ވަނަ އަހަރު ޔުނައިޓެޑާ ގުޅުނީ 73 މިލިއަން ޕައުންޑްގެ ޑީލެއްގަ އެވެ. ނަމަވެސް ޔުނައިޓެޑްގައި އޭނާގެ ދުވަސްތައް އެހާ އުފާވެރިއެއް ނޫނެވެ. މިދިޔަ ސީޒަންގެ ފަހު ބައިގައި އޭނާ ވަނީ ލޯނު އުސޫލުން އެނބުރި ޑޯޓްމަންޑަށް ގޮސް، ޓީމު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

ޗެލްސީން ވަނީ އެޓީމުން 2022 ވަނަ އަހަރު މެންޗެސްޓާ ސިޓީން 50 މިލިއަން ޕައުންޑަށް ގެނައި ރަހީމް ސްޓާލިން، 29، އަކީ ޓޮޑް ބޯލީ ޗެލްސީ ހިންގުމާ ހަވާލުވި ފަހުން ގެނައި ފުރަތަމަ ކުޅުންތެރިޔާ އެވެ.

އޭނާ ވަނީ ޗެލްސީއަށް ކުޅެދިން 81 މެޗުން ވަނީ 19 ގޯލު ޖަހައިދީފަ އެވެ. މިދިޔަ ސީޒަންގައި އޭނާ ޗެލްސީއަށް 43 މެޗު ކުޅެދިން ނަމަވެސް އާ ކޯޗު އެންޒޯ މަރެސްކާގެ ޕްލޭންތަކުގައި ސްޓާލިން ނުހިމެނޭ ކަން ވަނީ ޔަގީން ވެފަ އެވެ.

އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ވަނީ، މެންޗެސްޓާ ސިޓީގައި ޕެޕް ގާޑިއޯލާގެ އެސިސްޓެންޓެއްގެ ގޮތުގައި ސްޓާލިން އަށް އިރުޝާދު ދީފަ އެވެ.

ސަންޗޯ އާއެކު ސްވެޕް ޑީލެއްގެ ދަށުން ސްޓާލިން ޔުނައިޓެޑަށް ގެންދަން ވެސް މަސައްކަތް ކުރި ކަމަށް ރިޕޯޓް ކޮށްފައިވެ އެވެ. ހަމަ އެއާއެކު ޗެލްސީން ނަޕޯލީއަށް ކުޅެމުން އަންނަނަ ނައިޖީރިއާ ފޯވާޑް ވިކްޓާ އޮސިމްހެން ގެންނަން ކުރި މަސައްކަތް، އެއްބަސްވުމަކަށް ނާދެވިގެން ވަނީ ހުއްޓާލައިފަ އެވެ.

ޗެލްސީން ވަނީ އެ ޓީމުގެ އަލްބޭނިއާ ފޯވާޑް އާމަންޑޯ ބްރޯޔާ ވެސް ލޯނު އުސޫލުން އެވަޓަން އަށް ދޫކޮށްލައިފަ އެވެ.

މީގެ އިތުރުން އާސެނަލް އިން ވަނީ ރީސް ނެލްސަން، 24، ލޯނު އުސޫލުން ފުލަމް އަށް ފޮނުވާލައި، 25 އަހަރުގެ ސްޓްރައިކަރު އެޑީ ކޭޓީއާ، 30 މިލިއަން ޕައުންޑްގެ އަގަކަށް ކްރިސްޓަލް ޕެލަސް އަށް ވިއްކާލައިފަ އެވެ.