Roadha Mihaaru

ބާސާގެ ނަތީޖާއިން ރެއާލް އާއި އެތުލެޓިކޯ ޕްރެޝަރަށް

ސެވިއްޔާއާ ދެކޮޅަށް 4-1 ގެ ނަތީޖާއިން ބާސެލޯނާ މޮޅުވެ، ވާދަވެރި ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.

ބާސާގެ ނަތީޖާއިން ރެއާލް އާއި އެތުލެޓިކޯ ޕްރެޝަރަށް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

10 ފެބުރުއަރީ 2025

ސެވިއްޔާއާ ދެކޮޅަށް 4-1 ގެ ނަތީޖާއިން ބާސެލޯނާ މޮޅުވެ، ވާދަވެރި ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.

ސެވިއްޔާ އަތުން ހޯދި ތިން ޕޮއިންޓާ އެކު ބާސާއިން ވަނީ ރެއާލް އާއި އެތުލެޓިކޯއާ ފަރަގު ކުޑަކޮށްފަ އެވެ. އެ ދެ ޓީމު ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެއްވަރުވުމުން ބާސާއާ ފަރަގު ބޮޑު ނުކުރެވުނެވެ. އޭގެ ފައިދާ ނަގައި ސެވިއްޔާގެ މެޗު ކާމިޔާބުކޮށް މިހާރު ބާސާއިން ވަނީ އެ ދެ ޓީމުގެ ފަހަތުން ވިއްދައިފަ އެވެ.

ދެވަނައިގައި އޮތް އެތުލެޓިކޯއާ ބާސާއާ ދެމެދު މިހާރު އޮތީ އެއް ޕޮއިންޓްގެ ފަރަގެވެ. އެއްވަނައިގައި އޮތް ރެއާލްއާ ދެމެދު އޮތީ ދެ ޕޮއިންޓެވެ.

މެޗުގެ ދެވަނަ ހާފުގެ ބޮޑުބައެއް ބާސާއިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެ ހާފު ފެށުމުގެ ކުރިން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ފާމިން ލޯޕޭޒް އަށް 62 ވަނަ މިނެޓްގައި ރަތްކާޑު ދެއްކުމުން މެޗުގެ ބާކީ ބައި ބާސާއިން ކުޅުނީ 10 ކުޅުންތެރިންނާ އެކު އެވެ.

އެކަމަކު އޭގެ ކުރިން އޭނާ ވަނީ ބާސާ އަށް ދެވަނަ ހާފުގައި ލިޑް ނަގައި ދީފަ އެވެ. ހާފު ފެށުނުތަނުން ފުރަތަމަ މިނެޓްގައި އޭނާ ލަނޑު ޖެހީ ޕެޑްރޯ ގޮންޒާލޭޒް ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ.

ފުރަތަމަ ހާފު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. ރޮބަޓް ލެވަންޑޯސްކީ ހަތްވަނަ މިނެޓްގައި ލިޑް ނަގައިދިންތާ މިނެޓެއް ނުވަނީސް ރުބެން ވާގަސް ސެވިއްޔާ އަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ. އެއް ކުޅުންތެރިޔަކު މަދުވުމުގެ ކުރިން ބާސާއިން ދެ ލަނޑުގެ ލީޑެއް ނެގި އެވެ. އެ ޓީމުގެ ތިންވަނަ ލަނޑު ރަފީނިއާ ޖެހީ 55 ވަނަ މިނެޓްގަ އެވެ.

އެކަކު މަދުކޮށް ކުޅެން ޖެހުމުން، ބާސާއިން ދެން ވިސްނީ ޑިފެންސިވް ގޭމަކަށެވެ. އެ ޓީމުގެ ފޯމޭޝަން 4-4-1 ށް ބަދަލު ކުރި އެވެ.

ބާސާގެ ކޯޗު ހެންސީ ފްލިކް ބުނީ ސެވިއްޔާގެ ވިންގުގެ ކުޅުންތެރިން ވަރަށް ވަރުގަދަ ކަމަށެވެ. ފޯމޭޝަން ބަދަލު ކުރަން މަޖުބޫރުވީ އެހެންވެ ކަމަށް ތަޖުރިބާކާރު ކޯޗު ބުންޏެވެ.

ޑިފެންސިވް ގޭމަކަށް ބަދަލު ކުރި ނަމަވެސް އަނެއްކާވެސް އިތުރު ލަނޑެއް ޖެހީ ބާސާއިންނެވެ. މެޗުގެ 89 ވަނަ މިނެޓްގައި އެރިކް ގާސިއޯ އެ ޓީމަށް ތިން ލަނޑުގެ ފަރަގަކުން ކުރި ހޯދައިދިނެވެ.

ފްލިކް ބުނީ ލީގުގައި ވަރުގަދަ ފަސް ޓީމެއް އެބައޮތް ކަމަށެވެ. އެކަމަކު އެހެން ޓީމުތަކަށް ނުވިސްނައި ބާސާގެ ކުޅުންތެރިން ވިސްނަން ޖެހޭނީ އަމިއްލަ ޓީމާ މެދުގައި ކަމަށް ބެޔާން މިޔުނިކާ އެކު ކުރިން ކާމިޔާބު ހޯދި ފްލިކް ބުންޏެވެ.